މެޗު އެނބުރުނީ ޕެނަލްޓީން: ސެގާޓް

ފުރަތަމަ ހާފުގައި ވަން ފަސޭހަ ގޯލްތަކަށް ފަހު ރާއްޖޭން ރޭވީ ދެ ވަނަ ހާފުގައި ކައުންޓާ އެޓޭކުގައި ޗައިނާ އަށް ނުރައްކާކުރަން ކަމަށާއި އެކަން ކާމިޔާބުވުމާ ދާދި ގާތަށް ގޮސްފައިވަނިކޮށް މެޗު އެނބުރިގެން ދިޔައީ ޕެނަލްޓީއާ އެކު ކަމަށް ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ ޗައިނާ އަތުން 5-0 އިން ބަލިވި ރާއްޖޭގެ ކޯޗު ޕީޓާ ސެގާޓް ބުނެފި އެވެ.


މިރޭގެ މެޗުގެ ފުރަތަމަ ވިއްސަކަށް މިނެޓު ރާއްޖޭން ޗައިނާގެ އެޓޭކްތައް ހުއްޓުވައި ކުރިއަށް އަލީ އަޝްފާގް (ދަގަނޑޭ) އަށް ބޯޅަ ފޯރުކޮށްދޭން މަސައްކަތްކުރި އެވެ. އެކަމަކު ފަހަތުން ރިކަވާކުރި ބޯޅަތައް ކުރިއަށް ފޯރުކޮށްދިނުމުގައި ކާމިޔާބެއް ނުލިބި އުޅެނިކޮށް ޗައިނާ އިން ދެ ގޯލުގެ ލީޑެއް ނެގީ އެވެ.

ދެ ވަނަ ހާފަށް ރާއްޖޭން ދަގަނޑޭގެ ބަދަލުގައި ނާއިޒް ހަސަން (ދާދު) އަރުވައި ޕްރެސްކޮށްގެން ކުޅުމުގެ ނަތީޖާއަކަށްވީ ނުރައްކާތެރި ތިން ފުރުސަތު ލިބުމެވެ. އެކަމަކު ބޭނުން ނުހިފި އޮއްވާ ޗައިނާ އަށް ޕެނަލްޓީއެއް ލިބި ތަފާތު ބޮޑުކުރީ އެވެ.

ސެގާޓް ބުނީ ފުރަތަމަ ހާފުގައި ދަގަނޑޭ އޭނާގެ ކިބައިގައި ހުރިއްޔާ ހުރި ހިތްވަރެއް ލި ކަމަށާއި ފަހު ދަގަނޑޭ ބޭލީ އޭނާ ވަރުބަލިވެފައި ހުރުމުން ކަމަށެވެ. އަދި ބަދަލުގައި ދާދު އެރުވީ ޕްރެސްކޮށްގެން ކުޅުމަށް ކަމަށާއި ބޭނުމަކީ ކައުންޓާ އެޓޭކުގައި ޗައިނާ ކޮޅަށް ގޯލެއް ޖެހުން ކަމަށެވެ.

"ދެ ވަނަ ހާފު ފަށައިގެން ވަރަށް ރަނގަޅަށް ޕްރެސްކޮށްގެން ކުޅުނު. އެ ވަގުތުކޮޅުގެ ތެރޭގައި ތިން ފުރުސަތު ލިބުނު. އޭގެން ފުރުސަތެއްގައި ގޯލެއް ޖެހުނު ނަމަ ނަތީޖާ 2-1 އަށް ބަދަލުވެ ޗައިނާ އަށް އަސަރުތަކެއް ކުރާނެ. އަހަރެމެން ދެ ވަނަ ހާފަށް ނުކުތީ ވެސް އެ ވިސްނުމުގައި. އެކަން ކާމިޔާބުވުމާ ގާތަށް ވެސް ދިޔަ. އެކަމަކު އެ ވަގުތު ރެފްރީ ދިން ޕެނަލްޓީއާ އެކު މެޗު ބަދަލުވެގެން ދިޔައީ،" ސެގާޓް ބުންޏެވެ.

ސެގާޓް ބުނީ އެ ޕެނަލްޓީ ދިން ވަގުތު އޭނާ ހުރީ އަނިޔާވި އަހުމަދު ނޫމާން (ހެލްމެޓް) ގެ ހާލަތު ބަލަން ކަމަށާއި އެހެންވެ އެތަނުން ވީގިތެއް ނޭގެ ކަމަށެވެ. އެކަމަކު ދެ ވަނަ ޕެނަލްޓީ ގޯސް ކަމަށް ކެޕްޓަން އަކްރަމް އަބްދުލްގަނީއާ ހަވާލާދީ ކޯޗު ބުންޏެވެ. އަކްރަމް ފައުލްކުރި ކަމަށް ބަލައި ރެފްރީ ޕެނަލްޓީ ދިން ނަމަވެސް، ފެންނަ ފެނުމަށް އޭނާގެ ޓެކްލް އަމާޒުވީ ބޯޅަ އަށެވެ. އަދި އެ ވަގުތު ޗައިނާ ކުޅުންތެރިން ޑައިވެއް ކުރި ކަމަށް ވެސް ބެލެވެ އެވެ.

"ރެފްރީ މެޗު މަރާލީ އެކަމަކު އަހަރެމެން މި ނަތީޖާ ގަބޫލުކުރަން ޖެހޭ. މިއީ ޗައިނާ އަށް ހައްގު މޮޅެއް. އަހަރެމެންނަށް ދެން އޮތީ ކުރިއަށް ދިއުން،" ސެގާޓް ބުންޏެވެ.

ގްރޫޕުގެ ތިން ވަނަ ހޯދާ ޓީމަށް ވެސް އޭޝިއަން ކަޕުން ފުރުސަތު އޮތުމުން، ޗައިނާ އާއި ސީރިއާ އިން އެއް ވަނަ އާއި ދެ ވަނަ އަށް ވާދަކުރާނެ ބަލައި ރާއްޖެ އާއި ފިލިޕީންސް އަދި ގުއާމުން މަސައްކަތްކުރާނީ ތިން ވަނަ މަގާމް ހޯދަން ކަމަށް ބެލެވެ އެވެ. ސެގާޓް ވެސް ބުނީ ޗައިނާ އަކީ ގްރޫޕުގައި ރާއްޖޭގެ ސީދާ ވާދަވަރިއެއް ނޫން ކަމަށާއި އެހެންވެ މި މެޗުން ޕޮއިންޓް ނުލިބުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫން ކަމަށެވެ. އަދި ވާދަވެރި ގުއާމް އަތުން ފުރަތަމަ މެޗުން މޮޅެއް ލިބިފައި އޮތުމާ އެކު ރާއްޖެ އަށް އަދިވެސް ފުރުސަތު ވަރަށް ބޮޑަށް ހުޅުވިފައިވާކަން ކޯޗު ފާހަގަކުރި އެވެ.

"ރަނގަޅު 5-0 އަކީ ތަފާތު ބޮޑު ނަތީޖާއެއް. އެކަމަކު ކުޅުންތެރިންގެ މަސައްކަތް ވެސް ފާހަގަކުރަން ޖެހޭ. އެ ކުޅުންތެރިން ފަހު ވަގުތާ ހަމަޔަށް ވެސް މަސައްކަތްކުރި. އަހަރެމެން އިސް އުފުލައިގެން ކުރިއަށްދާންވީ،" ސެގާޓް ބުންޏެވެ.

މި މެޗުގައި ޖުމްލަކޮށް ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ފެނުނެވެ. އަދި ޑިފެންޑަރު ހެލްމެޓް އާއި އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އަށް އަނިޔާގެ މައްސަލަ ކުރިމަތިވި އެވެ. ސެގާޓް ބުނީ ގުއާމުން އެނބުރި އަންނަން ކުރި 22 ގަޑިއިރުގެ ދަތުރުގެ ސަބަބުން ކުޅުންތެރިންނަށް ފިޒިކަލީ މައްސަލަތަކެއް ދިމާވި ކަމަށެވެ.