ބަލިވީމާ ޒިންމާ ނަގަން ޖެހުނީ ކޮމެންޓޭޓަރުތަ؟

ގައުމީ ފުޓްބޯޅަ ޓީމު ބަލިވުމުން އެކަމުގެ މާޔޫސްކަމާއި ރުޅިގަނޑު ވަރަށް ގިނަ ފަހަރަށް އާއްމުން ބާލާނީ ޓީވީ ކޮމެންޓޭޓަރަށެވެ. ނަފުރަތު އަމާޒުވަނީ މިދިޔަ 15 އަހަރަކަށް އަހަރު އެންމެ ގިނަ މެޗުތަކުގައި ކޮމެންޓްރީދިން ތަޖުރިބާކާރު ނޫސްވެރިޔާ އަބްދުﷲ އަޒްމީނަށެވެ. ޓީމު ބަލި ވަނީ ކޮމެންޓޭޓަރުގެ އަނގައިގެ ސަބަބުންނޭ ބުނެ ފާޑުކިޔުމުގެ ފުނިވަރެއް ރޭ ޗައިނާ އަތުން ރާއްޖެ 5-0 އިން ބަލިވުމުން ވެސް އަޒްމީނަށް އަމާޒުކޮށްލި އެވެ.


ގައުމީ ޓީމަށް މިހާތަނަށް ފުޓްބޯޅައިން ލިބުނު ހަމައެކަނި ދެ ތަށި ކަމަށްވާ 2008 ގެ ސާފް ޗެމްޕިއަންޝިޕާއި މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ވެސް ކޮމެންޓްރީ ދިން އަޒްމީނަށް އަމާޒުވަނީ ހައްގު ފާޑުކިޔުންތަކެއް ހެއްޔެވެ؟

"ބިނާކުރުވަނިވި ފާޑުކިޔުންތަކަށް އަބަދުވެސް މަރުހަބާ ކިޔާނަން. އެކަމަކު ޒާތީ ގޮތުން އެ ދިމާކުރާ ކުރުންތައް ބަލައިނުގަނެވޭނެ،" ނޫސްވެރިކަމުގެ ރޮނގުން ގައުމީ އިނާމް ހާސިލްކޮށްފައިވާ އަޒްމީން "މިހާރު" އަށް ބުންޏެވެ.

އަޒްމީން ބުނީ މޮޅުވުމާއި ބަލިވުން މިއީ އޭނާގެ އަތްމަތީގައި އޮންނަ ކަމަކަށް ނުވާއިރު އޭނާ ދައްކާ ވާހަކައެއް ކުޅުންތެރިންނާ ހަމަޔަށް ނުވެސް ފޯރާނެ ކަމަށެވެ. އޭނާގެ ދައުރަކީ ދަނޑުމަތިން ފެންނަ ކަންކަން ކިޔައިދިނުން ކަމަށާއި މެޗުގައި ނެތް ފޯރިއެއް ކޮމެންޓޭޓަރަށް އެރުވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

އެކަމަކު ބައެއް ފަހަރު ގޯސްތަކެއް ވެސް ހެދޭ ކަމަށް އަޒްމީން އެއްބަސްވެ އެވެ. އޭގެ ފަހަތުގައި ހުރި ސަބަބަތުތައް ވެސް ގިނަ ގުނަ އެވެ. އޭނާ 2005 ވަނަ އަހަރުން ފެށިގެން، މިހާތަނަށް 1023 މެޗުގެ ކޮމެންޓްރީ ދިނީ މާބޮޑު އާމްދަނީއެއް ލިބޭތީ ނޫނެވެ. "ހަވީރު" ނޫހަށް ކުޅިވަރު ކަވަރުކުރަމުންނާއި ފަހުން އެހެން ވަޒީފާތަކުގައި ވެސް އުޅެމުން، ވަގުތު ހޯދައިގެން އޭނާ އެކަން ކުރަނީ މިކަމަށް ހުންނަ ލޯތްބެއްގެ ސަބަބުންނެވެ.

"މިދިޔަ 15 އަހަރުގެ ތެރޭގައި ކޮން ޓްރެއިނިންއެއް އަހަންނަށް ލިބުނީ؟ އެހެން ގައުމުތަކުގައި މިއީ ވެސް ފުލްޓައިމްކޮށް ކުރާ ޕްރޮފެޝަނަލް މަސައްކަތެއް. އެކަމަކު ރާއްޖޭގައި މިކަން ކުރަނީ އެހެން ކަންކަން ކުރަމުން، މިކަމަށް ހުންނަ ލޯތްބެއްގެ ސަބަބުން. މިކަމަށް ނުކުންނާނެ ޒުވާނުންނެއް ނެތް،" "ހަވީރު" ނޫހުން 2004 ގައި އެމްއީއެސްގައި ހިންގި ނޫސްވެރިކަމުގެ ކޯހަކުން އެއް ވަނަ ހޯދައި މި ދާއިރާ އަށް ނުކުތް އަޒްމީން ބުންޏެވެ.

އަޒްމީން (ވ) ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު ޔޮރްދާން ސްޓޮއިކޯފް އިވަނޯފާ އެކު.

އެގޮތަށް އެ މަސައްކަތްކުރާއިރު ޓީވީތަކުން އެކަށީގެންވާ ވަސީލަތްތަކެއް ފޯރުކޮށްނުދެ އެވެ. ގަލޮޅު ދަނޑުގެ ކޮމެންޓްރީ ބޮކްސްއަށް މިދިޔަ އަހަރުތަކުގައި އައި ކުރިއެރުމެއް ނެތެވެ. ޓީވީން ދައްކާ މަންޒަރު ނުވަތަ ރީޕްލޭ ފެންނަ ގޮތެއް ގިނަ ފަހަރަށް ނުހުރެ އެވެ. ހުއްޓަސް ހުންނަނީ ގޮނޑިއެއްގެ މަތީގައި ފަޔާ ދިމާލުން ތިރީގައި ހުންނަ 14 އިންޗީގެ މޮނީޓަރެކެވެ. އެއީ ގިނަ ފަހަރަށް ހުރިހާ ނޫސްވެރިން ބޭނުންކުރާ މީޑިއާ ބޮކްސްކަމަށްވާތީ، އެތަނުގެ ހަލަބޮލިކަމާ ހެދި ކޮމެންޓޭޓާރުގެ ކޮންސެންޓްރޭޝަން އިރުއިރުކޮޅާ ގެއްލުމުގެ ފުރުސަތު އޮވެ އެވެ. ސްޓެޓިސްޓިކެއް ނުލިބެ އެވެ.

"ކޮމެންޓްރީ ދެމުން އަހަރެން ކުޅުންތެރިޔަކަށް އިޝާރާތްކޮށް މި ބުނަނީ އެއީ ވަރަށް މޮޅު ކުޅުންތެރިޔެކޭ. އޭރު ޓީވީން މި ދައްކަނީ މެޗުގެ ރެފްރީ. ޓީވީން ދައްކާ މަންޒަރަކާ އަހަރެން ދައްކާ ވާހަކައަކާ ދިމާނުވޭ. ކޮމެންޓޭޓަރަކަށް ނުފެނޭ ޓީވީން ދައްކާ މަންޒަރެއް ވެސް. އަނެއްކާ ބައެއް މީހުން އެބަބުނެ އަހަރެން މާގިނައިން ވާހަކަދައްކަނީއޭ. އެހެން ބުނާ މީހުންނަކަށް ނޭގޭ ޓީވީގެ ސިޔާސަތެއް. ކޮންޓްރޯލުން އަހަންނަށް ޕްރެޝަރު އާދޭ، ވާހަކަ ދައްކާށޭ ކިޔާފައި. އެއީ ވާހަކަނުދައްކައިފިޔޭ ޓީވީ މިއުޓްވަނީ ކަމަށް ބުނެ،" އަޒްމީން ބުންޏެވެ.

ސިޓިން ރޫމުގައި ތިބެގެން މެޗު ބަލާ މީހުންނަށް ފެންނާނީ ހަމައެކަނި ޓީވީ ކެމެރާ އިން ދައްކާ މަންޒަރެކެވެ. އެހެންވެ ދަނޑުގެ އެހެން ހިސާބެއްގައި ހިނގި ފައުލެއްގެ ވާހަކަ ކޮމެންޓޭޓަރު ބުންޏަސް، އެކަން ވަނީ މައްސަލައަކަށެވެ. ޓީވީ ކަވަރޭޖުގައި ބޭނުންކުރަނީ މަދު އަދަދެއްގެ ކެމެރާއަކަށްވާތީވެ ހުރިހާ ކަމެއް ކެމެރާ އަށް ނާރާތީ ރީޕްލޭ ދެއްކޭނެ ގޮތެއް ނޯވެ އެވެ.

އަޒްމީނަކީ ދިވެހި ފުޓްބޯޅައިގެ ތާރީހާއި ޝައުގުވެރި ހާދިސާތައް ހިތުދަސް ނޫސްވެރިއެކެވެ. އޭނާގެ ކޮމެންޓްރީގައި އެފަދަ ކަންކަން ފާހަގަކުރުމުން މައުލޫމާތު މުއްސަނދިވެ އެވެ. ރޭގެ މެޗުގައި ކެޕްޓަން އަކްރަމް އަބްދުލްގަނީ ފޮނުވާލި ހިލޭ ޖެހުން ދަނޑިއަށް އަމާޒުވިއިރު، މީގެ 15 އަހަރު ކުރިން ރާއްޖޭން ދެކުނު ކޮރެއާއާ 0-0 އިން އެއްވަރުކުރި މެޗުގައި އޭނާގެ ބޭބެ އަދި އޭރުގެ ކެޕްޓަން އައްސަދު އަބްދުލްގަނީ ފޮނުވާލި ހިލޭ ޖެހުމެއް ހަމަ އެހާ ނުރައްކާތެރިކޮށް ގޮސްފައިވެ އެވެ.

"އެކަން ކާކަށް އެނގޭނީ؟ އެކަމަކު އަހަރެން އެކަން ވެސް ފާހަގަކުރިން. އެކަމަކު ގިނަ ފަހަރަށް ރަނގަޅަށް ކުރާ ކަންކަން ފާހަގައެއް ނުވާނެ،" އަޒްމީން ބުންޏެވެ. "ބޭރު ގައުމުތަކުގައި ވެސް ކުޅުންތެރިންގެ ބެކްގްރައުންޑާ މިފަދަ ކަންކަން ކޮމެންޓްރީގައި ކިޔާދޭނެ. އެކަމަކު ރާއްޖޭގައި އެކަން ވެސް މައްސަލައަކަށްވޭ."

ކޮމެންޓޭރަރަށް ވެސް ގޯސް ހެދޭނެ އެވެ. ދުނިޔޭގެ ޕްރޮފެޝަނަލް ކޮމެންޓޭޓަރުންނަށް ވެސް އެފަދަ މައްސަލަތައް ދިމާވެފައި އެބަހުއްޓެވެ. އަޒްމީން ވެސް ފާހަގަކުރި ގޮތަށް، ޕްރިމިއާ ލީގުގެ މެޗެއްގައި ޗެލްސީގެ ޑިޑިއޭ ޑްރޮގްބާ ފޮނުވާލި ޝޮޓެއް ގޯލުގެ އަރިމަތީ ދާގަނޑަށް އަމާޒުވުމުން، ޑްރޮގްބާގެ ހަރަކާތްތަކަށް ބަލައި އެއީ ގޯލެއް ކަމަށް ކޮމެންޓޭޓަރު ބުނެފައިވެ އެވެ. އަދި ރާއްޖެ އަށް ބަލާއިރު 1998 ވަނަ އަހަރުގެ ކަޕްވިނާސް ކަޕުގެ ފައިނަލުގައި ނިއު ރޭޑިއަންޓް ވެލެންސިއާ ކުޅުނު މެޗުގައި އިބްރާހިމް ހަލީމް (ޖަޑާ) ގޯލެއް ޖެހި ކަމަށް ހީވެ ރޭޑިއޯ ކޮމެންޓޭޓަރު އިބްރާހިމް އުމަރު މަނިކު އެއީ ގޯލެއް ކަމަށް ވެސް ބުންޏެވެ.

"އެ ދެ ކޮމެންޓޭޓާރުން ވެސް މާފަށް އެދުނީ. ކޮމެންޓޭޓަރުންނަކީ ވެސް އިންސާނުން. ގޯސްތައް ވެސް ހެދޭނެ،" އޭނާ ބުންޏެވެ.

ރޭގެ މެޗުގައި ޗައިނާގެ ކޯޗު މާސެލޯ ލިއްޕީގެ ވާހަކަ އަޒްމީން މާގިނައިން ދެއްކުމުން ވެސް ބައެއް ފަރާތްތަކުން ހިތްހަމަނުޖެހުނެވެ. އެކަމަކު ގޮތުގައި ގަލޮޅު ދަނޑަށް މިހާތަނަށް އައި އެންމެ ޝަރަފްވެރި ކޯޗުގެ ވާހަކައަކީ، ކޮމެންޓްރީގައި (ޓީވީން އޭނާ ދައްކާ ކޮންމެ ފަހަރަކު) ފާހަގަކުރަން ޖެހޭ ކަމެކެވެ.

"ބައެއް ފަހަރު އޭގެ އަނެއްކޮޅަށް ވެސް އެބަދިމާވޭ. އަޅުގަނޑު ލައްޗޭގެ މައުލޫމާތެއްކޮޅެއް ހިއްސާކޮށްލަން ވެގެން ކެމެރާމަނަށް އޭނާ ދައްކަން އިޝާރާތްކުރުމުން މުޅިން އެހެން މީހަކަށް ކެމެރާ އަޅުވާފައި އެބަހުރި،" އޭނާ ބުންޏެވެ.

އަޒްމީން (ވ-2) "ހަވީރު" ނޫހުގައި މަސައްކަތްކުރި ދުވަސްވަރު އެ ނޫހުގެ ސްޕޯޓްސް އެޑިޓަރު މުހައްމަދު ޝަހީބް (ކ) އާއި އެސިސްޓަންޓް އެޑިޓަރު ހަސަން އާމިރު (ކ-2) އާ އެކު ދިރާގު ދިވެހި ލީގުގެ ބެސްޓް މީޑިއާ ކަވަރޭޖުގެ އިނާމާ ހަވާލުވަނީ.

ފަހަކަށް އައިސް ގިނަ ދިވެހިން ބަލަނީ ގައުމީ ޓީމުގެ މެޗުތައް އެކަންޏެވެ. އެހެންވެ ކްލަބް ފުޓްބޯޅައިގެ ވާނުވާއެއް ނޭގެ އެވެ. މިވެނި ކުޅުންތެރިޔަކީ ކްލަބުގައި މޮޅަށް މެދުތެރެއަށް ކުޅޭ ކުޅުންތެރިޔެކޭ އެކަމަކު ގައުމީ ޓީމުގައި ބޭނުންކުރަނީ ފޯވާޑަކަށޭ ކޮމެންޓޭޓަރު ބުނުމުން މިވަނީ އޭނާ އަކީ މާ އެނގިގެން އުޅޭ މީހަކަށެވެ. ނުވަތަ ފުޓްބޯޅަ މެޗުގެ އޮއިވަރުދާ ގޮތް ކިޔައިދިނުމުން ވެސް އަޅުވަނީ މާ އެނގޭ މީހެއްގެ ޓެގެވެ. އެކަމަކު ހަގީގަތަކީ ކޯޗަކަށް ނުވިޔަސް، ފުޓްބޯޅަ ދިރާސާކުރާ ނޫސްވެރިންނަށް ނުވަތަ ކޮމެންޓޭޓަރުންނަށް ވެސް ޓެކްނިކަލީ ވާހަކަދެއްކިދާނެ ކަމެވެ. ޓީމު ބަލިވާ ގަޑީ ސަޕޯޓަރުން ޖަޒުބާތުގައި ޖެހިފައި ތިބޭ ވަގުތު ކޮމެންޓޭޓަރު ޓެކްނިކަލީ ރަނގަޅު ވާހަކައެއް ބުންޏަސް އެކަން ހަޖަމްކުރަން އުނދަގޫވާނެ އެވެ.

އެއްބަސްވާން ޖެހެ އެވެ. ދުނިޔޭގެ މަޝްހޫރު ލީގުތަކުގެ މެޗުތައް ބަލައި، މޮޅު ޓީވީ ކަވަރޭޖުގެ ޖާދޫގައި ޖެހިފައި ތިބެ ކުއްލިއަކަށް ދިވެހި ފުޓްބޯޅައިގެ ފޯރިގަދަދާ ދުވަހެއްގައި ޓީވީން އެ މެޗު ބަލާއިރު ކުޅުމުގެ ފެންވަރާއި ކޮމެންޓްރީ އާއި ކަވަރޭޖް ދަށްވުމުން ބެލުންތެރިޔާ ފޫހިވާނެ އެވެ. ރުޅިގަދަވާނެ އެވެ. ހިތްހަމަނުޖެހޭނެ އެވެ. އެކަމަކު ޓީމެއް ބަލިވުމުގެ ޒިންމާ ކޮމެންޓޭޓާރުގެ ބޮލުގައި އެޅުވެދިނާ ހެއްޔެވެ؟ އިންގްލެންޑުގެ މަޝްހޫރު ކޮމެންޓޭޓަރު ޕީޓާ ޑްރޫރީ ބުނި ފަދައިގެން ޓީމެއް ބަލިވުމުގެ ޒިންމާ ކޮމެންޓޭޓާރު ނަގަން ޖެހެންޏާ ސަޕޯޓަރުން ވެސް ނަގަން ޖެހޭނެ އެވެ.

"އަހަރެންނަކީ 1998 ވަނަ އަހަރުން ފެށިގެން އިންގްލެންޑްގެ ކޮންމެ މެޗެއްގައި އެކި ޓީވީތަކަށް ކޮމެންޓްރީ ދިން މީހެއް. އިންގްލެންޑަށް ކާމިޔާބެއް ނުލިބުމުގެ ޒިންމާ އަހަރެން ނަގަނީ ހަމަ އެހެން ހުރިހާ ސަޕޯޓަރުންނެކޭ އެއްގޮތަށް. ފުޓްބޯޅަ މެޗެއްގެ ފުރަތަމަ މިނިޓުން ފަހު މިނިޓާ ހަމައަށް އަހަރެން ކޮމެންޓްރީ ދެނީ މެޗުގެ ހުރިހާ އިހުސާސްތައް ބުނެދޭން. ސަޕޯޓަރުންނަށް އެ އިހުސާސް ހަގީގަތަށް ފޯރުކޮށްދޭން. އެކަން ކުޅުންތެރިންނާ ހަމައަށް ދާނީ އެ ކުޅުންތެރިން ހުރިހާ ޕްރެޝަރާ ކުރިމަތިލާފަހުން. އެހެންވީމަ މީގެ އަހަރެންގެ ހިދުމަތަކީ މުޅި ގައުމަށް ދެވޭ ހިދުމަތެއް. ކުޅުންތެރިންނަށް ދެވޭ ޕްރެޝަރެއް ނޫން،" ޑްރޫރީ ބުނެފައިވެ އެވެ.

ޕާޓްޓައިމް ކޮމެންޓޭޓަރެއްގެ ގޮތުގައި އަޒްމީން ވަނީ މިދިޔަ 15 އަހަރު ދިވެހި ފުޓްބޯޅައިގެ ބޮޑެތި ހުރިހާ މެޗެއްގެ ކޮމެންޓްރީދީފަ އެވެ. ދަގަނޑޭ ވެލެންސިއާ ދޫކޮށް 2006 ގައި ނިއު ރޭޑިއަންޓަށް ބަދަލުވިކަން ނިއުގެ އޭރުގެ ޗެއާމަން އަލީ އާޒިމް އިއުލާންކުރެއްވީ، އަޒްމީނާ އެކު ހަވީރު އޮންލައިނުގެ އޯޑިއޯ ކޮމެންޓްރީގައި ހުރެ އެވެ. އެ އޮންލައިނަށް އޭނާ، 2005 ގައި ނިއު ރޭޑިއަންޓުން އޭއެފްސީ ކަޕުގެ ތިން ވަނަ ހޯދި އިރު އެ މުބާރާތުގެ މެޗުތަކުގެ ކޮމެންޓްރީ ދިނެވެ. ގައުމީ ފުޓްބޯޅަ ޓީމުން ބައިނަލްއަގްވާމީ ދެ މުބާރަތް ކާމިޔާބުކުރިއިރު ޓީވީ މޯލްޑިވްސް އަށް ކޮމެންޓްރީ ދިނެވެ. ޓީމެއްގެ ނާކާމިޔާބީގެ ފަހަތުގައި ހުރީ ކޮމެންޓޭޓަރު ކަމަށް އާއްމުން ދެކެންޏާ، ކާމިޔާބުގެ ކްރެޑިޓް ވެސް ކޮމެންޓޭޓަރަށް ލިބެން ވާނެ ނޫން ހެއްޔެވެ؟ އެ އުސޫލުން ބަލާއިރު ގައުމީ ޓީމުގެ ކާމިޔާބޫގެ ވަރަށް ބޮޑު ކްރެޑިޓެއް އަޒްމީނަށް ހައްގުވެ އެވެ!