ލިއްޕީގެ ތައުރީފުގެ ބަހެއް ދިވެހި ކުޅުންތެރިންނަށް

ރާއްޖޭގެ ޓީމުގައި ވަރަށް ރަނގަޅު ފެންވަރުގެ ކުޅުންތެރިން ތިބި ކަމަށާއި އެ ކުޅުންތެރިންގެ އެޓިޓިއުޑް ވެސް ރަނގަޅު ކަމަށް ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ރާއްޖެ އަތުން 5-0 އިން މޮޅުވި ޗައިނާގެ ކޯޗު އިޓަލީގެ މާސެލޯ ލިއްޕީ ބުނެފި އެވެ.


ރާއްޖޭގެ ޓީމުގައި ހިމެނުނީ ޒުވާން ކުޅުންތެރިން ކަމުން، ލިއްޕީ ފަދަ ދުނިޔޭގެ ފެންވަރުގެ ކޯޗަކު އެ ކުޅުންތެރިންގެ ކުޅުމާ މެދު ދެކެނީ ކިހިނެއްތޯ "މިހާރު" އިން ސުވާލުކުރުމުން އޭނާ ދިނީ ޕޮޒިޓިވް ޖަވާބެކެވެ.

"އަހަރެން ދެކޭ ގޮތުގައި ރާއްޖެއިން، ރާއްޖެ އަށް ކުރެވޭ އެންމެ ރަނގަޅަކަށް މަސައްކަތްކުރި. މަދު ކުޅުންތެރިންތަކެއް ތިބި ވަރަށް ވަރަށް ރަނގަޅު،" އިޓަލީ އަށް 2006 ގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ލިއްޕީ ބުންޏެވެ.

ތަރުޖަމާނެއްގެ އެހީގައި ވާހަކަދައްކަމުން އޭނާ ބުނީ ވަރުގަދަ ގައުމީ ޓީމެއް އޮންނަން ބޭނުމިއްޔާ ވަރަށް މަތީ ފެންވަރުގެ ލީގެއް ވެސް އޮންނަން ޖެހޭނެ ކަމަށެވެ. ރާއްޖޭގެ ލީގުގެ ފެންވަރު އޭނާ އަށް ނޭނގޭ ކަމަށާއި އެހެންވެ އެކަމާ އެއްޗެއް ބުނަން ދަތިކަމަށް އިޝާރާތްކުރި އެވެ.

"ވަރަށް ރަނގަޅު އެޓިޓިއުޑެއް ދިވެހި ކުޅުންތެރިންގެ ފަރާތުން ފެނުނީ. އެކަމަކު އަހަރެމެން ވަރަށް ރަނގަޅު އެޕްރޯޗެއް މެޗަށް ކުރުމުންނާއި އަހަރެމެން ރާއްޖޭގެ ފެންވަރު އަންޑައެސްޓިމޭޓްނުކުރުމުން، ރާއްޖެ އަށް ވުރެ ވަރުގަދަ ޓީމަކަށް އަހަރެމެން ވެގެން ދިޔައީ މެޗު ނިމުނުއިރު،" ދުނިޔޭގެ އެންމެ ވަރުގަދަ ލީގު ކަމަށްވާ އިޓާލިއަން ލީގު ޔުވެންޓަސް އަށް ފަސް ފަހަރު ކާމިޔާބުކޮށްދިން ލިއްޕީ ބުންޏެވެ.

"ކޮންމެ މެޗެއް ފަސޭހައެއް ނުވާނެ. ފުރަތަމަ މިނެޓުން ފެށިގެން ކޮންސެންޓްރޭޓްކޮށްގެން، އިދިކޮޅަށް ޓީމަށް އިހުތިރާމްކޮށްގެން ކުޅެފި ނަމަ ބޭނުންވާ ކާމިޔާބު ލިބޭނެ."