އިންޒާރަކާ އެކު ފީފާ އިން ނިއު އަށް މުހުލަތެއް ދީފި

ނިއު ރޭޑިއަންޓުން އެ ކްލަބުގެ ކުރީގެ ކޯޗު ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭޒް ދޭން ޖެހޭ ފައިސާ ދައްކަން ފީފާ އިން އެންގި އެންގުމަށް އަމަލުކޮށްފައިނުވާތީ އިތުރު 30 ދުވަހުގެ މުހުލަތެއްދީ އެ މުއްދަތުގައި އެ ފައިސާ ނުދައްކައިފި ނަމަ ކުޅުންތެރިން ނުގެނެވޭ ގޮތަށް އަދަބުދޭނެ ކަމުގެ އިންޒާރު ފީފާ އިން ދީފި އެވެ.


ފީފާ އިން އިންޒާރު ދިނީ އެ އިދާރާގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީން މިދިޔަ އަހަރުގެ އޮގަސްޓް 22 ވަނަ ދުވަހު ނިއު އަށް އެންގި އެންގުމާ އަމަލުކޮށްފައިނުވާތީ މި މަހުގެ 4 ވަނަ ދުވަހު ފޮނުވި ސިޓީއެއްގަ އެވެ.

އޭގައި ބުނެފައިވާ ގޮތުގައި މުސާރައިގެ ގޮތުގައި ޓަވަރޭޒަށް ދޭން ޖެހޭ 4000 އެމެރިކާ ޑޮލަރު (61،680ރ) އާއި ނިއު އިން ހަދާފައިވާ ކޮންޓްރެކްޓާއި ހިލާފުވެފައިވާތީވެ ބަދަލެއްގެ ގޮތުން ދޭން ޖެހޭ 20،000 އެމެރިކާ ޑޮލަރު (308،400ރ) އަދި ފީފާ އަށް ދޭން ޖެހޭ 8000 ސްވިސް ފްރެންކްސް (124087ރ.) އާއި ޖޫރިމަނާގެ ގޮތުގައި 5000 ސްވިސް ފްރެންކް (77,557ރ.) 30 ދުވަހުގެ ތެރޭގައި ދައްކަން އަންގާ ކަމަށެވެ. އިންޓްރެސްޓްތަކާ އެކު މި އަދަދު އިތުރުވާނެ އެވެ.

މި ފައިސާ 30 ދުވަހުގެ ތެރޭގައި ނުދައްކައިފި ނަމަ އިތުރު އެންގުމެއް ނެތި ނިއުގެ މައްޗަށް ކުޅުންތެރިން ނުގެނެވޭ ގޮތަށް އަދަބު ތަންފީޒްވާނެ އެވެ. އަދި އެ އަދަބު އެފްއޭއެމުން ތަންފީޒްނުކޮށްފި ނަމަ އެފްއޭއެމަށް ވެސް ފިޔަވަޅު އަޅާނެ އެވެ. އަދަބު ތަންފީޒްކުރަމުން އަންނަނިކޮށް ވެސް އެ ފައިސާ ދައްކައިފިއްޔާ ކުޅުންތެރިން ގެނައުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ފީފާ އިން ވަނީ ނިއު އިން އަފްގާނިސްތާނުގެ ހާރޫން އަމީރީ އަށް ފައިސާ ނުދޭ މައްސަލައިގައި ވެސް ކުޅުންތެރިން ނުގެނެވޭ ގޮތަށް އަދަބު ދޭނެ ކަމަށް އަންގައިފަ އެވެ. އެހެންވެ މި ފަހަރު މުއްދަތަށް ފަހު އަލުން ރިވިއުކޮށް ފީފާ އިން އެހެން އަދަބެއް ވެސް ދީފާނެ އެވެ.

އެކަމަކު ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި އެފްއޭއެމުން އޮތީ ނިއު ސަސްޕެންޑްކޮށްފައި ކަމުން ކުޅުންތެރިން ނުގެނެވޭ ގޮތަށް ދޭ އަބަދަކުން ނިއު އަށް މިވަގުތު ކުރާނެ އަސަރެއް ނެތެވެ.

އަދި ކްލަބުގައި މިވަގުތު ދާއިމީ ޗެއާމަނެއް ވެސް ނެތެވެ. މި މައްސަލަތައް ދިމާވިއިރު ކްލަބުގެ ޗެއާމަނަކަށް ހުންނެވި މުހައްމަދު ޒިޔާދު ވަނީ މި އަހަރުގެ މޭ މަހު އިސްތިއުފާ ދެއްވައިފަ އެވެ. އެކްޓިން ޗެއާމަނަކަށް ސައްޔިދު އަލީ ހަމަޖައްސައި އަދި ބޯޑުގެ މެމްބަރުންނާއި ސަޕޯޓަރުން ހިމެނޭ ކޮމިޓީއެއް ނަގައި މި ސީޒަނުގައި ކުޅުމުގެ ފުރުސަތު ލިބޭތޯ މަސައްކަތްކުރި އެވެ. އެކަމަކު އެ މަސައްކަތް އޮތީ ހުއްޓިފަ އެވެ.