ދެ ވަނަ ބުރުން އިބޫ އާއި ސްމައިލީ އަށް މުބާރާތް ނިމިއްޖެ

ޖަޕާނުގެ މިޔަޒާކީގައި މިހާރު ކުރިއަށްދާ ވޯލްޑް ސާފިން ގޭމްސްގެ ރެޕެޗާޖް އިވެންޓުގެ ދެ ވަނަ ބުރުގައި ވާދަކުރި ރާއްޖޭގެ ދެ ރާޅާ އެޅުންތެރިން ކަމަށްވާ ހުސެއިން އަރީފް (އިބޫ) އާއި އިސްމާއިލް ރަޝީދު (ސްމައިލީ) އަށް މުބާރާތް ނިމިއްޖެ އެވެ.


ސަތާރަ އަހަރަށް ފަހު ދުނިޔޭގެ ސާފިން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ޓީމުގައި ހިމެނޭ ޓީމުގެ ކެޕްޓަން އިބޫ އާއި ސްމައިލީ ދެ ވަނަ ބުރުން ފުރުސަތު ހޯދީ ފުރަތަމަ ހީޓްގައި ރަނގަޅު ކާމިޔާބެއް ހޯދައިފަ އެވެ. އިބޫ ވާދަކުރި ހީޓުން އޭނާ އެއް ވަނަ ހޯދީ 9.3 ޕޮއިންޓް ހޯދައިގެންނެވެ. އަދި ސްމައިލީ ވަނީ އޭނަ ވާދަކުރި ހީޓުގެ ދެ ވަނަ ހޯދައިފަ އެވެ. އެއީ 9.07 ޕޮއިންޓް ހަމަކޮށްގެނެވެ. ރާއްޖޭން ދެން ވާދަކުރި އަހްމަދު އާގިލް (އައްމަޑޭ) އަށް ދެ ވަނަ ބުރުން ފުރުސަތު ނުލިބުނެވެ. އެއީ އޭނާ ވާދަކުރި ހީޓުގެ ފުލަށް ދިއުމުންނެވެ.

ރެޕެޗާޖް އިވެންޓުގެ ދެ ވަނަ ބުރުން އިބޫ އާއި ސްމައިލީ ކެޓި ނަމަވެސް ގިނަ ދުވަސްތަކަކަށްފަހު މި ވަރުގެ މުބާރާތެއްގައި ވާދަކުރުމުން މިއީ ރަނގަޅު ކުރިއެރުމެއް ކަމަށް ސާފިންގެ އިން ގަބޫލުކުރެ އެވެ. ދެ ވަނަ ބުރުގައި އިބޫ ވާދަކުރި ހީޓުން އޭނާ ދިޔައީ ތިން ވަނަ އެވެ. އޭނާ 6.4 ޕޮއިންޓް ހަަމަކުރިއިރު، މި ހީޓުގެ ދެ ވަނަ ހޯދި އިޓަލީގެ ރަމޯން ޓަލިއާނީ ވަނީ 9.93 ޕޮއިންޓް ހޯދައިފަ އެވެ. އަދި އެއް ވަނަ ހޯދި އެމެރިކާގެ ކޮނާ ކޮފިން ވަނީ 11.4 ޕޮއިންޓް ނަގައިފަ އެވެ.

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ސްމައިލީ (ކ) އާއި އިބޫ. -- ފޮޓޯ: އައިއެސްއޭ

މި ފަދަ ބޮޑު މުބާރާތެއްގައި ފުރަތަމަ ފަހަރަށް ވާދަކުރާ ސްމައިލީ އަށް ރެޕެޗާޖް އިވެންޓުގެ ދެ ވަނަ ބުރުގައި އޭނާ ވާދަކުރި ހީޓުގައި ލިބުނީ ހަތަރު ވަނަ އެވެ. ސްމައިލީ އަށް ލިބުނީ 4.17 ޕޮއިންޓެވެ. މި ހީޓުގެ އެއް ވަނަ ހޯދި މެކްސިކޯގެ ޑައިލަން ސައުތުވޯތަށް 10.7 ޕޮއިންޓް ލިބުނުއިރު، ދެ ވަނަ އަށް ދިޔަ އިންޑޮނީޝިއާގެ އޮނޭ އަށް ވަނީ 9.7 ޕޮއިންޓް ލިބިފަ އެވެ. އަދި ތިން ވަނަ ހޯދި ޕޯޗުގަލްގެ ވަސްކޯ ރިބޭރޯ ވަނީ 9.6 ޕޮއިންޓް ނަގައިފަ އެވެ.

މި މުބާރާތުގެ އޯޕަން ބައިގައި ވެސް ރާއްޖޭގެ ރާޅާ އެޅުންތެރިން ވަނީ ވާދަކޮށްފަ އެވެ. އެކަމަކު އެ ކެޓަގަރީން އެންމެ ރަނގަޅު ނަތީޖާ ނުނެރެވުނެވެ.

އޮލިމްޕިކް ގޭމްސް އާއި އޮލިމްޕިކް ކުޅިވަރުތަކުގެ ދުނިޔޭގެ ފެޑެރޭޝަނުން ބާއްވާ މުބާރާތްތެއްގެ އިންޑިވިޖުއަލް އިވެންޓަކުން ރަން މެޑަލް ހޯދައިފި ނަމަ 1.5 މިލިއަން ރުފިޔާ، ރިހި މެޑަލް ހޯދައިފި ނަމަ އެއް މިލިއަން ރުފިޔާ އަދި ލޯ މެޑަލް ހޯދައިފި ނަމަ 750،000ރ. ދޭނެ އެވެ. އެހެންވެ މި މުބާރާތުން ރަން މެޑަލް ހޯދައިފިނަމަ 1.5 މިލިއަން ރުފިޔާ ދޭނެ ކަމަށް ސްޕޯޓްސް މިނިސްޓްރީން ވަނީ އިއުލާނުކޮށްފަ އެވެ.

ރާއްޖޭގެ އެންމެ މޮޅު ސާފަރު އިބޫ އަންނަނީ އޮލިމްޕިކް ކޮމިޓީގެ ސްކޮލަޝިޕެއްގެ ދަށުން އަންނަ އަހަރު ޖަޕާނުގައި އޮންނަ ޓޯކިޔޯ އޮލިމްޕިކްސް އަށް ތައްޔާރުވުމަށް މަސައްކަތްކުރަމުންނެވެ.