ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ ބެޑްމިންޓަން މުބާރާތްތަކަށް ބޮޑު ތަރުހީބެއް

މެދުކެނޑުމަކަށް ފަހު މިއަހަރު ރާއްޖޭގައި ބައިނަލްއަގްވާމީ ބެޑްމިންޓަން މުބާރާތްތައް ބާއްވާއިރު މި މަހަށް ތާވަލުކޮށްފައިވާ ދެ މުބާރާތަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.


ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން މި މަހު ބާއްވަން ނިންމާފައިވާ މުބާރާތްތަކަކީ އަންނަ އަންގާރަ ދުވަހުން ފެށިގެން މި މަހު 22 ގެ ނިޔަލަށް ކުރިއަށްދާ ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ފިއުޗާ ސީރީސް އާއި މި މަހު 24 އިން 29 އަށް ބާއްވާ ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް އެވެ.

ބީއޭއެމް އިން ބުނީ ފިއުޗާ ސީރީސްގައި 15 ގައުމަކުން 108 ކުޅުންތެރިން ވާދަކުރާ ކަމަށާއި އިންޓަނޭޝަނަލް ޗެލެންޖްގައި 45 ގައުމަކުން 268 ކުޅުންތެރިން ވާދަކުރާނެ ކަމަށެވެ. މި ދެ މުބާރާތުގައި ވެސް ރާއްޖޭގެ ގިނަ ކުޅުންތެރިންތަކެއް ވާދަކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އަންގާރަ ދުވަހު ފަށާ ފިއުޗާ ސީރީސްގެ ގުރުއަތުލުން މިހާރު ނިމިފައިވާއިރު، މި ފަހަރުގެ މުބާރާތުގެ ފިރިހެން ސިންގަލްސް ބައިގައި ރާއްޖޭގެ އަށް ކުޅުންތެރިން ވާދަކުރާއިރު، އަންހެން ސިންގަލްސް ބައިގައި ހަ ކުޅުންތެރިން ވާދަކުރެ އެވެ. ފިރިހެން ޑަބަލްސް ބައިގައި ރާއްޖޭގެ ފަސް ޕެއާ އެއް ވާދަކުރާއިރު، އަންހެން ޑަބަލްސް ބައިގައި ރާއްޖޭގެ ދެ ޕެއާ ކުޅޭނެ އެވެ. އަދި މިކްސް ޑަބަލްސް އިވެންޓުގައި ރާއްޖޭގެ ކުޅުންތެރިން ހިމެނޭ ތިން ޕެއާ އެއް ވާދަކުރާނެ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން މިދިޔަ އަހަރު ބާއްވަން ތާވަލްކުރި ބައިނަލްއަގްވާމީ މުބާރާތް ނުބޭއްވުނީ ބެޑްމިންޓަން ކޯޓުގެ ބައެއް ކަންތައްތައް ފުރިހަމަ ނުވެ ހުރުމުންނެވެ. އެކަމަކު އެކަންކަން މި އަހަރު ރަނގަޅުކުރެވޭނެ ކަމުގެ އުއްމީދުގައި މި އަހަރަށް މުބާރާތްތައް ތާވަލުކޮށް މިހާރު ވަނީ ކޯޓުގެ މަރާމާތުގެ މަސައްކަތް ސްޕޯޓްސް މިނިސްޓްރީއާ ގުޅިގެން ނިންމާލައިފަ އެވެ. އެއާ އެޖު އަންނަ މަހު އެއް ވަނަ ދުވަހުން ފެށިގެން ކުޅިވަރު އެކުވެނި ބެޑްމިންޓަން ހޯލުގައި އަށް ކޯޓު އޮންނާނެ އެވެ.

ރާއްޖޭގައި އެންމެ ފަހުން ބައިނަލްއަގްވާމީ ބެޑްމިންޓަން މުބާރާތެއް ބޭއްވީ 2013 ވަނަ އަހަރު އެވެ. އޭގެ ފަހުން 2014 ވަނަ އަހަރު ކުޅިވަރު އެކުވެނީގެ އިމާރާތަށް ލިބުނު ގެއްލުމެއްގެ ސަބަބުން އެ މުބާރާތް ނުބޭއްވުނެވެ. އެހެންވެ އަމިއްލަ ގައުމުގައި ބައިނަލްއަގުވާމީ މުބާރާތެއް ކުޅެލުމުގެ ފުރުސަތު ރާއްޖޭގެ ކުޅުންތެރިންނަށް އޮތީ ގެއްލިފަ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުގެ ރައީސް މޫސާ ނާޝިދު މި އަހަރުގެ އޭޕްރީލް މަހު "މިހާރު" އަށް ވިދާޅުވީ ރާއްޖޭގެ ބެޑްމިންޓަން ލެވެލް ހިފެހެއްޓުމުގެ ގޮތުން އަންނަ އަހަރު މާޗް މަހުގެ ކުރިން އިންޓަނޭޝަނަލް މުބާރާތް ބާއްވަން ޖެހޭ ކަމަށެވެ. އެ ގޮތުން ރާއްޖޭގައި ބެޑްމިންޓަން މުބާރާތްތައް ހޯސްޓްކޮށް ޑިވެލޮޕްމަންޓް މަސައްކަތްތައް ކޮށްގެން މި ގައުމުގެ ބެޑްމިންޓަން ލެވެލް އިތުރަށް މައްޗަށް ގެންދެވޭނެ ކަމަށް މޫސަ ވިދާޅުވި އެވެ.

މި އަހަރު ރާއްޖޭގައި ބާއްވާ ތިން ވަނަ ބައިނަލްއަގުވާމީ ބެޑްމިންޓަން މުބާރާތަކީ އަންނަ މަހު ފަސް ވަނަ ދުވަހު ފަށަން ނިންމާފައިވާ ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތެވެ. އެ މުބާރާތް ބާއްވަން ނިންމާފައިވަނީ އައްޑޫގަ އެވެ. މިއީ މުޅި ރާއްޖެ އަށް ބެޑްމިންޓަން ފުޅާކުރުމަށް ބީއޭއެމުން ފެށި މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ އެންމެ ބޮޑު އެއް ހަރަކާތުގެ ގޮތުގައި އެ އެސޯސިއޭޝަނުން ދެކެ އެވެ.