ދިރާގު ރޯޑްރޭހުގެ ބިބް އެކްސްޕޯ ފަށައިފި

ހުކުރު ދުވަހު ހުޅުމާލޭގައި ބާއްވާ ރާއްޖޭގެ ދުވުމުގެ އެންމެ ބޮޑު ރޭސް، ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ ބިބް އެކްސްޕޯ މިއަދު ފަށައިފި އެވެ.


ދިރާގު ހެޑްއޮފީހުގައި މިއަދު މެންދުރުފަހު 2 ޖެހިއިރު ފެށި އެކްސްޕޯ އިރުއޮއްސި 6 ޖަހަންދެއް ކުރިއަށް ގެންދިއުމަށް ފަހު 8 ޖަހާއިރު އަލުން ފަށައި މިރޭ 10 ޖަހަންދެއް އޮންނާނެ އެވެ. އަދި މާދަމާ 10-12 އަށް، 2-6 އަށް އަދި 8-10 އަށް އޮންނާނެ އެވެ.

އެކްސްޕޯގައި ދޫކުރާ، މަޑުނޫކުލައިގެ ހިތްގައިމު ކިޓް ދަބަހުގައި އޮންނާނީ އިލެކްޓްރޯނިކް ޓައިމިން ޗިޕެއް ހިމެނޭ ބިބަކާއި ރޭސް ޓީޝާޓެވެ. މި ފަހަރު ހުރިހާ ބައިވެރިން ވެސް ރަޖިސްޓްރީވީ އިރު އޮންލައިންކޮށް ފައިސާ ދައްކާފައި ވުމުން، އެސްކްޕޯގައި އިތުރު އުނދަގުލެއް ނުޖެހި ކިޓް ނަގާލެވޭނެ އެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި އޮންނާނީ މައިގަނޑު ދެ ކެގަޓަރީ އެކެވެ. އެއީ ދެ ބުރު ޖަހަން ޖެހޭ 10 ކިލޯމީޓަރުގެ ރޭހާއި އެއް ބުރު ޖަހަން ޖެހޭ ފަސް ކިލޯމީޓަރުގެ ރޭހެވެ. މީގެ ތެރެއިން 10 ކިލޯމީޓަރުގެ އޯޕަން ބައި އެކަނި ހިމެނޭއިރު ފަސް ކިލޯމީޓަރު ރޭހުގައި އޯޕަން ބައިގެ އިތުރުން 45 އަހަރުން މަތި އަދި 13 އަހަރުން ދަށުގެ ސްކޫލް ކެޓަގަރީ އާއި 13 އަހަރުން ދަށުގެ ސްކޫލް ކެޓަގަރީ ހިމެނެ އެވެ.

މި ފަހަރު އެންމެ ހާއްސަ ކަމަކީ ފަސް ކިލޯމީޓަރު ދުވުމާއި 10 ކިލޯމީޓަރު ދެ ވަގުތެއްގައި އޮތުމެވެ. އެގޮތުން ހެނދުނު 6 ޖަހާއިރު ފަށާ 10 ކިލޯމީޓަރު ރޭހުގައި ދުވުމަށް ފަހު އެ ދުވަހު ހަވީރު 4:30 ފައި ފަށާ ފަސް ކިލޯމީޓަރު ރޭހުގައި ވެސް ދުވަން ފުރުސަތު ލިބޭނެ އެވެ. މާނައަކީ ސީރިއަސްކޮށް ދުވާ ދުވުންތެރިން ޓައިމިން އަށް ބަލައިގެން ހެނދުނު 10 ކިލޯމީޓަރު ދުވެލާފައި ހަވީރު އާއިލާއާ އެކު ފަން ރަންއެއްގެ ގޮތުގައި ހަވީރު ފަސް ކިލޯމީޓަރު ވެސް ދުވުމުގެ ފުރުސަތު އޮތުމެވެ.

ރޭހުގެ ކޮންމެ ކެޓަގަރީއެއްގައި ވެސް އަންހެން، ފިރިހެން ބައި ވަކިން އޮންނައިރު ވަނަ ހޮވާނީ ވެސް ވަކިންނެވެ. އަދި ސްކޫލް ކެޓަގަރީ ފިޔަވައި އެހެން ހުރިހާ ކެޓަގަރީއަކުން ގަދަ ތިނެއް ހޮވައި ފައިސާގެ އިނާމް ދޭނެ އެވެ. ސްލޫކް ކެޓަގަރީން އެއް ވަނަ ހޯދާ ދުވުންތެރިންނަށް ޕްރައިޒް ވައުޗަރަކާއި ޓްރޮފީ އަދި މެޑަލް ލިބޭއިރު ދެ ވަނަ އަދި ތިން ވަނަ ހޯދާ ދުވުންތެރިންނަށް މެޑަލް ލިބޭނެ އެވެ.

ދިރާގުން ވަނީ 2016 ވަނަ އަހަރުން ފެށިގެން މި ރޭހަށް ހާއްސަ މޯބައިލް ފޯން އެޕްލިކޭޝަނެއް ވެސް ތައާރަފްކޮށްފަ އެވެ. އެގޮތުން ދުވުންތެރިންގެ ބިބުގައި ހަރުކޮށްފައިވާ އިލެކްޓްރޯނިކް ޗިޕް މެދުވެރިކޮށް މި އެޕްލިކޭޝަނުން ދުވުންތެރިން ދުވަމުން އަންނަ ރޫޓާއި ޓައިމިން އަދި ރޭހުގެ ކުރީގައި އުޅޭ ދުވުންތެރިންގެ ތަފްސީލް ވެސް ވަގުތުން ބަލާލެވޭނެ އެވެ. އަދި ރޫޓް މެޕާއި މޫސުމާ ބެހޭ މައުމޫލާތު ވެސް އެޕްލިކޭޝަނުން ލިބޭނެ އެވެ.

ދިރާގުން އެންމެ ފުރަތަމަ މިރޭސް 2006 ގައި ފެށީ ދިރާގު ބްރޯޑް ބޭންޑް ރޯޑް ރޭސްގެ ނަމުގަ އެވެ. ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ ނަމަށް ބަދަލުކުރުމުގެ އިތުރުން މިހާރު މިއީ ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ދުވުމުގެ ރޭހެއް ވެސް މެ އެވެ. ރޭސް ބޭއްވުމުގެ ކުރިން ދުވާ ސަރަހައްދުގެ މިން އަޅަނީ ވެސް ބައިނަލްއަގުވާމީ ސެޓްފިކެޓް އޮންނަ ތަޖުރިބާކާރުންނެވެ. ކުރިން މާލޭގައި ބާއްވަމުން އައި ރޭސް ހުޅުމާލޭގައި ބާއްވަން ފެށީ 2016 ގަ އެވެ.