ހާލަތު ގޯސްވެ ޓީސީ އާއި ވިކްޓްރީގެ ކޯޗުން އިސްތިއުފާދީފި

މާލީ މައްސަލަތަކާ ހެދި ޓީމުގެ ހާލަތު ގޯސްވުމުން، ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު އާތިފް (އާތީ) އާއި މި ފަހަރުގެ ސީޒަނަށް އެންމެ އުނދަގޫ ހާލަތެއްގައި ތައްޔާރުވި ވިކްޓްރީގެ ކޯޗު މުހައްމަދު އާދަމް މަގާމުން އިސްތިއުފާދީފި އެވެ.


ޓީސީއާ އެކު މި ފަހަރުގެ ސީޒަނަށް ކުރިމަތިލައި ޗެރިޓީ ޝީލްޑް ކާމިޔާބުކުރި ގައުމީ ޓީމުތަކަށް ކުރިން އިރުޝާދުދިން ކޯޗު އާތީ އިސްތިއުފާދިންކަން ޓީސީގެ އޮފިޝަލަކު ވަނީ "މިހާރަ"ށް ޔަގީންކޮށްދީފަ އެވެ.

އާތީ އިސްތިއުފާ ދޭން ކްލަބަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ޓީމުގެ ކުޅުންތެރިންނަށް ދިމާވެފައިވާ ކަންތައްތަކާ ހެދި އެ ކުޅުންތެރިންގެ ކުޅުމަށް އަސަރު ކުރަމުން އަންނާތީ އެ ކަމަށް ހައްލެއް ހޯދުމަށް ކްލަބްގެ ސީނިއާ މެނޭޖުމެންޓާ ވާހަކަ ދައްކައިގެން ވެސް އެކަމަށް ރަނގަޅު މަގެއް ފެނިފައިނުވާ ކަމަށެވެ. އަދި މި ވަގުތު ކުޅުންތެރިނަށް ހުރި އުނދަގޫތަކާއި އެހެނިހެން ކަންތައްތަކަށް ބަލާއިރު މި ދަނޑިވަޅުގައި ޕްރެކްޓިސްތަކެއް ކޮށްގެން އެދެވޭ ކަންތައްތަކެއް ހާސިލްކުރެވޭނެ ކަމަށް ނުދެކޭ ކަމަށް އެ ސިޓީގައިވެ އެވެ. އަދި އާތީ އަށް ވެސް މުސާރަ ދީފައިނުވާ ކަމަށް ބުނެފައިވެ އެވެ.

އެނގިފައިވާ ގޮތުގައި ޓީސީގެ މާލީ ހާލަތު ގޯސްވުމުގެ ސަބަބުން ކުޅުންތެރިންނަށް މުސާރަ ނުދެވޭތާ ގިނަ ދުވަސްތަކެއް ވެފާވާއިރު، އެ ޓީމުން ވަނީ ކުޅުންތެރިންނާ ބައްދަލުކޮށް ކްލަބް ދޫކޮށްލަން ބޭނުންވާ ކުޅުންތެރިންނަށް އެ ފުރުސަތު ދޭނެ ކަމަށް އަންގައިފަ އެވެ.

ލީގުގައި މި ވަގުތު ޓީސީ އޮތީ ކުޅުނު ހަތް މެޗުން ލިބުނު 12 ޕޮއިންޓާ އެކު ލީގުގެ ހަތަރު ވަނައިގަ އެވެ. ޓީސީ އަށް ގިނަ މައްސަލަތަކެއް ދިމާވެފައިވާއިރު، އެ ޓީމުން އޮތީ އަންނަ މަހު ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕްގައި ބައިވެރިވާން ނަން ހުށަހަޅައިފަ އެވެ. ޓީސީން ވަނީ 2017 ވަނަ އަހަރުގެ ޝެއިހް ކަމާލް ކަޕް ކާމިޔާބުކޮށްފަ އެވެ.

ޓީސީގެ އޮފިޝަލަކު ބުނީ މިހާލަތު ދިމާވުމުގެ އެންމެ ބޮޑު ސަބަބަކީ މިދިޔަ އަހަރުތަކުގައި ސަރުކާރުގެ ކުންފުނިތަކުން ދިން ފައިސާ މި އަހަރު ނުލިބުމުގެ އިތުރުުން އެ ޓީމުން ސްޕޮންސަރެއް ހޯދަން ކުރި މަސައްކަތް ވެސް ކާމިޔާބުނުވުން ކަމަށެވެ.

މި ފަހަރުގެ ސީޒަން ފެށެން ކުޑަ ދުވަސްކޮޅަކަށްވެފައިވަނިކޮށް ވިކްޓްރީ އަށް ލީގުގައި ވާދަކުރެވޭނެކަމުގެ ޔަގީންކަން ލިބުނީ މިދިޔަ އަހަރު އެ ޓީމަށް ކުޅުނު ކުޅުންތެރިންގެ މުސާރަ ދޭން އެ ކުޅުންތެރިންނާ އެކު އެއްބަސްވުމަކަށް އައިސްގެންނެވެ. އެ ހާލަތުގައި ވިކްޓްރީ އޮއްވައި ޒުވާން ކުޅުންތެރިންތަކެއް ގޮވައިގެން ނުކުމެ މުހައްމަދު ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެން މަސައްކަތްކޮށްފަ އެވެ.

ލީގުގައި އެންމެ ފަހުން ވިކްޓްރީ ކުޅުނު މެޗުތަކުގެ ކުރިން މުހައްމަދު ވަނީ އެ ޓީމުގެ ހާލަތު ގޯސްވެފައިވާ ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ. އޭރު އިސްތިއުފާ ނުދިނީ ކީއްވެތޯ ސުވާލުކުރުމުން އޭނާ ބުނީ ޓީމުގައި ތިބި ޒުވާން ކުޅުންތެރިންގެ ހައްގުގައި ކުރިއަށްދާން ބޭނުންކަމަށެވެ. އެކަމަކު އިސްތިއުފާ ދިނީ ކްލަބްގެ މެނޭޖްމަންޓާ ގުޅިގެން އެއްވެސް ކަމެއް ރަނގަޅުކުރެވޭނެ ކަމުގެ އުއްމީދެއް ނެތުމުން ކަމަށް ބުންޏެވެ.

މިދިޔަ އަހަރު މުސާރަ ނުދެވި ތަފާތު މައްސަލަތަކެއް ކުރިމަތިވެ، ދެ މެޗަކަށް ވިކްޓަރީ ހާޒިރުނުވެދިޔައިރު، އެ ޓީމުގެ ހާލަތު ރަނގަޅު ކުރަން އެފްއޭއެމުން ލޯނެއް ވެސް ދިނެވެ. ވިކްޓްރީ ހިންގުމަށް މިދިޔަ ޑިސެމްބަރު މަހު މިހާރުގެ ޗެއާމަން މުހައްމަދު ނާޝިދު (ނާޝް) އާއި ކުރީގެ ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) އަދި މުހައްމަދު ހަމީދު (އުމަރުބެ) ހަވާލުވެ ވަޑައިގެން ކްލަބް ހިންގުމުގެ މޮޑިއުލް ބަދަލުކޮށް ރަނގަޅު ކަންތައްތަކެއް ކުރާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު މިހާތަނަށް ފެނިފައިވާ މަންޒަރުތަކަށް ބަލާއިރު، ވިކްޓްރީގެ ހާލަތު އަންނަނީ އިތުރަށް ގޯސްވަމުންނެވެ. އަދި އެ ޓީމުގެ ޕްރެކްޓިސްތައް މި ސީޒަނުގައި ރަނގަޅު ގޮތެއްގައި އަދި ކުރެވިފައިވެސް ނުވެ އެވެ.

ފާއިތުވި އަހަރުތަކުގައި ސަރުކާރުގެ ކުންފުނިތަކުން ފުޓްބޯޅަ ކްލަބްތަކަށް ހަރަދުކުރި އެވެ. އެ ގޮތުން ފުރަތަމަ ޑިވިޝަންގެ ކޮންމެ ކްލަބަކަށް ތިން މިލިއަން ރުފިޔާ ދިނެވެ. މި އަހަރު ސަރުކާރު ކުންފުނިތަކާ އެކު އޭރު ހެދުނު އެސްއޯއީ އެއްބަސްވުންތައް އާ ނުކުރަން ނިންމުމުން ދެން ކްލަބްތަކަށް ފައިސާ ދޭން ނިންމީ އެފްއޭއެމުންނެވެ. އެފްއޭއެމުން މިދިޔަ މާޗް މަހު ފާސްކުރި ބަޖެޓުގައި، ކްލަބްތަކަށް ދޭ މާލީ އެހީތެރިކަމުގެ ގޮތުގައި 30 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ. އެއީ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ކޮންމެ ޓީމަކަށް ތިން މިލިއަން ރުފިޔާގެ އުސޫލުން ކަމަށް ބެލެވެ އެެވެ.

އެފްއޭއެމުން މިހާތަނަށް ކްލަބްތަކަށް ކޮންމެވެސް ވަރަކަށް ފައިސާ ދީފައިވާއިރު، ގިނަ ކްލަބްތަކަށް ވަނީ މުސާރައިގެ މައްސަލަތައް ކުރިމަތިވެފަ އެވެ. މި ފަހަރުގެ ސީޒަނަށް ތައްޔާރުވުމަށް ކްލަބްތަކަށް މާލީ ގޮތުން ދަތިވެފައިވަނިކޮށް ސްޕޯޓްސް މިނިސްޓްރީ ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ގުއާމާއި ޗައިނާއާ ދެކޮޅަށް ކުޅޭ ދެ މެޗަށް ލީގު މެދުކަނޑާލުމަށް ފަހު ބުދަ އަލުން ފަށާނެ އެވެ. ބުދަ ދުވަހު ހަވީރު ކުޅޭ މެޗުގައި އީގަލްސް ނުކުންނާނީ ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށެވެ. އަދި ބުދަ ދުވަހުގެރޭ މާޒިޔާ ބައްދަލުކުރާނީ ދަ ގްރާންޑޭއާ އެވެ.