ގައުމީ ޓީމާ އެކު ނުދިޔުމުން ރިޒޭ އާއި ސެންޓޭ އަށް ބޮޑު ޖޫރިމަނާއެއް

ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި މި މަހު ފަސް ވަނަ ދުވަހު ގުއާމާ ދެކޮޅަށް ކުޅުނު މެޗަށް ގައުމީ ޓީމާ އެކު، އަމިއްލަ ސަބަބެއްގައި ނުދިޔަ ކްލަބް އީގަލްސްގެ ދެ ކުޅުންތެރިން ކަމަށްވާ އަހުމަދު ރިޒުވާން (ރިޒޭ) އާއި އަލީ ފާސިރު (ސެންޓޭ) ޖޫރިމަނާކުރަން އެފްއޭއެމުން ނިންމައިފި އެވެ.


އެފްއޭއެމުން މައްސަލަ ބެލުމަށް ފަހު ނިންމާފައިވަނީ ރިޒޭ އާއި ސެންޓޭ، ކޮންމެ ކުޅުންތެރިއަކު 50،000 ރ. އިން ޖޫރިނަމާކުރުމަށެވެ. އަދި މި ފައިސާ ނުދައްކަނީސް އެފްއޭއެމްގެ އެއްވެސް މުބާރާތެއްގައި މި ކުޅުންތެތިންނަށް ނުކުޅެވޭނެ ކަމަށް ވަނީ އަންގައިފަ އެވެ.

ގުއާމަށް ދިއުމަށް އެމެރިކާ ވިސާ ނަގަން ސްރީ ލަންކާގައި ދިގު މުއްދަތަކަށް ތިބެން ޖެހޭތީ ގައުމީ ޓީމު މިދިޔަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން އޮތީ އެ ގައުމުގައި ކޭމްޕްކޮށްފަ އެވެ. އެ ގައުމުގައި ކޭމްޕް ކުރުމަށް މިދިޔަ މަހު 13 ވަނަ ދުވަހު ގައުމީ ޓީމު ފުރިއިރު، އެ ދުވަހު ސެންޓޭ އާއި ރިޒޭ ޓީމާ އެކު ދާން އޮތް ނަމަވެސް އެ ދެ ކުޅުންތެރިން ނުދެ އެވެ. އެފްއޭއެމުން އެ ދުވަހު ބުނީ އެ ދެ ކުޅުންތެރިން އަމިއްލަ ސަބަބަކާ ހުރެ ޓީމާ އެކު ދެވެން ނެތް ކަމަށް އަންގާފައިވާ ކަމަށެވެ. އެ މައްސަލައިގައި އެ ދުވަހު ގައުމީ ކޯޗު ޕީޓަ ސެގާޓް ވެސް މާ ބޮޑަށް ވާހަކައެއް ނުދައްކަ އެވެ.

އެފްއޭއެމުން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ ރިޒޭ އާއި ސެންޓޭގެ މައްސަލަ ބެލުމަށް ފަހު ކޮންމެ ކުޅުންތެރިއަކު ޖޫރިމަނާކުރަން ނިންމީ ކަމަށެވެ.

"ރާއްޖޭގެ ގައުމީ ޓީމަށް މި ދެ ކުޅުންތެރިން ނެގުމުން އެކަށީގެންވާ އުޒުރެއްނެތި ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިނުވުމަކީ މި އެސޯސިއޭޝަނުން ބަލައިގަންނާނެ ކަމެއް ނޫން ކަން ދަންނަވަމެވެ." އެފްއޭއެމުން ނެރުނު ބަޔާނުގައިވެ އެވެ.

ޖޫރިމަނާ ފައިސާ ނުދައްކައި އެފްއޭއެމްގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭނެކަން އަންގާފައިވާއިރު، ރިޒޭ އާއި ސެންޓޭ ކުޅެމުން އަންނަ އީގަލްސް ދިވެހި ޕްރިމިއާ ލީގުގައި ބުދަ ދުވަހު ހަވީރު ޔުނައިޓެޑް ވިކްޓްރީއާ ބައްދަލުކުރާނެ އެވެ.

ސެންޓޭ އަކީ ނިމިދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ކުޅުންތެރިޔާ އެވެ. އަދި މި ވަގުުތު ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން އެންމެ ސިނިއާ ކުޅުންތެރިންގެ ތެރޭގައި ވެސް ސެންޓޭ ހިމެނެ އެވެ. މިދިޔަ އަހަރު ގައުމީ ޓީމުން ސާފް ސުުޒުކީ ކަޕްގެ ތަށި އުފުލާލި ފައިނަލުގައި ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އަށް އަނިޔާވުމުން ފައިނަލުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ސެންޓޭ ވަނީ އެ މެޗުގައި ލަނޑު ޖަހައިފަ އެވެ.

މެދުކެނޑުމަކަށް ފަހު ރިޒޭ އަލުން ގައުމީ ޓީމުގައި ހިމެނުނީ މިދިޔަ އަހަރު ނޮވެމްބަރު މަހު މެލޭޝިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗަށެވެ. މިދިޔަ އަހަރު ރާއްޖޭން ސަރަހައްދުގެ ޗެމްޕިއަންކަން ދެ ވަނަ ފަހަރު ހޯދި ސްކޮޑުގައި ރިޒޭ ނުހިމެނުނު ނަމަވެސް އޭނާ ވަނީ ދާދި ފަހުން ކުޅުނު އައިއޯއައިޖީގައި ގައުމީ ޓީމުގައި ހިމެނިގެން މެޗު ކުޅެފަ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ގުއާމް އަތުން 1-0 އިން ރާއްޖެ މޮޅުވި ނަމަވެސް ދެ ވަނަ މެޗުގައި މާލޭގައި ޗައިނާ އަތުން ވަނީ 5-0 އިން ބަލިވެފަ އެވެ. ޗައިނާ މެޗަށް ފަހު ސެގާޓް ވަނީ ޓީމުގެ ބައެއް މުހިއްމު ކުޅުންތެރިން ޓީމާ ދުރުގައި ހުރި ކަމަށް ބުނެފަ އެވެ. އަދި އެ ކުޅުންތެރިންނަށް ފުރުސަތު ދިނުމާ ބެހޭގޮތުން ވަކި ގޮތެއް ނުނިންމާނެ ކަމަށް ބުންޏެވެ. ސެގާޓްގެ ވާހަކައިގައި އިޝާރާތްކުރީ ސެންޓޭ އާއި ރިޒޭ އަށް ކަމަށް ބެލެވެ އެވެ.

ދުނިޔޭގެ ފުޓްބޯޅައިގައި ގައުމީ ޓީމުތަކުގައި ހިމެނުމުން ދާން ދެކޮޅު ހަދާފައިވާ ކުޅުންތެރިންނަށް ވަނީ އެކި އަދަބުދީފަ އެވެ. ބައެއް ގައުމުތަކުގައި ޖޫރިމަނާ ކުރުމަށް ފަހު ވަކި މުއްދަތަކަށް ޓީމުން ބާކީ ވެސް ކުރެ އެވެ.

ކޮލިފައިންގައި ރާއްޖެ ދެން ކުޅޭ މެޗުގައި އަންނަ މަހު 10 ވަނަ ދުވަހު ބައްދަލުކުރާނީ ސީރިއާއާ އެވެ. ސީރިއާގެ ހޯމް މެޗުތައް ސަލާމަތީ ސަބަބުތަކާ ހުރެ އެ ގައުމުން ބޭރުގައި ކުޅޭއިރު، މި މެޗު ކުޅެން ހަމަޖައްސާފައިވަނީ ޔޫއޭއީގަ އެވެ.