ފުޓްބޯޅަ ކްލަބްތައް ބިކަވުން: ނުރައްކަލުގެ ރަނގަބީލެއް!

"އަހަންނަށް ރާއްޖޭގެ ލީގާ ބެހޭގޮތުން އެއްޗެއް ބުނަން ނޭނގޭ. ޔަގީނުން ވެސް އެނގޭ ކަމަކީ ރަނގަޅު (ގައުމީ) ޓީމެއް އޮންނަން ވަރުގަދަ ލީގެއް ބޭނުންވޭ،"


މިއީ ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ ހަފުތާގައި ރާއްޖެ އަތުން 5-0 އިން މޮޅުވި ޗައިނާ ޓީމުގެ ކޯޗު މާސެލޯ ލިއްޕީ ބުނި ވާހަކަ އެކެވެ. އިޓަލީ އަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދީފައިވާ ލިއްޕީ ރާއްޖޭގެ ހާލަތު އެންމެ ފުރިހަމަ އަށް ނޭނގިހުރެ ވެސް އެ ދިނީ މާނަފުން މެސެޖެކެވެ. އެއީ ގައުމެއްގެ ލީގު ގޯސް ހާލަތެއްގައި އޮއްވައި އެ ގައުމެއްގެ ފުޓްބޯޅަ އަށް ކުރެވޭނެ މާ ބޮޑު ކަމެއް ނޯންނާނެ ވާހަކަ އެވެ.

ރާއްޖޭގެ ފުޓްބޯޅައިގައި އޮތް ޒަމާންވީ ފޯރި ނެތި ގޮސް މިހާރު މަންޒަރު އެއްކޮށް ވަނީ ބަދަލުވެފަ އެވެ. ފަޅު ސްޓޭޑިއަމެއްގައި މެޗުތައް ކުޅެމުންދާއިރު، މިހާރު މިސްރާބު ހުރީ ކަންބޮޑުވާން ޖެހޭ ދިމާލަކަށެވެ. މާލީ މައްސަލަތައް ފުނިޖެހި ފުޓްބޯޅަ ކްލަބްތަކަށް ކުރިއަށްދެވޭނެ މަގެއް ނެތުމުގެ ސަބަބުން ޓީމުގެ ކުޅުންތެރިންނާއި ކޯޗުން ގޮތް ހުސްވާ ހިސާބަށް ވަނީ ގޮސްފަ އެވެ.

ރާއްޖޭގެ ފުޓްބޯޅަ އެއް ޖީލުން އަނެއް ޖީލަށް ފޯރުކޮށްދިނުމުގައި އިސް ރޯލެއް އަދާކުރި ތިން ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓާއި ވެލެންސިއާ އަދި ވިކްޓްރީ އޮތީ ފުޓްބޯޅައިން އެ ކްލަބްތައް ފޮހެވި ދާ ހިސާބުގަ އެވެ. ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި އެފްއޭއެމުން ނިއު ސަސްޕެންޑްކޮށްފައި އޮތްއިރު، މާލީ މައްސަލަތަކެއްގެ އަނދަވަޅަކަށް ވެއްޓިފައި އެތައް އަހަރެން ވަންދެން އޮތް ވެލެންސިއާ މިހާރު ވަނީ ރެލިގޭޓްވެފަ އެވެ. ވިކްޓްރީ ފުރަަތަމަ ޑިވިޝަނުގައި ވާދަކުރި ނަމަވެސް މިސްރާބު ގެއްލިފައިވާ އޮޑިއެކޭ އެއްފަދަ އެވެ.

ރާއްޖޭގެ ފުޓްބޯޅަ ފޯމެޓް ލެބޯޓަރީއެއްގައި ބާއްވައިގެން ތަހުލީލު ކުރާތާ އެތައް އަހަރެއްވެއްޖެ އެވެ. މި އަހަރަކީ މުޅިން އާ ތަހުލީލެއް ކޮށް ބޮޑު ބަދަލެއް ގެނައި އަހަރެކެވެ. ކްލަބްތަކާ މަޝްވަރާ ކުރުމަށް ފަހު ޖޫން މަހު ފުޓްބޯޅަ ސީޒަން ފަށަން ނިންމީ ވަރަށް ގިނަ އުއްމީދީ ވާހަކަތަކެއް ދައްކައިފަ އެވެ. ގާތްގަނޑަކަށް ހަ މަސް ދުވަހަށް ފުޓްބޯޅަ މެދުކަނޑާލައިގެން ތިބެ ދެއްކީ ފުޓްބޯޅައިގައި ހުރި މައްސަލަތައް ހައްލުކޮށްގެން އާ ފެށުމަކުން ފަށާ ވާހަކަ އެވެ. އެކަމަކު އެ އިޝާރާތްކުރި ހަ މަސް ނިމި ފުޓްބޯޅަ ސީޒަން ފަށައިގެން ފުރަތަމަ މަސްތަށް ގުނަމުންދާއިރު ފެންނަން އޮތް ހަގީގަތަކީ ކަންތައްތައް ދިޔައީ ދެއްކި ވާހަކައާ ހިލާފަށް ކަމެވެ. ފުޓްބޯޅަ އަށް ވީ ފައިދާތަކެއް ފެންނަން ނެތް ކަމެވެ. ގަދަ ކަނޑެއްގައި ފުޓްބޯޅަ ކްލަބްތައް ފަތަން ޖެހިފައި އޮތް މަންޒަރެވެ.

މިދިޔަ މާޗް މަހު ބޭއްވި އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގެ ފުޓްބޯޅަ ސީޒަނަށް ބަދަލު ގެންނައިރު މީގެ ކުރިން އެކަން އާންމުކުރުމަށާއި ގެންނަ ބަދަލުތައް އޮޅުން ފިލުވައިދޭން އެފްއޭއެމުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަ އެވެ. މި ފަހަރުގެ ސީޒަނަށް ބޮޑު ބަދަލެއް ގެނައިރު އެކަމެއް ވެސް ނެތެވެ. ފޯމެޓަށް ގެނައި ބަދަލުތައް ކްލަބްތަކަށް ވެސް ރަސްމީ ވެގެންދިޔައީ ފަހު ވަގުތު އެވެ. ބައެއް ޓީމުތަކަށް ލީގުގައި ކުޅެވޭނެކަން ވެސް އެނގުނީ ލީގު ފަށަން 24 ގަޑިއިރަށް ވުރެ ކުޑަ ވަގުުތުކޮޅަކަށް ވެފައި ވަނިކޮށެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ވާދަކުރަން ޖެހޭތީ އެފްއޭއެމްގެ އަހަރީ ކަލަންޑަރު ނިންމުން ދުވަހެއް ދުވަހަކަށް ލަސްވަމުން ގޮސް އެންމެ ފަހުން ސީޒަން ފެށިފައިވަނިކޮށް އެކަން ކުރެވުނުއިރު، މިހާރު އޭގެ ގޯސް އަސަރު ފުޓްބޯޅައިން ވަނީ ފެންނަން ފަށައިފަ އެވެ. ރާއްޖޭގެ އެންމެ ބޮޑު ލީގު ފެށިގެން އަދި ފުރަތަމަ ބުރުގެ ކުޅުން ނުނިމި އޮތްއިރު، ގައުމީ ޓީމަށް ވަގުތު ދޭން ދެ ބްރޭކެއް ނަގައި 50 ދުވަހަށް ވުރެ ގިނަ ދުވަހު ކްލަބްތައް މެޗު ނުކުޅެ އޮވެ މުބާރާތުގައި އޮތް ފޯރި ވެސް ހީނަރުވެ، މައްސަލަތައް ފެންމަތިވާން ފަށައިފި އެވެ.

"ބޮޑު 60 ދުވަހުގެ ދުވަހުގެ ބްރޭކެއް ލިބިއްޖެ. ކުޅުންތެރިންނަށް ޕްރެކްޓިސް ކުރާތީ ވެސް މުސާރަ ދީގެން އުޅެން ޖެހިއްޖެ. މާލީ ސަބަބުތަކާ ހުރެ ދެ ކްލަބެއްގެ ކޯޗުން ޓީމު ދޫކޮށްލައިފި. ދެ ޓީމެއް ނަގާފައި ދެން އޮތް ހުރިހާ ޓީމެއް މި އޮތީ ކުރިއަށް އޮތް މަސްތަކުގައި ޓީމުގެ ހާލަތު އޮންނާނެ ގޮތެއް ނޭނގި ގޮތް ހުސްވެފައި،" ކްލަބެއްގެ އޮފިޝަލަކު މި ވަގުތު ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުގެ ހާލަތާ ބެހޭގޮތުން ބުންޏެވެ.

"ގައުމީ ޓީމަށް ވަގުތު ދޭން ބްރޭކްތައް ނަގާއިރު މީގެ ޕްލޭނެއް އޮތްކަން ވެސް އެނގެންޖެހޭ. އެކަމަކު ވަގުތު އައިސްޖެހުނީމަ އެކަން އެނގެނީ. މިހާރު ގުއާމާއި ޗައިނާ މެޗަށް 40 ދުވަހަށް މެދުކަނޑާލާފައި އަލުން ފަށާއިރު އަނެއްކާ ދެ މެޗެއް ކުޅެފައި 10 ދުވަހުގެ ބްރޭކެއް ނަގަން މި ކިޔަނީ ސީރިއާ (ވޯލްޑް ކަޕް ކޮލިފައިން) މެޗަށް. ދެން އަނެއްކާ ބްރޭކެއް ނަގަން އެ ކިޔަނީ އޮކްޓޫބަރު މަހުގެ ފަހުކޮޅު ދެން އޮތް ވޯލްޑް ކަޕް މެޗުތަކަށް. މީގައި ދެން ލީގު ކުޅޭނެ އޮތީ މަދު ދުވަހެއް."

ކްލަބްތަކަށް ވީ ކިހިނެއް؟

ސަރުކާރުގެ އިސްނެގުމާ އެކު 2017 ވަނަ އަހަރު ފެށި ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) އެސިސްޓަންޓްސް ޕްރޮގްރާމުގެ ދަށުން ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ކޮންމެ ޓީމަކަށް ދެ މިލިއަން ރުފިޔާ ދެ އެވެ. އަދި ޕްރިމިއާ ލީގަށް ހޮވިއްޖެނަމަ އިތުރު އެއް މިލިއަން ރުފިޔާ ދެ އެވެ. އެސްއޯއީގެ ތެރެއިން ސަރުކާރު ހިއްސާވާ 12 ކުންފުނި މެދުވެރިކޮށް 26 މިލިއަން ރުފިޔާ އަހަރަކު ފުޓްބޯޅަ އަށް ހަރަދުކުރާ ގޮތަށް އެއްބަސްވުމުގައިވެ އެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ދެ އަހަރެއްހާ ދުވަހު ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކުން ފުޓްބޯޅަ އަށް ކުރި ހަރަދުތައް 60 މިލިއަން ރުފިޔާއާ ގާތްކުރާނެ އެވެ.

އެސްއޯއީ އެއްބަސްވުމުގެ ތެރެއިން ކްލަބްތަކުން ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދޭނެ މަގެއް ތަނަވަސްކުރުމަކީ އެކަމަކު ބޮޑު ފައިދާއެއް ދުރު މުސްތަގުބަލުގައި ފުޓްބޯޅަ އަށް ކުރާނެ ކަމެއްގެ ގޮތުގައި އޭރު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވި އެވެ. އެކަމަށް އޭރު ކްލަބްތަކުން އާ ބަސް ބުނި ނަމަވެސް ހަގީގަތަކީ އޭގެ އިން އެ ބޭނުންވި ވަރުގެ މަންފާއެއް ނުކުރި ކަމެވެ. މިދިޔަ އަހަރުގެ ނިޔަލަށް އެސްއޯއީ އެއްބަސްވުން ހަމަވިއިރު، ވެސް ގިނަ ކްލަބްތައް އޮތީ މާލީ ގޮތުން މައްސަލަ ގަނޑެއްގެ ތެރޭގަ އެވެ. އަދި ބައެއް ކްލަބްތައް އޮތީ ބޮޑެތި އަދަދުތަކުން ކުޅުންތެރިންނަށް ދަރާފަ އެވެ.

މި ފަަހަރުގެ ފުޓްބޯޅަ ސީޒަނަށް ކްލަބްތަކުން ތައްޔާރުވުން ފަށައިގެން އެންމެން ތިބީ އެސްއޯއީ އެއްބަސްވުން އާ ކުރާނެ ދުވަހެއްގެ އިންތިޒާރުގަ އެވެ. އެސްއޯއީ ލިބޭނެ ކަމަށް ސަރުކާރުން އެކި ފަހަރު ބުނި ނަމަވެސް އެފްއޭއެމްގެ ލީޑަޝިޕް ބަދަލުކުރުމަށް ނިއު އާއި ވިކްޓްރީން ކުރި މަސައްކަތުގެ ތެރެއިން ސްޕޯޓްސް މިނިސްޓްރީ އާއި އެފްއޭއެމްގެ ކޯޅުން ބޮޑުވެ، އެސްއޯއީ ފައިސާ ކްލަބްތަކަށް ލިބުމުގެ ދޮރު އެއްކޮށް ކަހަލަ ގޮތަކަށް ބަންދުވީ އެވެ. ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ ފުޓްބޯޅަ ކްލަބްތަކަށް އެސްއޯއީން ފައިސާ ދެމުން ދިޔައީ އެއްވެސް އުސޫލެއްގެ ތެރެއިން ނޫން ކަމަށާއި އެންމެ ރަނގަޅު ގޮތަކީ ހުރިހާ ކުޅިވަރަކަށް ވެސް އެސްއޯއީގެ ފައިސާ ލިބުން ކަމަށެވެ.

އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ސްޕޯޓްސް މިނިސްޓަރު މަހުލޫފް (ކ) އާއި އެފްއޭއެމްގެ ރައީސް ބައްސާމް ސަލާމްކުރަނީ. -- ފޮޓޯ: އެފްއޭއެމް

"ހަގީގަތަކީ އެސްއޯއީ ފައިސާ އަކީ ކްލަބްތަކަށް އައި އިންގިލާބީ ކުރިއެރުމެއް. އޭގެން އެ ދުވަސްވަރު ރަނގަޅަށް މަސައްކަތްކުރި ކްލަބްތައް އެބަހުރި ހިނގާފައި. ކާމިޔާބު ވެސް ހޯދި. އެކަމަކު ނާޖާއިޒު ފައިދާ ނެގި މީހުން ވެސް އެބަތިބި. އެއީ ގޯސްވި އެއް ހިސާބު. އެސްއޯއީ ނުލިބި ދެން ފުޓްބޯޅަ ކުރިއަށްދާން އުނދަގޫވެފައި އޮތީ. އެއީ އަސްލު މި އަހަރު ފެށުން ގޯސްވި ހިސާބު،" ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ ކްލަބެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތަކުން ބުންޏެވެ.

ކްލަބްތަކުން އެހީއެއް ލިބޭނެ ކަމުގެ އިންތިޒާރުގައި ތިއްބާ އެފްއޭއެމުން އެންމެ ފަހުން ނިންމީ ބޮޑު ރިސްކެއް ނެގުމަށް ފަހު ވިޔަސް ފުޓްބޯޅަ ކްލަބްތަކަށް އެފްއޭއެމުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އަދި ސްޕޮންސަރުން މެދުވެރިކޮށް އެފްއޭއެމަށް ލިބޭ ފައިސާ އިން ކްލަބްތަކަށް 30 މިލިއަން ރުފިޔާ ދޭ ގޮތަށް މިދިޔަ މާޗް މަހުގައި ފާސްކުރި އެފްއޭއެމްގެ ބަޖެޓްގައި ހިމެނި އެވެ. އޭރު އަަތަށް ނުލިބި ހުރި ފައިސާ ނަމަވެސް އެފްއޭއެމުން ބުނީ ކްލަބްތަކަށް ދެރަގޮތެއް ވިޔަ ނުދެން ހުރިހާ ގޮތަކުން މަސައްކަތް ކުރާނެ ކަމަށެވެ. އެކަމަކު ސީޒަން ފަށައިގެން ފުރަތަމަ ފަސް މަސް ނިމިގެންދާއިރު، އެފްއޭއެމާއި ސްޕޯޓްސް މިނިސްޓްރީން ކޮންމެވެސް ވަރެއްގެ މާލީ އެހީތެރިކަމެއް ފޯރުކޮށްދިން ނަމަވެސް ދެ ކްލަބެއް ނޫނީ ހުރިހާ ޓީމެއް މި އޮތީ މާލީ އުނދަގުލެއްގެ ތެރޭގަ އެވެ.

އެފްއޭއެމާއި ސްޕޯޓްސް މިނިސްޓްރީ ނުލައި ކްލަބްތަކަށް ދެން ފައިސާ ހޯދޭނެ މަގަކަށް އޮތީ ކުންފުނިތައް މެދުވެރިކޮށެވެ. އެކަމަކު އެ ފުރުސަތު ވެސް މިހާރު އޮތީ ހަނިވެފަ އެވެ. ކްލަބެއްގެ އޮފިޝަލަކު "މިހާރަ"ށް ބުނީ ސަރުކާރުގެ ރުހުން ނެތި ފުޓްބޯޅަ ޓީމުތަކަށް މިހާރު މާލީ އެހީތެރިކަން ދެވެން ނެތް ކަމަށެވެ.

"ސްޕޮންސަރުން ގާތަށް ވެސް ގޮސްފިން. އެކި ކަހަލަ ޖަވާބު ލިބެނީ. ސަރުކާރުގެ ހުއްދަ ނެތި ކްލަބްތަކަށް ފައިސާ ދެވެން ނެތް ކަމަށް ވެސް ބުނެފައި އެބަހުރި. މީގައި ހައްލެއް ނުފެނި ގިނަ ކްލަބްތަކާއި ކުޅުންތެރިން ބިކަ ހާލުގައި ޖެހުމުގެ ފުރުސަތު ބޮޑު،" އޭނާ ބުންޏެވެ.

މާލީ މައްސަލަތަކުގެ ސަބަބުން މިދިޔަ އަހަރުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބުން ކޯޗެއް ނެތި މި ވަގުތު އޮތްއިރު، އެ ކްލަބުން ވަނީ ކުޅުންތެރިން ވެސް ބޭނުންނަމަ ކްލަބް ދޫކޮށްލުމުގެ ފުރުސަތު ދީފަ އެވެ. ޓީސީން ބުނީ އެ ޓީމަށް މިދިޔަ އަހަރުތަކުގައި ރަނގަޅަށް ހިންގުނީ އެސްއޯއީ ފައިސާ ލިބިގެން ކަމަށާއި މިހާތަނަށް އެ ކްލަބަށް އެފްއޭއެމުން ދިން އެހީތެރިކަން ފާހަގަކުރާ ކަމަށެވެ.

ރާއްޖޭގެ އެންމެ ޒަމާންވީ ޓީމަކަށް މި ވަގުތު ފުރަތަމަ ޑިވިޝަނުގައި އޮތް ވިކްޓްރީގެ ކޯޗު މުހައްމަދު އާދަމް އިސްތިއުފާ ދިނުމުގެ ކުރިން މީޑިއާގައި ދެއްކި ވާހަކަތަކަށް ބަލާއިރު، އެ ކްލަބް ހިންގުމުގެ ޝައުގުވެރިކަން އެ ކްލަބްގެ މެނޭޖްމަންޓުގެ މެދުގައި އޮތީ ގެއްލިފަ އެވެ. އަދި އެ ޓީމު މިސްރާބު ޖަހާފައި އޮތީ ރެލިގޭޝަނާ ދިމާލަށް ކަމަށް ދޭހަވާ އިބާރާތުން މެނޭޖްމަންޓުން ވާހަކަ ދެއްކުމުން އެކަމާ މާޔޫސްވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ރާއްޖޭގައި މި ވަގުތު އެންމެ ރަނގަޅަށް ހިންގާ ކްލަބަކީ މާޒިޔާ އެވެ. އެ ޓީމުން ބަރާބަރަށް ކުޅުންތެރިންނަށް މުސާރަ ދީ އެހެން ކަންތައްތައް ފުރިހަމަކޮށްދޭ ކަމަށް ފުޓްބޯޅައިގައި އުޅޭ އެންމެން އިއްތިފާގުވެ އެވެ. އަދި އެ ޓީމުގެ ކިބައިން މިސާލު ނެގުމަށް ވެސް ފުޓްބޯޅަ ކޯޗުން، ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބުނެފައިވެ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ސަޕޯޓަރަކު ރާްއްޖޭގެ ދިދަ ހިފައިގެން. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އިންޑިއާގެ ޔޫތު މުބާރާތެއް މާޒިޔާ އިން ދާދި ފަހުން ކާމިޔާބުކުރިއިރު، އެކަމުގެ އުފާފާޅުކުރުމުގެ ތެރެއިން މާޒިޔާގެ ޗެއާމަން އަހުމަދު ސާޖިދު ވިދާޅުވީ ފުޓްބޯޅަ ކުރިއަރުވަން އެންމެން ބައިވެރިވެގެން މަސައްކަތްކުރަން ޖެހޭ ކަމަށާއި އަމިއްލަ ފަރުދުންނަށް އަބަދު މިކަން ނުކުރެވޭނެ ކަމަށާއި ސަރުކާރާ އެހެނިހެން ފަރާތްތަކުގެ އެއްބާރުލުން ވެސް ބޭނުންވާ ކަމަށެވެ.

ދުނިޔޭގެ ހުރިހާ ގައުމަކަށް ބަލާއިރު ވެސް ގިނަ ބަޔަކު ފުޓްބޯޅަ އަށް ޝައުގުވެރިކަން ބޮޑުވަނީ އޭގެން ލިބޭ ފައިދާތައް ނުހަނު ބޮޑުކަމުންނެވެ. ސްޕޯޓްސް މިނިސްޓްރީގެ އެކްޓިން މިނިސްޓަރުގެ ގޮތުގައި ހުރެ ޓޫރިޒަމް މިނިސްޓަރު އަދި ނިއުގެ ކުރީގެ ޗެއާމަން އަލީ ވަހީދު (ބަލަކް) ވިދާޅުވި ގޮތުގައި ދިވެހި ރާއްޖޭގެ ފުޓްބޯޅައިގެ ކަންތައްތައް ވަކި ގޮތެއް ހަދައިގެން ރަނގަޅުވާނެ ބުނެ ގޮތެއް ކިޔޭނެ އެކަކު ވެސް ނެތް ކަމަށެވެ. ހައްލެއް ލިބެން އޮތީ މީގެ ޝާމިލުވާ އެންމެން އެއް ފުރާޅެއްގެ ދަށަށް އައިސް މަޝްވަރާކޮށްގެން ކަމަށާއި އެންމެން އެއް މިސްރާބެއްގައި ތިބެގެން ފުޓްބޯޅަ ކުރިއަރުވަން މަސައްކަތްކޮށްފިނަމަ ކާމިޔާބު ކުރެވޭނެ މަގުތައް ކޮށޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ސަރަހައްދުގެ އެހެން ގައުމުތަކަށް ނަޒަރު ހިންގާލާއިރު، އިންޑިއާ ފުޓްބޯޅަ ގޯސް މިސްރާބަކަށްދާތީ އެކަމުގައި ޝާމިލުވާ އެކި ފަރާތްތަކުން ކުރެވޭނެ ހުރިހާ މަސައްކަތެއް ކުރި އެވެ. ހަމައެކަނި ވަކި ބަޔަކަށް ބަރޯސާވެގެން ތިބުމުގެ އުސޫލު ދޫކޮށްލި އެވެ. ކްރިކެޓަށް މަރުދޭ ގައުމެއްގައި އޮތް އިންޑިއާ އިން ސުޕަ ލީގެއް އުފައްދައި ފުޓްބޯޅައިގެ ނަން ހިނގާ ގައުމުތަކުގެ ލިސްޓަށް އެރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ލިއްޕީ ބުނި ގޮތަށް ވަރުގަދަ ލީގެއް އޮތުމުގެ ނަތީޖާ އެ އޮތީ އިންޑިއާ އިން ފެންނާށެވެ. ކްލަބް ފުޓްބޯޅަ ގޯސް އަތަށް ދިއުމުން ފުޓްބޯޅައިގައި ބިކަވެފައި އޮތް ލަންކާ އާއި ޕާކިސްތާންގެ ހާލަތުން ރާއްޖެ އިބްރަތް ހޯދަން ވެސް ޖެހެ އެވެ.

ރާއްޖޭގެ ފުޓްބޯޅަ ނާއުއްމީދު ވާ ދަނޑިވަޅަކަށް ވެއްޓިގެންދާ މަންޒަރު ބަލަން އުނދަގޫ ގިނަ ބަޔަކު މި ގައުމުގައި ތިބޭނެ ކަން ޔަގީނެވެ. ފުރަތަމަ ސަޕޯޓަރުން ދިވެހި ދަނޑުތަކުން ގެއްލި ދިޔަ ގޮތަށް ކްލަބްތައް ވެސް ފުޓްބޯޅަ އިން ނެތިދިއުމުގެ ބިރު ހީވުމަކީ މި ކުޅިވަރަށް އޮތް ބޮޑު ނުރައްކަލެކެވެ. މިއީ މި ކުޅިވަރު ސަލާމަތްކުރަން އެއް ގަލަކަށް އަރަންވީ ވަގުތެވެ. ވާނެ ގޮތެއް ވާން ދޫކޮށްލައިގެން ތިއްބާ މާ ލަސްވެ، ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބިގެންދިއުމަކީ މި ކަމުން ކުރިއަށްދާން ތިބި އެތައް ޒުވާނުންގެ ހުވަފެންތައް މަރާލުމެވެ.