ލިމިޓެޑް އޯވާ ކްރިކެޓް މުބާރާތް މި ފަހަރު ބަދަލުތަކާ އެކު

މޯލްޑިވްސް ގޭސް އިން ސްޕޮންސާކޮށްފައިވާ، ގައުމީ ކްރިކެޓް މުބާރާތް (ލިމިޓެޑް އޯވާ ކްރިކެޓް މުބާރާތް) ހުކުރު ދުވަހު ފަށަން ތައްޔާރުވެފައިވާއިރު މި ފަހަރުގެ މުބާރާތް ހާއްސަކޮށްފައިވަނީ ދިވެހި ކުޅުންތެރިންނަށް ކަމަށް ކްރިކެޓް ބޯޑުން ބުނެފި އެވެ.


ކްރިކެޓް ބޯޑުގެ ރައީސް އަދި ކުރީގެ މަޝްހޫރު ކުޅުންތެރިޔާ މުހައްމަދު އަފްލާހް (އަފޫ) ވިދާޅުވީ ކޮންމެ ޓީމެއްގައި މި ފަހަރު ޖެހޭނީ ބިދޭސީ ދެ ކުޅުންތެރިންގެ ނަން ކަމަށާއި، ބޭނުންވަނީ ވީހާ ވެސް ގިނަ ދިވެހި ކުޅުންތެރިންނަށް ފުރުސަތު ދިނުން ކަމަށެވެ.

"ދިވެހި ކުޅުންތެރިންނަށް މެޗު ކުޅުމުގެ ވީހާ ވެސް ގިނަ ފުރުސަތު ހޯދައިދީ އަދި އެ މެޗުތަކުގައި ދައްކާ ކުޅުމަށް ބެލުމަށް ފަހު ގައުމީ ޓީމު އެކުލަވާން އަޅުގަނޑުމެން ބޭނުންވަނީ. މި މުބާރާތް ހާއްސަކޮށްފައިވަނީ ދިވެހި ކުޅުންތެރިންނަށް. އެކަމަކު ފޯރިގަދަކުރުމުގެ ގޮތުން، ކޮންމެ ޓީމަކަށް ބިދޭސީ ދެ ކުޅުންތެރިން ޖެހުމުގެ ފުރުސަތު ލިބޭނެ،" އަފްލާހު ވިދާޅުވި އެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމުގެ އިތުރުން ކޮންމެ މެޗަކުން މޮޅުވާ ޓީމަކަށް ވެސް ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތަށް ހަމަޖެއްސީ، ކްރިކެޓް ބޯޑުން ބުނި ގޮތުގައި ކްލަބްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން މެޗުތައް ވީހާ ވެސް ވާދަވެރިކުރުމަށެވެ.

ފަންސާސް އޯވަރަށް ކުޅޭ މި މުބާރާތުގައި، ވާދަކުރަނީ މިލާން ކްރިކެޓް އެކަޑަމީ އާއި މާލޭ ސްޕޯޓްސް އާއި ނިއު ސްޓާގެ އިތުރުން ސީބީއެލް ސްޕޯޓްސް އެވެ. މި މުބާރާތް ކުރިއަށްދާނީ މޯލްޑިވްސް ގޭސް ލިމިޓެޑް އޯވާ ކްރިކެޓް މުބާރާތުގެ ނަމުގަ އެވެ.

ކްރިކެޓް ފޯރިގަދަކުރުމުގެ ގޮތުން ބޯޑުން ވަނީ 20 އޯވަރަށް ކުޅޭ ޓީ-ޓްވެންޓީ ޕްރިމިއާ ލީގަކާއި ޓީ-ޓްވެންޓީ ކަޕެއް ވެސް ތައާރަފްކޮށްފަ އެވެ. ލީގުގައި 11 ޓީމު ވާދަކުރާއިރު ކަޕަށް ހޮވޭނީ އެންމެ ގަދަ ފަސް ޓީމެވެ.