މިރޭގެ މެޗަށް ވިކްޓްރީ ޓީމު ހަމަވާނެތަ؟

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ގްރީން ސްޓްރީޓްސް އާއި ވިކްޓްރީ ސްޕޯޓްސް ކްލަބް ކުޅޭ މެޗަށް ވިކްޓްރީގެ ކުޅުންތެރިން ހަމަނުވެ މެޗުގައި ނުކުޅެވުމުގެ ބިރުބޮޑުވެއްޖެ އެވެ.


މިދިޔަ އަހަރު މުސާރަ ނުދެވި ތަފާތު މައްސަލަތަކެއް ކުރިމަތިވެ، ދެ މެޗަކަށް ވިކްޓަރީ ހާޒިރުނުވެދިޔައިރު، އެ ޓީމުގެ ހާލަތު ރަނގަޅު ކުރަން އެފްއޭއެމުން ލޯނެއް ވެސް ދިނެވެ. ވިކްޓްރީ ހިންގުމަށް މިދިޔަ ޑިސެމްބަރު މަހު މިހާރުގެ ޗެއާމަން މުހައްމަދު ނާޝިދު (ނާޝް) އާއި ކުރީގެ ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) އަދި މުހައްމަދު ހަމީދު (އުމަރުބެ) ހަވާލުވެ ވަޑައިގެން ކްލަބް ހިންގުމުގެ މޮޑިއުލް ބަދަލުކޮށް ރަނގަޅު ކަންތައްތަކެއް ކުރާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު މެނޭޖްމަންޓުގެ އެއްބާރުލުމެއް ނުލިބި ގޮތް ހުސްވެ، ވިކްޓްރީގެ ކޯޗުކަމުގައި ހުރި މުހައްމަދު އާދަމް ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ. މިހާރު ޓީމުގެ ޒިންމާއާ ހަވާލުވެ ހުރީ ކުރީގެ ފޯވާޑް އާދަމް އަބްދުއް ލަތީފް (ލައްޗޭ) އެވެ.

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ލައްޗޭ ބުނީ ޓީމު ލިސްޓުގައި ޖަހާފައި ތިބި ކުޅުންތެރިންގެ ތެރެއިން ޕްރެކްޓިހުގައި ބައިވެރިވަނީ ހަޔެއްކަ ކުޅުންތެރިން ކަމަށާއި 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ޒުވާން ޓީމާ އެކު ވެސް ވިކްޓްރީގެ ކުޅުންތެރިންތަކެއް ދިޔަ ކަމަށެވެ.

"އެ ލިސްޓުގައި ޖަހާފައި ތިބި ކުޅުންތެރިން ލިބިގެން ލީގުގެ މެޗުތައް ކުޅެވޭނީ. މިހާރު ޓީމު އޮތް ހާލަތުން އެ ކަންތައްތައް ބަލަމުން މިދަނީ. މެނޭޖްމަންޓުން ވަރަށް ބޮޑަށް އެބަ ބަލާ. މި ނެގިފައި ތިބީ ޔަންގް (ޒުވާން) ސްކޮޑެއް. ކުޅުންތެރިންގެ ހިޔާލުގައި (އަދި) ނެތް ކުޅުމެއް. އެހެން އައިސް މިތާގައި މަޑުކޮށްގެން ތިބުމުގެ ހިޔާލެއް ވެސް ނެތް. އެކަމަކު ކްލަބްގެ ޗެއާމަން ކުޅުންތެރިންނާ ޑީލް ކުރަމުން ރަނގަޅު ގޮތްތަކެއް ހޯދޭތޯ އެބަ ބަލާ،" ލައްޗޭ ބުންޏެވެ.

ވިކްޓްރީގެ ކުރީގެ ކޯޗަކަށް ހުރި މުހައްމަދު މީގެ ކުރިން ބުނީ ވިކްޓްރީ ބޯޑުގެ ފަރާތުން އެ ކްލަބްގެ ކަންކަމުގައިހީވާގި ކަމާ އެކު ހައްލެއް ހޯދަން މަސައްކަތްކުރަނީ ގޯލްކީޕަރު ޓްރެއިނަރުގެ ޒިންމާ ވެސް އުފުލަމުން އަންނަ އަހުމަދު ރިޔާޒް (ގާނާ) ކަމަށެވެ. އެކަމަކު އޭނާ އަށް ވެސް އެކަނި ހުރިހާ ކަމެއް ކުރުމުގައި ދަތިތަކެއް ހުރި ކަމަށެވެ.

ލައްޗޭ ބުނީ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ވިކްޓްރީން މެޗު ކުޅުމަށް ހުރިހާ ގޮތަކުން ވެސް މަސައްކަތްކުރާނެ ކަމަށެވެ.

ފުރަތަމަ ޑިވިޝަނުގައި ގަދަ ބާރެއްގެ ގޮތުގައި އޮތް ވިކްޓްރީން އަންނަނީ މިދިޔަ ސީޒަނުގައި އެ ޓީމަށް ކުޅުނު ކުޅުންތެރިންނަށް ނުދީ ހުރީ މުސާރައިގެ ކަންތައްތައް ވެސް ނިންމަމުންނެވެ. ވިކްޓްރީ އަށް މި ސީޒަނުގައި ކުޅެވޭގޮތްވީ ވެސް އެ ކުޅުންތެރިންނަށް މުސާރަ ހަމަޖައްސައިދޭން އެއްބަސްވުމުންނެވެ. މިހާތަނަށް އެ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރައިގެ 50 އިންސައްތަ ދީފައިވާއިރު، އަނެއް ބައި ހަމަޖައްސަން އޮތް މުއްދަތު ވަނީ ފަހަނައަޅައި ގޮސްފަ އެވެ. އެނގިފައިވާ ގޮތުގައި އެ މުސާރަ ހޯދަން ކުޅުންތެރިން ވަނީ އެފްއޭއެމަށް ސިޓީ ލައިފަ އެވެ.

މި ފަހަރުގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ކުރިން ވިކްޓްރީ އިސްވެ ވަނީ އެފްއޭއެމްގެ ލީޑަޝިޕް ބަދަލުކުރުމަށް މަސައްކަތްކޮށްފަ އެވެ. އަދި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސެއް ބޭއްވުމަށް މަސައްކަތްކުރި ނަމަވެސް އެ މަސައްކަތް ކާމިޔާބުނުވީ ފީފާ އިން އެންގުމުންނެވެ. ކްލަބްތަކަށް އެފްއޭއެމުން ފައިސާ ދޭ ގޮތަށް މި ސީޒަނުގައި ހަމަޖެއްސިއިރު، ވިކްޓްރީ އަށް ލިބެންޖެހޭ ފައިސާ ނުލިބޭ ކަމަށް އެ ޓީމުގެ ބައެއް އޮފިޝަލުން ބުނެ އެވެ.

ލީގުގައި ގްރީން ސްޓްރީޓްސް އާއި ވިކްޓްރީ ކުޅޭ މެޗު ތާވަލުކޮށްފައިވަނީ މިރޭ 9 ޖަހާއިރު އެވެ.