ވިކްޓްރީން މިރޭގެ މެޗަށް ހާޒިރެއް ނުވި!

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް ގްރީންސްޓްރީޓްސްއާ ދެކޮޅަށް ކުޅެން ވިކްޓްރީ ސްޕޯޓްސް ކްލަބުން ދަނޑަށް ހާޒިރުނުވުމުން ގްރީން ސްޓްރީޓްސް މޮޅުވީ ކަމަށް އެފްއޭއެމުން ނިންމައިފި އެވެ.


މިއީ މި ދެ ސީޒަނުގެ ތެރޭ ވިކްޓްރީން ހާޒިރުނުވެ ދިޔަ ތިން ވަނަ މެޗެވެ. ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ކާމިޔާބު އެއް ކްލަބް ކަމަށްވާ ވިކްޓްރީ އަށް މާލީ މައްސަލަތައް ދިމާވެ އަދި އެނޫން ވެސް ސަބަބުތަކާ ހެދި ޓީމު ހަމަކުރެވެން ނެތުމުން، މިރޭގެ މެޗަށް އެ ޓީމު ހާޒިރުނުވާނެ ކަމަށް ކުރިން ވެސް އޮތީ ބެލެވިފަ އެވެ.

މިރޭ ލިބުނު ތިން ޕޮއިންޓާ އެކު 12 ޕޮއިންޓް ހަމަކޮށް ގްރީންސްޓްރީޓްސް ވަނީ ހަތަރު ވަނަ އަށް އަރައިފަ އެވެ. ކުރިން އެ މަގާމުގައި އޮތް ޓީސީ ސްޕޯޓްސް ކްލަބް ވަނީ ފަހަކަށް ވެއްޓިފަ އެވެ. ތާވަލުގެ އެއް ވަނައިގައި 20 ޕޮއިންޓާ އެކު އޮތީ މާޒިޔާ އެވެ. ވިކްޓްރީ އޮތީ ޕޮއިންޓެއް ނުލިބި ފުލުގަ އެވެ.

މިދިޔަ އަހަރު މުސާރަ ނުދެވި ތަފާތު މައްސަލަތަކެއް ކުރިމަތިވެ، ދެ މެޗަކަށް ވިކްޓަރީ ހާޒިރުނުވެދިޔައިރު، އެ ޓީމުގެ ހާލަތު ރަނގަޅު ކުރަން އެފްއޭއެމުން ލޯނެއް ވެސް ދިނެވެ. ވިކްޓްރީ ހިންގުމަށް މިދިޔަ ޑިސެމްބަރު މަހު މިހާރުގެ ޗެއާމަން މުހައްމަދު ނާޝިދު (ނާޝް) އާއި ކުރީގެ ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) އަދި މުހައްމަދު ހަމީދު (އުމަރުބެ) ހަވާލުވެ ވަޑައިގެން ކްލަބް ހިންގުމުގެ މޮޑިއުލް ބަދަލުކޮށް ރަނގަޅު ކަންތައްތަކެއް ކުރާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު މެނޭޖްމަންޓުގެ އެއްބާރުލުމެއް ނުލިބި ގޮތް ހުސްވެ، ވިކްޓްރީގެ ކޯޗުކަމުގައި ހުރި މުހައްމަދު އާދަމް ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ. މިހާރު ޓީމުގެ ޒިންމާއާ ހަވާލުވެ ހުރީ ކުރީގެ ފޯވާޑް އާދަމް އަބްދުއް ލަތީފް (ލައްޗޭ) އެވެ.

އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ލައްޗޭ ބުނީ ޓީމު ލިސްޓުގައި ޖަހާފައި ތިބި ކުޅުންތެރިންގެ ތެރެއިން ޕްރެކްޓިހުގައި ބައިވެރިވަނީ ހަޔެއްކަ ކުޅުންތެރިން ކަމަށާއި 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ޒުވާން ޓީމާ އެކު ވެސް ވިކްޓްރީގެ ކުޅުންތެރިންތަކެއް ދިޔަ ކަމަށެވެ.

ފުރަތަމަ ޑިވިޝަނުގައި ގަދަ ބާރެއްގެ ގޮތުގައި އޮތް ވިކްޓްރީން އަންނަނީ މިދިޔަ ސީޒަނުގައި އެ ޓީމަށް ކުޅުނު ކުޅުންތެރިންނަށް ނުދީ ހުރީ މުސާރައިގެ ކަންތައްތައް ވެސް ނިންމަމުންނެވެ. ވިކްޓްރީ އަށް މި ސީޒަނުގައި ކުޅެވޭގޮތްވީ ވެސް އެ ކުޅުންތެރިންނަށް މުސާރަ ހަމަޖައްސައިދޭން އެއްބަސްވުމުންނެވެ. މިހާތަނަށް އެ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރައިގެ 50 އިންސައްތަ ދީފައިވާއިރު، އަނެއް ބައި ހަމަޖައްސަން އޮތް މުއްދަތު ވަނީ ފަހަނައަޅައި ގޮސްފަ އެވެ. އެނގިފައިވާ ގޮތުގައި އެ މުސާރަ ހޯދަން ކުޅުންތެރިން ވަނީ އެފްއޭއެމަށް ސިޓީ ލައިފަ އެވެ.

މި ފަހަރުގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ކުރިން ވިކްޓްރީ އިސްވެ ވަނީ އެފްއޭއެމްގެ ލީޑަޝިޕް ބަދަލުކުރުމަށް މަސައްކަތްކޮށްފަ އެވެ. އަދި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސެއް ބޭއްވުމަށް މަސައްކަތްކުރި ނަމަވެސް އެ މަސައްކަތް ކާމިޔާބުނުވީ ފީފާ އިން އެންގުމުންނެވެ. ކްލަބްތަކަށް އެފްއޭއެމުން ފައިސާ ދޭ ގޮތަށް މި ސީޒަނުގައި ހަމަޖެއްސިއިރު، ވިކްޓްރީ އަށް ލިބެންޖެހޭ ފައިސާ ނުލިބޭ ކަމަށް އެ ޓީމުގެ ބައެއް އޮފިޝަލުން ބުނެ އެވެ.