ޔޫވީން ކުޅުންތެރިން ގެނައީ ހިސާބު ޖެހި ގޮތަށް: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ނުވަ ޓީމުގެ ތެރެއިން މާލީ ގޮތުން މައްސަލަތަކެއް ނެތި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އޮތުމުގެ އެންމެ ބޮޑު ސަބަބަކީ އެ ޓީމުން ހިސާބު ޖެހި ގޮތަށް ކުޅުންތެރިންނަށް ހައްގުވާ އަގު ދޭން އެއްބަސްވެގެން ގެނައުން ކަމަށް ޔޫވީގެ ކޯޗު މުހައްމަދު ނަޒީހު ބުނެފި އެވެ.


ލީގުގައި ވާދަކުރާ ގިނަ ޓީމުތަކަށް މާލީ ގޮތުން ބޮޑެތި މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. ގިނަ ކްލަބްތައް ވަނީ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ނުދެވި އުނދަގޫ ހާލަތެއްގަ އެވެ. އެ ފަދަ މައްސަަލަތަކެއްގައި ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު އާތިފް (އާތީ) އާއި ވިކްޓްރީގެ ކޯޗު މުހައްމަދު އާދަމް ވަނީ މަގާމުން ވަކިވެފަ އެވެ. އަދި ލީގުގައި ވާދަކުރާ ށ.ފޯކައިދޫ އާއި ދަ ގްރާންޑޭ ވެސް އޮތީ މާލީ ގޮތުން އުނދަގޫ ހާލެއްގައި ކަމަށް އެ ޓީމުގެ ކޯޗުން ވަނީ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބުނެފަ އެވެ.

ލީގުގައި މިއަދު ހަވީރު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނަޒީހު ބުނީ މި ވަގުތު މާލީ މައްސަލަތަކެއް ނެތި އޮތް ދެ ޓީމަކީ ޔޫވީގެ އިތުރުން މާޒިޔާ ކަމަށެވެ.

"ޖަހާ ހިސާބާ އެއްގޮތަށް ކުޅުންތެރިން ގެނައީ. ނުފޯރާފޮތިން ފޫގަޅައެއް ނޫޅެން. ދޮޅު ލައްކަ އަށް ލިބޭ ކުޅުންތެރިޔާ ހަތަރު ލައްކަ އަށް ގަތީމަ އެ މައްސަލަތައް ނުކުންނާނެ. ކްލަބްތަކުން މީޑިއާގައި ލާރި ނުލިބެއޭ ބުނާއިރު މިއީ އެ މީހުންގެ ވެސް މައްސަލަ. މިސްމެނޭޖްވެގެން (ނުހިންގިގެން) އެ އުޅެނީ ގިނަ ޓީމުތައް. ވޯތު (ހައްގު) ނޫން އަގެއްގައި ކުޅުންތެރިން ގަތުމުގެ ގޯސް އަސަރު އެ އޮތީ. އަދި މިހާތަނަށް ނުދަރާ އޮތް ދެ ޓީމުގެ ތެރެއިން އެއް ޓީމު އަޅުގަނޑުމެންނަކީ. ދެން އޮތީ މާޒިޔާ،" ނަޒީހު ބުންޏެވެ.

އޭނާ ބުނީ ހަމައެކަނި އެފްއޭއެމުން ނޫނީ ސަރުކާރުން ދޭނެ ފައިސާ އަކަށް ބަރޯސާވެގެން ކްލަބްތައް ހިންގަން ތިބެގެން ވާނެ އެއްވެސް ކަމެއް ނެތް ކަމަށާއި މިހާރު މިދާ ގޮތުން އެފްއޭއެމުން ފައިސާ ދިނީމާ ކުޅުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ބަލައިގެންތިބެފި ނަމަ ފުޓްބޯޅަ މިދަނީ ރަނގަޅު މިސްރާބަކު ނޫންކަން އެނގޭނެ ކަމަށެވެ.

ބޮޑު މެދުކެނޑުމަކަށް ފަހު ލީގުގައި ޔޫވީ ކުޅުނު ފުރަތަމަ މެޗުގައި ވަނީ ފަހަތުން އަރައި އީގަލްސްއާ 4-4 އިން އެއްވަރުކޮށްފަ އެވެ. ނަޒީހު ބުނީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށް މިއަދު ކުޅޭއިރު އީގަލްސް މެޗުން ނެގޭނެ އެންމެ ބޮޑު އެއްޗަކީ ކޮންފިޑެންސް ކަމަށެވެ. ގްރީން ސްޓްރީޓްސް އިން މެޗެއް ކުޅެނީ ވަރަށް ގިނަ ދުވަހަށް ފަހު ކަމަށްވާތީ އެ ޓީމަށް މި މެޗު ދެ ގޮތަކަށް ވެސް ނެގޭނެ ކަމަށް ބުންޏެވެ.

"އެ މީހުން ވަރަށް ގިނަ ދުވަސްކޮށްލާފައި މެޗެއް ކުޅޭއިރު ފްރެޝްވުން އެއީ އެޑްވާންޓޭޖެއް. އެކަމަކު މެޗެއް ނުކުޅެ ގިނަ ދުވަހަށް ފަހު ނުކުތުން އެއީ ޑިސެޑްވާންޓޭޖެއް. މިއީ ވެދާނެ ދެ ގޮތެއް. އެކަމަކު އެކަމަށް ޔޫވީން މާ ބޮޑަށް ނުވިސްނާނެ،" ނަޒީހު ބުންޏެވެ.

ގްރީން ސްޓްރީޓްސް އަކީ ކުޅުންތެރިންނަށް ބަލާއިރު ވަރުގަދަ ޓީމެއް ކަމަށާއި އެ ޓީމުގައި ހުރި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އަށް މިހާރު ކުރިން ދެއްކިވަރުގެ ތަފާތެއް ނުދެއްކޭ ކަމަށް ގިނަ ބަޔަކު އެއްބަސްވާނެ ކަމަށް ނަޒީހު ބުންޏެވެ.

"ދަގޭ އަކީ ކުރީގެ ދަގޭއެއް ނޫން. އެކަން ގަބޫލުކުރަންޖެހޭނެ އެންމެން ވެސް އުމުރާ އެކުގައި ސްޕީޑާ އެއްޗެހިތަކަށް ބަދަލު އާދޭ، އެހެންވީމަ ކުރީގެ އެ މެޗު ބަދަލުކޮށްލަން އެ ދައްކާ ތަފާތަށް ބަލާއިރު ދަގޭގެ ވެސް ރޯލަށް ކުޑަކޮށް ބަދަލު އާދޭ. މިހާރު އޭނަ އަށް ޖެހޭނީ ޓީމު ގޭމެއްގެ ތެރެއިން އޭނަ އަށް ތަފާތު ދައްކަން. ކުޅުން ރަނގަޅު ނުވެއްޖިއްޔާ ދަގޭގެ ޕާފޯމަންސަށް ވެސް އަސަރުކުރާނެ. މީގެ އޮތީ ގްރީން ގިނަ ވަގުތު ބޯޅަ ހިފަަހައްޓައިގެން ކުޅުނަނުދިނުން،" ނަޒީހު ބުންޏެވެ.

ބްރޭކަށް ފަހު ގްރީން ސްޓްރީޓްސް ކުޅެން އޮތް މެޗު މިދިޔަ ބުރާސްފަތި ދުވަހުގެރޭ އެ ޓީމަށް ލިބުނީ އިދިކޮޅަށް އޮތް ވިކްޓްރީ ޓީމު ހާޒިރުނުވުމުންނެވެ. ސުޒޭން ބުނީ އީގަލްސްއާ ދެކޮޅަށް ޔުނައިޓެޑް ވިކްޓްރީން ރަނގަޅަށް ކުޅެގެން މި މެޗަށް ނުކުންނާނީ ވަރަށް ރަނގަޅަށް ކަމަށްވާއިރު، މި ހާލަތުގައި މި މެޗު ގްރީން ސްޓްރީޓްސް އަށް ވަރަށް އުނދަގޫވެފައިވާ ކަމަށެވެ.

ގްރީން ސްޓްރީޓްސްގެ މެޗެއްގެ ތެރެއިން ސުޒޭން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ވިކްޓްރީ އަޅުގަނޑުމެންނާ އެކު ކުޅުނު ނަމަ ރަނގަޅު ނަތީޖާއެއް ދެތިން ހަތަރު ގޯލު ޖަހައިގެން ކުޅުންތެރިންގެ ކޮންފިޑެންސް ބިލްޑްކުރެވޭނެ. އެހެން ނަމަވެސް އެ މެޗު ނުކުޅެ މިހާ އުނދަގޫ މެޗަކަށް އަނެއްކާ ނުކުންނަން ޖެހުމަކީ ވަރަށް ބޮޑު ޗެލެންޖެއް. އަޅުގަނޑުގެ ފުޓްބޯޅައިގެ މާޒީގައި މި ކަހަލަ ކިތަންމެ ޗެލެންޖެް ނަގައިފިން އިރާދަކުރެއްވިއްޔާ މިކަން ވެސް ކުރާނަން،" ސުޒޭން ބުންޏެވެ.

އޭނާ ބުނީ ގްރީން ސްޓްރީޓްސްގައި ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅޭ ކުޅުންތެރިން ނެތް ކަމުގައި ވިޔަސް ތަޖުރިބާ އަށް ބަލާއިރު އެ ޓީމުގައި ރާއްޖޭގެ ފުޓްބޯޅައިގައި ނަތީޖާ ނެރެވޭ ފެންވަރުގެ ކުޅުންތެރިން ތިބި ކަމަށެވެ. އަދި ދަގަނޑޭ އާއި މުހައްމަދު އުމެއިރު ފަދަ ކުޅުންތެރިންގެ ބޭނުން އެންމެ ރަނގަަޅަށް ހިފޭނީ ރަނގަޅަށް ލީގު ވެސް ކުރިއަށްދާނަމަ ކަމަށް ސުޒޭން ބުންޏެވެ.

"ގާތްގަނޑަކަށް ގްރީން ސްޓްރީޓްސްގެ 100 ވަރަކަށް ޓްރެއިނިން މި ނިމިގެންދިޔައީ. ބައިވަރު ބްރޭކަކާ އެއްކޮށް. ކޮންމެ ގޮތެއް ވިޔަސް ޔަގީންވާ އެއް ކަމަކީ ހަމަޖެހިލައިގެން ރާވައިގެން އޭގެ ތެރެއިން ކުޅުމަށް ގެންނަން ޖެހޭ ބަދަލުތަކަށް ވިސްނައިގެން ކުޅެން އުޅޭކަށް އަދި ލީގުގައި ފުރުސަތެއް ނުލިބޭ. އެއީ ދެ މެޗެއް ކުޅެލާފައި ދޮޅު މަސް ދުވަހުގެ ބްރޭކެއް. ދޮޅު މަސް ދުވަހުގައި ކުޅުންތެރިން އެހެން ތިބެން ވަރަށް ގިނަ ދުވަސް،" ކުރިން މާޒިޔާ އަށް ވެސް ކޯޗުކޮށްދިން ސުޒޭން ބުންޏެވެ.

މިއަދުގެ މެޗުން މޮޅުވެ ލީގުގެ ދެ ވަނަ އަށް ޖެހިލުމުގެ ފުރުސަތު ގްރީން ސްޓްރީޓްސް އަށް އެބައޮތެވެ. މި ވަގުތު ގްރީން ސްޓްރީޓްސް ލީގުގެ ހަތަރު ވަނައިގައި އޮތީ 12 ޕޮއިންޓާ އެކު އެވެ. ޔުނައިޓެޑް ވިކްޓްރީ އަށް މި މެޗުން މޮޅުވެގެން ހަ ވަނަ އަށް ޖެހިލުމުގެ ފުރުސަތު އެބައޮތެވެ. މިއަދުގެ މެޗު ފަށާނީ 4 ޖަހާއިރު އެވެ.