ޓީސީ އަށް ފަސޭހަ މޮޅެއް، އީގަލްސް-ގްރީން އެއްވަރު

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުން މިއަދު ހަވީރު ވިކްޓްރީ ސްޕޯޓްސް ކްލަބް އަތުން 3-0 އިން މޮޅުވެ ޓީސީ ސްޕޯޓްސް ކްލަބުން ތިން ވަނަ އަށ އެރި އިރު، މިރޭ ކްލަބް އީގަލްސްއާ 1-1 އިން އެއްވަރުވެ ކްލަބް ގްރީންސްޓްރީޓްސް އިން ދެ ވަނައިގައި މަގާމް ދިފާއުކޮށްފި އެވެ.


ފުރަތަމަ ބުރު ނިމުނުއިރު 20 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތީ މާޒިޔާ އެވެ. ގްރީން ދެ ވަނައިގައި އޮތީ 16 ޕޮއިންޓާ އެކު އެވެ. މިއަދު ހަވީރު މޮޅުވެ ޓީސީން 16 ޕޮއިންޓް ހަމަކުރި ނަމަވެސް ލަނޑުގެ ތަފާތުން އެ ޓީމަށް ލިބެނީ ތިން ވަނަ އެވެ. އީގަލްސް އޮތީ 15 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ކުރިން ހަތަރު ވަނައިގައި، 14 ޕޮއިންޓާ އެކު އޮތް ދަ ގްރާންޑޭ ވަނީ ފަސް ވަނަ އަށް ވެއްޓިފަ އެވެ.

މައްސަލަތަކެއްގެ ތެރޭގައި އޮތް ވިކްޓްރީ އަތުން މިއަދު ޓީސީ މޮޅުވި އިރު ތިން ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ލަނޑު 54 ވަނަ މިނެޓުގައި އަކްރަމް އަބްދުލްގަނީ ޖެހިއިރު އަނެއް ދެ ގޯލް 64 ވަނަ މިނެޓާއި 69 ވަނަ މިނެޓުގައި ޖެހީ އިޝާން އިބްރާހިމް (ސައްޓު) އެވެ.

މާލީ މައްސަލަތައް ޖެހުމާއި އަދި ޔޫތު ގައުމީ ޓީމާ އެކު ބައެއް ކުޅުންތެރިން ރާއްޖެން ބޭރަށް ގޮސްގައިވާތީ ޓީމު ހަމަނުކުރެވި އެއް މެޗަށް ހާޒިރުނުވެ ދިޔަ ވިކްޓްރީން މިރޭ ވެސް ޓީމު ހަމަކުރީ އުނދަގުލުންނެވެ. އެކަމަކު ކުރީ މެޗާ ހިލާފަށް މިއަދު ބެންޗުގައި ދެ ކުޅުންތެރިން ތިއްބެވެ.

ގްރީންސްޓްރީޓްސް އާއި އީގަލްސް މިރޭ ކުޅުނު މެޗުގެ 37 ވަނަ މިނެޓުގައި ގްރީންސްޓްރީޓްސް އިން ވަނީ މުހައްމަދު ސަލާހުގެ ލަނޑުން ލީޑު ނަގައިފަ އެވެ. އީގަލްސް އިން އެއްވަރުކުރީ 60 ވަނަ މިނެޓުގައި އަލީ ފާސިރު (ސެންޓޭ) ޖެހި ލަނޑުންނެވެ.

މިއީ އީގަލްސް އަށް ޕޮއިންޓަކުން ފުއްދާލަން ޖެހުނު، ޖެހިޖެހިގެން ދެ ވަނަ މެޗެވެ. އެންމެ ފަހުން ކުޅުނު މެޗުން ދަ ގްރާންޑޭ އިން އީގަލްސް އަތުން ޕޮއިންޓެއް ހޯދީ ފަހު ވަގުތު ޖެހި ގޯލުންނެވެ.

ލީގުގައި މާދަމާ ހަވީރު ބައްދަލުކުރާނީ މާޒިޔާ އާއި ޔުނައިޓެޑް ވިކްޓްރީ އެވެ. މާދަމާރޭ ކުޅޭނީ ފޯކައިދޫ އެފްސީ އާއި ނިލަންދޫ ސްޕޯޓްސް ކްލަބެވެ. އެއަށް ފަހު ގައުމީ ޓީމުން ވޯލްޑް ކަޕް ކޮލިފައިންގައި ސީރިއާއާ ދެކޮޅަށް ކުޅޭ މެޗަށް ލީގު މެދުކަނޑާލާނެ އެވެ.