އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް މާފުށީގައި

އަންނަ އަހަރު ރާއްޖޭގައި އޮންނަ އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕް ކ. މާފުށީގައި ބާއްވަން ނިންމާފައިވާ ކަމަށް ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން އިއުލާނުކޮށްފި އެވެ.


މިއަދު އިންޑޮނީޝިއާގެ ބަތާމްގައި ބޭއްވި އޭޝިއަން ބޮޑީބިލްޑިން ފެޑެރޭޝަނުގެ އިލެކްޓޯރިއަލް ކޮންގްރެސްގައި ރާއްޖޭގެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އިބްރާހިމް ސާޖިން ހަބީބު ވިދާޅުވީ ރާއްޖޭގައި މުބާރާތް ބޭއްވުމަކީ ދެކެމުން އައި ހުވަފެނެއް ކަމަށާއި އެކަން ކާމިޔާބުކުރެވުމުން ވީ އެންމެ ފުރިހަމަ އަށް މުބާރާތް ބޭއްވުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އަންނަ އަހަރުގެ މުބާރާތް މާފުށީގައި ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު 5 އިން 11 އަށެވެ.

އޭޝިއާގެ ބޮޑީބިލްޑިން ފެޑެރޭޝަންގެ ރައީސް ސިންގަޕޫރުގެ ދަތުކު ޕޯލް ޗުއާ ވިދާޅުވީ ރާއްޖޭގައި ބޭއްވޭ މުބާރާތް އެންމެ ފުރިހަމަވާނެ ކަމުގެ ޔަގީންކަން ލިބިގެންދިޔައީ މީގެ ސަރުކާރުގެ ބައިވެރިވުން ބޮޑުވުމުން ކަމަށެވެ. އަދި ސަރުކާރުން އިސްވެ މި މުބާރާތް ބޭއްވުމުގެ ބިޑް ކާމިޔާބުކުރަން ކުރި މަސައްކަތް ފެނިފައި އޭނާ އަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަމަށް ވިދާޅުވި އެވެ.

"މިހާތަނަށް ބޭއްވޭ އެންމެ ފުރިހަމަ ޗެމްޕިއަންޝިޕަށް ވާނެ ކަމުގެ ޔަގީންކަން ރާއްޖޭން ދީފައި އޮތީ. އެއީ އަހަންނަށް އަދި މި ބޮޑީބިލްޑިން އާއިލާ އަށް ވެސް ލިބޭނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. އެ ޔަގީންކަމާ އެކު ރާއްޖޭން މި މުބާރާތް ވަރަށް ފުރިހަމަ އަށް އިންތިޒާމްކުރާނެ ކަމަށް އަހަރެން އުއްމީދުކުރަން. ރާއްޖެ އަކީ ޓޫރިސްޓުގެ މެދުގައި މަގުބޫލު ގައުމެއް. މި މުބާރާތުގެ ޕްރޮމޯޝަން ވަރަށް ފުރިހަމަވާނެ،" ދަތުކު ވިދާޅުވި އެވެ.

އޭޝިއާގެ ބޮޑީބިލްޑިން ރައީސް ދަތުކު (ކ) އާއި ރާއްޖޭގެ އެސޯސިއޭޝަންގެ ރައީސް އިއްބެ. -- ފޮޓޯ: އަބްދުﷲ އަބީދު/ ހާފްކޯޓް.އެމްވީ

ބޮޑީބިލްޑިން އަކީ ރާއްޖެ އަށް ގިނަ ރަން މެޑަލްތަކެއް ގެނެސްދީފައިވާ ކުޅިވަރެކެވެ. އޭޝިއާގެ މުބާރާތުން ވެސް ރާއްޖެ ވަނީ ރަން މެޑަލް ހޯދައިފަ އެވެ. އަމިއްލަ ގައުމުގައި އޭޝިއާގެ ބޮޑު މުބާރާތް ބޭއްވުމުން ދިވެހި ބޮޑީބިލްޑަރުންނަށް ކާމިޔާބު ހޯދުމަށް ފަސޭހަވެގެންދާނެ އެވެ. ރާއްޖޭން ވަނީ 2001 ވަނަ އަހަރުގެ ސައުތު އޭޝިއަން ބޮޑީބިލްޑިން މުބާރާތް ބާއްވައިފަ އެވެ. އެ ފަހަރު މުބާރާތް އިންތިޒާމުކުރީ ބަނޑޮހުގަ އެވެ.

އޭޝިއާގެ މައި ބޮޑީބިލްޑިން މުބާރާތް ބާއްވަން ރާއްޖޭން ކުރި ބިޑް ކާމިޔާބުވިކަން މިދިޔަ ޖޫން މަހު އިއުލާންކުރައްވައި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވަނީ މިނިސްޓްރީއާ ގުޅިގެން މި މަސައްކަތް ކާމިޔާބުކުރަން ކުރި މަސައްކަތަށް އެސޯސިއޭޝަނުގެ ރައީސް އިބްރާހިމް ހަމީދާއި އެގްޒެކެޓިވް ކޮމިޓީ އަށް ޝުކުރުއަދާކުރައްވައިފަ އެވެ.

އޭރު ވެސް މިނިސްޓަރު ވިދާޅުވީ މި މުބާރާތް ބޭއްވުމަށް އިސްކަންދޭނީ މާލެ ނޫން ސަރަހައްދެއްގައި ކަމަށެވެ. މި ސަރުކާރުން ބައިނަލްއަގުވާމީ ގިނަ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް ވައުދުވެފައިވާއިރު، އެކަން ކުރާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގަ އެވެ. އެގޮތުން އަންނަ މަހު އައްޑޫގައި ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތް ބާއްވާނެ އެވެ.