މާޒިޔާ އެއް ވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފި

ނާއިޒް ހަސަން (ދާދު) ގެ ދެ ގޯލުން ޔުނައިޓެޑް ވިކްޓްރީ 2-0 އިން ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނުން ދިރާގު ދިވެހި ޕްރިމިއާ ލީހުގައި އެއް ވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ.


މާޒިޔާ އިން މި ނެގީ ތާވަލުގެ ދެ ވަނައިގައި އޮތް ގްރީންސްޓްރީޓްސަށް އަށް މި ހަފުތާގައި ކުޅުނު މެޗުން މޮޅުނުވުމުގެ ފައިދާ އެވެ. އެ ޓީމު އެއް ވަނައިގައި 23 ޕޮއިންޓް ހަމަކޮށްފައިވާއިރު ދެ ވަނައިގައި ގްރީން އޮތީ 16 ޕޮއިންޓާ އެކު އެވެ. އަދި ތިން ވަނައިގައި އޮތީ އެ އަދަދަށް ޕޮއިންޓް އެއްކޮށްގެން ލަނޑުގެ ތަފާތުން ޓީސީ ސްޕޯޓްސް ކްލަބެވެ.

މިއަދުގެ މެޗުގައި ދާދު ޖެހި ފުރަތަމަ ގޯލަކީ މި ސީޒަނުގައި މިހާތަނަށް ފެނިގެން ދިޔަ އެންމެ މޮޅު އެއް ގޯލެވެ. ފުރަރަމަ ހާފުގެ ހަތަރު ވަނަ މިނެޓުގައި އެއްލުމަކުން ކެޕްޓަން އަސަދުﷲ އަބްދުﷲ އަށް ލިބުނު ބޯޅަ އޭރިއާ ބޭރު ރޮނގު ކައިރިން ކޮންޓްރޯލް ކޮށްލައި ޖައްސާލީ ދާދު އަށެވެ. އޭރިއާ ރޮނގާ ދިމާލުން، ބޭރު ރޮނގު ކައިރިން ދާދު އަށް ލިބުނު އެ ބޯޅަ އޭނާ އޮއްސާލީ ގޯލުގެ ތިރީ ކަނަށެވެ. މާޒިޔާގެ ކުޅުންތެރިން އޭރިއާ ތެރޭގައި ވެސް ތިބުމާ އެކު ބެލެވިފައި އޮތީ ދާދު އެ ބޯޅަ ހުރަސްކުރާނީ ކަމަށެވެ. ދާދު އެ ބޯޅަ ސީދާ ގޯލަށް ޖަހާފާނެ ކަމަށް ޔުނައިޓެޑް ވިކްޓްރީގެ ގޯލްކީޕަރު ތޮލާލް ހަސަން (ޓޮޕްލަޗް) ލަފާކޮށްފައި ނެތުމުން އޭނާ ވެސް ކުޑަކޮށް ކުރިއަށް ޖެހިފަ އެވެ.

މާޒިޔާގެ ދެ ވަނަ ގޯލް ދާދު ވައްދާލީ އޭގެ ދެ މިނެޓުންނެވެ. ޔުނައިޓެޑް ވިކްޓްރީގެ އާދަމް ފައިރޫޒް (ލަކީ) އަތުން މާޒިޔާގެ ކޮނޭލިއަސް ސްޓެވާޓް ހޯދި ބޯޅައެއް އެޓޭކަކަށް ބަދަލުކޮށް އޭނާ އޭރިއާ ތެރެއިން އެ ބޯޅަ ޖައްސާލީ ދާދު އަށެވެ. އޭނާ ވަނީ އެ ބޯޅަ އަށް އެރި ކީޕަރު ޓޮޕްލަޗަށް އެއްވެސް ފުރުސަތެއް ނުދީ ބޯޅަ ގޯލަށް ވައްދާލައިފަ އެވެ.

މި މެޗުން ބަލިވުމުން ހިތްހަމަނުޖެހިފައި ހުރި ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ މާޒިޔާ މޮޅުވީ މާ މޮޅު ފުޓްބޯޅައެއް ކުޅެގެން ނޫން ކަމަށާއި ދެ ގޯލަކީ ވެސް އޭނާގެ ޓީމުގެ ހެޔޮއެދުންތަކާ އެކު ވަން ދެ ގޯލް ކަމަށެވެ.

މާޒިޔާގެ ސްޓޭވާޓް ބޯޅަ ހިފައިގެން އަރާއިރު ޔުނައިޓެޑް ވިކްޓްރީ ކުޅުންތެރިޔަކު އޭނާ ހުއްޓުވަން މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ނަޒީހު ބުނީ 90 މިނެޓުގެ ތެރޭގައި މާޒިޔާ އަށް ލިބުނީ ސާފު ދެ ފުރުސަތު ކަމަށާއި އޭނާގެ ޓީމަށް އޯޕަން ތިން ފުރުސަތު އަދި ޖުމްލަ ހަޔެއްކަ ފުރުސަތު ލިބުނު ކަމަށެވެ. އަދި މާޒިޔާ ފެންވަރުގެ ޓީމަކާ ބަލާއިރު ދެ ވަނަ ހާފު އެއްކޮށް ޑޮމިނޭޓްކުރީ ޔުނައިޓެޑް ވިކްޓްރީން ކަމަށް ނަޒީހު ބުންޏެވެ.

"ކުޅުންތެރިން އެއްގޮތަކަށް ވެސް މާޔޫސްވާނެ ކަމެއް ނެތް. މިސާލަކަށް ފުރަތަމަ ގޯލް. ގޯލްކީޕަރު އަޅުގަނޑަކަށް ނޭގޭ އޭނާ ކޮންމެވެސް ދުވަހެއްގައި ހިނގަން ގޮސް އުޅުނު ހަނދާނެއްވެގެން މުޅި ތާ ދުވަނިކޮށް އެ ގޯލް އައިސް ފާ ޕޯސްޓަށް ވަނީ. (އަނެއް ގޯލަކީ) ލަކީ ދިން އެސިސްޓެއް. ލަކީ އިންނާނެ ކަންނޭގެ އެސިސްޓުގައި ލިޔާއިރު ލިޔެފައި. އެކަލަ އެއްޗެހިތަކެއް. އެ ނޫނީ އަނެހެން ރަނގަޅު ޗާންސެއް ނުލިބޭ (މާޒިޔާ) އަށް،" ނަޒީހު ބުންޏެވެ.

ނަޒީހު ބުނީ މޮޅަށް ކުޅެ މެޗުގެ އެއް ހާފު ޑޮމިނޭޓްކޮށް މިގޮތަށް ބަލިވުމުން މާޔޫސްވާ ކަމަށެވެ. އެކަމަކު މި ބަލީގެ ޒިންމާ ސަތޭކަ ޕަސެންޓް ނަގާ ކަމަށާއި ސަބަބަކީ ތިން ކީޕަރުން ތިބިއިރު އޭގެ ތެރެއިން ރަނގަޅު ކީޕަރެއް ނެގުމަކީ އޭނާގެ ޒިންމާއަކަށް ވާތީ ކަމަށެވެ. ޓޮޕްލަޗް ދެ ވަނަ ހާފުގައި ރަނގަޅު ސޭވްތަކެއް ކުރި ނޫންތޯ ނޫސްވެރިޔަކު އެހުމުން، އޭނާ އަށް ކުރިން ވެސް ފާޑުކިޔާފައިވާ ނަޒީހު ބުނީ "ޔަހުޔާ ކާޅު ވެސް ހިފާ" ކަމަށެވެ.

މާޒިޔާގެ ކޯޗު މަރްޔަމް ސެކުލޮސްކީ ބުނީ ފުރަތަމަ 30 މިނެޓް ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި ފަހުން ޔުނައިޓެޑް ވިކްޓްރީން ކުޅުނީ ޓެކްލް ގިނަ ޗެލެންކުރާ ސްޓައިލަށް ކަމަށައި އެއީ އޭނާގެ ޓީމަށް އުނދަގުލެއް ކަމަށެވެ.

"އެކަމަކު އެންމެ މުހިއްމީ މޮޅުވުން. މި މޮޅާ އެކު ހަތް ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އެކަމަކު އޭގެ މާނައަކީ އެއްވެސް އެއްޗެއް ނޫން. އަހަރެމެން މިގޮތަށް ކުރިއަށްދާންވީ. މެޗުގެ ކުރީކޮޅު މިއަދު ގޮތަށް ލަނޑު ޖަހައިގެން މޮޅުވާންވީ. 2-0 އެއީ ހަމަ ވަރަށް ފުރިހަމަ ނަތީޖާއެއް،" ސެކުލޮސްކީ ބުންޏެވެ.