ތަޅާފޮޅާ ނިމިއްޖެ، މޮޅުވީ ބައްސާމް: މަހުލޫފު

އެފްއޭއެމްގެ ރައީސް ކަމުން ބައްސާމް އަދީލް ޖަލީލް ބޭރުކުރަން ކުރެއްވި މަސައްކަތް މިހާރު ނިމިއްޖެ ކަމަށާއި އެކުރި ގޮތަކަށް ކޮށްގެން ބައްސާމް މަގާމް ދިފާއުކުރައްވައިފި ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.


އެފްއޭއެމްގެ ވެރިންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ލާން ކްލަބްތަކުން މި އަހަރު ކުރީކޮޅު މަސައްކަތްކުރީ މަހުލޫފު އަޑީގައި ހުންނަވައިގެން ކަމަށް ބުނެ އެފްއޭއެމުން ވަނީ އެކަން ތަކުރާރުވާ ނަމަ އެ މައްސަލަ ފީފާގެ ކަމާ ބެހޭ ކޮމިޓީތަކަށް ހުށަހަޅާނެ ކަމަށް އޭރު ބުނެފަ އެވެ. އަދި އެހެންވެއްޖެ ނަމަ ރާއްޖެ ސަސްޕެންޑްކޮށްފާނެ ކަމުގެ އިންޒާރު ފީފާ އިން ދީފައިވާ ކަމަށް ވެސް އެފްއޭއެމުން ބުނެފައިވެ އެވެ.

އެއާ އެކު އެފްއޭއެމުން ވަނީ އެ މަސައްކަތުގައި އިސްކޮށް އުޅުނު ނިއު ރޭޑިއަންޓުން ކުޅުންތެރިންނަށް މުސާރަ ނުދޭ ކަމަށް ބުނެ ސަސްޕެންޑްކޮށްފަ އެވެ. ފަހުން އެކަމުގައި އިސްކޮށް ހަރަކާތްތެރިވީ ވިކްޓްރީންނެވެ. އެކަމަކު ބައެއް ކްލަބްތަކުން ނަން އަނބުރާ ނެގުމުން އެ މައްސަލަ ކާމިޔާބެއް ނުވި އެވެ. އެކަން ނާކާމިޔާބުވުމާ އެކު ފެނުނީ މިނިސްޓަރު މަހުލޫފު އެ އޮޑިން ފައިބައި އެފްއޭއެމްގެ ވެރިންނާ އެކު މަސައްކަތް ފެށްޓެވި މަންޒަރެވެ.

ބައްސާމާ އެކު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ބެހޭގޮތުން ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ ތަޅާފޮޅާ ނިމުނީ ކަމަށާއި މޮޅުވީ އެފްއޭއެމާއި ބައްސާމް ކަމަށެވެ.

"އެ ކުރި ގޮތަކަށް ކޮށްގެން ވެސް ބައްސާމް އޭދީ މިހާރު އެ މަގާމުގައި. އަޅުގަނޑު މީދީ މިނިސްޓަރަކަށް މިތާ. އަޅުގަނޑަކަށް ނޯންނާނެ ބައްސާމް ދެކެ ރުޅިއައިސްގެން ހަމަ ބައްތު ފެންނަ އިރަށް އެނބުރިފައި އެހެން ދިމާލަކަށް (ދެވޭކަށް). އެހެންވެސް ވަކި ވަރަކަށް ނުން އުޅެވޭނީ. އެފްއޭއެމްގެ އިލެކްޝަން އަޅުގަނޑަކަށް ނޭގޭ ދޮޅު އަހަރެއް ވަރު ކަންނޭގެ އޮންނާނީ. ދެން އެ އިންތިހާބަށް ތައްޔާރުވާ މީހަކު ތައްޔާރުވާށޭ އަޅުގަނޑު މި ބުނަނީ،" މަހުލޫފު ވިދާޅުވި އެވެ.

"އެކުރި ގޮތަކަށް ކޮށްގެން ބައްސާމް މޮޅުވީ" ކަމަށް މިނިސްޓަރު ވިދާޅުވީ ކޮން ކަމަކަށް އިޝާރާތްކޮށްފައި ކަމެއް ނޭގެ އެވެ. އެކަމަކު އިތުބާރު ނެތްކަމުގެ މައްސަލައިގެ ލިޔުމުން ބައެއް ކްލަބްތަކުން އޭރު ނަން ނެގުމުގައި ނުރަނގަޅު ކަންތައްތަކެއް ހިނގި ކަމަށް އޭރު ވާހަކަ ދެކެވުނެވެ.

އެފްއޭއެމުން ބައްސާމާއި އޭނާގެ ޓީމު ބޭރުކުރަން އޭރު ކްލަބްތަކުންނާއި ސަރުކާރުން މަސައްކަތްކުރި އެއް ސަބަބަކީ އެފްއޭއެމް އޮފީހުގައި ކުރީގެ ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމްގެ އޮފީހެއް ހިންގައި ސިޔާސީ މަސައްކަތްކުރުމެވެ. އެކްޓިން ސްޕޯޓްސް މިނިސްޓަރަކަށް އެ ދުވަސްވަރު ހުންނެވި އަލީ ވަހީދު ވިދާޅުވީ އެފްއޭއެމްގައި ސިޔާސީ ހަރަކާތް ހިންގުމާއި ކޮރަޕްޝަން އޮތުން ސަރުކާރުން އެއްވެސް ހާލެއްގައި ގަބޫލުނުކުރާނެކަން ފީފާ އަށް އަންގައި އަދި އެކަމުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑު މިދެންނެވީ މީހަކަށް ހުކުމެއް ކުރުމެއް ތަހުގީގުކޮށް ނިމުނު ވާހަކައެއް ނޫން. އަޅުގަނޑު ދެންނެވިން އަޅުގަނޑުމެންގެ ގައުމުގައި މީހުން ހިތާމަކޮށް ދެރަވެގެން މިއުޅެނީ ފުޓްބޯޅަ އިދާރާއަށް ފުލުހުން ވަންނަން ޖެހޭ ހިސާބަށް ދިއައިމައޭ. އެއީ އިޝޫއެކޭ އަޅުގަނޑުމެންނަށް. ފީފާ އިން ވަރަށް ސާފުކޮށް ވިދާޅުވީ ފުޓްބޯޅާއިގެ އިމާރަތްތަކުގައި ސެކަންޑް ޕާޓީ، ތާޑް ޕާޓީ ވިޔަސް ސިޔާސީ ހަރަކާތް ހިންގުން ފީފާ އިން ބަލައިގަންނާނެ ކަމެއް ނޫނޭ،" އަލީ ވަހީދު އޭރު ވިދާޅުވެފައިވެ އެވެ.

ބައެއް ފަރާތްތަކުގެ ކަންބޮޑުވުމަކީ މިނިސްޓަރުގެ ހައިސިއްޔަތުން މަހުލޫފު، އެފްއޭއެމްއާ އެކު މަސައްކަތްކުރެއްވުމެއް ނޫނެވެ. އެފްއޭއެމުގައި ކޮންމެ ބަޔަކު ތިއްބަސް މިނިސްޓްރީން އެތަނާ ގުޅިގެން މަސައްކަތްކުރަން ލާޒިމްވާނެ އެވެ. އެކަމަކު މައްސަލައަކީ ކްލަބްތަކަށް ނާކާމިޔާބުވުމާ އެކު އެ އޮޑިން މިނިސްޓަރު ފުންމަވާލައްވައި އެފްއޭއެމްގެ އޮޑިއަށް އެރުމާ އެކު، ކުރީގެ ކަންކަން ނުބަލަން ނިންމުމެވެ.

އެކަންކަން ނުބަލާނެތޯ މިއަދު އަނެއްކާ ވެސް އެހުމުން މަހުލޫފު ދެއްވީ ފިނި ޖަވާބެކެވެ. ވިދާޅުވީ އެފްއޭއެމުގައި މެޑަމް ފާތުންގެ އޮފީހެއް ހުރި ކަމަށާއި އެހުރިކަން ދެން ބަދަލެއް ނުވާނެ ކަމަށެވެ. އަދި އޭރުގެ މައްސަލަތައް މިނިސްޓަރު ސިފަކުރެއްވީ އޭނާ އާއި ބައްސާމާ ދެމެދު އޮތް އަމިއްލަ މައްސަލަތަކެއްގެ ގޮތުގަ އެވެ. ވިދާޅުވީ ތިމަންނާ އާއި ބައްސާމާ ދޭތެރޭގައި އޮންނަ މައްސަލައަކާ ގުޅިގެން މުޅި ރާއްޖޭގެ ފުޓްބޯޅަ އަށް މިނިސްޓްރީން ކޮށްދޭން ޖެހޭ ކަމެއް ނުކޮށްދިނުމަކީ ޖޯކަކަށް ވާނެ ކަމަށެވެ.

އެ މައްސަލަ ދެން ތަހުގީގު ނުކުރާނެތޯ ތަކުރާރުކޮށް އެހުމުން މަހުލޫފު ވިދާޅުވީ އެކަންކުރަން ހަދައިގެން ރާއްޖެ އަށް އަންނާނީ ފީފާގެ ސަސްޕެންޝަނެއް ކަމަށާއި އެގޮތް ބޭނުން ނަމަ މިރޭ ވެސް ކޯޓް އަމުރެއް ހޯދައިގެން ގޮސް އެފްއޭއެމުގައި ތަޅުއަޅުވަންވީ ކަމަށެވެ.

އެކަމަކު ވޮލީބޯޅަ އެސޯސިއޭޝަން ހިންގަން ސްޕޯޓްސް ކޮމިޝަނަރު އައްޔަންކުރި ނޯމަލައިޒޭޝަން ކޮމިޓީ ބަލައިނުގަންނާނެ ކަމަށާއި އެގޮތަށް ކަންކަން ނުކުރާނަމަ ރާއްޖެ ސަސްޕެންޑްކުރުމުގެ ފުރުސަތު އޮތް ކަމަށް ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަނުން އެންގި ނަމަވެސް އެ ކޮމިޓީން އަންނަނީ އެ މަސައްކަތްކުރަމުންނެވެ. ސްޕޯޓްސް ކޮމިޝަނަރަކީ ރައީސް އައްޔަންކުރައްވާ އަދި ސްޕޯޓްސް މިނިސްޓްރީގެ ތެރޭގައި މަސައްކަތްކުރާ މީހެކެވެ. އަދި އެ ކޮމިޓީ ނެގީ ވެސް ސީދާ ސަރުކާރުގެ ރުހުމާއި އެއްބާރުލުމާ އެކު އެވެ. އެހެންވެ ވޮލީބޯޅަ ސަސްޕެންވިޔަސް ހެޔޮކަމަށް މަސައްކަތްކުރާއިރު ފުޓްބޯޅައާ ގުޅޭ ސީރިއަސް މައްސަލަތަކެއް ނުބަލަން ދައްކާ އުޒުރަކީ ފީފާގެ ސަސްޕެންޝަނެއް އައުން ކަމަށް މަހުލޫފު ވިދާޅުވުމުން ސުވާލު އުފެދެ އެވެ.

އެކަމާ ބެހޭގޮތުން ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ ފުޓްބޯޅައިގައި ވެސް އެހިސާބަށް ދިޔަ ކަމަށެވެ. އެކަމަކު ޖުމްލަ ފުރިހަމަނުކުރައްވައި، ވަނީ އެކަމުން ރެކިވަޑައިގެންފަ އެވެ. ވިދާޅުވީ ވޮލީބޯޅަ އަށް ކޮމިޓީއެއް ލެއްވުމަކީ އޭނާއާ ބެހޭ ކަމެއް ނޫން ކަމަށައި އެކަން ކުރަނީ ކޮމިޝަނަރު ކަމަށެވެ.

ކްލަބްތަކާ އެކު މަހުލޫފު މަސައްކަތްކުރެއްވި އިރު އަދި ކްލަބްތަކަށް އޭއެފްސީ ކަޕުން ފުރުސަތު ނުލިބުނު މައްސަލަ ބަލަން މަހުލޫފު މަސައްކަތްކުރެއްވުމުން އެފްއޭއެމުން ވަނީ އެއީ ސިޔާސީ ކަމެއްގެ ގޮތުގައި ސިފަކޮށް އެކަން އޭއެފްސީ އާއި ފީފާއާ ހިއްސާކޮށްފަ އެވެ.

"މި އިދާރާގެ މަސްލަހަތު ހިމެނޭ ކަންކަމުގެ ތެރެއަށް އިތުރު ފަރާތްތަކުން ވަނުމާއި ވަކިން ހާއްސަކޮށް އެފްއޭއެމް މެމްބަރު ކްލަބްތަކާއި އެފްއޭއެމް އާއި ފުޓްބޯޅަ މަސްލަހަތު ހިމެނޭ ފަރާތްތަކާ އެކު ދިވެހިރާއްޖޭގެ ކުޅިވަރު ވަޒީރު މުއާމަލާތު ކުރައްވަމުން ގެންދަވާ ގޮތާ ރިއާޔަތްކޮށް އެކަން ނުހުއްޓުވައިނަމަ ދިވެހިރާއްޖޭގެ މައްސަލަ ފީފާގެ ކަމާ ބެހޭ ކޮމިޓީތަކަށް ހުށަހަޅާނެ ކަމަށާއި މިކަމުގެ ސަބަބުން ދިވެހިރާއްޖެ ސަސްޕެންޑް ކުރަން ޖެހިދާނެ ކަމުގެ ބިރުވެރި އިންޒާރު ފީފާއިން ދީފައިވާކަން ނުހަނު ކަންބޮޑުވުމާ އެކު ފާހަގަކުރަމެވެ." އެފްއޭއެމުން މިދިޔަ ފެބްރުއަރީ މަހު ނެރުނު ބަޔާނުގައިވެ އެވެ.

އެފްއޭއެމްގެ ވެރިން ބޭރުކުރަން ސީދާ މަސައްކަތްކުރެއްވި ކަމަށް މަހުލޫފު ވަނީ މިދިޔަ ހަފުތާގައި އެއްބަސްވެޑައިގެންފަ އެވެ. އެކަމަކު މަހުލޫފު މިވަގުތު ހުންނެވީ އެފްއޭއެމާ އެކު ކަމަށް ވުމުން އެތަނުން އެ މައްސަލަ ފީފާ އަށް ހުށަހަޅާނެ ކަމަށް ނުބެލެވެ އެވެ. އެކަމަށް ބާރު ލިބެނީ މިއަދު ބައްސާމް ވިދާޅުވި ވާހަކަތަކުންނެވެ. އޭނާ ވިދާޅުވީ މާޒީގައި ހިނގި ކަންކަން ނިމިއްޖެ ކަމަށާއި އޭނާއާ މަހުލޫފު މަޝްވަރާކުރާ އިރު ކުރީގެ ވާހަކަ ނުވެސް ދައްކާ ކަމަށެވެ.

އެކަމަކު އާއްމު އުސޫލެއްގެ ގޮތުން ވެސް، ފުޓްބޯޅަ އެސޯސިއޭޝަނެއްގެ މައްޗަށް ސަރުކާރަކަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ އެވެ. އަދި އެފަދަ ކަމެއް ފެންމަތިވެއްޖެ ނަމަ އެ ގައުމެއް ސަސްޕެންޑްކުރާނެ އެވެ. އެއީ ފީފާ އަށް އަމިއްލަ އަށް އިސްނަގައިގެން ވެސް ބެލޭނެ މައްސަލައެކެވެ. އެހެންވެ އަދިވެސް ސަސްޕެންޝަނުގެ ބިރު ފިލައިގެން ނުދެ އެވެ.