20 އަހަރުވެއްޖެ: ނަސީރު ފަހަތަށް ޖައްސާލެވޭނެ ދުވުންތެރިޔަކު ނެތީތަ؟

އެ ދުވަސް ފަހަރުގައި ވެގެން ދިޔައީހީ ދިވެހިރާއްޖޭގެ ކުޅިވަރު ތާރީހު ބަދަލުކޮށްލި ދުވަހަށެވެ. ނޭޕާލުގައި 1999 ވަނަ އަހަރު ކުރިއަށްދިޔަ ސާފް ގޭމްސްގެ އެތުލެޓިކްސްގެ 800 މީޓަރު ދުވުމުގައި މެޑެއްޔެއްގައި އަތްލެވޭ ހިސާބަށް ގޮސް ނަސީރު އިސްމާއީލަށް ނާކާމިޔާބުވީ އެވެ. ހިތަށް އަރާފާނެ އެވެ. މިއަދު އެ ވާހަކަ ދެއްކުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ؟ އެތުލެޓިކްސްގައި ރާއްޖޭން ސަރަހައްދީ މުބާރާތްތަކުން ރަން، ރިހި މެޑަލް ހޯދައިފިއެއް ނޫން ހެއްޔެވެ؟


އެހެންވިޔަސް އެ ވާހަކަ މިއަދު ވެސް ދައްކަން ޖެހޭ ވަރަށް މުހިއްމު ސަބަބެއް އެބައޮތެވެ. އެއީ އެ ރޭހުގައި އޭނާ ހެދި 800 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް އަދި އަދަށްދާން ދެން ވެސް މުގުރާލެވިފައިނުވުމެވެ. އެތުލެޓިކްސްގެ ސްޕްރިންޓް، މިޑްލް ޑިސްޓެންސް އަދި ލޯންގް ޑިސްޓެންސް ރެކޯޑްތައް މަތިމަތިން މުގުރާލައިފި އެވެ. އެކަމަކު ނަސީރުގެ އެ ރެކޯޑަށް މިދިޔަ ހުކުރު ދުވަހު 20 އަހަރުވީ އިރު އަތްލެވޭނެ ދުވުންތެރިޔަކު ނެތެވެ.

އޭގެ ސަބަބުތައް ވަރަށް ގިނަ އެވެ. ނަސީރު ހުސްވި ވަރަށް މިކަމަށް ހުސްވެގެން އޭރު ކުރި ވަރަށް މިހާރު މަސައްކަތް ނުކުރެވެނީ ކަމަށް ވެސް ވެދާނެ އެވެ. އަނެއް ކަމަކީ ނަސީރަކީ އޭރު ސްޕްރިންޓާއި ލޯންގް ޑިސްޓެންސް ވެސް ދުވި ދުވުންތެރިޔަކަށް ވާތީ، ޓްރެކް ވަށައި ފުލް ސްޕީޑުގައި ދެ ބުރު ޖަހަން ޖެހޭ 800 މީޓަރު ރޭހުގައި ވާދަކުރަން ބޭނުންވާ ބުންވަރާއި ސްޕީޑް އޭނާގެ ކިބައިގައި ހުރުމެވެ. އޭނާ އަކީ 200 މީޓަރު، 400 މީޓަރު، 800 މީޓަރު، 1500 މީޓަރު، 5000 މީޓަރު، 1000 މީޓަރު، ހާފް މެރެތަން އަދި މެރެތަން ރޭހުގައި ބައިވެރިވެ އެއް ވަނަ ހޯދި ރާއްޖޭގެ ހަމައެކަނި ދުވުންތެރިޔާ އެވެ.

ނަސީރު އިސްމާއިލް: އޭނާ ފާހަގަކުރެވެން ފެށީ އުމުރުން 16 އަހަރުގައި 1991 ވަނަ އަހަރުގެ ސާފް ގޭމްސް އަށް ދިޔަ ހިސާބުން.

އެކަމަކު 800 މީޓަރު ދުވުމުގައި ވާދަކުރަން ބޭނުންވާ ގަދަބާރު އޭނާގެ ކިބައިގައި ނެތުމަކީ މެޑެއްޔެއްގައި އަތްނުލެވުނު އެއް ސަބަބެކެވެ. ރޭހުގެ ފަހު 50 މީޓަރާ ހަމަޔަށް ދިޔައިރު ދެ ވަނައިގައި އޮތް ދުވުންތެރިޔާގެ ގައިގައި އެހެން ދުވުންތެރިޔަކު އުޅަބޮށިން ދެ ފަހަރަކު ޖަހާ ކޮށްޕާލި އެވެ.

"މިއިން ކޮންމެ ކޮށްޕާލުމަކީ ސިކުންތެއްގެ ލަސްވުމެވެ. އެހެން ނަމަވެސް ނަސީރުގެ ހުނަރުވެރިކަމުން އޭނާ އައީ ހުރިހާ ދުވުންތެރިންނާ އެއްވަރެއްގައި ހިފަހައްޓަމުންނެވެ. އެކަމަކު ނިންމާ ލައިނަށް އެރިއިރު ތިން ވަނަ ހޯދި މީހާ އަށް ވުރެ ތަންކޮޅެއް ދަށެވެ،" އެ ދުވަހުގެ "ހަވީރު" ނޫހުގައި މޫސާ ލަތީފް ލިޔެފައިވެ އެވެ.

ރާއްޖޭގެ ޓީމުގެ ހެޑްކޯޗު އިންޑިއާ ކޯޗު ޕީ.އާރް ނަޔަރު ވެސް އެ ނޫހަށް ވާހަކަދައްކަމުން ބުނީ ހުރިހާ ވެސް މައްސަލައަކީ ނަސީރަށް ބާރުގެ ބޭނުންކުރަން ނޭގުން ކަމަށާއި ދިވެހި ކުދިންގެ ކިބައިގައި އެ ބާރު ނެތީ ކަމަށެވެ. އިންޑިއާ، ސްރީ ލަންކާ އަދި ޕާކިސްތާނުން އެ އިވެންޓުގައި ދެ ދުވުންތެރިން ވާދަކުރުވަނީ ހާއްސަ އެފަދަ ހާއްސަ އުކުޅެއްގެ ދަށުންނެވެ.

"އެ މީހުން ބައިވެރިކުރާ ދެ ދުވުންތެރިންގެ ތެރެއިން އެއް ދުވުންތެރިޔަކު ބަލާނެ އިދިކޮޅު ދުވުންތެރިންނަށް އުނދަގޫކުރަން. އެކަހަލަ ކަންތައްތައް މި ހިނގަނީ،" ރާއްޖޭގެ ޓީމުގެ ކޯޗެއްގެ ގޮތުން ޓީމާ އެކު ދިޔަ ހުސެއިން ހަލީމް (ކުޑަހުސެން) ބުނެފައިވެ އެވެ.

ސްޕްރިންޓް ދުވުންތަކުން ފެށިގެން މެދު ރާސްތާ ދުވުންތަކާއި ދިގު ރާސްތާ ދުވުންތަކުގައި އެއް ފެންވަރެއްގައި ވާދަކުރި ރާއްޖޭގެ ހަމައެކަނި ދުވުންތެރިޔާ ބުނީ އޭނާ ކުޑަވުމުން އެހެން ދުވުންތެރިން އެގޮތަށް އުނދަގޫކުރަނީ ކަމަށާއި އޮފިޝަލުންނަށް އެ މަންޒަރެއް ނުފެންނަ ކަމަށެވެ. ކޮންމެ ސަބަބަކާ ހުރެ ވެސް އެ މެޑަލް ނުލިބުމަކީ ނަސީރުގެ މުޅި އުމުރުގައި ވެސް ލިބުނު އެންމެ ބޮޑު އެއް މާޔޫސްކަމެވެ. އޭނާ ބުނެފައިވާ ގޮތުގައި ސީދާ މެޑެއްޔަށް އަމާޒުކޮށްގެން ތައްޔާރުވެ އެކަމާ ވިސްނަން ހަދައިގެން ހަމަނިދި ނުލިބޭތާ އޭރު އަހަރެއް ވެދާނެ ކަމަށެވެ. ރޭސް ނިމުނު ވަގުތު ޓްރެކް މައްޗަށް ވެއްޓިގަނެ އޭނާ އަޑުން އަޑުން ނަގައި ރޮމުން ދިޔައީ އެހެންވެ އެވެ.

"އަހަންނަށް މިރޮވެނީ ރޮވެންވެގެން،" ނަސީރު ބުނެފައިވެ އެވެ.

"އަހަރެންގެ އަމިއްލަ މަސައްކަތުން މިހާ ހިސާބަށް މިއާދެވެނީ. އެހެން ކުޅިވަރުތައް އެހެންތަ؟ އަހަންނަށް ތަނެއްގައި ވަޒީފާ އަދާކުރިޔަސް ލިބޭނީ ފަނަރަސަތޭކައެއްހާ ރުފިޔާ. އަހަރެންގެ މަންމަ މި ކަމަށް މަހަކު ދެހާސް ތިންހާހުން ހަރަދުކުރޭ."

ނަސީރު (ކ) އޭނާގެ މަންމައާ އެކު.

ނަސީރަށް މެޑަލް ނުލިބުމަކީ ކުޑަހުސެން އަށް ވެސް ލިބުނު ބޮޑު މާޔޫސްކަމެކެވެ. އެކަމަކު އޭނާ ބުނީ މެޑެއްޔެއް ނުލިބުނަސް ސަރަހައްދުގެ މޮޅެތި މީހުންނާ އެއްވަރަކަށް ނަސީރު ދުވެފި ކަމަށާއި ސަރުކާރުން އަޅާލައިފި ނަމަ ދެ ތިން އަހަރެއްގެ ތެރޭގައި އެންމެ ބާރު ދުވުންތެރިޔާ އަށް ހެދިދާނެ ކަމަށެވެ.

އެކަމަކު އެޓްލާންޓާ އޮލިމްޕިކްސްގައި 1996 އަދި ސިޑްނީ އޮލިމްޕިކްސްގައި 2000 ވަނަ އަހަރު ދުވި ނަސީރަށް ފަހުން ދިމާވީ ދެރަގޮތެކެވެ. އެތުލެޓިކްސް އެސޯސިއޭޝަނުން އޭނާ ޑިސިޕްލިނަރީ މައްސަލައެއްގައި ސަސްޕެންޑްކުރުމާ އަދި އެސޯސިއޭޝަނުގެ އަމަލުތަކާ މެދު ހިތްހަމަނުޖެހިގެން ކަމަށް ބުނެ ދުރަށް ދިޔައީ އެވެ. ފަހުން ރާއްޖޭގެ މުބާރާތްތަކުން ފެނުނު ނަމަވެސް 2004 ވަނަ އަހަރު ޓްރެކުން ފޭބީ އެވެ.

ނަސީރަށް ފަހު އައި ޖީލުގެ ދުވުންތެރިންގެ ނަސީބު ގަދަ އެވެ. ފުރުސަތުތައް އޮހެން ފެށި އެވެ. އެގޮތުން 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިން ލޯ މެޑަލް ހޯދައި ޒުވާން ދުވުންތެރިން އެތުލެޓިކްސްގެ ތާރީހު ބަދަލުކޮށްލި އެވެ. އަދި އެ އަހަރު އޮލިމްޕިކް ކޮމިޓީން ފެށި އެތުލީޓްސް ސްކޮލަޝިޕް ޕްރޮގްރާމްތަކާ އެކު ރާއްޖޭން ބޭރުން ތަމްރީން ލިބެން ފެށުމާ އެތުލެޓިކްސް އެހެން ހަރުފަތަކަށް އެރި އެވެ. ޖެމެއިކާގައި ތަމްދީން ހެދުމަށް ފަހު ދުވުންތެރިޔާ ހަސަން ސާއިދު 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދުމަކީ ހުވަފެނެއް ހަގީގަތަކަށް ވުމެވެ. އަދި އޭނާ ޖެހިގެން އައި އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުންނާއި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދި އެވެ.

މިއަދު ދިވެހި ދުވުންތެރިން ސަރަހައްދީ މުބާރަތްތަކަށް ދަނީ މެޑަލް ލިބޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމާ އެކު އެވެ. ގައުމީ ރެކޯޑްތައް އަހަރު ދެކޮޅު އަންނަނީ މުގުރަމުންނެވެ. އެކަމަކު ރާއްޖޭން ބޭރުގެ އެފަދަ ފުރުސަތެއް ނެތް ދުވަސްވަރެއްގައި ނަސީރު ކުރި މަސައްކަތުގެ އަގުވަޒަންކުރަނެ ޖެހެ އެވެ. މާލޭ ވެލި ޓްރެކާއި ސ. ހިތަދޫގައި ތަމްރީން ހަދައި އަދި ވަރުޖައްސަން ބަތްޕެން ބޮއެގެން އޭނާ ގޮސް، އޭރު އޭޝިއާގެ ފެންވަރުގެ ދުވުންތެރިންނާ ދާދި އެއް ހަމައެއްގައި ވާދަކުރީތީ އެވެ. އޭނާގެ ރެކޯޑް މުގުރާލެވޭނެ ދުވުންތެރިޔަކު ފެންނަން ނެތީމަ އެވެ.

"ސަރަހައްދީ އެންމެ ބޮޑު ކުޅިވަރު އީދުގައި ވާދަކުރާ އެހެން ދުވުންތެރިންނާ ނަސީރު ހުރިހާ ގޮތަކުން ވެސް ތަފާތެވެ. އެހެން ދުވުންތެރިން ވާދަކުރާ އިވެންޓްތަކުގައި ވަރަށް ބޮޑު ތަފާތެއް ހުރެ އެވެ. އެކަމަކު ނަސީރު އެންމެ ފަހު ފިޔަވަޅާ ހަމައަށް ވެސް ވާދަކުރަމުން އަންނަނީ އެއްވަރުގައި ހުރެގެންނެވެ،" "ހަވީރު" ގައި މޫސަ ލިޔެފައިވެ އެވެ.

ނަސީރު އެ ފަހަރު ރެކޯޑް ހެދީ ވެސް ތަފާތު ގޮތަކަށެވެ. ސާފް ގޭމްސްގައި 1991 ވަނަ އަހަރު އަމްޖަދު އަލީ ހެދި ރެކޯޑް އޭނާ އެންމެ ފުރަތަމަ މުގުރާލީ ހީޓުގައި 1 މިނެޓު 53:65 ދުވެގެންނެވެ. އޭނާ ފައިނަލުގައި ރެކޯޑް އާކުރީ 1 މިނެޓު 53:08 ސިކުންތުން ދުވެގެންނެވެ. މި އަހަރުގެ ގައުމީ މުބާރާތުގެ 800 މީޓަރު ދުވުމުން އެއް ވަނަ ހޯދި ހުސެއިން ރިޒާ (ކުޑަރިޒާ) ގެ ޓައިމިން އަކީ 2 މިނެޓު 00.60 ސިކުންތެވެ.

"ރެކޯޑް އަޅުގަނޑުގެ އަތުގައި އޮތުމަކީ ހިތްހަމަޖެހުމެއް. އެކަމަކު އުއްމީދަކީ ވީހާ ވެސް އަވަހަކަށް އެ ރެކޯޑް ވެސް މުގުރާލުން،" ނަސީރު ބުންޏެވެ.

މި އިވެންޓުން މެޑެއްޔަކާ ހަމަޔަށް ރާއްޖެ އަށް ދެވެން އޮތީ ވެސް ރެކޯޑް މުގުރާލެވިގެންނެވެ. އެކަމަކުގެ ހެއްކަކީ 28 އަހަރުވީ އިރު ވެސް މުގުރާނުލެވި އޮތް މެރެތަން ރެކޯޑް މުގުރާލިތާ ދެ އަހަރުވީއިރު، އެތައް ފަހަރެއްގެ މަތިން އެ ރެކޯޑް އާކޮށް އަދި އޭގެން ސަރަހައްދީ މެޑެއްޔަކަށް ރާއްޖޭން ވާދަކުރުމެވެ. މި އަހަރުގެ އައިއޯއައިޖީގައި ޝިފާޒް މުހައްމަދު ވަނީ މެރެތަން ދުވުމުގެ ހަތަރު ވަނަ ހޯދައިފަ އެވެ.

ރައީސް ވަހީދު (ކ) 2013 ވަނަ އަހަރު ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ހިންގުމާއި، ފަންނީ ރޮނގުން ކުޅިވަރަށް ހިދުމަތް ކުރުމުގެ ރޮނގުން ނަސީރަށް ހިތްވަރުދިނުމުގެ ގައުމީ އިނާމް ދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް

އެ ރެކޯޑް މުގުރާލަން ދުވުންތެރިން ތަމްރީންކޮށްދޭން ނަސީރު ބޭނުންވެ އެވެ. އިންގްލެންޑުން 2013 ވަނަ އަހަރު ކޯޗިން ލައިސަންސް ނަގާފައިވާ ނަސީރަށް މިޑްލް ޑިސްޓެންސް ގައުމީ ޓީމު ހަވާލުކުރަން އުޅޭ ކަމުގެ ވާހަކަތަކެއް ވެސް ދެކެވެ އެވެ. މިއަދު ސަރަހައްދީ ގައުމުތަކުގެ ގިނަ ކޯޗުންނަކީ އޭނާއާ އެއްކޮށް ދުވި ދުވުންތެރިންނެވެ. ގައުމީ ޕޫލުގެ ކޯޗިން ރޯލެއް ނެތަސް އޭނާ ވަނީ ފާއިތުވި އަހަރުތަކުގައި ކޯޗެއްގެ ގޮތުން ދުވުމަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ.

އެއީ ރާއްޖޭގައި މިހާރު ރިކްރިއޭޝަން ދުވުމަށް ޖެހިފައިވާ ފޯރި ގެނައުމުގައި ބޮޑު ހިއްސާއެއް ވުމެވެ. ތަފާތު ވަޒީފާތަކުގައި އުޅޭ މީހުންނަށް ހާއްސަކޮށް ދުވާ ކްލަބެއް ހިންގައި އޭގެ ތެރެއިން ތަމްރީންދީ ބޭރުގެ މެރެތަންތަކުގައި އެތައް ދުވުންތެރިން ވާދަކުރުވި އެވެ. މެރެތަން ރެކޯޑް މުގުރާލި އަހުމަދު ޝަރަފަކީ ވެސް ނަސީރުގެ ކޯޗުކަމުން މޭޑް ރަނާސްގެ ތެރެއިން ނުކުތް ދުވުންތެރިޔެކެވެ.

"ކޯޗިންގެ ފުރުސަތު ލިބިއްޖެ ނަމަ އުފަލާ އެކު ގަބޫލުކުރާނަން،" ބައިނަލްއަގްވާމީ 28 މުބާރާތެއްގައި ވާދަކޮށް 16 ފަހަރެއްގެ މަތިން ގައުމީ ރެކޯޑް މުގުރާލާފައިވާ ނަސީރު ބުންޏެވެ.