ބޭރުގެ މުބާރާތާ އެކު އައްޑޫ ބެޑްމިންޓަން ކޯޓް ބޭނުންކުރަން ފަށައިފި

އައްޑޫ ސިޓީ ބެޑްމިންޓަން ކޮމްޕްލެކްސްގެ މަސައްކަތް ނިންމައި ސަރަހައްދީ މުބާރަތާ އެކު އެތަން ރޭ ބޭނުން ކުރަން ފަށައިފި އެވެ.


ހިތަދޫ ޒޫވާނުންގެ މަރުކަޒުގެ ގޯތިތެރޭގައި އިމާރާތްކޮށްފައިވާ ބެޑްމިންޓަން ކޮމްޕްލެކްސްގައި ރަސްމީކޮށް ބޭނުން ކުރަން ފަށާފައި މި ވަނީ ރޭ ފެށި ސައުތު އޭޝިއާ އަންޑަ 21 ރިޖަނަލް ބެޑްމިންޓަން ޗެމްޕިއަންޝިޕާ އެކީގަ އެވެ. މިއީ މި މުބާރާތް ބާއްވާ ތިން ވަނަ ފަަހަރެވެ. މި ފަަހަރުގެ މުބާރާތުގައި ދެކުނު އޭޝިއާގެ އަށް ގައުމުގެ ތެރެއިން ހަތް ގައުމު ބައިވެރިވި އެވެ. އެއީ ރާއްޖޭގެ އިތުރުން އިންޑިއާ، ސްރީ ލަންކާ، ބަންގްލަދޭޝް، ޕާކިސްތާން، ނާޕާލް އަދި ބޫޓާނެވެ.

ރާއްޖޭން ވަނީ މީގެ ކުރިން ބޭއްވި ދެކުނު އޭޝިއާގެ މުބާރާތްތަކުގައި ރަނގަޅު ކާމިޔާބެއް ހޯދައިފަ އެވެ. މި ފަހަރު އަމިއްލަ ގައުމުގައި ކުޅޭއިރު ބެޑްމިންޓަން އެސޯސިއޭޝަނުން އަމާޒުހިފާފައިވަނީ ރަން ވަނަ އަކަށެވެ. ނިމިދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރަން މެޑަލަކަށް އަމާޒުކޮށް ދުރު ރާސްތާ ޕްލޭނެއްގެ ދަށުން ގިނަ މަސައްކަތްތަކެއްކޮށް ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ އެކަން ކާމިޔާބުކޮށްފަ އެވެ.

އައިއޯއައިޖީގެ އަންހެން ސިންގަލްސް ބައިން ރަން މެޑަލް ހޯދި އައިމިނަތު ނަބީހާ ވެސް ދެކުނު އޭޝިއާ މުބާރާތުގައި ކުޅޭނެ އެވެ. އޭނާގެ އިތުރުން ދެން ގައުމީ ސްކޮޑުން ކުޅެނީ ފާތިމަތު ނަބާހާ، އަހުމަދު ނިބާލް، މުހައްމަދު އާކިފް އަދި މާޝާ ރަޝީދު އެވެ.

އައްޑޫގައި ބިނާކުރި ބެޑްމިންޓަން ކޮމްޕްލެކްސްއަކީ ހަތަރު ބެޑްމިންޓަން ކޯޓް އެކުލެވޭ ގޮތަށް ބެޑްމިންޓަން ހޯލަކާ އެކު ދެ ބުރި އަށް ހަދާފައިވާ ތަނެކެވެ. ބެޑްމިންޓަން ޑިވެލޮޕްމެންޓް ކޮމިޓީ (ބީޑީސީ) ތައް މެދުވެރިކޮށް ބެޑްމިންޓަން އެސޯސިއޭޝަނުން ގިނަ މަސައްކަތްތަކެއް ކުރާއިރު، އޭގެ ތެރެއިން އެންމެ ޕްރޮގްރާމް ގިނަ އެއް ކޮމިޓީ އަކީ އަައްޑޫގެ ކޮމިޓީ އެވެ. ގައުމީ މުބާރާތާއި އަތޮޅު ލީގަށް މާލެ އައިސް އައްޑޫގެ ކުޅުންތެރިން ރަނގަޅު ކާމިޔާބީތަކެއް ހޯދަ އެވެ.

ސްޕޯޓްސް މިނިސްޓްރީ އާއި އައްޑޫ ސިޓީ ކައުންސިލުން ގުޅިގެން ހިންގި މި މަޝްރޫއަށް 6.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު މަސައްކަތް ކުރީ އައްޑޫ ޕީޕަލްސް ކޯޕަރޭޓް ސޮސައިޓީ (އޭޕީސީ) އިންނެވެ. އެތަނާ މަސައްކަތް ކައުންސިލުން ހަވާލުކުރީ މިދިޔަ މެއި މަހުގެ 21 ވަނަ ދުވަހު އެވެ.

އޭޕީސީ އަކީ ކައުންސިލްގެ 51 ޕަސަންޓާއި އައްޑޫ ރައްޔިތުން 49 ޕަސަންޓް ހިއްސާ އޮންނަ ގޮތަށް 2016 ގައި އުފެއްދާފައިވާ ކޯޕަރޭޓިވެކެވެ.

ބެޑްމިންޓަން ކޮމްޕްލެސް ބޭނުންކުރަން ފެށުމާ ގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫގެ ބެޑްމިންޓަން ކޮމްޕްލެކްސްއަކީ ކުޅިވަރުތައް ވެރިރަށް މާލެ އަށް ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ރަށްރަށުގައި ވެސް މިފަދަ ވަސީލަތްތައް ގާއިމުކުރަން ސަރުކާރުން ކުރާ މަސައްކަތުގެ ބައެެއް ކަމަށެވެ. އަދި ރަށްރަށުގައި މިފަދަ ވަސީލަތްތައް ގާއިމުކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ގިނައިން ބޭއްވުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެ ގޮތުން މި މުބާރާތް އައްޑޫގައި ބޭއްވުމުގެ އެއް މަގުސަދަކީ ވެސް އެއީ އެވެ.