ލީގު މެދުކަނޑާލުމުން ގާޑިއޯލާ ރާއްޖެ އަށް

ބައިނަލްއަގްވާމީ މެޗުތަކަށް އިނގިރޭސި ޕްރިމިއާ ލީގު މެދުކަނޑާލުމާ އެކު މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ޗުއްޓީ ހޭދަކޮށްލަން އިއްޔެ ރާއްޖެ އަތުވެއްޖެ އެވެ.


އާންމު ގޮތެއްގައި ސީޒަނުގެ މެދުތެރެއިން ލިބޭ ބްރޭކުތަކުގައި ގާޑިއޯލާ ޗުއްޓީ ހޭދަކުރަންދަނީ އޭނާގެ އުފަން ގައުމު ސްޕެއިނަށެވެ. އެންމެ ގިނައިން ދަނީ އިބީޒާ ނޫނީ މާބެއްލާ އަށެވެ. ބޭނުމަކީ ސްޕެއިން ގައުމީ ޓީމުގެ މެޗުތައް ބަލާލުމެވެ. އަނެއް ކޮޅުން މިފަދަ ބްރޭކްތަކުގައި ލިބެނީ މަދު ދުވަސްކޮޅެއް ކަމުން ދުރަށް ދެވެން ނޯންނަނީ އެވެ.

އެކަމަކު އޭނާ މި ފަހަރު 11 ގަޑިއިރުގެ ދަތުރަކަށް ފަހު ރާއްޖެ އަންނަން މި ނިންނީ ސިޓީގެ ނަތީޖާތައް ދަށްވެ ހާސްކަމާ ކުރިމަތިލާން ޖެހިފައި އޮއްވަ އެވެ. ލީގުގައި އެންމެ ފަހުން ސިޓީން އާދިއްތަ ދުވަހު އަމިއްލަ ދަނޑުގައި ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުގައިވަނީ 2-0 އިން ބަލިވެފަ އެވެ. ލީގުގައި މި ފަހަރު ދެ މެޗަކުން ސިޓީ ބަލިވެފައިވާއިރު، ލީގުގެ ރޭހުގައި ވެސް ސިޓީ ވަނީ ފަހަތަށް ވެއްޓިފަ އެވެ. އެއް ވަަނައިގައި އޮތް ލިވަޕޫލާއި ދެ ވަނައިގައި އޮތް ސިޓީއާ ދެމެދު އަށް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

"ލިވަޕޫލާ ދެމެދު އޮތް ފަރަގު ނުހަނު ބޮޑު. އަށް ޕޮއިންޓުގެ ފަރާގާ މެދު އަހަރެމެން ވިސްނައިގެން ނުވާނެ. އެއީ ކުރިމަތިވާނެ އިތުރު ޕްރެޝަރެއް. އެކަމަކު ދެން އޮތް ކަމަކީ ވެސް އަހަރެމެން ހަނދާނުން ފޮހެލައިގެންވާނެ ކަމެއް ނޫން. މިއީ އަދި އޮކްޓޫބަރު މަސް. ވަރަށް ގިނަ މުބާރާތްތަކާއި ވަރަށް ގިނަ މެޗުތައް އަދި ކުޅެން އެބަހުރި،" ވުލްވްސް މެޗަށް ފަހު ގާޑިއޯލާ ބުންޏެވެ.

ބައިނަލްއަގުވާމީ މެޗުތަކަށް ފަހު ލީގުގެ ކުޅުން އަލުން ފެށޭނީ މި މަހު 19 ވަނަ ދުވަހު އެވެ. ސިޓީން ދެން ކުޅޭ މެޗުގައި ރަށުން ބޭރުގައި ނުކުންނާނީ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށެވެ. ކްރިސްޓަލް ޕެލަސް ވަނީ މިދިޔަ ޑިސެމްބަރު މަހު ސިޓީ ދަނޑުގައި އެ ޓީމު އަތުން މޮޅުވެފަ އެވެ.

ރާއްޖެ އަކީ ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރިން ޗުއްޓީ އަށް ވަރަށް ގިނައިން އަންނަ ގައުމެކެވެ. ކުރިން އިޓަލީގެ ތަރިން އަންނަ ގައުމެއްގެ ގޮތުގައި މަޝްހޫރު ވެފައި އޮތަސް ފަހަކަށް އައިސް އެކި ގައުމުތަކުން ތަރިން އާދެ އެވެ. މިދިޔަ ސީޒަނަށް ފަހު ލިވަޕޫލުގެ ފޯވާޑް މުހައްމަދު ސަލާހު ވެސް ޗުއްޓީ ހޭދަކުރީ ރާއްޖޭގަ އެވެ.