ބެޑްމިންޓަން: ދިވެހި ކުޅުންތެރިން ކުއާޓާ އަށް

އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސް، އަންހެން ސިންގަލްސް އަދި މިކްސް ޑަބަލްސް ބައިން ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިން މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.


ޓީމް އިވެންޓް ބައިން ރާއްޖެ އަށް މާ ރަނގަޅު ކާމިޔާބެއް ލިބިފައިނުވެ އެވެ. އެހެންވެ އޯޕަންސް ބައިން ރާއްޖޭގެ ކުޅުންތެރިން ކުރިމަތިލީ ރަނގަޅު އަޒުމަކާ އެކު އެވެ. އެ ގޮތުން އިއްޔެ ކުޅުނު މެޗުތަކުން މޮޅުވެ ފިރިހެން ސިންގަލްސް ބައިން އަހުމަދު ނިބާލް ކުއާޓާ އިން ފުރުސަތު ހޯދިއިރު، އަންހެން ސިންގަލްސް ބައިން އައިމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާ އަދި މާޝާ ރަޝީދު ވަނީ ކުއާޓާގެ ފުރުސަތު ހޯދައިފަ އެވެ.

ދާދި ފަހުން މަސައްކަތް ނިންމައި މި މުބާރާތުގައި ފުރަތަމަ ފަަހަރަށް ބޭނުންކުރަން ފެށި އައްޑޫ ސިޓީ ބެޑްމިންޓަން ކޮމްޕްލެކްސްގައި އިއްޔެ ކުޅުނު މެޗުން ނިބާލް ވަނީ ފިރިހެން ސިންގަލްސް ބައިގައި އަހުމަދު ޝިފާއުގެ މައްޗަށް 21-13، 21-19 އިން ކުރި ހޯދައިފަ އެވެ. މި ބައިގައި ރާއްޖޭގެ މުހައްމަދު އާކިފް ވަނީ އިންޑިއާގެ ސަރަތު އަތުން ބަލިވެފަ އެވެ.

އަންހެން ސިންގަލްސް ބައިގައި ނަބާހާ މޮޅުވީ ޕާކިސްތާނުގެ އަމާލްއާ ވާދަކޮށް ފޯރިގަދަ ކުޅުމަކަށް ފަހު 2-1 ސެޓުންނެވެ. ސެޓުތައް ދިޔައީ 21-14، 19-21 އަދި 21-17 އިންނެވެ. މި ބައިގައި ރާއްޖެ އަށް ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ މުބާރާތެއްގައި ބެޑްމިންޓަނުން ރަން މެޑަލެއް ހޯދައިދިން ނަބީހާ ކުޅުނު މެޗުން ވަނީ ފަހަތުން އަރައި ނޭޕާލުގެ ޖެސިކާ ގުރުން ބަލިކޮށްފަ އެވެ. ފުރަތަމަ ސެޓު ޖެސިކާ ގެންދިޔައީ 18-21 އިންނެވެ. ނަބީހާ މޮޅުވީ ދެން ކުޅުނު ދެ ސެޓު 21-13، 21-08 އިން ގެންގޮސްގެންނެވެ. ރާއްޖޭގެ މާޝާ ކުއާޓާއިން ފުރުސަތު ހޯދީ ބޫޓާނުގެ ޕުންޝުތޯ ދެމާ ބަލިކޮށްފަ އެވެ. މާޝާ ވެސް ފަހަތުން އަރައި މޮޅުވިއިރު ސެޓުތައް ދިޔައީ 16-21، 21-13 އަދި 21-14 އިންނެވެ.

މިކްސް ޑަބަލްސް ކުއާޓާ ފައިނަލުން އާކިފާއި މާޝާގެ ޕެއާ ފުރުސަތު ހޯދީ ބޫޓާނުގެ ޖޮމްޔާން ތެންސިން އާއި ކިންލޭ ވަންމޯގެ ޕެއާގެ މައްޗަށް 21-08، 21-14 އިން ކުރިހޯދައިގެންނެވެ.

މުބާރާތުގައި މިއަދު ކުޅޭ މެޗުތަކަށް ބަލާއިރު ފިރިހެން ސިންގަލްސް ބައިގެ ކުއާޓާގައި ރާއްޖޭގެ ނިބާލް ނުކުންނާނީ ނޭޕާލުގެ ޕްރިންސް ދަހާލްއާ ދެކޮޅަށެވެ. އަންހެން ސިންގަލްސް ބައިގައި ޕާކިސްތާނުގެ މެހެވިސް ހާންއާ ނަބީހާ ބައްދަލުކުރާއިރު، ނަބާހާ ކުޅޭނީ ލަންކާގެ ހަސީނީ ނުސާކާއާ އެވެ. އަދި މާޝާ ނުކުންނާނީ އިންޑިއާގެ މާންސީ ސިންހުއާ ދެކޮޅަށެވެ.

ފިރިހެން ޑަބަލްސް ބައިގެ ނިބާލް އާއި ޝިފާއުގެ ޕެއާ ބޫޓާނުގެ ޖިމްބާ އާއި ޖަމްޔަންގެ ޕެއާއާ ކުޅޭނެ އެވެ. އަދި އަންހެން ޑަބަލްސް ޕެއާގައި ނަބީހާ އާއި ނަބާހާގެ ޕެއާ ކުޅޭ މެޗު ވެސް އޮންނާނެ އެވެ. ނަބީހާ އާއި ނަބާހާގެ ޕެއާ ވަނީ މީގެ ކުރިން އޮތް ދެކުނު އޭޝިއާގެ ދެ މުބާރާތުގައި މި އިވެންޓުން ރާއްޖެ އަށް ރިހި މެޑަލް ހޯދައިދީފަ އެވެ.

ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތަކީ މި އަހަރު ރާއްޖޭގައި ބާއްވާ ތިން ވަނަ ބައިނަލްއަގުވާމީ މުބާރާތެވެ. ދާދި ފަހުން މާލޭގައި ވަނީ ބެޑްމިންޓަން ފިއުޗާ ސީރީސް އާއި ބެޑްމިންޓަން ޗެލެންޖް ބާއްވައިފަ އެވެ. މިއީ މެދުކެނޑުމަކަށް ފަހު ރާއްޖޭގައި ބައިނަލްއަގުވާމީ ބެޑްމިންޓަން މުބާރާތް ބޭއްވޭ ފުރަތަމަ ފަހަރެވެ. އެންމެ ފަހުން މުބާރާތް ބޭއްވީ 2013 ވަނަ އަހަރު އެވެ.