ރާއްޖެ އަތުން ސީރިއާ އަށް އުނދަގޫ މޮޅެއް

ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ އޭޝިއާގެ ގަދަބާރު ސީރިއާ އިން އެކަކު މަދުކޮށް ރާއްޖެ އަތުން އުނދަގުލުން، ހަނި ގޮތަކަށް 2-1 އިން މޮޅުވެއްޖެ އެވެ.


ދުބާއީގައި ކުޅުނު މި މެޗުގައި ރާއްޖޭގެ ހަމައެކަނި ލަނޑު ޖެހީ ދެ ވަނަ ހާފުގައި ކުޅެން އެރި އަލީ އަޝްފާގް (ދަގަނޑޭ) އެވެ.

ރާއްޖެ ހިމެނޭ ކޮލިފައިން އޭގެ އެއް ވަނައިގައި އޮތީ މިރޭ އަމިއްލަ ދަނޑުގައި 7-0 އިން ގުއާމް ބަލިކުރި ޗައިނާ އެވެ. އެއް ވަނައިގައި އޮތް ޗައިނާ އާއި ދެ ވަނައިގައި އޮތް ސީރިއާ އަށް ދެ މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. ޗައިނާ ކުރީގައި އޮތީ ފައިދާ ލަނޑުންނެވެ. ގްރޫޕުގެ ތިން ވަނައިގައި އޮތް ފިލިޕީންސް އާއި ހަތަރު ވަނައިގައި އޮތް ރާއްޖެ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. އެންމެ ފުލުގައި އޮތް ގުއާމަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ގުއާމް އަތުން 1-0 އިން މޮޅުވި ނަމަވެސް ދެން ކުޅުނު ދެ މެޗުން މިވަނީ ބަލިވެފަ އެވެ. މިދިޔަ މަހު 10 ވަނަ ދުވަހު މާލޭގައި ޗައިނާ އަތުން ބަލިވީ 5-0 އިންެވެ. ގްރޫޕްގެ ތިން ވަނައިގައި ނިންމާލަން ރާއްޖޭން އަމާޒުހިފާފައިވާއިރު، ދެން ކުޅޭ މެޗުގައި އަންނަ މަހު 14 ވަނަ ދުވަހު މާލޭގައި ނުކުންނާނީ ފިލިޕީންސާ ދެކޮޅަށެވެ.

ސަސްޕެންޝަނުގެ ސަބަބުން މި މެޗުގައި ރާއްޖޭގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ނުކުޅެ އެވެ. އަނެއްކޮޅުން އަނިޔާގެ ސަބަބުން އިބްރާހިމް ވަހީދު (އިއްބެ) ވެސް ހުރީ ކުޅުމާ ދުރުގަ އެވެ.

ޔޫއޭއީގެ ރާޝިދު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން ރާއްޖޭން ދިޔައީ ޑިފެންސަށް ވިސްނައިގެން ކުޅެމުންނެވެ. ސީރިއާގެ ދެ ޑިފެންޑަރުން ފިޔަވާ ހުރިހާ ކުޅުންތެރިން ރާއްޖޭގެ ހާފުގެ ތެރޭގައި ކުޅެމުންދިޔަ އެވެ. ސީރިއާ އިން މެޗުގެ ކުރީ ކޮޅުގައި ފޮނުވާލި ދެ ހަމަލާއެއް މި މެޗުގައި ރާއްޖޭގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ގޯލްކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ.

ރާއްޖޭގެ އެންމެ ކުރިއަށް ކުޅެމުންދިޔައީ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ނާއިޒު ހަސަން (ދާދު) އެވެ. ދާދު އާއި ހަމްޕު ކައުންޓަ އެޓޭކުގައި ސީރިއާ ޑިފެންސް ތެރެއިން ދެވޭތޯ މަސައްކަތްކުރި ނަމަވެސް އެންމެ ރަނގަޅަށް އެކަން ކުރެވޭ ގޮތެއްނުވި އެވެ.

ސީރިއާ އިން ލަނޑެއް ޖަހަން ކުރަމުންދިޔަ މަަސައްކަތް ކާމިޔާބުވީ މެޗުގެ 26 ވަނަ މިނިޓްގަ އެވެ. އޭރިއާ ބޭރުން ލިބުނު ހިލޭޖެހުމަކުން މި ލަނޑު ޖެހީ ސީރިއާގެ ކެޕްޓަން އޮމާރް އަލްސޯމާ އެވެ. ދާދު ކުރި ފައުލަކަށް ލިބުނު ހިލޭޖެހުމަކުން އަލްސޯމާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ. ސީރިއާ އިން ލީޑުނެގިތާ ތިން މިނިޓް ތެރޭ ނަތީޖާ ހަމަހަމަކުރަން ރާއްޖެ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. މެޗުގެ 29 ވަނަ މިނިޓްގައި ދާދު އަށް ކުރި ފައުލަކަށް ލިބުނު ހިލޭ ޖެހުމަކުން ހަމްޕު ނަގައިިދިން ބޯޅަ އޭރިއާ ތެރޭގައި ހުސްކޮށްހުރެފައި އަހުމަދު ނޫމާން (ހެލްމެޓް) ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ސީރިއާ އިން ލީޑުފުޅާކުރަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ރާއްޖޭގެ ޑިފެންޑަރުން އެ ފުރުސަތު ނުދެ އެވެ. ހާއްސަކޮށް ސަމޫހު އަލީ (ސަމުއްޓެ) އާއި ހުސެއިން ޝިފާއު (ކުރޯ) އެ ވަގުތު ރަނގަޅު ކުޅުމެއް ދެއްކި އެވެ.

ރާއްޖެ އަށް ފުރަތަމަ ހާފުގައި ކުރީގައި ބޯޅަ ނުހިފެހެއްޓޭތީ ދެ ވަނަ ހާފަށް ނުކުތީ ދަގަނޑޭ ހިމަނައިގެންނެވެ. އޭނާ ކުޅެން އެރީ މުހައްމަދު އިރުފާން (އިރޭ)ގެ ބަދަލުގަ އެވެ. ފުރަތަމަ ހާފުގެ ފަހުކޮޅުގައި އިރޭ ފަޔަށް ސީރިއާ ކުޅުންތެރިޔަކު ޓެކުލްކުުރުމުން އޭނާ އަށް ވަނީ ފަރުވާދީފަ އެވެ. މެޗުގެ 51 ވަނަ މިނިޓްގައި ރާއްޖޭގެ އިބްރާހިމް އައިސަމް ވަނީ ރަނގަޅު ހަމަލާއެއް އޭރިއާބޭރުން ފޮނުވާލައިފަ އެވެ. އެ ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

މެޗުގެ 60 ވަނަ މިނިޓްގައި ސީރިއާގެ ދެ ވަަނަ ލަނޑު އަލްސޯމާ ޖެހީ ކޯނަރަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅައެއް ބޮލުންނެވެ. އަލްސޯމާ ބޮލުން ޖެހި ބޯޅަ ހިފަން އުޅުމުގެ ތެރޭގައި ކީޕަރު ފައިސަލް އަތުގައި ޖެހިފައިވަނީ ގޯލަށެވެ.

ދަގަނޑޭ ކުޅެން އެރުމާ އެކު ސީރިއާ ފަހަތަށް ބާރުބޮޑުވެގެންދިޔައިރު، މެޗުގެ 65 ވަނަ މިނިޓްގައި ދަގަނޑޭ މުޅިން ހުސްކޮށް ދަނިކޮށް އޭނާ އަށް ކުރި ފައުލަކަށް ސީރިއާގެ ޑިފެންޑަރު އަހުމަދު އަލްސަލާ އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. އެ ހިލޭ ޖެހުމުން ދަގަނޑޭ ޖެހި ބޯޅަ ސީރިއާ ކީޕަރު އިބްރާހިމް އަލްމާ ވަނީ މަތަކޮށްފަ އެވެ. އެކަމަކު އޭގެ ހަތަރު މިނިޓް ފަހުން ދަގަނޑޭ ވަނީ އޭރިއާ ތެރެއިން ލިބުނު ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ކުރޯގެ އެއްލުމެއް އޭރިއާ ތެރެއިން އަސަދުﷲ އަބްދުﷲ ދޫކޮށްލުމުން ލިބުނީ ދަގަނޑޭ އަށެވެ. އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. މިއީ ދޮޅު އަހަރު ގައުމީ ޓީމުން ބާކީކޮށްފައި ހުރުމަށް ފަހު އަލުން ޓީމަށް ނެގި ފަހުން ދަގަނޑޭ ޖެހި ފުރަތަމަ ގޯލެވެ. އަދި މި ފަހަރުގެ ކޮލިފައިންގައި ރާއްޖޭން ޖެހި ދެ ވަނަ ގޯލެވެ.

ސީރިއާގެ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި މެޗުގެ 78 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކުރަން ދަގަނޑޭ ހުސްކޮށްލާފައި އޭރި އާތެރެއިން އަސަދުﷲ އަށް ޖައްސާލި ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ދިޔައީ އަރިމަތިން ބޭރުންނެވެ. އެ ބޯޅަ ރަނގަޅަށް އަސަދުﷲ ފައިގައި ލައްވާލާ ގޮތެއްނުވި އެވެ. ސީރިއާ އިން ތިން ވަނަ ލަނޑެއް ޖަހަން ފޮނުވާލި ހަމަލާތައް ކީޕަރު ފައިސަލް ވަނީ ހުއްޓުވައިފަ އެވެ.

މިރޭގެ ނަތީޖާއާ އެކު ރާއްޖެ އާއި ސީރިއާ މިހާތަނަށް ބައްދަލުކުރި ހަ މެޗުން ސީިރިއާ ވަނީ ފަަސް މެޗުން މޮޅުވެފަ އެވެ. ސީރިއާ އަތުން ރާއްޖެ މޮޅުވީ މި ދެ ޓީމު 2012 ވަނަ އަހަރު އިންޑިއާގައި އޮތް ނެހްރޫ ކަޕްގައި ބައްދަލުކުރި ފަހަރު އެވެ. އެ ފަހަރު ސީރިއާ ބަލިވީ 2-1 އިންނެވެ. ސީރިއާ އަކީ އޭޝިއާގެ ފުޓްބޯޅައިގައި މި ވަގުތު ވަރުގަދަ ޓީމެކެވެ. ރަޝިއާގައި މިދިޔަ އަހަރު އޮތް ވޯލްޑް ކަޕަށް ކޮލިފައިވުމަށް ސީރިއާ އިން ކުރި މަސައްކަތް ނާކާމިޔާބުވީ ޕްލޭއޮފްގައި އޮސްޓްރޭލިއާ އަތުން ބަލިވުމުންނެވެ.