އަޝްފާގާ މެދު އުފާކުރަން: ސެގާޓް

ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ރަށުން ބޭރުގައި ސީރިއާ އަތުން 2-1 އިން ރާއްޖެ ބަލިވި މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އަލީ އަޝްފާގު (ދަގަނޑޭ) ކުޅެން އަރައި ގޯލު ޖެހުމުން އޭނާ އަށް ޓަކައި އުފާކުރާކަމަށް ގައުމީ ކޯޗު ޕީޓަ ސެގާޓް ބުނެފި އެވެ.


ދޮޅު އަހަރު ގައުމީ ޓީމުން ބާކީކޮށްފައި ހުރުމަށް ފަހު އުމުރުން 34 އަހަރުގެ ދަގަނޑޭ އަލުން ނެގީ މިދިޔަ މަހު ޗައިނާއާ ދެކޮޅަށް ކުޅުނު މެޗަށެވެ. ދަގަނޑޭ ޓީމަށް ނުނެގުމާ ބެހޭގޮތުން އެކި ފަހަރު އެކި ގޮތަށް ސެގާޓް ވަނީ ވާހަކަ ދައްކައިފަ އެވެ. ނޫސްވެރިންގެ ބައްދަލުވުމަށް ނުދިއުމުން އެންމެ ފުރަތަމަ ދަގަނޑޭ ޓީމުން ބާކީކުރުމަށް ފަހު ފަހުން އެކި ސަބަބުތައް ދެއްކި އެވެ. ބައެއް ފަހަރު ޓީމަށް ދަގަނޑޭ ނަގާ ވަރަށް ވުރެ އުމުރުން ދޮށިކަމަށް ވެސް ބުނެފައިވެ އެވެ. އެކަމަކު އެންމެ ފަހުން ދަގަނޑޭ ޓީމަށް ނެގީ އޭނާ މައާފަށް އެދުމުން ކަމަށް ސެގާޓް ބުނި ނަމަވެސް އެކަން ކުރީ ސަޕޯޓަރުންގެ ޕްރެޝަރު ބޮޑުވެފައި އޮއްވަ އެވެ.

މިދިޔަ މަހު 10 ވަނަ ދުވަހު މާލޭގައި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި ދަގަނޑޭ ކުޅުނު ނަމަވެސް ރޭ ސީރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ދަގަނޑޭ އެރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. ދަަގަނޑޭ ކުޅެން އެރުވުމާ އެކު ކުރީގައި ބޯޅަ ހިފަހައްޓައި ސީރިއާ ޑިފެންޑަރުންނަށް ޕްރެޝަރު ބޮޑުކުރަން ފެށި އެވެ. ދަގަނޑޭ މުޅިން ހުސްކޮށް ބޯޅަ ހިފައިގެންދަނިކޮށް ސީރިއާގެ ޑިފެންޑަރު އަހުމަދު އަލްސަލާ ފައުލުކުރުމުން ރެފްރީ ވަނީ އޭނާ އަށް ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. ސީރިއާގެ އެއް ކުޅުންތެރިއަކު މަދުވިތާ އިރުކޮޅެއްގެ ތެރޭ ދަގަނޑޭ ވަނީ ލަނޑެއް ޖަހައިފަ އެވެ. މިއީ އެނބުރި އައި ފަހުން ދަގަނޑޭ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސެގާޓް ބުނީ ހުރިހާ ކަމެއް ރިސްކުކޮށްގެން ދެ ވަނަ ހާފްގައި ރާއްޖޭން ދެއްކި ކުޅުމާ މެދު ފަހުރުވެރިވާ ކަމަށެވެ.

"ހުރިހާ އެއްޗެއް ރިސްކުކޮށްގެން ކުރިއަށް ޖެހިގެން ކުޅުންތެރިން ދެއްކި ކުޅުމާ މެދު ވަރަށް ހިތްހަމަޖެހޭ. އަހަރެން އަޝްފާގަށް ޓަކައި ވެސް އުފާކުރަން އޭނަ ލަނޑު ޖެހީމަ. އަހަންނަށް ލިބުނު އެންމެ ބޮޑު ހައިރާންކަމަކީ މި މެޗުގައި އަހަރެމެން ފުޓްބޯޅަ ކުޅެން ކުރި މަސައްކަތް. އެއީ މި ޒުވާން ޓީމުން ދެއްކި ހިތްވަރެއް. އެނގުނީ މުސްތަގުބަލު އެބައޮތްކަން،" ސެގާޓް ބުންޏެވެ.

ސެގާޓް ބުނީ މެޗުގެ އެންމެ ބޮޑު ތަފާތަކަށް ފެނުނީ ސީރިއާގެ ކެޕްޓަން އޮމާރް އަލްސޯމާ ކަމަށާއި މެޗުގައި ރާއްޖެ އަށް ފުރަތަމަ ހާފްގައި އެއްވަރުކުރަން އަހުމަދު ނޫމާން (ހެލްމެޓް) އަށް ލިބުނު ފުރުސަތުގެ ބޭނުން ހިފުނުނު ނަމަ ނަތީޖާ އަށް ތަފާތެއް އައުމުގެ ފުރުސަތު އޮތް ކަމަށެވެ.

"އެންމެ ފުރަތަމަ ލިއްޕީ (ޗައިނާ ކޯޗު) މިހާރު ސީރިއާ ކޯޗު. ކޮންމެ މީހެއް ވެސް ރާއްޖެ އަށް ތައުރީފް މި ކުރަނީ ސަބަބެއް އޮތީމަ. ރާއްޖޭގެ ފުޓްބޯޅަ ރަނގަޅުވީމަ. މިއީ އަހަންނަށް އެކަންޏެއް ނޫން ހުރިހާ ދިވެހިންނަށް ވެސް ލިބޭނެ އުފަލެއް،" ސެގާޓް ބުންޏެވެ.

އޭޝިއަން ކަޕަށް ކޮލިފައިވުމުގެ އަމާޒުގައި ރާއްޖޭން މި ފަހަރުގެ ކޮލިފައިންގައި ކުޅޭއިރު، ކުޅުނު ތިން މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ރާއްޖެ އޮތީ ގްރޫޕްގެ ހަތަރު ވަނައިގަ އެވެ. ދެން އެންމެ އަވަހަށް ރާއްޖެ ކުޅޭ މެޗުގައި އަންނަ މަހު 14 ވަނަ ދުވަހު މާލޭގައި ކުޅޭނީ ފިލިޕީންސްއާ އެވެ.

ސީރިއާއާ ދެކޮޅަށް ކުޅުނީ ޓީމުގެ މުހިއްމު ތިން ކުޅުންތެރިން ކަމަށްވާ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި އިބްރާހިމް ވަހީދު (އިއްބެ) އަދި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ނުލަ އެވެ. އަކޫ އާއި ފޭދޫ އިއްބެ ސަސްޕެންޝަނުގައި ހުރިއިރު، އިއްބެ ހުރީ އަނިޔާގަ އެވެ. ސެގާޓް ބުނީ ދެން އޮތް މެޗަށް މި ތިން ކުޅުންތެރިން އެނބުރި އައުމުން ޓީމު ވަރަށް ވަރުގަދަވާނެ ކަމަށާއި ބޭނުންވާ އަމާޒަށްދާން ކުރާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބޭނެ ކަމަށެވެ.