ކުޅިވަރުގެ ބޮޑު ބައްދަލުވުމެއް: ވަރަށް ކާމިޔާބު!

ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކަށް ދިމާވެފައިވާ މައްސަލަތައް ހިއްސާކޮށް އަދި ކުޅިވަރު ކުރިއެރުވިދާނެ ގޮތްތަކާ މެދު މަޝްވަރާކުރުމަށް މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން މިއަދު ބޭއްވި ކުޅިވަރު ކޮންފަރެންސް "ސްޕޯޓްސް އިޖްލާސް" ކާމިޔާބުކަމާ އެކު ކުރިއަށް ގެންގޮސްފި އެވެ.


ކުޅިވަރުގެ ގާނޫނުގެ ދަށުން އަލަށް އުފައްދާފައިވާ ސްޕޯޓްސް ކޯޕަރޭޝަނުން، ކުޅިވަރާ ބެހޭ މިނިސްޓްރީއާ ގުޅިގެން ޕެރެޑައިސް އައިލެންޑް ރިޒޯޓުގައި ބޭއްވި މި އިޖްލާސްގައި މިވަގުތު އިންތިހާބީ އެގްޒެކެޓިވް ކޮމިޓީއެއް ނެތް ރާއްޖޭގެ މައި ތިން ކުޅިވަރު ކަމަށްވާ ފުޓްބޯޅަ، ވޮލީބޯޅަ އަދި ބާސްކެޓްބޯޅަ ފިޔަވައި އެހެން ކުޅިވަރު އެސޯސިއޭޝަންތަކުން ބައިވެރިވި އެވެ.

ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމް ޝަރަފްވެރިކޮށްދެއްވި މި އިޖްލާސްގައި، އޮތީ އެސޯސިއޭޝަންތަކުން ޕްރެޒެންޓޭޝަން ހުށަހެޅުމާއި ކުޅިވަރުގެ ގާނޫނަށް އަހުލުވެރިކުރުވުމާއި އަދި ކުޅިވަރު ކުރިއެރުވިދާނެ ގޮތްތަކާ މެދު މަޝްވަރާކުރުމެވެ.

މައިގަނޑު ގޮތެއްގައި ހުރިހާ އެސޯސިއޭޝަނަކުން ވެސް ފާހަގަކުރީ ބަޖެޓުގެ ދަތިކަމާއި އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ މައްސަލަ އެވެ. މީގެ އިތުރުން މުޅި ރާއްޖެއަށް ހަރަކާތްތައް ފުޅާކުރުމަށް ގެންއުޅޭ ޕްލޭންތައް ވެސް ވެސް އެސޯސިއޭޝަންތަކުން ހިއްސާކުރި އެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ފާހަގަކުރި ގޮތުގައި، އެ އެސޯސިއޭޝަނުގެ އަމާޒަކީ އެ ކުޅިވަރަކީ މުޅި ރާއްޖޭގައި ކުޅޭ ކުޅިވަރަކަށް ހެދުން ކަމަށާއި އަދި މިދިޔަ ތިން އަހަރު ބައިނަލްއަގްވާމީ މައިދާނުގައި ހޯދި ކާމިޔާބީ އަށް ވުރެ ބޮޑު ކާމިޔާބެއް ހާސިލްކުރުން ކަމަށެވެ. އެކަމަކު ތަކެއްޗާއި ހިދުމަތުގެ އަގަށް މިދިޔަ އަހަރުތަކުގެ ތެރޭގައި ބޮޑު ބަދަލެއް އައި ނަމަވެސް، މިނިސްޓްރީން ދެމުން އަންނަ ބަޖެޓަށް ބަދަލެއް ނާންނަކަން ރާއްޖޭގެ އެންމެ ދުވަސްވީ އެއް އެސޯސިއޭޝަނުން ފާހަގަކުރި އެވެ.

ނެޓްބޯޅަ އެސޯސިއޭޝަނުން ބުނީ ބިދޭސީ ކޯޗެއް ހަމަޖެއްސުމާއި ރާއްޖޭން ބޭރުގެ ތަމްރީން އެހީ ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި މީގެ އިތުރުން އަމްޕަޔަރުންނާއި ކޯޗުން ތަމްރީންކުރުމުގެ ފުރުސަތަށް އެ އެސޯސިއޭޝަނުން އެދުނެވެ.

މިއަދުގެ ސްޕޯޓްސް އިޖްލާސްގެ ބައިވެރިން. --ފޮޓޯ: މުހައްމަދު އަފްރާހް (ސަން)

ބެޑްމިންޓަން އެސޯސިއޭޝަނުގެ އެންމެ ބޮޑު ޝަކުވާއަކަށްވީ، އިންޑޯ ހޯލުގެ ފެންވަރު ދަށްވެ ހާއްސަކޮށް ބައިނަލްއަގްވާމީ މުބާރާތް ބޭއްވުމަށް ހުރަސްއެޅުމެވެ. އަދި އިންޑޯ ގިނަ ކުޅިވަރުތަކެއް ކުޅެވޭނެ ކޮމްޕްލެކްސްއެއް އެޅުމުގެ ފުރުސަތު ބޭރުގެ އެހީތެރިކަމާ އެކު އެބައޮތް ކަމަށާއި އެކަމަށް ސަރުކާރުން ބިމެއް ހަމަޖައްސައިދިނުމަށް އެ އެސޯސިއޭޝަން ވަނީ އެދިފަ އެވެ.

ސްވިމިން އެސޯސިއޭޝަނުން ފާހަގަކުރި ބަޖެޓް ކުޑަވުމާއި ފަތާނެ ވަސީލަތެއް ނެތުމުގެ މައްސަލަ އެވެ. އެކަމަކު ރާއްޖޭގައި އޯޕަން ވޯޓާ ސްވިމިން އިވެންޓް ބާއްވާނެ ގުދުރަތީ ވަސީލަތް އެބައޮތް ކަމަށާއި އެކަން ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިއުމުގެ ވިސްނުން އެ އެސޯސިއޭޝަނުން ހިއްސާކުރި އެވެ. އަދި ފަތަން އެނގުމަކީ ކޮންމެ ރައްޔިތެއްގެއް އަސާސީ ހައްގެއްގެ ގޮތުގައި ހަދައި، މުޅި ރާއްޖެއަށް ފަތުރާލައިގެން އެ ހަރަކާތް ފުޅާ ދާއިރާއެއްގައި ފަށަން ސަރުކާރުގެ އެހީތެރިކަން ބޭނުންވާ ކަމަށް އެ އެސޯސިއޭޝަނުން ފާހަގަކުރި އެވެ.

ކުޅިވަރާ ބެހޭ މިނިސްޓަރުގެ ނައިބް އަބްދުލްމުހުސިން ހަމީދު (ޖޭފޯ) ވިދާޅުވީ ސަރުކާރުގެ ބަޖެޓުން ކުޅިވަރު ކުޅުންތެރިންނަށް މުސާރަ ދެމުން އަންނަ ކަމަށާއި އަދި ރާއްޖޭން ބޭރުގެ މުބާރާތްތަކުގައި ވާދަކުރުމަށާއި އެހެނިހެން ގޮތްގޮތުން މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ. އެހެންކަމުން ކޮންމެ އަހަރެއްގައި ދޭ ބަޖެޓް އިތުރުނުވި ނަމަވެސް އެގޮތުން ދޭ އެހީތެރިކަން ހިމަނައިފި ނަމަ ކުރިއަށް ވުރެ އެތައް ގުނައެއް ބޮޑު އެހީތެރިކަމެއް މިހާރު ސަރުކާރުން ފޯރުކޮށްދޭ ކަމަށް މުހުސިން ފާހަގަކުރެެއްވި އެވެ.

މިއަދުގެ ބައްދަލުވުމުގައި އެސޯސިއޭޝަންތަކުން ވަނީ، ގައުމީ ޓީމުތަކުގައި ވާދަކުރުމަށް އޮފީސްތަކުން ކުޅުންތެރިން ވީއްލުމުގެ ކަންތައް ރަނގަޅު އުސޫލެއްގެ ދަށުން ހަމަޖައްސައިދިނުމަށް އެދިފަ އެވެ. އިލްޖާސްގެ ރިޔާސަތު ބެލެހެއްޓެވި، އަދި ކުޅިވަރު ގާނޫނު ވުޖޫދަށް ގެނައުމުގައި އިސްކޮށް ހުންނެވި މާފަންނު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ވިދާޅުވީ ގާނޫނުން، އެކަން ކަށަވަރުކޮށްދޭ ކަމަށާއި ގާނޫނުގެ ދަށުން ސްޕޯޓްސް ކައުންސިލުން ހަދާ ގަވާއިދުތަކާ އެކު އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

އިލްޖާސްގެ ބައިވެރިން ވަނީ ކުޅިވަރުގެ ތަފާތު މައްސަލަތަކާ މެދު ގްރޫޕް މަޝްވަރާތައް ވެސް ކޮށްފަ އެވެ. އެގޮތުން ކުޅިވަރުގެ ތެރެއިން އާމްދަނީ ހޯދޭނެ ގޮތްތަކާ ބެހޭގޮތުންނާއި އެތުލީޓުން ތަމްރީންކުރުން ވީހާ ވެސް ރަނގަޅަށް ކުރިއަށް ގެންދެވޭނެ ގޮތަކާ ބެހޭގޮތުން މަޝްވަރާކުރި އެވެ.

ސްޕޯޓްސް ކައުންސިލްގެ ކުރީގެ މެމްބަރު ހަސަން އިސްމާއިލް ވިދާޅުވީ މާލެ އަކީ ދުނިޔޭގެ ނިސްބަތުން ވެސް ބިމުގެ އަގު އެންމެ ބޮޑު އެއް ސިޓީ ކަމަށާއި މާލޭގެ ބިމުގެ 18 ޕަސެންޓަކީ ކުޅިވަރުގެ ބިންތަކަށްވީ ނަމަވެސް އޭގެން އެކަށީގެންވާ ފައިދާއެއް ނުނެރެވޭ ކަމަށެވެ.

"ބިމުގެ ފައިދާ ކުޅިވަރުން އެބަޖެހޭ އެންމެ ފުޅާކޮށް ނަގަން. ފުޓްސަލް ކޯޓެއް މިޒަމާނުގައި ބިންމަތީގައި ހުންނާކަށް ނުޖެހޭ. ބޮޑު އިމާރާތެއްގެ އެންމެ މަތީ ފްލޯގައި ފުޓްސަލް ކޯޓް އެޅުމަށް ފަހު ތިރީ ބައި ކުއްޔަށް ދީގެން އަހަރެއްގެ މައްޗަށް ދެ މިލިއަނެއްހާ ރުފިޔާ ހޯދިދާނެ. އެކަމަކު ބިންތަކުގެ މިލްކުވެރިކަން އެއްވެސް ބަޔަކަށް ކަށަވަރުނުވާތީ އެ އިންވެސްޓްކުރަން ފަސްޖެހޭ އެބަ. އެހެންކަމުން އެބަޖެހޭ ސްޕޯޓްސް ކޯޕަރޭޝަނުގެ ދަށަށް ބިންތައް ގެންނަން،" ހަސަން ވިދާޅުވި އެވެ.

މިއަދުގެ ސްޕޯޓްސް އިޖްލާސްގައި ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް (ކ) އާއި ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ރައްޒާގް (ކ-2) އާއި ދެ މެމްބަރުން ކަމަށްވާ ސަލްސާ އާމިރު އަދި ވަސީމާ ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: މުހައްމަދު އަފްރާހް (ސަން)

މީގެ އިތުރުން ސްކޫލްތަކަށް ކޯޗިން އާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމަށް ފަހު ބަދަލުގައި ސްކޫލްތަކުގައި ހުރި ކުޅިވަރުގެ ވަސީލްތަކުގެ ބޭނުން އެސޯސިއޭޝަންތަކުން ހިފަން މަޝްވަރާކުރި އެވެ.

އެންމެ ކުރިން އޮންނަ ގޮތަށް އެސޯސިއޭޝަންތަކުން ކުޅިވަރު ހަރަކާތްތައް މިނިސްޓްރީއަށް ފޮނުވައި މިނިސްޓްރީން ކުޅިވަރު ކަލަންޑަރެއް އެކުލަވާލަން ޖެހޭ ކަމަށާއި ވަކި ޕްލޭނެއް ނެތި ހުރިހާ މުބާރާތްތަކެއް އެއް ފަހަރާ ބޭއްވުމުން މައްސަލަތަކެއް ނުކުންނަ ކަމަށް ވެސް ބައިވެރިން ފާހަގަކުރި އެވެ.

މީގެ އިތުރުން ކުޅިވަރާ ގުޅުން ހުރި މާއްދާތައް ސްކޫލްތަކަށް ތައާރަފްކޮށް ކުޅިވަރާއި ކިޔެވުން އެއްކޮށް ކުރިއަށްގެންދެވޭނެ މަގު ތަނަވަސްކޮށް އަދި ރާއްޖޭން ބޭރަށް ތަމްރީންތަކަށް ފޮނުވާ ކުދިންގެ އަދަދު ގިނަކުރުމުގެ ބަދަލުގައި މަދު ކުއްޖަކަށް ވިޔަސް ވީހާ ވެސް ފެންވަރު ރަނގަޅު ތަމްރީން ލިބޭނެ ގޮތްތައް ހެދުމަށް ބައިވެރިން ލަފާދިނެވެ.

ހުރިހާ ބައިވެރިން ވެސް ވަނީ، 10 ވަރަކަށް އަހަރަށް ފަހު ރާއްޖޭގައި މިފަދަ ކޮންފަރެންސެއް ބާއްވައި ކުޅިވަރުގެ ހުރިހާ ފަރާތެއް އެއް ފުރާޅެއްގެ ދަށަށް އައިސް މަޝްވަރާކުރެވުމުން ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ. އަދި ކުރިއަށް އޮތްތަނުގައި މިފަދަ އިތުރު ކޮންފަރެންސްތައް ބާއްވައި، ހުޅުވާލެވިފައިވާ މާހައުލެއްގައި ހިޔާލުފާޅުކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ބައިވެރިން އެދުނެވެ.

ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް ވިދާޅުވީ އެންމެން އެއްތަނަކަށް އައިސް މަޝްވަރާކޮށް ދިމާވެފައިވާ މައްސަލަތައް ހިއްސާކޮށް އެކަންކަން ހައްލުކުރެވޭނެ ގޮތްތައް ހޯދުމަކީ އެންމެ ފުރިހަމަ ގޮތް ކަމަށާއި މިފަދަ މަޝްވަރާ ބައްދަލުވުންތަކަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ.

ސްޕޯޓްސް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަބްދުއްރައްޒާގް އިބްރާހިމް ވިދާޅުވީ މިއީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށާއި ކުރިއަށް އޮތްތަނުގައި މިފަދަ އިތުރު ބައްދަލުވުންތައް ބާއްވާނެ ކަމަށެވެ.