ޒުވާން ޓީމުގެ ކުޅުންތެރިންނާ މެދު ނިސްތާރުގެ ބޮޑު އުއްމީދެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ށ. ފޯކައިދޫ އާއި ވިކްޓްރީ ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗަށް ނުކުންނައިރު މި ދެ ޓީމުގައި ހިމެނޭ ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ނިސްބަތްވާ ކުޅުންތެރިންގެ ރޫހު ރަނގަޅުވާނެ ކަމަށް ށ. ފޯކައިދޫ ޓީމުގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނެފި އެވެ.


ވޯލްޑް ކަޕް ކޮލިފައިންގައި ސީރިއާއާ ދެކޮޅަށް ކުޅުނު މެޗަށް ލީގު މެދުކަނޑާލުމަށް ފަހު އަލުން މިއަދު ލީގުގެ މެޗުތައް ފަށާއިރު، ވިކްޓްރީ އާއި ފޯކައިދޫ ޓީމުގައި ވެސް ދާދި ފަހުން ނޭޕާލުގައި ކުރިއަށްދިޔަ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުން ތިން ވަނަ ހޯދި ޓީމުގެ ބައެއް ކުޅުންތެރިން ހިމެނެ އެވެ.

އުމުރުފުރާ ގައުމީ ޓީމަކުން މިހާތަނަށް ރާއްޖެ އަށް ހޯދައިދިން ދެ ވަނަ މެޑަލް ހާސިލްކުރި ޓީމަށް ނިސްބަތްވާ ކުޅުންތެރިންގެ ފަރާތުން ތަފާތު ފެންނާނެ ކަމަށް ނިސްތާރު ގަބޫލުކުރެ އެވެ. ޒުވާން ގައުމީ ޓީމުގެ ކެޕްޓަން ހަސަން ނަޒީމް ގާސިމް (ޗޯޓް) އަކީ ފޯކައިދޫގެ ފޯވާޑެވެ.

"ޗޯޓު ވެސް އެނބުރި އައިއިރު އެހެރީ ހަމަ ޑިފަރެންޓް ޕްލޭޔަރެއް. އެހެންވީމަ ވިކްޓްރީގެ ވެސް ހަތަރު ކުދިން ޖޮއިން ކުރާނެ ކަންނޭނގެ 19 އަހަރުން ދަށުގެ ޓީމުން. އެހެންވީމަ އަންޑަ އެސްޓިމޭޓެއް ނުކުރާނަން ވިކްޓްރީ. އަޅުގަނޑު ގަބޫލުކުރަން 19 އަހަރުން ދަށުގެ އެ ކުޅުންތެރިން ބޮޑު ތަފާތެއް ދައްކާނެ ކަމަށް އެނބުރި އައިސް. އެހެންވީމަ ވިކްޓްރީ ވެސް ރަނގަޅު ފައިޓެއްދޭނެ ކަމަށް މި ބަލަނީ،" ނިސްތާރު ބުންޏެވެ.

އޭނާ ބުނީ 19 އަހަރުން ދަށުގެ ގައުމީ ޓީމާ ހަވާލުވެ ހުރި ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) އެ ކުޅުންތެރިން ގެންގުޅުނީ ވަރަށް މޮޓިވޭޓްކޮށްގެން ކަމަށާއި އެ ރޫހުގައި އެ ކުޅުންތެރިން ކުޅޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

މި ފަހަރުގެ ސީޒަން އެންމެ ފުރަތަމަ ފަށަން ޖެހުނު އެއް ޓީމަކީ ފޯކައިދޫ އެވެ. މާލީ މައްސަލަތަކުގެ ސަބަބުން ފޯކައިދޫގެ ހާލަތު ދަށްވެފައިވާއިރު، އެ ކްލަބްގެ ބައެއް ކުޅުންތެރިން ވަނީ ޓީމާ ވަކިވެސްވެފަ އެވެ. ނިސްތާރު ބުނީ މެޗުގެ ކުރިން އެ ވާހަކަތައް ދައްކަން ބޭނުންނުވާ ކަމަށާއި އެފްއޭއެމުން އެ ކަންތައްތަަކަށް ކައިރި މުސްތަގުބަލެއްގައި ހައްލު ހޯދައިދޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

އޭނާ ބުނީ އަނިޔާގެ ސަބަބުން ބައެއް ކުޅުންތެރިންނަށް މި މެޗުގައި ނުކުޅެވޭއިރު ސަސްޕެންޝަނުގެ ސަބަބުން މި މެޗުގައި ނުކުޅެވޭ ފޯކައިދޫގެ ވައިސް ކެޕްޓަން މުހައްމަދު ޖައިލަމް (އޮގީ) ނެތްތަން ދައްކާނެ ކަމަށާއި ބަދަލުގައި އަރާ ކުޅުންތެރިޔާ ރަނގަޅު ކުޅުމެއް ދައްކައި މެޗުން ރަނގަޅު ނަތީޖާއެއް ނެރެން އުއްމީދުކުރާ ކަމަށެވެ.

ވިކްޓްރީއާ ހަވާލުވެ މި ވަގުތު ހުރި ކުރީގެ ފޯވާޑް އަދި ކޯޗު އާދަމް އަބްދުއްލަތީފް (ލައްޗޭ) ބުނީ ޓީމުގެ ފަރިތަކުރުންތަކުގައި އަދިވެސް ބައިވެރިވަމުން އަންނަނީ މަދު ކުޅުންތެރިންތަކެއް ކަމަށާއި އެކަމަކު 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ދިޔަ ކުޅުންތެރިން އަލުން ޓީމާ ގުޅުމުން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިފައިވާ ކަމަށެވެ.

"ފޯކައިދޫ މެޗު ވެދާނެ ވިކްޓްރީ އަށް ތިން ޕޮއިންޓް ލިބޭ މެޗަށް ވެސް. (ޒުވާން) ގައުމީ ޓީމުގެ ކުޅުންތެރިން އައިއިރު ރަނގަޅު ރޫހެއްގައި ތިބީ. އެ ކުޅުންތެރިންގެ ބޭނުން ހިފާނަން،" ލައްޗޭ ބުންޏެވެ.

ލައްޗޭ ބުނީ ވިކްޓްރީން މި ސީޒަނަށް ޓީމު އެކުލަވާލީ 21 އަހަރުން ދަށުގެ ގިނަ ކުޅުންތެރިންތަކެއް ހިމަނައިގެން ކަމަށާއި ވަކި ސަބަބެއް ނެތި 21 އަހަރުން ދަށުގެ ޔޫތު މުބާރާތަށް ފަހު އެ ކުޅުންތެރިން ރަށަށް ގޮސްފައިވާ ކަމަށެވެ. އަދި އެ ކުޅުންތެރިން ގެންނަން ކްލަބަށް ކުރެވޭނެ ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށާއި އަދި އަލި މަގެއް ނުފެންނަ ކަމަށް ލައްޗޭ ބުންޏެވެ.

"ދުވަހެއް ދުވަހަކަށް ރަނގަޅުވާނެ މަސައްކަތް މި ކުރަނީ އެ ގޮތަށް. އިރާދަކުރެއްވިއްޔާ މި ބަލަނީ މިއަދު ވެސް މާދަމާ ވެސް ވަގުތު ކޮޅެއްގެ ކަމެއް މި އުޅޭ މައްސަލަ ރަނގަޅުވާއިރަށް ކުޅުންތެރިންތައް ފީލްޑަށް ނުކުންނާނެ. އެދެން ފައިނޭންސް މައްސަލަ ކްލަބްތަކަށް ދިމާވެގެން އަބަދު އެކައްޗެއް މި ކިޔަނީ. ދެން އެބައި ރަނގަޅުވީމަ ރާސްލާފައި ކްލަބްތައް ހެޕީކޮށް ފީލްޑްގައި ފަށައިގެންދާނެ،" ލައްޗޭ ބުންޏެވެ.

ލީގުގައި އެންމެ ފަހުން ވިކްޓްރީ ކުޅުނު މެޗުގައި ނިލަންދޫއާ ދެކޮޅަށް ޓީމު ހަމަކުރީ ޓީމުގެ ގޯލްކީޕަރުންގެ ގޮތުގައި ލިސްޓުގައި ޖަހާފައިވާ ދެ ކުޅުންތެރިން ކުޅެން އަރުވައިގެންނެވެ. ލީގުގެ ފުރަތަމަ ބުރުގައި ފޯކައިދޫ އަށް ވިކްޓްރީ އަތުން މޮޅުވެވުނީ 1-0 އިންނެވެ. ލީގުގައި މި ފަހަރު ޓީސީއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ވިކްޓްރީ ހާޒިރުނުވުމުން 40،000 ރުފިޔާ އިން ޖޫރިމަނާކުރިއިރު، ލީގުގައި މިއަދު ހަވީރު ފޯކައިދޫއާ ދެކޮޅަށް ވިކްޓްރީ ކުޅޭ މެޗު ފަށާނީ 15:50 ގަ އެވެ.