ވިކްޓްރީ ޓީމު ހަމަނުވުމުން މެޗު ކެންސަލް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ށ. ފޯކައިދޫއާ ދެކޮޅަށް ކުޅެން ވިކްޓްރީ ސްޕޯޓްސް ކްލަބުން ހާޒިރެއް ނުވި އެވެ.


އެފްއޭއެމުން ބުނީ "ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން މެޗު ކުޅެން ހާޒިރުވެފައިނުވާތީ މެޗު ކުޅެފައި ނުވާ" ކަމަށެވެ. އެހެންވެ މި މެޗުން ފޯކައިދޫ އަށް ތިން ޕޮއިންޓް ލިބޭނެ އެވެ. އަދި ވިކްޓްރީ އަށް އަދަބެއް ވެސް އަންނާނެ އެވެ.

މިއީ ދެ ސީޒަނުގެ ތެރޭ ވިކްޓްރީން މެޗަކަށް ހާޒިރުނުވެ ދިޔަ ހަތަރު ވަނަ ފަހަރެވެ. މިދިޔަ ސީޒަނުގައި ދެ މެޗަށް އަދި މި ސީޒަނުގައި މީގެ ކުރިން އެއް މެޗަށް ހާޒިރުނުވެ ދިޔަ އެވެ.

މިދިޔަ މަހުގެ 19 ވަނަ ދުވަހުގެރޭ ގްރީންސްޓްރީޓްސްއާ ދެކޮޅަށް ކުޅެން ވިކްޓްރީ ހާޒިރުނުވުމުން އެފްއޭއެމުން އެ ޓީމު 40،000ރ. އިން ޖޫރިމަނާކުރި އެވެ. އޭގެ ފަހުން ފ. ނިލަންދޫއާ ދެކޮޅަށް ޓީމު ހަމަކޮށްގެން ނުކުތެވެ. އެކަމަކު އެރޭ ފުރަތަމަ 11 ހަމަކުރީ އެ ޓީމުގެ ބަދަލު ކީޕަރުން ކުޅުންތެރިންގެ ގޮތުގައި ޖަހައިގެންނެވެ. ބަރާބަރު 11 ކުޅުންތެރިންނާ އެކު ވިކްޓްރީން ކުޅުނުއިރު، ބަދަލު ކުޅުންތެރިއެއް ބެންޗުގައި ނެތެވެ.

އެ ޓީމުން އޭރު ބުނީ އި ޓީމު ހަމަނުކުރެވޭ އެއް ސަބަބަކީ 18 އަހަރުން ދަށުގެ ގައުމީ ޓީމާ އެކު ފަސް ކުޅުންތެރިން ގޮސްފައިވާތީވެ އެވެ. އެކަމަކު މިހާރު 19 އަހަރުން ދަށުގެ ޓީމު އެނބުރި އައިސްފައިވާތީ އެ ކުޅުންތެރިން ތިބޭނެ އެވެ.

މިދިޔަ އަހަރު މުސާރަ ނުދެވި ތަފާތު މައްސަލަތަކެއް ކުރިމަތިވެ، ދެ މެޗަކަށް ވިކްޓަރީ ހާޒިރުނުވެދިޔައިރު، އެ ޓީމުގެ ހާލަތު ރަނގަޅު ކުރަން އެފްއޭއެމުން ލޯނެއް ވެސް ދިނެވެ. ވިކްޓްރީ ހިންގުމަށް މިދިޔަ ޑިސެމްބަރު މަހު މިހާރުގެ ޗެއާމަން މުހައްމަދު ނާޝިދު (ނާޝް) އާއި ކުރީގެ ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) އަދި މުހައްމަދު ހަމީދު (އުމަރުބެ) ހަވާލުވެ ވަޑައިގެން ކްލަބް ހިންގުމުގެ މޮޑިއުލް ބަދަލުކޮށް ރަނގަޅު ކަންތައްތަކެއް ކުރާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު މެނޭޖްމަންޓުގެ އެއްބާރުލުމެއް ނުލިބި ގޮތް ހުސްވެ، ވިކްޓްރީގެ ކޯޗުކަމުގައި ހުރި މުހައްމަދު އާދަމް ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ.

ވިކްޓްރީ އަށް މި ސީޒަނުގައި ވާދަކުރުމުގެ ފުރުސަތު ލިބުނީ އެ ކްލަބުން މިދިޔަ އަހަރު ކުޅުންތެރިންނަށް ދޭން ހުރި ފައިސާ ދޭން އެއްބަސްވުމުންނެވެ. ނާޝިދު ވިދާޅުވެފައިވަނީ އެ ކްލަބަށް މި އަހަރު ލިބުނު ހުރިހާ ފައިސާއެއް ވެސް ހޭދަކުރަނީ މިދިޔަ އަހަރުގެ ދަރަނިތައް ހަލާސްކުރަން ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ތިން މިލިއަން ރުފިޔާގެ ދަރަނީގެ ތެރެއިން 1.5 މިލިއަން ރުފިޔާ ދައްކައި ނިންމާފައިވާ ކަމަށާއި މި އަހަރުގެ ދަރަންޏަކީ މިއަދު ކުރި ޖޫރިމަނާ ނުލާ އެންމެ 20،000ރ. ކަމަށެވެ. ނާޝިދު އެހެން ވިދާޅުވި ނަމަވެސް މިދިޔަ އަހަރުގެ މުސާރަ ނުލިބިގެން ބައެއް ކުޅުންތެރިން ވަނީ އެފްއޭއެމަށް ސިޓީ ހުށަހަޅައިފަ އެވެ.

ނާޝިދު ވަނީ އެފްއޭއެމުން ދޭން ބުނި އެއްވެސް ފައިސާއެއް މި އަހަރު ނުލިބޭ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކިގޮތް ގޮތުން މަސައްކަތް ކްލަބް ފުރަތަމަ ޑިވިޝަނުގައި ބާއްވަން މަސައްކަތްކުރަމުން އަންނައިރު އެފްއޭއެމްގެ ފަރާތުން އުދަނގޫތަކެއް ކުރިމަތިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަމުގެ ފަހަތުގައި އޮތީ ކޮންމެވެސް ގޮތަކުން ވިކްޓްރީ ލީގުން ބޭރުކުރުން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

އެފްއޭއެމުން ވިކްޓްރީ އަށް އެފަދަ ދަތިތައް ކުރިމަތިކުރަމުން އަންނަނީ އެ ކްލަބުން އެފްއޭއެމްގެ ލީޑާޝިޕުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން މަސައްކަތް ފެށި ހިސާބުން ކަމަށް ބެލެވެ އެވެ. ވިކްޓްރީން އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ އެ މައްސަލަ އެންމެ ފުރަތަމަ ހުށަހަޅަން މަސައްކަތްކުރި ނިއު ރޭޑިއަންޓް ސަސްޕެންޑްކުރުމުންނެވެ. ނިއު ސަސްޕެންޑްކުރީ ވެސް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމުން ކަމަށް އެ ދުވަސްވަރު އެކްޓިން ސްޕޯޓްސް މިނިސްޓަރު އަދި މިހާރު ގައުމީ ޓީމުގެ ކޮމިޓީގެ ޗެއާމަން އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.