ފިލިޕީންސުން ގަދަފަދަ ޗައިނާއާ އެއްވަރުކޮށްފި

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕުގައި ރޭ ފިލިޕީންސް އިން އަމިއްލަ ދަނޑުގައި ގަދަފަދަ ޗައިނާއާ 0-0 އިން އެއްވަރުކުރިއިރު ސީރިއާ އިން އަމިއްލަ ދަނޑުގައި ގުއާމް އަތުން 4-0 އިން މޮޅުވެ އެއް ވަނަ އަށް އަރައިފި އެވެ.


ގުއާމުން ހަތަރު މެޗު އަދި އަނެއް ހަތަރު ޓީމުން ތިން މެޗު ކުޅެފައިވާއިރު އެއް ވަނައިގައި ސީރިއާ އޮތީ ނުވަ ޕޮއިންޓާ އެކު އެވެ. ޗައިނާ ދެ ވަނައިގައި އޮތީ ހަތް ޕޮއިންޓާ އެކު އެވެ. ރާއްޖެ އޮތީ ތިން ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ގުއާމް އޮތީ ހަތަރު މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި ފުލުގަ އެވެ.

އޭޝިއާގެ މެދުފަންތީގެ ޓީމެއް ކަމަށްވާ ފިލިޕީންސް އިން ތިން ހާހެއްހާ ސަޕޯޓަރުންގެ ކުރިމަތީގައި ޗައިނާއާ އެއްވަރުކުރުމަކީ އެ ގައުމުގެ ފުޓްބޯޅައިގެ އެންމެ ބޮޑު އެއް ކާމިޔާބެވެ. މި މެޗުގައި ފިލިޕީންސް އިން އެންމެ މޮޅަށް ކުޅުނީ އިނގިރޭސި ދެ ވަނަ ޑިވިޝަނުގެ ކާޑިފް ސިޓީގެ ގޯލްކީޕަރު ނީލް އެތެރިޖެވެ. އިޓަލީ އަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދީފައިވާ މާސެލޯ ލިއްޕީގެ ކޯޗުކަމުގައި ކުޅޭ ޗައިނާއާ ދެކޮޅަށް ފިލިޕީންސުން ވަނީ އޯގަނައިޒް މޮޅު ކުޅުމެއް ދައްކައިފަ އެވެ.

އޭޝިއަން ކަޕުގެ ޖޮއިން ކޮލިފައިންއާ އެކު ވެސް ކުރިއަށްދާ މި ކޮލިފިކޭޝަނުގައި ކުރިއަށްދާން ރާއްޖެ އަށް ދެން އޮތީ ވަރަށް ރަނގަޅު ފުރުސަތެކެވެ. އެއީ އަމިއްލަ ދަނޑުގައި އަންނަ މަހު ފިލިޕީންސް އާއި ގުއާމާ ދެކޮޅަށް ކުޅޭ މެޗުތަކެވެ. ރާއްޖެ ވަނީ ގުއާމުގައި އެ ޓީމު އަތުން 1-0 އިން މޮޅުވެފަ އެވެ. ރާއްޖެ އާއި ފިލިޕީންސް އެންމެ ފަހުން ވާދަކުރީ 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕުގެ ސެމީ ފައިނަލުގައި މާލޭގަ އެވެ. އިތުރު ވަގުތު ކުޅެ ފިލިޕީންސް މޮޅުވީ 3-2 އިންނެވެ.

ދެ ލެގުގެ އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކުރުމަށް ފަހު އެއް ވަނަ ޓީމަކަށް އޭޝިއަން ކަޕުން ޖާގަ ލިބި ވޯލްޑް ކަޕް ކޮލިފައިން ތިން ވަނަ ބުރުން ފުރުސަތު ލިބޭނެ އެވެ. އަދި ދެ ވަނަ ޓީމަށް ތިން ވަނަ ބުރުންނާއި އޭޝިއަން ކަޕުން ނުވަތަ އޭޝިއަން ކަޕް ކޮލިފައިންގެ ތިން ވަނަ ބުރުން ޖާގަ ލިބޭނެ އެވެ. ގްރޫޕުގެ ތިން ވަނަ ހޯދާ ޓީމަށް އޭޝިއަން ކަޕް ކޮލިފައިންގެ ތިން ވަނަ ބުރުން އަދި ހަތަރު ވަނަ ޓީމަށް ތިން ވަނަ ބުރުން ނުވަތަ ޕްލޭއޮފް ބުރުން ފުރުސަތު ލިބޭނެ އެވެ. ފުލަށް ދާ ޓީމަށް ޖެހޭނީ އޭޝިއަން ކަޕް ކޮލިފައިން ޕްލޭއޮފް ބުރަށެވެ.