އީގަލްސް އިން މާޒިޔާ ބަލިކޮށްފި!

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ 1-0 އިން ބަލިކޮށް މި ސީޒަނުގައި އެ ޓީމު ބަލިކުރި ފުރަތަމަ ޓީމަކަށް ކްލަބް އީގަލްސް ވެއްޖެ އެވެ.


ލީގުގައި މިއަދު ހަވީރު ގްރީން ސްޓްރީޓްސް ކުޅުނު މެޗުން ދަ ގްރާންޑޭއާ އެއްވަރުވުމުން މިރޭގެ މެޗުން މޮޅުވެގެން ލީގުގެ އެއް ވަނައިގައި ނުވަ ޕޮއިންޓަށް ލީޑުފުޅާކުރުމުގެ ފުރުސަތު މާޒިޔާ އަށް އޮތެވެ. އެކަމަކު މެޗުން ބަލިވުމުން މާޒިޔާގެ ލީޑުވަނީ ފަސް ޕޮއިންޓަށް ކުޑަވެފަ އެވެ. ލީގުގެ އެއް ވަނައިގައި މާޒިޔާ 10 މެޗުން 23 ޕޮއިންޓާ އެކު އޮތްއިރު، ދެ ވަނައިގައި އޮތް އީގަލްސް އަށް 10 މެޗުން ލިބިފައިވަނީ 18 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް ލިބިފައިވަނީ 17 ޕޮއިންޓެވެ.

މެޗަށް ފަހު މާޒިޔާގެ ކޯޗު މަރުޔާން ސެކުލޮސްކީ ބުނީ މެޗުގެ 95 އިންސައްތަ ކޮންޓްރޯލްކުރީ މާޒިޔާ އިން ކަމަށާއި މައްސަލަ އަކީ ގޯލެއް ނުޖެހުން ކަމަށެވެ.

"މާޒިޔާ ކުޅުންތެރިންނަށް ވެސް މަރުހަބާ ކިޔަން. އެ މީހުން ވަރަށް މަސައްކަތްކުރި. އީގަލްސް އަށް ވެސް މަރުހަބާ ކިޔަން ޖެހޭ އެ މީހުން މާޒިޔާ ބަލިކުރީމަ. އަހަރެމެން މޮޅަށް ކުޅުނަސް ލަނޑެއް ނުޖެހުނީ. ފުޓްބޯޅަ އަކީ މި ކަހަލަ ކަމެއް. ބައެއް ފަހަރު މޮޅަށް ކުޅެގެން ވެސް މޮޅުނުވެދާނެ. އަދި ދަށްކޮށް ކުޅެގެން މޮޅުވެސް ވެދާނެ،" ސެކުލޮސްކީ ބުންޏެވެ.

ސެކުލޮސްކީ ވަނީ މެޗުގައި މާޒިޔާ ކުޅުންތެރިއެއް އެންމެ ފައުލެއް ކުރިޔަސް ކާޑު ދައްކާ ކަމަށާއި އީގަލްސްގެ އިމްރާން ނަޝީދު (އިންމަ) އާއި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަލީ ފާސިރު (ސެންޓޭ) ގިނަ ފައުލުތަކެއް ކުރިއިރު ކާޑު ނުދެއްކުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ބުނެފަ އެވެ.

"އެއް ކުޅުންތެރިޔަކު ފަހެއް ނޫނީ ހަ ފައުލު ކުރާއިރު ވެސް ކާޑެއް ނުދެއްކުމަކީ ރަނގަޅު ގޮތެއް ނޫން. އަހަރެމެންގެ ކޮންމެ އެޓޭކެއް ހުއްޓުވީ ވެސް ފައުލުކޮށްގެން. މެޗު ރަނގަޅަށް ބަލައިފިއްޔާ އެނގޭނެ އީގަލްސްގެ ނަމްބަރު 6 (އިންމަ) އަށް 15 މިނިޓް ތެރޭ ދެ ކާޑު ދައްކަންޖެހޭ. ނަމްބަރު 10 (ސެންޓޭ) ވެސް،" ހިތްހަމަނުޖެހިފައި ހުރެ ސެކުލޮސްކީ ބުންޏެވެ.

ސެންޓޭ: މިރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހިފައިގެން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އީގަލްސްގެ ކެޕްޓަން ހުސެއިން ޝިފާއު (ކުރޯ) ހުރީ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑްވެފަ އެވެ. އަނެއްކޮޅުން މާޒިޔާގެ އިބްރާހިމް ވަހީދު (އިއްބެ) އަނިޔާގައި ހުރިއިރު، ގައުމީ ޓީމާ އެކު މި ވަގުތު ހުރި ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ވެސް ނުކުޅެ އެވެ.

މިރޭގެ މެޗު ފަށައިގެން މާޒިޔާ އާއި އީގަލްސްގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ކުރީކޮޅުގައި ރަނގަޅު ފުރުސަތުތައް ތަނަވަސްކުރީ މާޒިޔާ އިންނެވެ. އެ ގޮތުން މެޗުގެ ހަތަރު ވަނަ މިނިޓްގައި މާޒިޔާގެ ނާއިޒު ހަސަން (ދާދު) ޖެހި ބޯޅައެއް އީގަލްސްގެ ލަންކާ ކީޕަރު ސުޖަން ޕެރޭރާ މަތަކުރިއިރު، އެ ބޯޅަ ދެ ވަނަ ފަހަރަށް ލިބުމުން މާޒިޔާގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ޖެހި ބޯޅަ ވެސް ކީޕަރު ސުޖަން ވަނީ ހުއްޓުވައިފަ އެވެ.

އީގަލްސް އިން ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔައިރު، ދެން ވެސް މާޒިޔާ އިން ރަނގަޅު ދެ ހަމަލާއެއް ފޮނުވާލި އެވެ. މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އޭރިއާތެރެއިން ބޮލުން ޖެހި ބޯޅަ ދިޔައި ގޯލާ ސީދާނުވެ އެވެ.

ފުރަތަމަ ހާފްގެ މެދުތެރެއިން އީގަލްސް ކުޅުންތެރިންގެ ފަރާތުން ގާތްގާތުގައި ގިނަ ފައުލުތަކެއް ފެނުމުން މާޒިޔާގެ ކޯޗު ސެކުލޮސްކީ އެއީ ކާޑު ދައްކަން ޖެހޭ ފައުލެއް ކަމަށް ބުނެ މެޗުގެ ރެފްރީ އާދަމް ފަޒީލަށް އެޕީލް ކުރުމުން އެ ކަމާ އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ހިތްހަމަނުޖެހުން ފާޅުކުރި އެވެ. އެ ވަގުތު ދެ ޓީމުގެ ބެންޗުން ވަނީ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފަ އެވެ.

މާޒިޔާ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެ ޓީމުން ނުހިފުމުގެ ނަތީޖާ އަކަށްވީ މެޗުގެ 30 ވަނަ މިނިޓްގައި އީގަލްސްގެ ސެންޓޭ އެ ޓީމަށް ލީޑުނަގައިދިނުމެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ސެންޓޭ ޖެހީ އޭރިއާ ބޭރުންނެވެ. ސެންޓޭ ތިރިތިރިން ބާރަށް ފޮނުވާލި ބޯޅަ ގޯލުގެ ތިރީ ކަނަށް އަމާޒުވިއިރު، އެ ބޯޅަ ހުއްޓުވަން މާޒިޔާގެ ގޯލުގައި ހުރި އަފްގާނިސްތާންގެ ކީޕަރު އޮވޭސް އަޒީޒީ އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.

ދެ ވަނަ ހާފްގައި މާޒިޔާ އިން ކުޅުން ރަނގަޅުކޮށް އީގަލްސް ހާފް ތެރޭގައި ގިނަ ވަގުތު ކުޅުނެވެ. މި ހާފްގެ މެދުތެރެއިން އީގަލްސްގެ މުހައްމަދު ނާއިމް އަށް ލިބުނު އަނިޔާއެއްގެ ސަބަބުން ހަސަން ރާއިފް (ހަންނަ) ކުޅެން އެރި އެވެ.

މެޗުގެ 65 ވަނަ މިނިޓްގައި އީގަލްސް އޭރިއާ ރޮނގުކައިރިން ފޭދޫ އިއްބެ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. އޭގެ 10 މިނިޓް ފަހުން އޭރިއާ ތެރެއިން ދާދު ބޮލުން ޖެހި ބޯޅަ ކީޕަރު ސުޖަން ވަނީ ހުއްޓުވައިފަ އެވެ. އެ ބޯޅަ ޖަހަން ދާދު ފުއްމައިގެން އަރާފައި ވެއްޓުނު ވަގުތު ލިބުނު އަނިޔާއެއްގެ ސަބަބުން ވަނީ ބަދަލުކޮށްފަ އެވެ.

އީގަލްސްގެ އިންމަ ކައިރިން މާޒިޔާގެ ދާދު ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތް މިނިޓް ފެށިގެން ފުރަތަމަ މިނިޓްގައި އީގަލްސް އަށް ލީޑުފުޅާކޮށްދޭން އަހުމަދު ރިޒުވާން (ރިޒޭ) އަށް ލިބުނު ފުރުސަތުން އޭނާ ފޮނުވާލި ބޯޅަ ކީޕަރު އަޒީޒީ ވަނީ މަތަކޮށްފަ އެވެ.

އީގަލްސްގެ ކޯޗު މޯހަން ބުނީ މެޗުން މޮޅުވި ކަމުގައި ވިޔަސް އޮތް ހިތާމަ އަކީ ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅޭ ދެ ކުޅުންތެރިން ކަމަށްވާ ނާއިމް އާއި ދާދު އަށް އަނިޔާވެގެން ބަދަލުކުރަން ޖެހުން ކަމަށެވެ. އަދި އީގަލްސް އިން މި މެޗުން މޮޅުވީ އާންމުކޮށް އެ ޓީމުން ކުޅޭ ގޮތާ ހިލާފަށް ޑިފެންސިވް ވިސްނުމެއްގައި ކުޅެގެން ކަމަށް މޯހަން ބުންޏެވެ.

"ކުޅުމުގެ ސްޓައިލާއި ކުޅޭ ފުޓްބޯޅަ އަށް ވުރެ އިސްކަންދިނީ ނަތީޖާ އަށް. ފުދޭވަރަކަށް ޑިފެންސިވް ގޭމެއް ކުޅުނީ. ޕްލޭޔަރުންގެ ޑިސިޕްލިން އާއި މަސައްކަތުގެ ރޭޓް ވަރަށް ރަނގަޅު. ވަރަށް ބޮޑު ކާމީޔާބެއް މިއީ. ބުނެލަންއޮތީ މާޒިޔާ އަކީ އެންމެ މޮޅު ކްލަބް. ވަރަށް މޮޅު ފުޓްބޯޅައެއް ވަރަށް ރަނގަޅު ގޭމެއް ކުޅުނު. ދެން މި ކަހަލަ ގޮތެއްވާނީ އެއްބައި ދުވަހު ކާމިޔާބުވާ ދުވަހާއި އަނެއްބައި ދުވަހު ކާމިޔާބު ނުވެ ދާނީ،" މޯހަން ބުންޏެވެ.

މިރޭގެ ނަތީޖާއާ އެކު ލީގުގައި މިހާރު ވާދަކުރާ ނުވަ ޓީމުގެ ތެރެއިން މެޗަކުން ބަލިނުވެ އޮތް ހަމައެކަނި ޓީމަކީ އީގަލްސް އެވެ. އީގަލްސް ކުޅުނު 10 މެޗުގެ ތެރެއިން ހަ މެޗު އެއްވަރުވިއިރު، އެ ޓީމު މޮޅުވީ ހަތަރު މެޗުންނެވެ.