ކޮމިޓީގެ ދައުރާ މެދު އަލީ ވަހީދުގެ ބޮޑު އިތުބާރެއް

ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ކަންކަމުގައި އެފްއޭއެމްގެ އެގްޒެކްޓިވް ކޮމިޓީ އަށް ލަފާދިނުމަށް އެކުލަވާލި ގައުމީ ޓީމުގެ ކޮމިޓީން ވެސް މަސައްކަތްކުރަންޖެހޭނީ ހުރިހާ އެންމެންގެ ބައިވެރިވުން ހިމެނޭގޮތަށް ކަމަށާއި އެ ފުރުސަތު ފަހިކޮށް ކައިރި މުސްތަގުބަލާއި ދުރުރާސްތާ ޕްލޭނަކާ އެކު ކުރިއަށްދާން ބޭނުންވާ ކަމަށް އެ ކޮމިޓީގެ ޗެއާމަން އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.


އޭނާ މިހެން ވިދާޅުވީ އެ ކޮމިޓީ ލޯންޗްކުރުމަށް ރޭ ޕެރެޑައިސް އައިލެންޑް ރިޒޯޓުގައި ބޭއްވި ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގާ ކޮމިޓީތަކަކީ އިންތިހާބުކުރާ ކޮމިޓީތަކެއް ކަމަށް 2008 ވަނަ އަހަރު ބަދަލުކުރި ފަހުން ރާއްޖޭގެ ބޮޑު ކުޅިވަރު އެސޯސިއޭޝަނެއްގެ މަތީ ފެންވަރުގެ ކޮމިޓީއެއްގެ ޗެއާމަނަކަށް ކެބިނެޓް މިނިސްޓަރަކު އައްޔަންކުރެވުނު ފުރަތަމަ ފަހަރެވެ. އެކަމަކު މީގެ ކުރިން 2015 ވަނަ އަހަރު އެފްއޭއެމުން ބޭއްވި ޕީޕަލްސް ކަޕް މުބާރާތުގެ ޗެއާމަނަކަށް އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އައްޔަންކުރައްވާފައިވެ އެވެ.

އަލީ ވަހީދުގެ އިތުރުން ގައުމީ ޓީމުގެ ކޮމިޓީގައި ހިމެނިވަޑައިގަންނަނަވަނީ އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދާއި އެފްއޭއެމްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް އަހުމަދު ޝަކީބް (ޑޮކް) އާއި ގައުމީ ޓީމު ކޮމިޓީގެ ކުރީގެ މެމްބަރު އަލީ ނާޝިދު (އޮގަރު އައްޔަ) އާއި އަންހެން ގައުމީ ޓީމުގެ ކުޅުންތެރިޔާ މަރިޔަމް މިރުފަތެވެ. މި ކޮމިޓީގައި ކުރިން އެފްއޭއެމްގެ ރައީސް ބައްސާމް އާއި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފްގެ އިތުރުން ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު ހިމެނެ އެވެ. އެކަމަކު ކުޅިވަރުގެ އެކި ފަރާތްތަކުގެ ހިތްހަމަނުޖެހުންތަކުގެ ސަބަބުން ޕްރެޝަރު ބޮޑުވެ މަހުލޫފު ވަނީ ކޮމިޓީން ދުރަށް ޖެހިވަޑައިގެންފަ އެވެ.

"ބައްސާމް އަޅުގަނޑުމެންނާ އެކު އަޅުގަނޑުމެން އެންމެން ދައްކާ ވާހަކަތަކަށް ޖާގަ ދެއްވައިގެން ހުރެގެން އަޅުގަނޑުމެން ޕުޝް ކުރަން ހުރިއްޔާ ބައްސާމް އަތުގައި އަޅުގަނޑުމެން ހިފުމަކީ އޭނަ އުނގަށް ވެއްޓުމެއް ނޫން. އަޅުގަނޑު އެފްއޭއެމްގެ ރައީސްގެ މަގާމަށް ނާންނާނަން. އަޅުގަނޑު އެ މަގާމަށް ލޮބީ އެއްވެސް ނުކުރާނަން މި މަގާމުގައި ހުރެގެން،" އަލީ ވަހީދު ވިދާޅުވި އެވެ.

ރާއްޖޭގެ ފުޓްބޯޅަ އަށް ސަޕޯޓްކުރާ ގިނަ ބަޔަކު އަދުވެސް އެބަތިބި ކަމަށާއި އެ މީހުން އަލުން ދަނޑަށް ގެނެވޭނެ ޖާދުލެއް އޭނާ އަތުގައި ވެސް އަދި އެއްވެސް މީހެއްގެ އަތުގައި ނެތް ކަމަށާއި މިކަމަށް އޮތް ހައްލަކީ އެންމެން އެކުގައި މަސައްކަތް ކުރުން ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

"އޮތީ ކުރު މުސްތަގުބަލާއި ދުރު ރާސްތާގެ ޕްލޭނެއް"

ކޮމިޓީގެ ޒިންމާއާ ހަވާލުވުމަށް ފަހު އޮތީ ކުރު މުސްތަގުބަލުގެ ތެރޭގައި ހާސިލްކުރަން ބޭނުންވާ ކަންތައްތަކާއި ދުރުރާސްތާ އަކަށް ބަލައިގެން ކަންތައްތައް ހާސިލްކުރަން ކުރާ މަސައްކަތްތަކުގެ ޕްލޭނެއް ކަމަށް އަލީ ވަހީދު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

ރޭގެ ރަސްމިއްޔާތުގައި އަލީ ވަހީދު އެންމެ ބޮޑަށް ތައުރީފްކުރި އެއް ކަމަކީ އެފްއޭއެމްގެ މިހާރުގެ ލީޑަޝިޕުން މުސްތަގުބަލަށް ޒުވާން ޓީމުތަކެއް ބިނާކުރަން ފަށާފައިވާ ޓުވާޑްސް ފިއުޗާ ޕްރޮގްރާމަށެވެ. ގައުމީ ޓީމުގެ ކަންތައްތަކާއި ފުޓްބޯޅައިގެ ޑިވެލޮޕްމަންޓް ކަންތައްތަކަށް ލަފާދޭން ހެދި ކޮމިޓީގައި މަސައްކަތްކުރަން އަލީ ވަހީދުގެ ޝައުގުވެރިކަން އުފެދުނީ ޓުވާޑްސް ފިއުޗާގެ ކާމިޔާބީކަމަށް އޭނާ ވިދާޅުވި އެވެ.

"ޓުވާޑްސް ފިއުޗާ އިން އެކުރާ ކަންތައްތަކަކީ ރާއްޖޭގެ ފުޓްބޯޅަ ބަދަލުވެގެންދާނެ ކަންތައްތައް. އެފްއޭއެމްގެ ރައީސާއި ސްޕޯޓްސް މިނިސްޓަރު އެ ޖާގަ ދެއްވާފައި އޮތީމަ މިތާގައި މިހުރީ. ފުޓްބޯޅައިގައި ރާއްޖޭގައި މި ވަގުތު އަޅުގަނޑު ޕްރޫވްކުރަންޖެހޭ އެއްޗެއް ނޯންނާނެ. އަޅުގަނޑަށް ލިބުނު ވަގުތުގައި އެކަން ކޮށްފައިވާނީ،" ކުރިން ނިއު ރޭޑިއަންޓްގެ ޗެއާމަން ކަމުގައި ހުރެ ކާމިޔާބު މަސައްކަތްތަކެއް ކުރެއްވި އަލީ ވަހީދު ވިދާޅުވި އެވެ.

ޓުވާޑްސް ފިއުވާ ޕްރޮގްރާމުގެ މަސައްކަތް އެފްއޭއެމުން ކުރިއިރު ޓެކްނިކަލް ޑިރެކްޓަރަކީ އިހުސާން އަބްދުލްގަނީ (ސާންތީ) އެވެ. އަލީ ވަހީދާއި މަހުލޫފާ އެކު އެފްއޭއެމުން އެންމެ ފުރަތަމަ މި ކޮމިޓީ އެކުލަވައިލީ އޭނާ އިސްތިއުފާ ދިން ފަހުންނެވެ. އޭނާ އިސްތިއުފާ ދިނީ މަގާމުން ވަކިކުރަން ނޯޓިސް ދިނުމުންނެވެ.

އަލީ ވަހީދު ވިދާޅުވީ ގައުމީ ސްކޮޑުގައި ހިމެނޭ 23 ކުޅުންތެރިންނަށް ހާއްސަވާ 23 ކަމެއް އަބަދުވެސް ސިކުނޑީގައި ބާއްވަން ޖެހޭ ކަމަށެވެ. އޭގެ ތެރޭގައި ގައުމީ ޓީމުގެ ކުޅުންތެރިންނާއި ކުޅުންތެރިންގެ އާއިލާ އާއި ރައްޓެހިންގެ އިތުރުން އުޅޭ މާހައުލު ހިމެނޭ ކަމަށާއި އަދި ކްލަބްތަކާއި ކްލަބްގެ އިސްވެރިންނާއި ކްލަބްތަކުގެ ކޯޗުންނާއި އޮފިޝަލުންނާއި ރެފްރީންނާއި މެޑިކަލް ކަންތައްތަކުގައި އުޅޭ ފަރާތްތަކާއި އެ ނޫން ވެސް ސަޕޯޓް ސްޓާފުންގެ މުހިއްމުކަން އޭނާ ފާހަގަކުރެއްވި އެވެ. ދެން މުހިއްމު ކަންތަކުގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ އެފްއޭއެމާއި ސްޕޯޓްސް މިނިސްޓްރީގެ އިތުރުން ތައުލީމީ ނިޒާމާއި ޖިސްމާނީ ވަރުގަދަކަމާއި މީޑިއާގެ އިތުރުން ސަޕޯޓަރުންނެވެ. އަދި އަގީދާ އާއި އަމިއްލަ ގައުމާ މެދު ދެކޭ ގޮތް ވެސް މީގެ ވަރަށް މުހިއްމުކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

ގައުމީ ޓީމުގެ ކޮމިޓީގެ ބައްދަލުވުމެއް މިހާރު ބާއްވާފައިވާއިރު އެ ބައްދަލުވުމުގައި ވަނީ ބައެއް ކަންތައްތައް ނިންމައިފަ އެވެ. އެ ގޮތުން އެންމެންގެ ބައިވެރިވުން ހިމެނޭގޮތަށް ގައުމީ ޓީމުގެ ފަންޑެއް ވަނީ ހުޅުވައިފަ އެވެ. އޭގެ ބޭނުމަކީ ގައުމީ ޓީމުގެ ކަންތައްތައް ވީ އެންމެ ފުރިހަމަ އަށް ހިންގުމެވެ.

"އެކުރާ ހޭދައާ އެ ކުރާ ކަމެއްގެ ބަދަލު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދައްކައިދޭނަން. އަޅުގަނޑުމެންނަށް މިހާތަނަށް ސްޕޮންސަ ދިން ބައެއް ހިތާމަނުކުރޭ. ދެ ވަނަ ފަހަރު ދޭނަމޭ ބުނާވަރު ކޮށްދެނީ. މޮޅުވީމައެއް ނޫން ޓެލެތޯން ބާއްވަންވީ. މޮޅުވާން މަސައްކަތްކުރަން މި ޖެހެނީ،" ސްޕޮންސަރުންނާ އެހެން ފަރާތްތަކަށް އިޝާރާތްކޮށް އަލީ ވަހީދު ވިދާޅުވި އެވެ.

ގައުމީ ޓީމުގެ ކޮމިޓީގެ ރޭގެ ހަފްލާގައި ބައިވެރިވި ހުރިހާ ފަރާތެއް ފޮޓޯ އަކަށް ހުއްޓިގެން. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރާއްޖޭގެ ފުޓްބޯޅަ މިހާރު އޮތް ހާލަތަށް ބަލާއިރު ކްލަބްތަކުގެ ހާލަތާއި ލީގުގެ މެޗުތައް ކުޅޭ ގޮތާ އެ ނޫން ވެސް ކަންތައްތަކުގައި ގިނަ މައްސަަލަތަކެއް އެބަހުރި ކަމަށާއި އެކަންތައްތައް ރަނގަޅުކުރަން ބަލާއިރު އެއީ ވަކި ބަޔަކުގެ ޒިންމާއެއްގެ ގޮތުގައި ދޫކޮށްލައިގެން ތިބެވެން ނެތް ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

މި ވަގުތަށް ބަލާއިރު އެންމެ މުހިއްމު ކަމަކީ އޭޝިއަން ކަޕަށް ކޮލިފައިވާން އަމާޒުހިފާފައިވާ ޓާގެޓަށް ވާސިލްވުމަށް މަސައްކަތްކުރުން ކަަމަށާއި އެކަން ކުރަން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އޮތީ އަންނަ މަހު 14 އާއި 19 ވަނަ ދުވަހު އޮތް ދެ މެޗުން މޮޅުވުމެވެ. މާލޭގައި ދެ މެޗު ވެސް ކުޅޭއިރު 14 ވަނަ ދުވަހު އޮތީ ފިލިޕީންސާ ދެކޮޅަށެވެ. އަދި 19 ވަނަ ދުވަހު ގުއާމާ ދެކޮޅަށެވެ.

އަލީ ވަހީދު ވިދާޅުވީ ދިވެހި ފުޓްބޯޅަ މިހާރު ބޭނުންވަނީ ސާފް ޗެމްޕިއަންޝިޕަށް ވުރެ ދުރަށް ދާން ކަމަށެވެ.

"ދިވެހި ފުޓްބޯޅަ މިއަދު ބޭނުންވޭ އޭޝިއަން ކަޕްގައި އޮންނަން. އަޅުގަނޑުމެން ސާފް ޗެމްޕިއަންޝިޕް ކޮންކުއާ ކޮށްފިން 2008 ވަނަ އަހަރު. (މިހާރު އޮތް) ޒުވާން ޓީމު ވެސް އެކަން ކޮށްފި. އަދި ވޯލްޑް ކަޕަށް ދާ ވާހަކައެއް ނޫން ދައްކާނީ. މިހާރު ދިވެހި ރައްޔިތުން ބޭނުންވަނީ އޭޝިއަން ކަޕަށް ދާން. މިފަހަރު ވެސް ނުދެވިދާނެ. އެކަމަކު މި ފަހަރު ވައްޓާލައިފިއްޔާ ދުރު ރާސްތާ ޕްލޭނަކުން ކުރާނީ،" އަލީ ވަހީދު ވިދާޅުވި އެވެ.

ގައުމީ ޓީމުގެ ސްކޮޑު ނެގުމަކީ ކޯޗުގެ ޒިންމާއެއް ކަމަށާއި އެކަމަށް ލަފާދޭން ކޮމިޓީން ކުރާ މަސައްކަތުގައި ބަލާނެ ހަތަރު ކަމެއް ކްލަބްތަކުގެ ކޯޗުންނާ ހިސާކުރާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އެ ހަތަރު ކަމަކީ ޓެކްނިކް، ފިޒިކަލް، ސައިކޮލޮޖީ އަދި ސޯޝަލް ކަންތައްތައް ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅައިގެ ދުރު ރާސްތާ ތަސައްވުރެއް އޭނާ ކުރާހާލާއިރު ދިވެހި ކޯޗެއް ގައުމީ ޓީމުގައި ހުންނަ ދުވަސް ވެސް ދެކެން ބޭނުންވާ ކަމަށާއި އެއީ ވެސް ނުވާނެ ކަމެއްގައި ދެކިގެން ނުވާނެ ކަމަށެވެ.

އެފްއޭއެމްގެ ބޮޑު ކޮމިޓީއެއްގެ ޗެއާމަންގެ ގޮތުގައި މިވަގުތު އަލީ ވަހީދު ހުންނެވި ނަމަވެސް އޭނާ ވަނީ މީގެ ކުރިން އެ އެސޯސިއޭޝަނުގެ ހިންގުންތެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެއީ ކޮރަޕްޝަނުގެ ތުހުމަތެއްގައި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފުގައި ގޭގައި ހުންނެވި ދުވަސްކޮޅެއްގައި މި އަހަރުގެ ކުރީކޮޅު ވަގުތީ ގޮތުން މިނިސްޓްރީއާ ހަވާލުވެވަޑައިގެން ހުންނެވި އިރުގަ އެވެ. އެގޮތުން އޭނާ ވިދާޅުވީ ކުޅުންތެރިންނަށް މުސާރަ ނުދޭ ކަމަށް ބުނެ އެފްއޭއެމުން ނިއު ރޭޑިއަންޓް ސަސްޕެންޑްކުރުމުގެ ފަހަތުގައި އޮތީ އެހެން ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ނިއު ސަސްޕެންޑްކުރީ އެ އެސޯސިއޭޝަނުގެ ވެރިންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅުމުން ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެ ސަސްޕެންޝަން އުވާލައި އިތުބާރު ނެތްކަމުގެ ވޯޓާ ކުރިމަތިލެއްވުމަށް އެފްއޭއެމުގައި އެދޭ ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ވަކި ކަމަކާ ގުޅިގެން ކްލަބްތަކަށް ފިޔަވަޅު އެޅޭ އެޅުން އެއީ އެއްވެސް އިންސާފެއް ނޫން ކަމަށާއި މި ސަރުކާރުން ވެރިކަމަށް އައީ ވެސް ބޭއިންސާފާ ދެކޮޅަށް ކަމަށެވެ. އިތުބާރު ނެތްކަމުގެ ވޯޓަކާ ގުޅިގެން ބަޔަކު މީހުން ސަސްޕެންޑްކޮށް މި ފަސްގަނޑުގައި އަދުލު އިންސާފުން ބޭރުން ކަންކަން ނުކުރެވޭނެ ކަމަށާއި އަދި ފީފާގެ އުސޫލުތަކުގައި ވެސް އެކަމެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

"މާދަމާ އަޅުގަނޑުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ހުށަހެޅީމާ ރައްޔިތުންގެ މަޖިލީހުގައި ތިބި ހުރިހާ މެމްބަރުން ހައްޔަރުކުރަން އަޅުގަނޑުމެން ގޮސްގެންނުވާނެ،" އަލީ ވަހީދު އޭރު ވިދާޅުވެފައިވެ އެވެ.