ބްރޭކްތައް އަންނާތީ އެއް ފެންވަރެއްގައި ހިފަހައްޓަން އުނދަގޫ: އިންމަ

ދަ ގްރާންޑޭގެ ކުޅުން އެއް ފެންވަރެއްގައި ދަމަހައްޓަން ދިމާވާ އެއް ގޮންޖެހުމަކީ ބްރޭކްތަކެއް އައިސްގެން ކުޅުމަަށް ކުރާ އަސަރު ކަމަށް އެ ޓީމުގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނެފި އެވެ.


"މި ސީޒަނަކީ ދިގު ސީޒަނެއް. ވަރަށް ގިނަ ބްރޭކްތަކާ އެއްޗެހި ވެސް އާދޭ. މި ސީޒަނުގެ ބްރޭކްތައް މި ގޮތަށް އައީމަ ކޮންމެ ކޯޗަކަށް ވެސް އުނދަގޫވާނެ ޓީމުގެ ޕާފޯމަންސް މެއިންޓެއިން ކުރަން. އެހެންވީމަ މި ކަހަލަ ކަންތައް މި ދިމާވަނީ،" ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އިންމަ ބުންޏެވެ.

"އެހެން ޓީމުތަކަށް ވުރެ އަހަރެމެންނަށް މި ކަންތައް ބޮޑުވާނެ މި ކްލަބަކީ އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ޓީމަކަށް ވީމާ. ޔަންގް މެނޭޖްމަންޓެއް މި އޮތީ. ރަނގަޅު ވަސީލަތްތަކެއް ނެތީމަ މި އޮއިވަރުގައި ފުރަތަމަ ލައިގަންނަ ޓީމަކަށް ވާނެ ދަ ގްރާންޑޭ."

ގާތްގަނޑަކަށް ހަ މަސް ދުވަހު ރާއްޖޭގެ ފުޓްބޯޅަ ނުކުޅެ ހުއްޓާލުމަށް ފަހު މިދިޔަ ޖޫން މަހު އަލުން ފަށައިގެން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ތިން ބްރޭކް ނަގައިފި އެވެ. އަދި މި މަހު 27 އިން ޑިސެމްބަރު މަހު 12 ވަނަ ދުވަހާ ހަމައަށް ވެސް ބްރޭކެއް ނަގާނެ އެވެ. އެންމެ ފުރަތަމަ ބްރޭކް ނެގީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށެވެ. ދެން ބްރޭކްތައް ނަގަން ފެށީ ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން މެޗުތަކަށެވެ. މި ހަތަރު ބްރޭކްގެ ޖުމްލަ ދުވަސްތަކުގެ އަދަދަކީ 122 ދުވަހެވެ.

އިންމަ ބުނީ އީގަލްސް ވެސް މޮޅުވަމުން އަންނަ ކަަމަށްވާނަމަ މޮޓިވޭޝަން ރަނގަޅުވާނެ ކަމަށެވެ. އެކަމަކު ދަ ގްރާންޑޭ މި މެޗުގައި ނުކުންނާނީ އެކަން ދަނެގެން ރަނގަޅު ކުޅުމެއް ދައްކައި ނަތީޖާ ނެރުމަށް ކަމަށާއި އެކަމަށް އޮތް ކުޑަ ކަންބޮޑުވުމަކީ ބެންޗުގައި ބަދަލުކޮށްލާނެ ރަނގަޅު ފެންވަރެއްގެ ކުޅުންތެރިންތަކެއް ނެތުން ކަމަށެވެ. އެހެން ނަމަވެސް ކްޓިކަލީ ރާވައިގެން ހެދޭނެ ގޮތްތަކެއް އެބަހުރި ކަމަށް އޭނާ ބުންޏެވެ.

އެންމެ ފަހުން މެޗުގައި ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވި މެޗުގައި އަނިޔާވެގެން ދަ ގްރާންޑޭގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ބަދަލުކުރި ނަމަވެސް މި މެޗަށް އޭނާ ވަނީ ފިޓްވެފަ އެވެ.

ދަ ގްރާންޑޭ އިން މެޗުތަކުގައި ނަތީޖާ ނެރެން ކުރާ މަސައްކަތަށް ގިނަ ކޯޗުން ވަނީ ތައުރީފުކޮށްފަ އެވެ. މިރޭގެ މެޗުގެ ކުރިން އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވެސް ވަނީ އެ ޓީމުގެ ކުޅުންތެރިން ނަތީޖާ އަށް ކުރާ މަސައްކަތް ފާހަގަކޮށްފަ އެވެ.

"ގްރާންޑޭގެ މަސައްކަތުގެ ރޭޓް ފާހަގަކުރަން ޖެހޭ ވަރަށް ރަނގަޅަށް މަސައްކަތްކުރާ ކުޅުންތެރިންތަކެއް ތިބި ޓީމެއް. ވަރަށް ގޮތްދޫނުކޮށް ފަހު ވަގުތާ ޖެހެންދެން ހިތްވަރު އެލުވާނުލައި މަސައްކަތްކުރާ ޓީމެއް އެއީ. ފަހަކަށް އައިސް ވަރަށް ގިނަ މެޗުތަކުގައި ނަތީޖާ ނެރެފައި. ވަރަށް އުނދަގޫވާނެ މެޗެއް. ވަރަށް ބުރަ މަސައްކަތް ކުރަންޖެހޭނެ،" މޯހަން ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މޯހަން. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެންމެ ފަހުން އީގަލްސް ކުޅުނު މެޗުން މާޒިޔާ އަތުން 1-0 އިން މޮޅުވިއިރު، އެ މެޗުގައި އީގަލްސްގެ ފަރާތުން ފެނުނީ އާންމުކޮށް އެ ޓީމުން ކުޅޭ ވަރަށް ވުރެ ޑިފެންސިވް ގޭމެކެވެ. މޯހަން ބުނީ ދަ ގްރާންޑޭއާ ދެކޮޅަށް ތަފާތުވާނެ ކަމަށެވެ.

"އެ ގޭމެއް ނޫން. ކުރިން ކުޅެމުން އައި ފުޓްބޯޅަ އަށް ބަދަލުކޮށްލާނީ. ވަރަށް ޔަގީން މާޒިޔާއާ އެކީ އެ ކުރި މަސައްކަތް ކޮށްފިއްޔާ މި މެޗުން ކާމިޔާބު ލިބޭނެ،" މޯހަން ބުންޏެވެ.

ދަ ގްރާންޑޭ ލީގުގެ ފަސް ވަނައިގައި ނުވަ މެޗުން 15 ޕޮއިންޓާ އެކު އޮތްއިރު، އީގަލްސް ދެ ވަނައިގައި އޮތީ 10 މެޗުން 18 ޕޮއިންޓް ހަމަކޮށްގެންނެވެ. ލީގުގެ ތާވަލު އޮތްގޮތުން މިއީ މި ދެ ޓީމަށް ވެސް ވަރަށް މުހިއްމު މެޗެކެވެ. ލީގުގެ ފުރަތަމަ ބުރުގައި ދަ ގްރާންޑޭ އާއި އީގަލްސް ކުޅުނު މެޗު ވަނީ 2-2 އިން އެއްވަރުވެފަ އެވެ.

"އެއީ ވަރަށް ދެރަކޮށް ދިޔަ މެޗެއް. ފަހު ވަގުތު މަސައްކަތުގެ ރޭޓް ކުޅުންތެރިންގެ ފަރާތުން ދަށްކޮށް ފެނުނީ. އޭގެ ކުރިން ދިޔަ މެޗު ވެސް އެ ގޮތަށް ދިޔައީ. އެކަމަކު އެންމެ ފަހުން މާޒިޔާ މެޗު މި ފެނުނީ ކުޅުންތެރިންގެ މަސައްކަތް ވަރަށް ތަފާތުކޮށް. ވަރަށް އުއްމީދު އެބައޮތް މިހާރު ރަނގަޅުވާނެކަން،" މޯހަން ބުންޏެވެ.

ލީގުގައި އެންމެ ފަހުން މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގައި އީގަލްސްގެ ޒުވާން މިޑްފީލްޑަރު މުހައްމަދު ނާއިމް އަށް ވަނީ އަނިޔާވެފަ އެވެ. ކަކުލަށް ލިބުނު ސީރިއަސް އަނިޔާއިން ރަނގަޅުވެ ނާއިމް އަލުން ކުޅުމަށް އެނބުރި އަންނަން ހަ މަސް ނަގާނެ ކަމަށް ބެލެވެ އެވެ.

މޯހަން ބުނީ ހަމައެކަނި ކަންބޮޑުވުމަކީ ނާއިމަށް އަނިޔާވުމުގެ މައްސަލަ ނަމަވެސް ބަދަލުގައި ކުޅުވޭނެ ކުޅުންތެރިން އެބަތިބި ކަމަށާއި އޭގެ ތެރޭގައި 19 އަހަރުން ދަށުގެ ގައުމީ ޓީމުގައި މޮޅަށް ކުޅުނު ކުޅުންތެރިން ހިމެނޭ ކަމަށެވެ.

"ނާއިމް ނެތްތަން ފޫބެއްދުމެއް ނޫން. އެކަަމަކު ބަދަލުގައި ގިނަ ކުޅުންތެރިން ވެސް އެބަހުރި. ހަންނަ (ހަސަން ރާއިފް) ވެސް އެއީ އެ މަގާމަށް ކުޅޭ ކުޅުންތެރިޔެއް. އޭނާ އަކީ ވެސް ގައުމީ ޓީމު ފެންވަރު ކުޅުންތެރިއެއް ނާރާ ސަބަބެއް ގައުމީ ކޯޗަށް އެނގޭނީ. ދެން މި މެޗަށް ކުރޯ (ހުސެއިން ޝިފާއު) ވެސް ހުންނާނެ،" މޯހަން ބުންޏެވެ.

ލީގުގައި ދަ ގްރާންޑޭ އަތުން މިރޭ އީގަލްސް މޮޅުވެއްޖެނަމަ އެއް ވަނައިގައި އޮތް މާޒިޔާގެ ލީޑު ދެ ޕޮއިންޓަށް ކުޑަވާނެ އެވެ. މިރޭގެ މެޗު ފަށާނީ 9 ޖަހާއިރު އެވެ.