ގިނަ ގޯލް ޖެހުމަށް ވުރެ މުހިއްމީ ޕޮއިންޓް ހޯދުން: ސެކުލޮސްކީ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކޮންމެ މެޗެއްގައި ގިނަ ގޯލުތަކެއް ޖެހުމަށް ވުރެ އޭނާ އަށް މުހިއްމީ ތިން ޕޮއިންޓް ލިބޭ ވަރަށް ހުރިހާ ކުޅުންތެރިން މަސައްކަތްކުރުން ކަމަށް މާޒިޔާގެ ކޯޗު މަރުޔާން ސެކުލޮސްކީ ބުނެފި އެވެ.


ލީގުގައި ރޭ ކުޅުނު މެޗުން އީގަލްސް މޮޅުވުމުން އެއް ވަނައިގައި މާޒިޔާގެ ލީޑު ވަނީ ދެ ޕޮއިންޓަށް ކުޑަވެފަ އެވެ. މާޒިޔާ އަށް 10 މެޗުން 23 ޕޮއިންޓް ލިބިފައިވާއިރު، އީގަލްސް ވަނީ 11 މެޗުން 21 ޕޮއިންޓް ހަމަކޮށްފަ އެވެ.

ލީގުގައި މާޒިޔާ އެންމެ ފަހުން ކުޅުނު މެޗުން ވަނީ އީގަލްސް އަތުން 1-0 އިން މޮޅުވެފަ އެވެ. ސީޒަނުގައި ފުރަތަމަ ފަހަރަށް މާޒިޔާ ބަލިވިއިރު، މިއަދުގެ މެޗުން މޮޅުވެ އަލުން ފޯމަކަށް އެޅެން އެ ޓީމުން ބޭނުންވާނެ އެވެ. ސެކުލޮސްކީ ބުނީ މި މެޗަށް ވެސް ތައްޔާރުވަނީ އެހެން މެޗުތަކެކޭ އެއްގޮތަށް ކަމަށާއި އެހެން ނަމަވެސް ހާލަތު ތަފާތުވާ ސަބަބަކީ އަލުން މޮޅުވާން ބޭނުންވެފައި ހުރި ހުރުން ކަމަށެވެ.

"އަބަދުވެސް މުހިއްމުވާނީ ކުރިއަށް އޮތް މެޗު. އަދި ހާއްސަކޮށް ކުރިން ކުޅުނު މެޗުން ބަލިވެފައި އޮތުމުން ކުރިއަށް އޮތް މެޗުން މޮޅުވުން ވަރަށް މުހިއްމުވާނެ. މޮޅުވެގެން އަލުން ކޮންފިޑެންސް ރަނގަޅުކުރަން ޖެހޭނެ. އަހަންނަށް ޔަގީން އެންމެ ފަހުން މެޗުން ފިލާވަޅެއް ލިބިއްޖެކަން،" ސެކުލޮސްކީ ބުންޏެވެ.

އޭނާ ބުނީ ބައެއް ފަހަރު މެޗުތަކުގައި ގޯލު ޖަހަން ލިބޭ 15 ފުރުސަތު ވެސް ބޭނުން ކުރެވިދާނެ ކަމަށާއި އަނެއް ބައި ފަހަރު އޭގެ އިން އެއްވެސް ފުރުސަތެއްގެ ބޭނުން ނުހިފި ވެސް ހިނގައިދާނެ ކަމަށެވެ. އެންމެ މުހިއްމުވާނީ އެންމެ ފުރަތަމަ ލަނޑު ޖެހުން ކަމަށާއި އެކަން ކުރެވިއްޖެނަމަ މެޗުގެ ކޮންޓްރޯލް ނަގަން ފަސޭހަވާނެ ކަމަށް ބުންޏެވެ.

"އަހަރެމެންގެ ވިސްނުމަކަށް ވާންޖެހޭނީ އަހަރެމެންގެ އެޓޭކިން ފުޓްބޯޅަ ކުޅުން. ޖަހަނީ ކިތައް ގޯލުތޯ މުހިއްމެއް ނޫން އަހަންނަށް. އަހަންނަށް އެންމެ މުހިއްމީ މެޗުން މޮޅުވުން. ޕޮއިންޓް ހޯދުން މުހިއްމީ. އެކަން ކުރަން އެންމެ މޮޅު ކުޅުން ދައްކަންޖެހޭ،" ސެކުލޮސްކީ ބުންޏެވެ.

ލީގުގެ ފުރަތަމަ ބުރުގައި ނިލަންދޫ އަތުން މާޒިޔާ ވަނީ 13-0 އިން މޮޅުވެފަ އެވެ. ސެކުލޮސްކީ ބުނީ އެންމެ ފަހުން ހަތަރު މެޗަށް ބަލާއިރު ނިލަންދޫ ދެ މެޗުން މޮޅުވެފައިވާއިރު، ބަލިވީ އެންމެ މެޗަކުންނެވެ. އެހެން ކަމުން އެއީ ކުރިއާ އަޅާބަލާއިރު ތަފާތު ޓީމެއް ކަމަށް ސެކުލޮސްކީ ބުންޏެވެ.

ލީގުގެ ފުރަތަމަ ބުރުގައި ނިލަންދޫ ކީޕަރު ޒިޔަޒަން ކައިރިން މާޒިޔާގެ އިއްބެ ބޯޅަ ހިފައިގެންދަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނިލަންދޫއާ ދެކޮޅަށް ކުރިން ކުޅުނު މެޗުގައި މާޒިޔާގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު (އިއްބެ) ވަނީ ފަސް ގޯލު ޖަހައިފަ އެވެ. އިއްބެ މި ވަގުތު އަނިޔާއެއްގައި ހުރިއިރު، ސެކުލޮސްކީ ބުނީ އޭނާ އަލުން ކުޅެން ނެރެންޖެހޭނީ 100 ޕަސެންޓް ފިޓްކޮށް ހުރެ ކަމަށެވެ.

"މިއީ އޭނަ (އިއްބެ) އަށް މި ކަހަލަ އަނިޔާއެއް ކުރިމަތިވި ފުރަތަމަ ފަހަރު. އިއްބެ ޖެހޭނީ 100 ޕަސެންޓް ރިކަވާވެގެން އަންނަން. އެހެންވެއްޖިއްޔާ އޭނަ އަށް ދެން ފުޓްބޯޅަ ކެރިއަރުގައި މި ކަހަލަ އަނިޔާއެއް ލިބުމުގެ ފުރުސަތު ކުޑަ. އެކަމަކު އެއްކޮށް ފިޓް ނުވަނީސް އޭނާ ބޭނުންކުރަން ފަށައިފިއްޔާ މި ކަހަލަ އިންޖަރީ މައްސަލަތައް ގިނަގިނައިން ކުރިމަތިވާނެ. ހަަމައެކަނި ކުޅުންތެރިން ލައްވައި ކުޅުވުމެއް ނޫން އެ ކުޅުންތެރިންނާ މެދު ވިސްނަން ވެސް ޖެހޭ،" ސެކުލޮސްކީ ބުންޏެވެ.

ބައެއް މެޗުތަކުގައި މާޒިޔާ އަށް އެންމެ ރަނގަޅު ޓީމު ބޭނުންކުރެވެން ނެތް ނަމަވެސް އެ ޝަކުވާ ކުރެވެން ނެތް ކަމަށް ސެކުލޮސްކީ ބުންޏެވެ.

ނިލަންދޫގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ މާޒިޔާގެ ކޯޗުގެ ނަޒަރުގައި މިހާރު ނިލަންދޫ ތަފާތު ވެފައިވާ ކަމަށް ބެލި ނަމަވެސް ހަގީގަތުގައި އެ ވަރުގެ ބޮޑު ތަފާތެއް އަދި ނެތް ކަމަށެވެ.

"މި ވަގުތު އޮތް ހާލަތަށް ވިސްނާއިރު ބޭރު ކުޅުންތެރިންތަކެއް ޓީމާ ގުޅުނު. ދެން އެއާ އެކު ކުޅުމުގެ ސްޓައިލާއި ޕާފޯމަންސަށް ބަދަލެއް އައި. އެކަމަކު އަޅުގަނޑު އުއްމީދުކުރި ވަރުގެ ކުރިއެރުމެއް އ އަކުން ނުފެނުނު. އެއް ކަމަކީ ލޯކަލް ޕްލޭޔަރުންގެ ކޮމިޓްމަންޓް އެ ވަރަކަށް ނޫން ހުރީ. އެހެންވީމަ ނުކުންނަން ޖެހޭ ވަރުގެ ނަތީޖާއެއް ނުނިކުމޭ،" ފެސްކޯ ބުންޏެވެ.

ފެސްކޯ ބުނީ ފުރަތަމަ ބުރުގައި ތަފާތު ބޮޑުކޮށް މާޒިޔާ އަތުން ބަލިވި ނަމަވެސް ކޮންމެ ބަޔަކަށް ކޮންމެ މެޗަކުން ވެސް ކަމެއް ދަސްވާނެ ތަޖުރިބާތަކެއް ކުރެވޭނެ ކަމަށާއި އެއީ ކޯޗަކު ނެތި ކުޅުންތެރިންތަކެއް އެކަނި ދޫކޮށްލިޔަސް އަމިއްލަ އަށް ވެސް ކުޅުންތެރިން ރަނގަޅުކުރާނެ ކަންކަން ކަމަށެވެ.

"މީގެ ކުރީ ދުވަހުގެ އެތި ރިޕީޓް ވާކަށް އެއީ މަޖުބޫރު ކަމެއް ނޫން. ކޮންމެ ދުވަހަކީ ވެސް ތަފާތު ދުވަހެއް. އިއްޔެ އާއި މިއަދާ ތަފާތު. މިއަދާ މާދަމާއާ ޔަގީނުން ވެސް ތަފާތު. އެގޮތަށް ކޮންމެ މެޗަކީ ވެސް ތަފާތު މެޗެއް. މިސާލަަކަށް ރާއްޖެ އެންމެ ބޮޑު ތަފާތަކުން އީރާން އަތުން 17-0 އިން ބަލިވީ. އޭގެ ޖެހިގެން އައި ހަފްތާގައި އީރާން އަތުން 8-0. އެހެންވީމަ ކޮންމެ މެޗެއްގެ ނަތީޖާ އެއްގޮތް ވާކަށް ނުޖެހޭ،" ފެސްކޯ ބުންޏެވެ.

ނިލަންދޫ ޓީމުގައި ފެސްކޯ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ މެޗުތަކަށް ނުކުންނައިރު ރަނގަޅަށް ޕްރެކްޓިސް ނުކުރެވުމެވެ. އެހެން ދިމާވަނީ ވަޒީފާގެ ގޮތުން ކުޅުންތެރިންނަށް އާދެވެން ނެތުމެވެ. ފެސްކޯ ބުނީ އެކަމަށް މެނޭޖްމަންޓުން ކުރެވޭ ހުރިހާ މަސައްކަތެއް ކުރާ ކަމަށެވެ.

އެންމެ ފަހުން މެޗުގައި ލިބުނު އަނިޔާގެ ސަބަބުން މާޒިޔާގެ ނާއިޒު ހަސަން (ދާދު) މި މެޗުގައި ނުކުޅޭނެ އެވެ. އެހެން ނަމަވެސް އެ ޓީމުގެ ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ވަނީ މި މެޗަށް ޓީމާ ގުޅިފަ އެވެ. އަނެއްކޮޅުން ނިލަންދޫ މި މެޗަށް ނުކުންނައިރު އާންމުކޮށް އެ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅޭ މުހިއްމު ޑިފެންޑަރުންތަކެއް ތިބީ ސަސްޕެންޝަނުގަ އެވެ. އޭގެ ތެރޭގައި ބިދޭސީ ޑިފެންޑަރު ކިންގްސްލީ ހިމެނެ އެވެ.

މާޒިޔާ އާއި ނިލަންދޫ ކުޅޭ މެޗު ފަށާނީ ހަވީރު 3:50 ގަ އެެވެ.