ސައުތު އޭޝިއަން ގޭމްސްގައި ފުޓްބޯޅައިގެ އަމާޒަކީ ދެ ރަން މެޑަލް

އަންނަ ޑިސެމްބަރު މަހު ނޭޕާލުގައި ބާއްވާ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރާ ގައުމީ އަންހެން ފުޓްބޯޅަ ޓީމާއި ފިރިހެން ޓީމުގެ އަމާޒަކަށްވާނީ ރަން މެޑަލް ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.


މިދިޔަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕަކީ ކާމިޔާބުކުރުން ލާޒިމް މުބާރާތެއް ނޫން ކަމަށް ބައްސާމް ވިދާޅުވި ނަމަވެސް ގައުމީ ޓީމުން ވަނީ 10 އަހަރަށް ފަހު އެ މުބާރާތުގެ ތަށި އުފުލާލައިފަ އެވެ. އޭރު އެފްއޭއެމުން ބުނީ އެންމެ އިސްކަމެއްދޭނީ ޓުވާޑްސް ފިއުޗާގެ ބެނާގެ ދަށުން މުސްތަގުބަލަށް ޓީމުތަކެއް ބިނާކުރުމަށް ކަމަށެވެ. އެކަމަކު އޭގެ ފަހުން އުމުރުފުރާ ޓީމުތަކާއި އަންހެން ޓީމު ބޭރު މުބާރާތްތަކުން ވަނަ ހޯދާފައިވުމުން އެފްއޭއެމުން ވިސްނުން ބަދަލުކޮށް މިހާރު ޓީމެއް މުބާރާތަކަށް ފޮނުވަނީ އެންމެ މަތީ ވަނަ އަށް އަމާޒުކޮށެވެ.

ގައުމީ ޓީމުގެ ކޮމިޓީން އަންހެން ފުޓްބޯޅަ ޓީމާ ބައްދަލުކުރަން ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ބައްސާމް ވިދާޅުވީ ކުރިމަތީގައި އޮތް ސައުތު އޭޝިއަން ގޭމްސް އަށް އަންހެން އަދި ފިރިހެން ޓީމު ވީ އެންމެ ފުރިހަމަ އަށް ތައްޔާރުވާނެ ކަމަށެވެ.

"އެފްއޭއެމްގެ މިހާރުގެ އަމާޒަކީ ދާ ކޮންމެ މުބާރާތެއްގެ އެންމެ މަތީ ވަނަ ހޯދުން. އަޅުގަނޑުމެންގެ ޒުވާން އުމުރުފުރާގެ ކުޅުންތެރިން 16 އަހަރުން ދަށުގެ ކަމުގައި ވިޔަސް 19 އަހަރުން ދަށުގެ ކަމުގައި ވިޔަސް އަދި އަންހެން ޓީމު ވިޔަސް ސީނިއާ ޓީމު ވިޔަސް މިހާރުގެ ވިސްނުމަކީ އެ ދާ މުބާރާތެއްގެ ކާމިޔާބުކުރަން ކުރުން. ސާފް ގޭމްސް އަޅުގަނޑުމެންގެ ދެ ޓީމު. އަންހެން އަދި ފިިރިހެން ޓީމު ދާން ހަމަޖެހިފައިވާއިރު ވިސްނުމަކީ މި މުބާރާތް ކާމިޔާބުކުރުން،" ބައްސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އޮލިމްޕިކް ކޮމިޓީން ސައުތު އޭޝިއަން ގޭމްސް އަކީ ޑިވެލޮޕްމަންޓަށް މަސައްކަތް ކުރަން ޓާގެޓްކޮށްފައިވާ މުބާރާތަކަށްވީ ނަމަވެސް އެފްއޭއެމުން ދެކޭ ގޮތް ތަފާތު ކަމަށެވެ.

"ވަރަށް ހިތާމައާ އެކު ދަންނަވަން އޮލިމްޕިކް ކޮމިޓީގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވިގެންދިޔައިރު ވާހަކަ ދެކެވުނީ ސާފް ގޭމްސް ޑިވެލޮޕްމަންޓް އެއްޗަކަށް ބޭނުންކުރަން. އަޅުގަނޑުމެން ބޭނުމެއް ނޫން މި މުބާރާތް ޑިވެލޮޕްމަންޓް އެއްޗަކަށްވާން. އަޅުގަނޑުމެން ބޭނުމީ ކާމިޔާބު ހޯދާ އެއްޗަކަށްވާން. ފިރިހެން ޓީމު އެ ތައްޔާރުވަނީ މި މުބާރާތް ކާމިޔާބުކުރަން. އަންހެން ޓީމު ވެސް އެންމެ ވަރުގަދަ އަށް ތައްޔާރުވާނެ. އަދި ވާން ހުރި އެންމެ ވަރުގަދަ އަކަށް މަސައްކަތްކޮށް ކާމިޔާބު ކުރެވޭތޯ މަސައްކަތްކުރަންވާނެ،" ބައްސާމް ވިދާޅުވި އެވެ.

އިންޑިއާގެ ގުވަހާޓީ އާއި ޝިލޮންގައި 2016 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަންހެން ޓީމާއި ފިރިހެން ޓީމު ދިޔައީ ހަތަރު ވަނަ އެވެ. އަންހެން ފުޓްބޯޅަ އިވެންޓް ކުރިއަށްދިޔައީ ލީގު އުސޫލުންނެވެ. އެ ފަހަރު ރަން މެޑަލް ހޯދި އިންޑިއާއާ ރާއްޖޭން އެއްވަރުކުރި އެވެ. އެ އަހަރުގެ ފިރިހެން ފުޓްބޯޅަ އިވެންޓުގެ ސެމީގައި ނޭޕާލް އަތުން ރާއްޖެ ބަލިވިއިރު، ތިން ވަނަ ހޮވާ މެޗުން ބަންގްލަދޭޝް އަތުން ވެސް ވަނީ ޕެނަލްޓީ ޖަހައިގެން ބަލިވެފަ އެވެ.

މިދިޔަ އަހަރު ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ޓީމުގައި ވެސް 23 އަހަރުން ދަށުގެ ކުޅުންތެރިން ހިމެނެ އެވެ. އެހެން ކަމުން މި ފަހަރު ސައުތު އޭޝިއަން ގޭމްސްގެ ފިރިހެން ފުޓްބޯޅަ އިވެންޓުގައި ރާއްޖެ އަށް ވަރުގަދަ ޒުވާން ޓީމެއް ނެރެވޭނެ އެވެ.

ގައުމީ ޓީމުގެ ކަންކަމަށާއި ފުޓްބޯޅައިގެ ޑިވެލޮޕްމަންޓް ކަންކަމުގައި އެފްއޭއެމްގެ އެކްސްކޯ އަށް ލަފާދޭން ހަދާފައިވާ ކޮމިޓީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޗެއާމަން ކަމުގައި ރަނގަޅު ސްޕީޑެއްގައި މަސައްކަތް ކުރަމުން އަންނަ ކަމަށާއި ޖެނުއަރީ މަހު 20 ވަނަ ދުވަހު އިއުލާނުކުރާ ފުޓްބޯޅައިގެ ދުރު ރާސްތާ ޕްލޭނުގައި އަންހެން ފުޓްބޯޅަ އިތުރަށް ފުޅާވެގެންދާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމުން އަންނަ މަހު އައްޑޫގައި އަންހެން ފުޓްބޯޅަ ލީގެއް ބާއްވަން ވަނީ ނިންމައިފަ އެވެ. އަދި އަންނަ އަހަރުގެ ފެބްރުއަރީ މަހުގައި މާލޭގައި ވެސް އަންހެން ފުޓްބޯޅަ ލީގެއް ކުޅޭނެ އެވެ. އެ މުބާރާތުގައި އޮފީސްތަކުގެ ރެކްރިއޭޝަނަލް ކްލަބްތަކަސް ވެސް ފުރުސަތު ދޭން ވަނީ ނިންމައިފަ އެވެ.

އަންހެން ޓީމުން މިިދިޔަ އަހަރު ސިންގަޕޫރުގައި ބޭއްވި މުބާރާތަކުން ލޯ މެޑަލް ހޯދާފައިވާއިރު، އަހުމަދު ނާޝިދު (ނާދު)ގެ ކޯޗުކަމުގައި އަންހެން ޓީމުން ސައުތު އޭޝިއަން ގޭމްސް އަށް ތައްޔާރުވާން މިހާރު އޮތްގޮތުން ޔުއޭއީގައި ކޭމްޕް ކުރާނެ ކަމަށް އެފްއޭއެމުން މައުލޫމާތު ދެ އެވެ.