ފުޓްބޯޅަ ޓީމް އެޗްއައިއެޗް ނުވަތަ ރިޒޯޓެއްގައި ކޭމްޕްކުރެވޭތޯ އެބަ ބަލަން: އަލީ ވަހީދު

ވޯލްޑް ކަޕް ކޮލިފައިންގައި ފިލިޕީންސް އާއި ގުއާމާ ދެކޮޅަށް ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ މެޗުގެ ކުރިން ޓީމު ކޭމްޕްކުރެވޭތޯ ބަލާނީ ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ނުވަތަ ރިޒޯޓެއްގައި ކަމަށް ގައުމީ ޓީމު ކޮމިޓީގެ ޗެއާމަން އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު (ބަލަކް) ވިދާޅުވެއްޖެ އެވެ.


ގައުމީ ޓީމު ފަހަކަށް އައިސް ކޭމްޕްކުރަނީ މާލޭގައި ހުންނަ ހޮޓެލް ޖެންގަ އެވެ. އެކަމަކު އަލީ ވަހީދު މިރޭ ވިދާޅުވީ ކޯޗު ޕީޓާ ސެގާޓްގެ ވެސް އެދުމުގެ މަތިން މާހައުލު ބަދަލުކުރުމަށްޓަކައި ބަދަލެއް ގެނެވޭތޯ ބަލަމުން އަންނަ ކަމަށެވެ.

"މަސައްކަތްކުރާނީ އެޗްއައިއެޗްގައި ނުވަތަ ރިޒޯޓެއްގައި ކޭމްޕްކުރަން،" އަލީ ވަހީދު ވިދާޅުވި އެވެ.

ގައުމީ ޓީމު ވަނީ އަންނަ މަހުގެ 14 ގައި ފިލިޕީީންސާ ދެކޮޅަށް އަދި 19 ގައި ގުއާމާ ދެކޮޅަށް ކުޅޭ އެ ދެ މެޗަށް ތައްޔާރުވާން މިރޭ މެލޭޝިއާ އަށް ފުރައިފަ އެވެ. އެޗްއައިއެޗް ނުވަތަ ރިޒޯޓެއްގައި ޓީމް ކޭމްޕްކުރާނީ އެ ދަތުރަށް ފަހު އަންނަ މަހުގެ 9 ގައި އެނބުރި އައުމުންނެވެ.

އަލީ ވަހީދު ވަނީ، ސްޕޯޓްސް މިނިސްޓްރީއާ މަޝްވަރާކުރެއްވުމަށް ފަހު ދަތުރުތަކުގައި ކުޅުންތެރިންނަށް ދެމުން އަންނަ 100 ޑޮލަރުގެ ޕޮކެޓް މަނީ 200 ޑޮލަރަށް ބޮޑުކޮށްދެއްވައިފަ އެވެ. އެއާ އެކު އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު ވަނީ ހުރިހާ ކުޅިވަރެއްގެ ހުރިހާ އެތުލީޓުންނަށް ވެސް އެ ބަދަލު އަންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި ރާއްޖެ ތަމްސީލްކުރަންދާ އެތުލީޓުންގެ މެދުގައި ތަފާތުކުރެވިގެން ނުވާނެ ކަމަށް ސޯޝަލް މީޑިއާގައި ނުރަސްމީކޮށް ވިދާޅުވެފަ އެވެ.

ސަރުކާރުގެ ވަޒީރަކު ހުންނަވާ ކޮމިޓީއެއްގެ ދަށުން ފުޓްބޯޅަ ޓީމުން ކުރިއަށް އޮތް ދެ މެޗަށް ވަރުގަދަ އަށް ތައްޔާރުވަމުން އަންނައިރު، 23 އަހަރުން ދަށުގެ ފުޓްބޯޅަ ހިމެނޭ ގޮތަށް އެހެން ކުޅިވަރުތަކުން ތައްޔާރުވަމުން އަންނަނީ ޑިސެމްބަރު މަހު އޮންނަ ސައުތު އޭޝިއަން ގޭމްސް އަށެވެ. އެކަމަކު އެ ގޭމްސް އިން މެޑަލް ހޯދާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ އަދި ކުރިން ވެސް ހޯދާފައިވާ ރާއްޖޭގެ ދުވުންތެރިންނަށް ސަރުކާރުން ބަޖެޓް ހަމަނުޖެހޭތީ އަދި ތިބީ ތަމްރީނަށް ބޭރަށް ނުދެވިފަ އެވެ. އެއާ އެކު މެޑަލް ލިބުމުގެ އުއްމީދު ވަނީ ފަނޑުވެފަ އެވެ.