އަންހެން ސިންގަލްސް ފައިނަލުގައި ދެބެންގެ ކުރިމަތިލުމެއް

ގައުމީ ބެޑްމިންޓަން މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލުގައި ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުގައި ހިމެނޭ ދެބެން ކަމަށްވާ އައިމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާ ވާދަކުރަންޖެހިއްޖެ އެވެ.


މިދިޔަ އަހަރު އަންހެން ސިންގަލްސް ބައިން ގައުމީ ޗެމްޕިއަންކަން ނަބާހާ ހޯދިއިރު ނަބީހާ އަކީ އޭގެ ކުރީ އަހަރުގެ ޗެމްޕިއަނެވެ. ނަބާހާ ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ފައިނަލުން ފުރުސަތު ހޯދީ އިއްޔެ ކުޅުނު ސެމީ ފައިނަލުގައި ނީލާ ނަޖީބުގެ މައްޗަށް ކުރިހޯދައިގެންނެވެ. ތަޖުރިބާކާރު ކުޅުންތެރިޔާ ނީލާ އަތުން ނަބާހާ ސީދާ ދެ ސެޓުން މޮޅުވިއިރު، އޭނާ ސެޓުތައް ގެންދިޔައީ 21-18، 21-12 އިންނެވެ.

މި ފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖެ އަށް ބެޑްމިންޓަނުން ފުރަތަމަ ރަން މެޑަލް ގެެނެސްދިން ނަބީހާ މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދީ 2016 ވަނަ އަހަރު މުބާރާތުގެ ތަށި އުފުލާލި މައިސާ ފަތުހުﷲ (މައިި) އަތުން ދެ ސެޓު އެއް ސެޓުން މޮޅުވެގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ސެޓުތައް ދިޔައީ 22-20، 15-21 އަދި 21-03 އިންނެވެ.

ސިންގަލްސް ބައިގެ ފައިނަލުގައި ނަބީހާ އާއި ނަބާހާ ވާދަކުރާއިރު، ޑަބަލްސް ބައިގެ ފައިނަލުގައި އެ ދެބެންގެ ޕެއާ ނުކުންނާނީ ރޭ ކުޅުނު ސެމީ ފައިނަލް މެޗުން މޮޅުވި އައިމިނަތު ޝަހުރުނާޒް މޫސާ އާއި ނިލާގެ ޕެއާއާ ދެކޮޅަށެވެ. ޝަހުރުނާޒާއި ނީލާގެ ޕެއާ ފައިނަލުން ފުރުސަތު ހޯދީ ސެމީގައި އައިމިނަތު އަހުމަދު ދީދީ އާއި މާޝާ ރަޝީދުގެ ޕެއާ 21-13، 21-14 އިން ބަލިކުރުމަށް ފަހު އެވެ.

ފިރިހެން ސިންގަލްސް ފައިނަލުން މި ފަހަރު ވެސް ފުރުސަތު ހޯދީ މިދިޔަ ފަހަރު ފައިނަލުގައި ކުޅުނު މުހައްމަދު އަޖުފާން އާއި ނިބާލް އަހުމަދު އެވެ.

ފިރިހެން ޑަބަލްސް ބައިގައި އަހުމަދު ތޯއިފް އާއި ޒަޔާންގެ ޕެއާ ފައިނަލުން ފުރުސަތު ހޯދީ ސެމީގައި ހަސަން އަފްޝީން އާއި މުހައްމަދު ހިޝާމްގެ ޕެއާ ބަލިކުރުމަށް ފަހު އެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 18-21، 21-15 އަދި 21-18 އިންނެވެ. މި ބައިން ދެން ފައިނަލުގެ ފުރުސަތު ހޯދީ އިބްރާހިމް ރާޝިހު އާއި ރިޝްވާން ޝިޔާމްގެ ޕެއާ އެވެ. އެ ޕެއާ ފައިނަލަށް ދިޔައީ އައްފާން އަލީ އާއި އަހުމަދު ވަސީމްގެ ޕެއާ 14-21، 23-21، 22-20 އިން ބަލިކުރުމަށް ފަހު އެވެ.

މިކްސް ޑަބަލްސްގައި ނަބާހާ އާއި ޒަޔާން ޒަކީގެ ޕެއާ ފައިނަލުގެ ފުރުސަތު ހޯދީ ސެމީގައި މުހައްމަދު ރަފާހު އާއި މާޝާގެ ޕެއާ 21-11، 21-09 އިން ބަލިކުރުމަށް ފަހު އެވެ. މިކްސް ޑަބަލްސް އިން ދެން ފައިނަލުގެ ޖާގަ ހޯދީ އަފްޝީން އާއި ނީލާގެ ޕެއާ އެވެ. އެ ޕެއާ ފައިނަލުން ފުރުސަތު ހޯދީ ނިބާލާއި މައިސާގެ ޕެއާ އަށް މެޗު ނުކުޅެވުމުން ވޯކް އޯވާ ވެގެންނެވެ.

ދެ ވަނަ ޑިވިޝަނުގެ ފައިނަލްތަކުން ފުރުސަތު ހޯދި ކުޅުންތެރިންނަށް ބަލާއިރު މި ބައިގެ ފިރިހެން ސިންގަލްސް ފައިނަލު ހުސެއިން މުހައްމަދު ނުކުންނާނީ މުހައްމަދު އިކުރާމްއާ ދެކޮޅަށެވެ. އަންހެން ސިންގަލްސް ބައިގައި އައިޝަތު ފައިނާޒު ބައްދަލުކުރާނީ ފިރުޝާނާ ނަސީރުއާ އެވެ. ފިރިހެން ޑަބަލްސް ބައިގައި ހުސެއިން އާއި އިކުރާމްގެ ޕެއާ ކުޅޭނީ އަހުމަދު ނަދީމާއި ނާތިޖު އަލީއާ އެވެ. އަންހެން ޑަބަލްސް ފައިނަލުގައި އައިޝަތު ޝަރީފާއި އައިމިނަތު ނަސީމާގެ ޕެއާ ބައްދަލުކުރާނީ ފިރުޝާނާ އާއި ފައިނާޒުގެ ޕެއާއާ އެވެ. މިކްސް ޑަބަލްސް ބައިގައި އަލީ މުއާޒް އާއި ނަސީމާގެ ޕެއާ ބައްދަލުކުރާނީ ނަދީމް އާއި އައިޝަތު ޔުމްނާގެ ޕެއާ އެވެ.

މުބާރާތުގެ ފައިނަލް މެޗުތައް ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު ކުޅިވަރު އެކުވެނި އިންޑޯ ބެޑްމިންޓަން ކޯޓުގަ އެވެ.