ބޮޑު ކާމިޔާބަށް ފަހު އުފާފާޅުކުރެވުނު ގޮތުން އަޖުފާން މާފަށް އެދިއްޖެ

ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލުން މޮޅުވި މެޗަށް ފަހު ގައުމީ ޗެމްޕިއަންކަން ނުވަ ވަނަ ފަހަރަށް ހޯދި މުހައްމަދު އަޖުފާނަށް ރޭ އުފާފާޅުކުރެވުނު ގޮތާ މެދު އޭނާ މާފަށް އެދިއްޖެ އެވެ.


ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ގައުމީ ސިންގަލްސް ފައިނަލުގައި ޒުވާން ތަރި ނިބާލް އަހުމަދު އަތުން އަޖުފާން މޮޅުވީ 2-1 ސެޓުންނެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 21-16، 19-21، 21-17 އިންނެވެ. މި މެޗުގައި ޒުވާން ތަރި ނިބާލް ވަނީ އަޖުފާނާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެންނެވި ފައިނަލް މެޗުން މޮޅުވި ޕޮއިންޓް ލިބުމުން އަޖުފާން ވަނީ އުފާފާޅުކުރުމުގެ ގޮތުން ޖޯޒީ ބާލައި އޭނާ އަށް ގައުމީ ތަށި ލިބުނު އަަދަދު އަތުގެ އިނގިލީގެ އިޝާރާތުން ކުޅި ބެލުންތެރިންނަށް ދައްކާލައިފަ އެވެ. އަޖުފާން އުފާފާޅުކުރި ގޮތުން އޭނާ އަށް މެޗުގެ އަމްޕަޔަރު ޝިހާމް (ޕުޗު) ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. މެޗަށް ފަހު އަޖުފާން ރައީސްގެ ކުރިފުޅު މަތީގައި އެ ގޮތަށް އަމަލުކުރުމުން ގިނަ ބަޔެއްގެ ހިތްހަމަނުޖެހުން އޭނާ އަށް އަމާޒުވި އެވެ.

އަޖުފާން މިއަދު ބުނީ ގައުމީ ފައިނަލަށް ފަހު އޭނާގެ ފަރާތުން ފެނުނީ އެންމެ ރަނގަޅު އަހުލާގެއް ނޫން ކަމަށާއި އެކަމަށްޓަކައި އެންމެންގެ ކިބައިން މާފަށް އެދޭ ކަމަށެވެ. އަދި އެކަން ކުރެވުނީ މޮޅުވި ވަގުތު މާ ބޮޑަށް ޖަޒުބާތުގައި ޖެހުމުން ކަމަށް އޭނާ ބުނެފައިވެ އެވެ.

"ޕްރެޝަރު މެޗެއްގައި އެ ގޮތަށް މޮޅުވީމަ ޖަޒުބާތުގައި ޖެހި ކުރެވުނު ކަންތައްތަކާ މެދު ހިތާމަކުރަން. އަދި އެކަމަށް އެންމެންގެ ކިބައިން މާފަށް އެދެން. ހާއްސަކޮށް ރައީސް ކުރިމަތީގައި އެ ގޮތަށް އަމަލުކުރެވުމުން މާފަށް އެދެން. އަހަރެން ޔަގީންކަން ދެން ކުރިއަށް އޮތްތަނުގައި އެ ފަދަ ކަމެއް ތަކުރާރު ނުވާނެ ކަމަށް. އުއްމީދަކީ އެންމެންގެ މާފު ލިބުން،" ޓްވިޓާގައި އަޖުފާން ބުނެފައިވެ އެވެ.

އުމުރުން 29 އަހަރުގެ އަޖުފާން ބުނީ އޭނާ އުމުރުން އެންމެ ނުވަ އަހަރުގައި ބެޑްމިންޓަން ކުޅެން ފަށައި ނުވަ ވަނަ ފަހަރަށް ގައުމުގެ ޗެމްޕިއަންކަން ހޯދުނު ވަގުތަކީ ވަރަށް ޖަޒުބާތީ ވަގުތެއް ކަމަށް ވުމުން ގޯހެއް ހެދުނީ ކަމަށެވެ. އަދި ކުރެވުނު ކުށަށް މާފަށް އެދުމުގެ ގޮތުން މި ކަމުގައި ހިމެނޭ ފަރާތްތަކަށް ސިޓީ އަކުން އެކަން ދަންނަވާފައިވާނެ ކަމަށް އަޖުފާން ބުންޏެވެ.

ފައިނަލް މެޗަށް ފަހު ސަޕޯޓަރުން ކުރިމަތީގައި ޖޯޒީ ބާލައިގެން އަޖުފާން އުފާފާޅުކުރަނީ--. ފޮޓޯ: ނިޝާން އަލީ/ މިހާރު

ގައުމީ ޗެމްޕިއަންކަން އަޖުފާން އެންމެ ފުރަތަމަ ހޯދީ 2006 ވަނަ ފަހަރެވެ. ޖެހިޖެހިގެން ހަ ފަހަރު ހޯދުމަށް ފަހު ދެން އަޖުފާނަށް ގައުމީ ޗެމްޕިއަންކަން ލިބުނީ 2015 ވަނަ އަހަރު އެވެ. އޭގެ ފަހުން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު މިދިޔަ އަހަރު ތަށި އުފުލާލި އެވެ. އަދި މިދިޔަ އަހަރު "މިހާރު އެވޯޑްސް" އިން ހޮވި ފިރިހެން އިންޑިވިޖުއަލް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަޖުފާން ވަނީ މި އަހަރު ތަށި ދިފާއުކޮށްފަ އެވެ.