ނިޒާމްބެ ބަންގްލަދޭޝް ޕްރިމިއާ ލީގު ކްލަބަކާ ހަވާލުވަނީ

ގައުމީ 16 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަމުގެ މަގާމުން ވަކިވެ މަޝްހޫރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބަންގްލަދޭޝްގެ ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ސައިފް ސްޕޯޓިން ކްލަބްގެ ކޯޗުކަމާ ހަވާލުވާން ނިންމައިފި އެވެ.


މިއީ ރާއްޖޭގެ ކޯޗަކު ބޭރުގެ ގައުމެއްގެ އެންމެ މަތީ ޑިވިޝަނުގެ ޓީމަކާ ހަވާލުވާނެ ފުރަތަމަ ފަހަރެވެ. ނިޒާމްބެ އޭއެފްސީ އޭ ލައިސަންސް ނެގީ މި އަހަރު ބަންގްލަދޭޝްގައި ބޭއްވި ކޯހެއްގައި ބައިވެރިވުމަށް ފަހު އެވެ.

ޓީސީ ސްޕޯޓްސް ކްލަބަށް 2017 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް ކަޕް ޗެމްޕިއަންކަން ހޯދަައިދިން ނިޒާމްބެ ޓީސީ ދޫކޮށްލީ މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްދީފަ އެވެ. ނިޒާމްބެ 16 އަހަރުން ދަށުގެ ގައުމީ ޓީމާ ހަވާލުވީ 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް އަމާޒުކޮށް ޓީމެއް ތައްޔާރުކުރުމުގެ މަސައްކަތުގަ އެވެ.

ނިޒާމްބެ "މިހާރަ"ށް ބުނީ ސައިފްގެ ހުށަހެޅުން ބަލައިގަންނަން ނިންމީ ރާއްޖޭން ބޭރުގެ ފުރުސަތަކަށްވުމާ އެކު ކެރިއަރުގައި އިތުރަށް ކުރިއަށްދާން ވެސް ލިބޭ ފުރުސަތަކަށްވާތީ އެވެ.

"އަސްލު ހަގީގަތުގައި އެންމެ ފުރަތަމަ ވެސް ވިސްނުންހުރި މިހެން ލިބޭ ފުރުސަތެއްގެ ބޭނުން ހިފަން. އެ ގޮތަށް ވިސްނައިގެން ހުއްޓާއައި ފުރުސަތެއް. އަޅުގަނޑަށް 16 އަހަރުން ދަށުގެ ޓީމާ އެކު ވެސް ރަނގަޅު މަސައްކަތެއް ކުރެވުނީ. ދބައްސާމް (އެފްއޭއެމްގެ ރައީސް)އާ މަޝްވަރާ ކުރުމަށް ފަހު އެއްބަސްވެވުނީ މިއީ ރާއްޖޭގެ ކޯޗަކަށް ވެސް ލިބޭ ރަނގަޅު ފުރުސަތެއްގެ ގޮތުގައި،" ނިޒާމްބެ ބުންޏެވެ.

"ސޯޅަ އަހަރުން ދަށުގެ ޓީމު ވެސް ކުރިއަށްދާނެ ގޮތްތަކެއް މަޝްވަރާކުރެވިގެން މި ގޮތަށް ނިންމީ. ތިން ހުށަހެޅުމެއްގެ ތެރެއިން އެންމެ ރަނގަޅު އޮޕްޝަނެއް އަސްލު މި ނެގީ. އެއީ ކެރިއަރަށް ވިސްނާފައި،"

ނިޒާމްބެ ބުނީ މިހާރު ހަމަޖެހިފައި އޮތްގޮތުން އަންނަ މަހު ފަސް ވަނަ ދުވަހު ސައިފް ޓީމާ ހަވާލުވާނެ ކަމަށެވެ. މިދިޔަ އަހަރު އޭއެފްސީ ކަޕްގެ ކޮލިފައިން ބުރުގައި ނިޒާމްބެގެ ކޯޗުކަމުގައި ޓީސީން ވަނީ ސައިފްގެ މައްޗަށް ކުރިހޯދައިފަ އެވެ. އިންގްލެންޑްގެ ސްޓެވާޓް ހޯލްގެ ކޯޗުކަމުގައި ސައިފް މިދިޔަ ސީޒަން ނިންމާލީ ލީގުގެ ހަތަރު ވަނައިގަ އެވެ. މި އަހަރުގެ ލީގު ފަށާނީ އަންނަ ޑިސެމްބަރު މަހު އެވެ.

ވެލެންސިއާ އާއި އައި.އެފް.ސީ ގެ ކުރީގެ ކުޅުންތެރިޔާ ނިޒާމްބެ ފާހަގަކުރެވުނީ، ޒުވާން ކުޅުންތެރިން ކުރިއަރުވައި އަދި އޭނާގެ ގޭމް ޕްލޭނުގައި ހާއްސަ ސްޓައިލަކަށް އަބަދުވެސް ޓީމު ކުޅުވާ ކޯޗެއްގެ ގޮތުގަ އެވެ.

ބަންގްލަދޭޝްގެ ލީގަކީ ފަހަކަށް އައިސް މި ސަރަހައްދުގައި އެންމެ ބޮޑަށް ކުރިއަރަމުން އަންނަ ލީގެވެ. ބާރަ ކްލަބް ވާދަކުރާ މި ލީގުގައި ރާއްޖޭގެ ނިއު ރޭޑިއަންޓަށް ކުރިން ކޯޗުކޮށްދިން ސްޕެއިނުގެ އޮސްކާ ބްރުޒޮން ވެސް މަސައްކަތްކުރެ އެވެ. އޭނާ ކޯޗުކޮށްދެނީ އެންމެ ފަހުގެ ޗެމްޕިއަން ބަޝުންދުރަ ކިންގްސް އަށެވެ.

ނިޒާމްބެގެ ކޯޗިން ކެރިއަރުގެ ފުރަތަމަ ބޮޑު މަސައްކަތުގައި، 2006 ގައި ވިލިނގިލީ ވިޔަންސާ އެކު ވަރަށް ރަނގަޅު ނަތީޖާތަކެއް ނެރުނީ މުޅިން އާ ކުޅުންތެރިން ގޮވައިގެންނެވެ. ހަގީގަތުގައި އެ ޓީމަކީ ދެ ވަނަ ޑިވިޝަނުން އައިސް ފުރަތަމަ ޑިވިޝަނުގައި ރަނގަޅު ނަތީޖާތަކެއް ނެރުން މިހާރު އާއްމުވެފައިވާ ވުމުގެ ވެސް ފެށުމެވެ. އޭގެ ފަހުން ލ. ކަޅައިދޫ ޓީމު ވެސް ފުރަތަމަ ޑިވިޝަނަށް ގެނެސް ކުޅުވި އެވެ. މިދިޔަ އަހަރު ލީގު ޗެމްޕިއަންކަން ހޯދި ޓީސީ އަކީ ވެސް، ނިޒާމްބެ ދެ ވަނަ ޑިވިޝަނުން ފެށިގެން ކުރިއަރުވަމުން ފުރަތަމަ ޑިވިޝަނަށް ގެނައި ޓީމެކެވެ.