އަޒުމު ވަރުގަދަ، ނިބާލްގެ ހިތްވަރަށް ބަދަލެއް ނާދޭ

ޒުވާން އުމުރުގައި ހުނަރުވެރި ބެޑްމިންޓަން ކުޅުންތެރިޔާ ނިބާލް އަހުމަދަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ފަރުވާ ބަހައްޓައިގެން ކުރިއަށްދާން ކުރާ މަސައްކަތުން ކުރިއެރުންތައް ވެސް ހޯދާތީ އެވެ. ޖެހިޖެހިގެން ދެ އަހަރު ގައުމީ ބެޑްމިންޓަން މުބާރާތުގެ ފައިނަލުން ނިބާލް ބަލިވި ނަމަވެސް އަދިވެސް އޭނާގެ އަޒުމު ވަރުގަދަ އެވެ. ކުރިމަގާ މެދު ދެކޭ ހުވަފެން ތަކަށް ކުޑަވެސް ބަދަލެއް ނާދެ އެވެ.


މީގެ ދެ އަހަރު ކުރިން 2016 ވަނަ އަހަރުގެ ގައުމީ ބެޑްމިންޓަން މުބާރާތުގައި އުމުރުން 14 އަހަރުގައި ނިބާލް ވަނީ ގައުމީ މުބާރާތުގެ ދެ ވަނަ ޑިވިޝަނުގައި މޮޅު ކުޅުމެއް ދައްކައި މުބާރާތުގެ ފައިނަލުން ތަޖުރިބާކާރު ކުޅުންތެރިއެއް ކަމަށްވާ ބ. އޭދަފުށީގެ ހުސެއިން މުހައްމަދު އަތުން ބަލިވެފަ އެވެ. އެއީ ނިބާލްގެ ކެރިއަރުގައި ކުރިއަށްދާން ރަނގަޅު ފެށުމެއް ކަމަށް އޭނާ އަށް ގަބޫލުކުރެވުނެވެ.

"ދެ ވަނަ ޑިވިޝަންގެ ފައިނަލުން ބަލިވުމުން ގިނަ ބަޔަކު ބުނި ޖެހިގެން އަންނަ އަހަރު ފުރަތަމަ ޑިވިޝަނަށް ނުގޮސް ދެ ވަނަ ޑިވިޝަނުގެ ތަށި ހޯދާފައި އެ ހިސާބަށް ދާން. އެކަމަކު އެއީ އެންމެ ރަނގަޅު ގޮތެއް ނޫން. އަބަދުވެސް ވިސްނަން ޖެހޭނީ ދެން އޮތް ލެވަަލަށް ދާން. އެހެންވެ ޖެހިގެން އައި އަހަރު ފުރަތަމަ ޑިވިޝަނުގައި ކުޅުނީ. ފުރަތަމަ ޑިވިޝަނުގެ ބްރޯންޒް މެޑަލް އެ ފަހަރު ލިބުނީ،" ނިބާލް "މިހާރަ"ށް ބުންޏެވެ.

ގައުމީ މުބާރާތުގައި މިހާތަނަށް ނިބާލް ބަލިވި ތިން މެޗުން ވެސް ބަލިވީ ގައުމީ ޗެމްޕިއަންކަން ނުވަ ވަނަ ފަހަރަށް މި ފަހަރު ހޯދި މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ މުހައްމަދު އަޖުފާން އަތުންނެވެ. އެއީ 2017 ވަނަ އަހަރުގެ ސެމީ ފައިނަލާއި މިދިޔަ އަހަރުގެ ފައިނަލާއި މި އަހަރުގެ ފައިނަލުންނެވެ.

ފައިނަލް މެޗުގެ ފަހު ސެޓުގެ ތެރެއިން ނިބާލް ކޯޓު މަތީގައި އޮށޯވެލައިގެން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނިބާލް ބުނީ މިދިޔަ އަހަރުގެ ފައިނަލަކީ ފުރަތަމަ ޑިވިޝަނުގައި އޭނާގެ ފުރަތަމަ ފައިނަލު ކަމަށްވުމުން ކޮންމެވެސް ވަރަކަށް ޕްރެޝަރު އޮތް ކަމަށާއި އެހެންވެ އުނދަގޫތަކެއް ވެސް ހުރި ކަމަށެވެ. މިދިޔަ އަހަރުގެ ފައިނަލުން ނިބާލް ބަލިވީ 21-12، 21-04 އިންނެވެ. އެކަމަކު މި އަހަރުގެ ފައިނަލުގައި އޭނާ ވަނީ ކުރިއަށް ވުރެ ރަނގަޅަށް ކުޅެ އަޖުފާނަށް ފައިޓެއް ދީފަ އެވެ. އަޖުފާން އަތުން ނިބާލް ސެޓެއް ގެންދިޔައިރު، މެޗުގެ ސެޓުތައް ދިޔައީ 21-16، 19-21 އަދި 21-17 އިންނެވެ.

އުމުރުން 17 އަހަރުގެ ނިބާލް ބުނީ މި ފަހަރުގެ މުބާރާތުގެ ފައިނަލުގައި ކުޅުނުއިރު މޮޅުވެވޭނެ ކަމުގެ އުއްމީދު އޮތް ކަމަށާއި ފައިނަލުގައި ކުޅެ އެކަން ހާސިލްނުވެ ދިޔަ ނަަމަވެސް ކުރެވުނު މަސައްކަތާ މެދު ހިތްހަމަޖެހޭ ކަމަށެވެ.

ގިނަ ބަޔެއްގެ ނަޒަރުގައި ނިބާލަކީ މި ވަގުތު ކުޅިވަރުގައި ތިބި ޒުވާން ކުޅުންތެރިންގެ ތެރެއިން އެންމެ އަހުލާގު ރަނގަޅު އެއް ކުޅުންތެރިޔާ އެވެ. ނިބާލް ދެކޭ ގޮތުގައި އަހުލާގަކީ ކުޅިވަރުގެ އެންމެ މުހިއްމު އެއް ބަޔެވެ. ނިބާލްގެ ކުރިމަގު ބައްޓަންކޮށް މި ކުޅިވަރުން އޭނާ ކުރިއަށް ދިއުމަށް އޭނާގެ މައިންބަފައިން މުހިއްމު ރޯލެއް ކުޅެ އެވެ. އުމުރުން ނުވަ އަހަރުން ފެށިގެން ނިބާލް ބެޑްމިންޓަން ކުޅެމުން އަންނައިރު ކޮންމެ މުބާރާތެއް ކޮންމެ މެޗެއްގައި އޭނާގެ މައިންބަފައިންގެ އެހީތެރިކަން ބޭނުންވާ ހުރިހާ ގޮތަކުން ފޯރުކޮށްދެ އެވެ.

"މަންމަ އާއި ބައްޕަ އަކީ އަޅުގަނޑުގެ އެންމެ ބޮޑު ސަޕޯޓަރުން. އިންޓަ ސްކޫލް ލެވެލުން ސެކަންޑް ޑިވިޝަނުން ފަސްޓް ޑިވިޝަނަށް ދެން އައިއޯއައިޖީ ޓީމަށް ދިއުން. މި ހުރިހާ ކަމެއްގެ ފަހަތުގައި ވެސް މަންމަ އާއި ބައްޕަ ހުރީ. މޮޅުވިޔަސް ބަލިވިޔަސް އަބަދުވެސް ހިތްވަރު ދޭނީ ކުރިއަށްދާން،" ނިބާލް ބުންޏެވެ.

ފައިނަލް މެޗަށް ފަހު ނިބާލް (ކ) ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު. -- ފޮޓޯ: ރައީސް އޮފީސް.

މީގެ ދެ އަހަރު ކުރިން ގައުމީ ސީނިއާ ޓީމުގައި ހިމެނުނު ނިބާލް އަންނަނީ ގިނަ ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރަމުންނެވެ. ބެޑްމިންޓަންގެ މުސްތަގުބަލު އުޖާލާ ކުޅުންތެރިންގެ ތެރޭގައި ވެސް ހާއްސަވާ ނިބާލް ކުރިއަށްދާން އަބަދުވެސް ގަބޫލުކުރާ ކަމަކީ ކުރާ މަސައްކަތް ހުއްޓާނުލައި އަބަދުވެސް ދެން އޮތް ލެވެލަށް ދާން މަސައްކަތްކުރުމެވެ.

ނިބާލް ބުނީ މިހާތަނަށް އޭނާ ވާދަކުރި ބައިނަލްއަގުވާމީ މުބާރާތްތަކުގެ ސަބަބުން ގިނަ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެ މުބާރާތްތަކުގެ އަލީގައި ކޮންފިޑެންސާއި ތަޖުރިބާތައް އިތުރުކުރުމަކީ މިހާރު އޭނާ އަށް ރަނގަޅު ކުޅުމެއް ދެއްކޭ އެންމެ ބޮޑު ސަބަބުކަމަށާއި އަނެއް ލެވަލަށް ދާން އަބަދުވެސް ކުރެވޭ އުއްމީދަކީ އޭނާ ކުރިއަށް ދިއުމުގެ އަސްލު ކަމަށެވެ.

"(އަނެއް ލެވެލަށް ދިއުން) އެކަން އަހަރެން މޮޓިވޭޓްކުރީ ދެ އަހަރުގެ ފުރަތަމަ ޑިވިޝަނުގެ ފައިނަލުގައި ކުޅެން ވެސް. އަޅުގަނޑު ދެކޭ ގޮތުގައި އަބަދުވެސް ޓާގެޓް ޖެހޭނީ މަތިކުރަން އޭރުން މަސައްކަތްކޮށްގެން އެ ހިސާބަށް ދާން ހުރި ހުރިހާ ހިތްވަރެއް ލެވޭނީ. މިހާރު ދެން ޓާގެޓް ކުރަނީ އަންނަ އަހަރުގެ ގައުމީ މުބާރާތުގެ އިތުރުން ބައިނަލްއަގުވާމީ މުބާރާތްތަކުން މެޑަލް ހޯދަން،" ޖެހިޖެހިގެން ދެ އަހަރު ގައުމީ މުބާރާތުގެ ދެ ވަނަ ހޯދި ނިބާލް ނިންމާލަމުން ބުންޏެވެ.