މިއީ ދިވެހި ފުޓްބޯޅަ އަށް ލިބުނު ފުރުސަތެއް: ނިޒާމްބެ

އަހަރުން އަހަރަށް ވަރުގަދަ ކުރަމުން އަންނަ ބަންގްލަދޭޝްގެ ޕްރިމިއާ ލީގުގައި ވާދަކުރާ ސައިފް ސްޕޯޓިން ކްލަބްގެ ކޯޗުކަން އޭނާ އަށް ލިބުމަކީ ދިވެހި ފުޓްބޯޅަ އަށް ވެސް ލިބުނު ފުރުސަތެއްގެ ގޮތުގައި ދެކޭ ކަމަށް މަޝްހޫރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.


ނިޒާމްބެ އަށް މި ލިބުނު ބޮޑު ފުރުސަތުގައި އޭނާއާ ބައިވެރިވުމުގެ ގޮތުން އިއްޔެ ހަވީރު ޓާފް ދަނޑުގައި ހާއްސަ މެޗެއް ކުޅުނުއިރު އެ މެޗުގައި ނިޒާމްބެއާ އެއް ޓީމަކަށް ކުޅުނު ގިނަ ކުޅުންތެރިންނާއި އާއިލާގެ އެކި ފަރާތްތައް ވެސް ބައިވެރިވި އެވެ.

އެ އުފާވެރި ވަގުތުތަކަށް ފަހު މީޑިއާ އަށް ވާހަކަ ދައްކަމުން ނިޒާމްބެ ބުނީ އެންމެ ބޮޑަށް އުފާކުރަނީ މިއީ ދިވެހި ފުޓްބޯޅައިގެ ތެރެއިން މަސައްކަތްކުރާ ފަރާތްތަކަށް ހުޅުވިގެންދިޔަ ދޮރެއް ކަމަށްވާތީ ކަމަށެވެ. އަދި މީގެ ސަބަބުން ދިވެހި ކުޅުންތެރިންނާއި ހާއްސަކޮށް ރާއްޖޭގެ ކޯޗުންނަށް މުސްތަގުބަލުގައި ފާއިދާ ކުރާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

"އެ ކޮޅުގައި މަސައްކަތްކުރާއިރު މި ލިބޭ ކާމިޔާބީ އަކީ ބޭރު ގައުމުތަކުން ބޭރު ލީގުތަކުން ލިބިގެންދާނެ އިތުބާރެއްގެ ގޮތުގައި ދެކެނީ. މި ފުރުސަތު މި ގޮތަށް ހުޅުވުނީމަ އެންމެ ބޮޑަށް އުފާވަނީ ދިވެހި ކޯޗުންނަށް ރާއްޖޭން ބޭރުގައި މަސައްކަތްކުރާނެ ފުރުސަތު ހުޅުވިގެންދިއުން،" ނިޒާމްބެ ބުންޏެވެ.

މިދިޔަ އަހަރު ޓީސީ ސްޕޯޓްސް ކްލަބާ ވަކިވުމަށް ފަހު ނިޒާމްބެ ހުރީ ޓީމަކާ ހަވާލުނުވެ އެވެ. ފުޓްބޯޅައިގެ އެކި މަސައްކަތުގައި އަބަދުވެސް ޝާމިލުވެ ނިޒާމްބެ އުޅެ އެވެ. އޭގެ ތެރެއިން ނިއު ރޭޑިއަންޓްގެ ކޯޗުކަމާ ހަވާލުވާން ވެސް މަޝްވަރާތަކެއް ކުރެވުނެވެ. އެކަމަކު ފުޓްބޯޅައިގެ ބޮޑު ޕްރޮޖެކްޓަކާ ހަވާލުވެ ނިޒާމްބެ މިސްރާބު ޖެހީ އުއްމީދީ މަސައްކަތަކާ ދިމާލަށެވެ. އެއީ 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް އަމާޒުކޮށް ވަރުގަދަ ޓީމެއް ބިނާކުރުމަށެވެ. އެ އުއްމީދުގައި މިދިޔަ އޮގަސްޓް މަހު 16 އަހަރުން ދަށުގެ ގައުމީ ޓީމާއި ހަވާލުވި އެވެ. އެ ޓީމާ އެކު މިވީ ކުރި މުއްދަތުގައި ވެސް ރަނގަޅު މަސައްކަތްތަކެއް ކުރި އެވެ.

މިދިޔަ އަހަރު ޓީސީއާ އެކު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތަށި އުފުލާލުމަށް ފަހު ނިޒާމްބެ ދެން ބޭނުންވީ ބައިނަލްއަގުވާމީ ލެވެލަށް ދާށެވެ. އޭރުވެސް ވިސްނުން ހުރީ ރަނގަޅު ހުށަހެޅުމެއް ބޭރުގެ ޓީމަކުން ލިބިއްޖެނަމަ ބޭނުން ހިފާށެވެ. ސައިފްގެ ހުށަހެޅުން ނިޒާމްބެ އަށް ލިބުމާ އެކު ގައުމީ 16 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަމުން ވަކިވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއާ ވެސް މަޝްވަރާކުރެއްވުމަށް ފަހު އެވެ. އެ ބައްދަލުވުމުގައި އެ ދެ ފަރާތަށް ވެސް އެއްބަސްވެވުނީ މިއީ ދިވެހި ފުޓްބޯޅަ އަށް ހުޅުވިގެންދިޔަ ދޮރެއްގެ ގޮތުގަ އެވެ.

ބަންގްލަދޭޝް ޓީމުތަކާ ދެކޮޅަށް ނިޒާމްބެގެ ރަނގަޅު ރެކޯޑެއް

ނިޒާމްބެގެ ކޯޗިން ކެރިއަރުގެ ފުރަތަމަ ބޮޑު މަސައްކަތުގައި، 2006 ގައި ވިލިނގިލީ ވިޔަންސާ އެކު ވަރަށް ރަނގަޅު ނަތީޖާތަކެއް ނެރުނީ މުޅިން އާ ކުޅުންތެރިން ގޮވައިގެންނެވެ. އޭގެ ފަހުން ލ. ކަޅައިދޫ ޓީމު ވެސް ފުރަތަމަ ޑިވިޝަނަށް ގެނެސް ކުޅުވި އެވެ. އެކަމަކު ނިޒާމްބެ ފަހަކަށް އައިސް އެންމެ ބޮޑަށް ފާހަގަވާން ފެށީ 2014 ވަނަ އަހަރުން ފެށިގެން ޓީސީގައި ކުރި ވަރުގަދަ މަސައްކަތުގެ ސަބަބުންނެވެ. ޓީސީ ފުރަތަމަ ޑިވިޝަނުގައި ފައިތިލަ ސާބިތުކޮށްދިނުމުގެ މޭސްތިރިއަކަށް ހުރީ ނިޒާމްބެ އެވެ.

ސައިފްގެ ހުށަހެޅުން ނިޒާމްބެ އަށް ލިބުމުގައި އެންމެ ބޮޑު ރޯލެއް ކުޅުނީ 2017 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕް ޓީސީން ކާމިޔާބުކުރުމެވެ. މާ ވަރުގަދަ ޓީމެއް ނެތް ނަމަވެސް ނިޒާމްބެ ވަނީ ޓީސީ ގޮވައިގެން ގޮސް ބަންގްލަދޭޝްގެ ވަރުގަދަ ޓީމުތައް ބަލިކޮށް އެ މުބާރާތުގެ ތަށި ހޯދައިފަ އެވެ. އޭގެ އެއް އަހަރު ފަހުން ނިޒާމްބެ މިހާރު އެ ހަވާލުވާ ސައިފްގެ މައްޗަށް ވެސް އޭއެފްސީ ކަޕްގެ ކޮލިފައިންގައި ކުރިހޯދި އެވެ.

ޝެއިހް ކަމާލް ކަޕްގެ އުފާފާޅުކުރުމުގެ ތެރެއިން ނިޒާމްބެ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނިޒާމްބެ އަށް ސައިފްގެ ކޯޗުކަން ދޭން ނިންމީ ޔޫރަޕްގެ ތިން ކޯޗުންނާ ވެސް އިންޓަވިއުކުރުމަށް ފަހު އެވެ. އެ ފުރުސަތުގެ ބޭނުން ހިފުމުގައި ނިޒާމްބެ ވެސް ކަންތައްތަކަަށް ބެލި އެވެ. އެއީ ސައިފްގެ މާލީ ހާލަތާއި ފުޓްބޯޅައިގައި އެ މީހުން ގެންގުޅޭ ވިސްނުމުގެ އިތުރުން ބަންގްލަދޭޝް ލީގުގެ ފެންވަރެވެ.

"ބަންގްލަދޭޝްގެ ފަސްގަނޑުގައި ކުޅުނު މެޗުތަކުން އެ ގައުމުގެ ވަރުގަދަ ހުރިހާ ޓީމެއްގެ މައްޗަށް ކުރިހޯދިފައިހުރީމަ އެއީ އެ މީހުން އެންމެ ބޮޑަށް ފާހަގަކޮށްފައި ހުރިކަންތައް. ނުބުނަން މިއީ އެންމެ ވަރުގަދަ ލީގޭ. އެކަމަކު ކޮމްޕެޓިޓިވް ވަރުގަދަ ކުރަމުން އަންނަ ލީގެއް. މީގެ އެންމެ މުހިއްމީ އަމިއްލަ ގައުމުގައި މަސައްކަތްކޮށްފައި މިކަން އެެހެން ލީގެއްގައި ކޮށްލަން. އެ އެކްސްޕޯޝާ އާއި އެ އެކްސްޕީރިއަންސް،" ނިޒާމްބެ ބުންޏެވެ.

އިންޑިއާގެ ފުޓްބޯޅަ ފޯރި ނެތިދަނިކޮށް ވިޔަފާރިވެރިންގެ ބޮޑު ރޯލަކާ އެކު ސުޕަ ލީގެއް އުފައްދައި ފުޓްބޯޅައިގެ ފޯރި އެ ގައުމުގައި ވަރުގަދަވެއްޖެ އެވެ. ބަންގްލަދޭޝް އިން ވެސް މިހާރު މަސައްކަތްކުރަމުން އަންނަނީ އެ ޓްރެކުގަ އެވެ. ބޮޑެތި ވިޔަފާރިތަކުން ފުޓްބޯޅަ އަށް ކުރާ ހަރަދު އަހަރުން އަހަރަށް އެތައް ގުނައެއް އިތުރުވެގެންދާއިރު ލީގުގެ ފެންވަރު ވެސް އަންނަނީ ރަނގަޅުވަމުންނެވެ. ރަނގަޅު ބިދޭސީ ކޯޗުންނާއި ކުޅުންތެރިން އެ ގައުމުގައި ކުޅެ އެވެ.

ނިޒާމްބެ ބުނީ ކުރިން ކުރެވުނު މަސައްކަތުން ހިތްވަރު ހޯދާނެ ކަމަށާއި ގަބޫލުކުރަންޖެހޭ ހަގީތަތަކީ މިހާރު ހާލަތު ތަފާތުވާނެކަން ކަމަށެވެ.

ޓީސީގެ މެޗެއްގެ ތެރެއިން އެ ޓީމުގެ އަލާ (ކ) އަށް ނިޒާމްބެ ކިޔައިދެނީ --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"އޭރު އެ ދިޔަ އެއްޗާ މިހާރު އަޅާ ކިޔުންދަތިވާނެ. އެހެން ނަމަވެސް ވަރަށް ބޮޑު އުއްމީދެއް އެބައޮތް ރަނގަޅު ކާމިޔާބެއް ހޯދޭނެ ކަމުގެ. މިހާރު ބަންގްލަދޭޝް ލީގުގައި ވަރަށް ގިނައިން މަސައްކަތް އެބަކުރޭ ޔޫރަޕްގެ ކޯޗުން. އިނގިރޭސި ތިން ކޯޗުން. އޭގެ މާނަ އަކީ ދުނިޔޭގެ ހުރިހާ ދިމާލަކަށް ބަންގްލަދޭޝްގެ ލޯ ހުޅުވިފައޭ ހުރީ،" ނިޒާމްބެ ބުންޏެވެ.

ވެލެންސިއާ އާއި އައި.އެފް.ސީ ގެ ކުރީގެ ކުޅުންތެރިޔާ ނިޒާމްބެ ފާހަގަކުރެވުނީ، ޒުވާން ކުޅުންތެރިން ކުރިއަރުވައި އަދި އޭނާގެ ގޭމް ޕްލޭނުގައި ހާއްސަ ސްޓައިލަކަށް އަބަދުވެސް ޓީމު ކުޅުވާ ކޯޗެއްގެ ގޮތުގަ އެވެ. ޔޫތު ލެވެލްގައި ވެސް ފުޓްބޯޅަ ކުޅުންތެރިން ކުރިއެރުވުމަށް އެކި މަސައްކަތް ނިޒާމްބެ ކުރެ އެވެ. ސައިފްގައި ވެސް ނިޒާމްބެ ހުރީ ދިވެހި ކުޅުންތެރިންނަށް ވެވެން އޮތް ވަރަކަށް އެހީތެރިވާށެވެ.

"ކޮންމެ ޓީމަކަށް ވެސް އޭޝިއާ އެއް ޖާގަ އެބަ އިނދޭ. ދެން ފޮރިން ޕްލޭޔަރުން ގެންނަން އެ އިންނަ ފުރުސަތު އެބައިން. ބިދޭސީ ކުޅުންތެރިން މި ގެންނަނީ އެ ޓީމެއް އިތުރަށް ފުރިހަމަކުރަން. އެ ގޮތަށް ބަލާފައި ދިވެހި ކުޅުންތެރިަކު ލެވެން އޮތިއްޔާ އެ ގޮތަށް ކުރިއަށްދާނީ. ސަތޭކަ ޕަސެންޓް ޔަގީން އެކަން ބަލާނަން،" ނިޒާމްބެ ބުންޏެވެ.

ރާއްޖޭގެ އެންމެ މޮޅު ކޯޗުގެ މަގާމު ވެސް ހޯދާފައިވާ ނިޒާމްބެ ބުނީ އޭނާގެ މަސައްކަތުގައި އެންމެ ބޮޑު ހިއްސާއެއްވާ އެއް ބަޔަކީ އާއިލާ ކަމަށާއި އެ މީހުންގެ އެހީތެރިކަމާނުލައި ކަންތައްތައް ހާސިލްކުރަން އުނދަގޫވާނެ ކަމަށެވެ. އަދި އެކަން އަބަދުވެސް ފާހަގަކުރާނެ ކަަަމަށް ނިޒާމްބެ ބުންޏެވެ.

ސައިފާ ރަސްމީކޮށް މި ހަފްތާގައި ނިޒާމްބެ ހަވާލުވާނެ އެވެ. ބަންގްލަދޭޝް ލީގު ފެށޭނީ އަންނަ މަހު އެވެ.