ބޮޑު އިތުބާރަކާ އެކު ސައިފްގެ ޒިންމާ ނިޒާމްބެ އަށް

ރާއްޖޭގައި ވެސް ބަންގްލަދޭޝްގައި ވެސް ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވަނީ ފެންވަރު ސާބިތުކޮށްފައިވާ ކަމަށާއި އޭނާއާ މެދު ކުރެވޭ އުއްމީދު ބޮޑުކަމަށް ބުނެ ބަންގްލަދޭޝްގެ ޕްރިމިއާ ލީގުގެ ކްލަބް ސައިފް ސްޕޯޓިން ކްލަބްގެ ކޯޗުކަމުގެ ޒިންމާ ހަވާލުކޮށްފި އެވެ.


ސައިފްއާ އެކު ނިޒާމްބެ ވަނީ އިއްޔެ އެއް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ. އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސައިފްގެ މެނޭޖިން ޑިރެކްޓަރު ނާސިރުއްދީން ޗޯދުރީ ވިދާޅުވީ ނިޒާމަކީ ފެންވަރު ރަނގަޅު ކޯޗެއް ކަމަށާއި އޭނާގެ އެހީގައި ސައިފުން ކުރިއަށްދާން ބޭނުންވާ މިސްރާބުގައި ކުރިއަށް ދެވޭނެ ކަމަށެވެ.

ނާސިރުއްދީން ވިދާޅުވީ ޔޫރަޕްގެ ތިން ކޯޗުންނާ ވެސް އިންޓަވިއުކުރުމަށް ފަހު ނިޒާމަށް ސައިފްގެ ކޯޗުކަން ދޭން ނިންމީ ވަރަށް އުއްމީދާ އެކު ކަމަށެވެ.

"ނިޒާމަކީ ފެންވަރު ސާބިތުކޮށްދީފައި ހުރި ކޯޗެއް. ރާއްޖޭގައި ވެސް ބަންގްލަދޭޝްގައި ވެސް. ޔޫރަޕްގެ ކޯޗުން އަބަދުވެސް ބުނަނީ ވަގުތު ބޭނުމޭ މި މާހައުލަށް ހޭނެން. އެކަމަކު އަހަރެމެންނަށް މި ލިބުނީ މި މާހައުލު ދަންނަ ރަނގަޅު ކާމިޔާބީތަކެއް ވެސް ހޯދާފައިވާ ކޯޗެއް. ނިޒާމާ މެދު ކުރެވޭ އިތުބާރު ބޮޑު،" ނާސިރުއްދީން ވިދާޅުވި އެވެ.

ނިޒާމްބެ ކުރިން ސައިފަށް ކޯޗުކޮށްދިން ފަސް ކޯޗުންނަކީ ވެސް ޔޫރަޕްގެ ކޯޗުންނެވެ. އެ ޓީމަށް އިރުޝާދުދިން ކޯޗުންގެ ތެރޭގައި މީގެ ކުރިން ނިއު ރޭޑިއަންޓުގައި މަސައްކަތްކުރި ނިކޯލަ ކަވަޒޮވިޗް ވެސް ހިމެނެ އެވެ. އިނގިރޭސި ކޯޗެއް ކަމަށްވާ ރަޔާން ނޯތުމޯ ހުއްޓައި ސައިފް ވަނީ އޭއެފްސީ ކަޕް ކޮލިފައިންގައި ނިޒާމްބެގެ ޓީސީ ސްޕޯޓްސް ކްލަބާ ވާދަކޮށްފަ އެވެ. ދެ ލެގުން ވެސް ސައިފް ވަނީ ޓީސީ އަތުން ބަލިވެފަ އެވެ. ސައިފަށް މިހާތަނަށް ބަންގްލަދޭޝް ޕްރިމިއާ ލީގުގައި ނިންމާލެވުނީ ހަތަރު ވަނައިގަ އެވެ.

ނާސިރުއްދީން ވިދާޅުވީ ނިޒާމާ އެކު ސައިފުން ބޭނުންވަނީ ލީގަށް ވާދަކުރަން ކަމަށާއި ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނެން ބޭނުންވާ ކަމަށެވެ. ނިޒާމްބެ ހުރީ އެ އިތުބާރާ އެކު ކުރިއަށްދާށެވެ.

"ކޯޗިން ކެރިއަރުގައި ވެސް އަހަރެން އެއްވެސް މުބާރާތަކަށް ނުނުކުންނާނަން މޮޅުވުން ނޫން ގޮތަކަށް ވިސްނައިގެން. އަބަދުވެސް އަހަރެންގެ ޓާގެޓަކީ މޮޅުވުން. އެހެންވީމަ ކޮންމެ މުބާރާތަކަށް ވެސް އަހަރެން ނުކުންނާނީ އެންމެ އަމާޒެއްގައި. އެއީ މޮޅުވުން،" އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމްބެ ބުންޏެވެ.

ޓީސީ ގޮވައިގެން 2017 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕް ޗެމްޕިއަންކަން ހޯދި ނިޒާމްބެ އަދި ބަންގްލަދޭޝްގެ ކްލަބެއް އަތުން ބަލިނުވެ އެވެ. ސައިފުން ނިޒާމްބެ އަށް އެ ޓީމު ކޯޗުކަން ދިނުމުގައި ބެލި އެންމެ ބޮޑު ސަބަބުތަކަކީ އެއީ އެވެ. ނިޒާމްބެ ބުނީ ސައިފަކީ ރަނގަޅު ޓްރެކެއްގައި އޮތް ކްލަބެއް ކަމަށެވެ.

"ސައިފްގެ އެބައޮތް ވަރަށް ރަނގަޅު ޕްލޭނެއް. ޒުވާން ކުޅުންތެރިން ތަރައްގީކޮށް ސީނިއާ ލެވެލަށް ގެންގޮސްދޭ ވިސްނުމެއްގައި މަސައްކަތްކުރަނީ. މި ކްލަބްގެ އެބައޮތް ވިޝަން އެއް. އެއީ އަހަންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ރާއްޖޭގެ މޮޅު ކޯޗުގެ މަގާމު ވެސް ހޯދާފައިވާ ނިޒާމްބެ ބުންޏެވެ.

ވެލެންސިއާ އާއި އައި.އެފް.ސީ ގެ ކުރީގެ ކުޅުންތެރިޔާ ނިޒާމްބެ ފާހަގަކުރެވުނީ، ޒުވާން ކުޅުންތެރިން ކުރިއަރުވައި އަދި އޭނާގެ ގޭމް ޕްލޭނުގައި ހާއްސަ ސްޓައިލަކަށް އަބަދުވެސް ޓީމު ކުޅުވާ ކޯޗެއްގެ ގޮތުގަ އެވެ. ނިޒާމްބެ މަސައްކަތުން ތަރައްގީ ކުރި ގިނަ ކުޅުންތެރިން މިހާރު ސީނިއާ ގައުމީ ޓީމަށް ވެސް އަންނަނީ ކުޅެމުންނެވެ.

ތޭރަ ޓީމު ވާދަކުރާ ބަންގްލަދޭޝް ލީގަކީ މި ސަރަހައްދުގައި ފަހަކަށް އައިސް އެންމެ ރަނގަޅު ކުރިއެރުން ހޯދި ލީގެވެ. އިންޑިއާގެ ފުޓްބޯޅަ ފޯރި ނެތިދަނިކޮށް ވިޔަފާރިވެރިންގެ ބޮޑު ރޯލަކާ އެކު ސުޕަ ލީގެއް އުފައްދައި ފުޓްބޯޅައިގެ ފޯރި އެ ގައުމުގައި ވަރުގަދަވެއްޖެ އެވެ. ބަންގްލަދޭޝް އިން ވެސް މިހާރު މަސައްކަތްކުރަމުން އަންނަނީ އެ ޓްރެކުގަ އެވެ. ބޮޑެތި ވިޔަފާރިތަކުން ފުޓްބޯޅަ އަށް ކުރާ ހަރަދު އަހަރުން އަހަރަށް އެތައް ގުނައެއް އިތުރުވެގެންދާއިރު ލީގުގެ ފެންވަރު ވެސް އަންނަނީ ރަނގަޅުވަމުންނެވެ. ރަނގަޅު ބިދޭސީ ކޯޗުންނާއި ކުޅުންތެރިން އެ ގައުމުގައި ކުޅެ އެވެ.