އިންޑިއާގެ އެހީގައި ކްރިކެޓް ކޯޗިން ކޯހެއް ފަށައިފި

އިންޑިއާގެ ކްރިކެޓް ބޯޑް (ބީސީސީއައި) ގެ ތަޖުރިބާކާރު ކޯޗުންގެ ޓީމަކުން މިއަދު މާލޭގައި ލެވެލް ދޭއްގެ ކްރިކެޓް ކޯޗިން ކޯހެއް ފަށައިފި އެވެ.


ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ރާއްޖޭގެ ކްރިކެޓް ކުރިއެރުވުމަށް އިންޑިއާ އިން އޮތީ ތަމްރީނާއި ސަޕޯޓްދޭން ތައްޔާރުވެގެން ކަމަށާއި ކޯޗިން ތަމްރީންގެ އިތުރުން އަމްޕަޔަރުން ތަމްރީން ކުރުމާއި ގައުމީ ފިރިހެން އަދި އަންހެން ޓީމަށް ވެސް ތަމްރީން ދޭނެ ކަމަށެވެ. އަދި މިފަދަ ތަމްރީން ޕްރޮގްރާމްތައް ފަރުމާކޮށް ހިންގާނީ ބީސީސީއައި އިން ކަމަށް ވެސް ބުނެފައިވެ އެވެ.

އިންޑިއާގެ ވަންޑޭ ކްރިކެޓް ގައުމީ ޓީމަށް ކުޅެފައިވާ ސުޖިތު ސޮމަސުންދަރުއާ އެކު ރާއްޖޭގައި ކޯސް ހިންގާ ކޯޗުންގެ ތެރޭގައި ބޯލިން، ބެޓިން، ވިކެޓް ކީޕިން، ފީލްޑިން، ވީޑިއޯ ޕާފޯމަންސް އެނަލިސްޓް އަދި ސްޓްރެންތެނިން އެންޑް ކޮންޑިޝަނިންގެ ތަޖުރިބާކާރުން ހިމެނެ އެވެ.

މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އިންޑޯ ކްރިކެޓް ހޯލާއި އެކުވެނި ދަނޑާއި ހެންވޭރު ދަނޑުގައި ކުރިއަށްގެންދާ މި ކޯހުގައި ރާއްޖޭގެ 25 ކޯޗަކު ބައިވެރިވެ އެވެ.

މި ކޯހަށް ފަހު މި މަހު 18 ވަނަ ދުވަހު ބީސީސީއައިގެ އަމްޕަޔަރުން ރާއްޖެ އައިސް އެއް ހަފުތާގެ ތަމްރީން ޕްރޮގްރާމެއް ރާއްޖޭގެ އަމްޕަޔަރުންނަށް ބާއްވާނެ އެވެ. އަދި ގައުމީ ފިރިހެން އަދި އަންހެން ކްރިކެޓް ޓީމުން އިންޑިއާގެ ޗެންނާއީގައި ކޭމްޕެއް ވަރަށް އަވަހަށް ފުރިހަމަކުރާނެ އެވެ.

އާ ސަރުކާރާއި އިންޑިއާއާ އުފެދުނު ގުޅުމާ އެކު ރާއްޖޭގައި ކްރިކެޓް ކުރިއެރުވުމަށް އިންޑިއާ އަންނަނީ ވަރަށް ބޮޑަށް އެހީވަމުންނެވެ. އިންޑިއާގެ ކްރިކެޓް ބޯޑާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި މަޝްވަރާގެ މަތިން އިންޑިއާ ބޯޑުގެ މަތީ ފެންވަރުގެ ވަފުދަކުން މިދިޔަ މެއި މަހު ރާއްޖޭގެ ކްރިކެޓުގެ ހާލަތު ބަލައި މަގުޗާޓެއް އެކުލަވާލައި އެއާ އެއްގޮތްވާ ގޮތުގެ މަތިން އެހީތެރިވެދޭން ނިންމީ އެވެ.

މީގެ އިތުރުން ރާއްޖޭގައި އިންޓަނޭޝަނަލް ފެންވަރުގެ ކްރިކެޓް ސްޓޭޑިއަމެއް އަޅައިދޭން ވަނީ ނިންމައިފަ އެވެ. ހުޅުމާލޭގައި އަޅާ އެ ސްޓޭޑިއަމާ އެކު ކްރިކެޓަށް ހާއްސަ ސްޓޭޑިއަމެއް ލިބުމުގެ އިތުރުން ބައިނަލްއަގްވާމީ މެޗުތައް ކުޅުމުގެ ފުރުސަތު ވެސް ތަނަވަސްވާނެ އެވެ.

އަދި ދެ ގައުމުގެ މެދުގައި ކްރިކެޓް ސިލްސިލާތަކެއް ބާއްވަން ރާވައި އޭގެ ތެރެއިން ފުރަތަމަ ސިލްސިލާ އަށް އިންޑިއާގެ މަޝްހޫރު ތަރި ޔުވްރާޖް ސިންގް ހިމެނިގެން އެއާ އިންޑިއާ ޓީމު މި އަހަރު ރާއްޖެ އަ އެވެ. އެ ސިލްސާގެ މެޗެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ކުޅުއްވި އެވެ.

ކްރިކެޓްގައި ދުނިޔޭގެ ފެންވަރުގައި ވާދަކުރާ ގައުމުތަކެއް ހިމެނޭ ދެކުނު އޭޝިއާގައި އޮތް ރާއްޖޭގައި އަށްޑިހައިގެ އަހަރުތަކުން ފެށިގެން ނުވަދިހައިގެ އަހަރުތަކާ ހަމަޔަށް ކްރިކެޓުގެ ފޯރިގަދަ އެވެ. މަޝްހޫރު ގިނަ ކްލަބްތަކުގައި ކްރިކެޓް ޓީމެއް އޮވެ މުބާރާތްތަކުގައި ވާދަކުރިއިރު، މެޗުތައް ބަލަން ވެސް ގިނަ އަދަދަށް މީހުން ދެ އެވެ. އެކަމަކު ފަހަކަށް އައިސް ކްރިކެޓުގެ ފޯރިވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެކަމަކު މިހާރު ވެސް ގަވާއިދުން މުބާރާތްތައް ބާއްވައި އަދި ގައުމީ ޓީމުން ވެސް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރެ އެވެ. ރާއްޖޭގެ ގައުމީ ޓީމުން ވަނީ އޭޝިއާގެ ކުރިއަރަމުން އަންނަ ގައުމުތަކުގައި ބޭއްވި ދެ މުބާރާތެއްގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.