ކިރްގިސްތާން އަތުން ގައުމީ އަންހެން ވޮލީ ޓީމު މޮޅުވެއްޖެ

ބަންގްލަދޭޝްގެ ޑާކާގައި މިއަދު ފެށި އޭވީސީ ސީނިއާ ވިމެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން ކިރްގިސްތާން އަތުން މޮޅުވެ ގައުމީ އަންހެން ވޮލީ ބޯޅަ ޓީމުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.


މިއަދުގެ މެޗުން ރާއްޖޭން ހިތްވަރުގަދަ ކުޅުމެއް ދެއްކިއިރު މެޗުން މޮޅުވީ 3-2 ސެޓުންނެވެ. މޮޅު ކުޅުންތެރިޔަކީ ރާއްޖޭގެ ހައްވާ ރާޝިދާ އެވެ.

ފުރަތަމަ ސެޓުގައި ފޯރިގަދަ ކުޅުމަކަށް ފަހު ރާއްޖޭން ސެޓު ގެންދިޔައީ 26-24 އިންނެވެ. ދެން ކުޅުނު ދެ ސެޓު 22-25، 14-25 އިން ގެންގޮސް ކިރްގިސްތާނުން މެޗުގައި ލީޑެއް ނެގި ނަމަވެސް ރާއްޖޭން އޮތީ ތަފާތު ހިތްވަރެއްލައި ކުޅުމުގެ ނަތީޖާ އަކަށްވީ ފަހު ދެ ސެޓު ގެންގޮސް މެޗުން މޮޅުވުމެވެ. އެ ގޮތުން ފަހު ދެ ސެޓު ގެންދިޔައީ 25-18 އަދި 15-10 އިންނެވެ.

މެޗުގައި ހައްވަގެ އިތުރުން ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ކުޅުންތެރިން ވެސް ރަނގަޅު ކުޅުމެއް ދެއްކި އެވެ. ހާއްސަކޮށް މެޗުން މޮޅުވުމުގައި ސެޓަރު ޖޫޒާން ޒަރީރާއި އައިމިނަތު އަރީޝާ ވަނީ ތަފާތު ދައްކައިފަ އެވެ.

ގައުމީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން ސެޓަރު ޖޫޒާން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގައުމީ ޓީމުން މި ފަހަރުގެ މުބާރާތަށް ތައްޔާރުވީ ކޯޗު އަހުމަދު އަދީލް (ބޭބެ)އާ އެކު އެވެ. މި ފަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވެސް ރާއްޖޭން ރަނގަޅު ކުޅުމެއް ދެއްކިއިރު، މި ފަހަރުގެ މުބާރާތަށް ރާއްޖޭން ތައްޔާރުވިއިރު، ފިރިހެން ގައުމީ ޓީމަށް ދާދި ފަހުން ހަމަޖެއްސި ދުނިޔޭގެ ފެންވަރުގެ ކޯޗު ސާބިއާގެ މިލޮރަޑް ކިޔަޗް ވަނީ އަންހެން ޓީމަށް އެހީތެރިވެދީފަ އެވެ.

މިއަދުގެ މެޗާ ބެހޭގޮތުން ބޭބެ "މިހާރަ"ށް ބުނީ މިއީ ޓީމެއްގެ ގޮތުގައި ކުރާ މަސައްކަތް ކަމަށާއި ކުރިއަށްދާނީ ވެސް އެ ގޮތުގައި ކަމަށެވެ. މެޑަލެއްގެ ޓާގެޓްގައި މަސައްކަތްކުރާއިރު، މިއީ ވަރަށް ރަނގަޅު ފެށުމެއްގެ ގޮތުގައި ބޭބެ ދެކެ އެވެ.

"ވަރަށް ބޮޑު ހިތްވަރެއް މިއީ. އިންޝާﷲ މެޑަލް އަކަށް ދެވޭ ވަރުގެ ކުޅުމެއް މިއަދު މި ދެއްކީ. މިއީ މުޅި ޓީމުގެ މަސައްކަތް،" ބޭބެ ބުންޏެވެ.

ފަސް ޓީމު ވާދަކުރާ މި މުބާރާތުގައި މާދަމާ ރާއްޖެ ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އެ އަށް ފަހު އަފްގާނިސްތާނާ ބައްދަލުކުރާނީ ހޯމަ ދުވަހު އެވެ. އަދި ލީގު ބުރުގެ ފަހު މެޗުގައި ބުދަ ދުވަހު ކުޅޭނީ ނޭޕާލާ ދެކޮޅަށެވެ.

މި މުބާރާތަކީ އަންނަ މަހު ނޭޕާލުގައި އޮންނަ ސައުތު އޭޝިއަން ގޭމްސް އަށާއި އަންނަ އަހަރު މާލޭގައި ބާއްވަން މަސައްކަތްކުރަމުން އަންނަ ސެންޓްރަލް ޒޯން އަންހެން މުބާރާތަށް ދިއުމުގެ ކުރިން ރާއްޖޭން ރަނގަޅު ނަތީޖާއެއް ނެރެން މުހިއްމު މުބާރާތެކެވެ.