ސީދާ ތިން ސެޓުން މުބާރާތް ބާއްވާ ބަންގްލަދޭޝް ބަލިކޮށް ރާއްޖޭގެ ގައުމީ އަންހެން ވޮލީ ޓީމުން އޭވީސީ ސީނިއާ ވިމެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި މެޑަލެއް ހޯދުމުގެ އުއްމީދުގައި އެއް ފިޔަވަޅު ކުރިއަށް ޖެހިލައިފި އެވެ.
ރާއްޖޭން ވަނީ މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އިއްޔެ ކިރްގިސްތާން އަތުން 3-2 ސެޓުން މޮޅުވެފަ އެވެ. މިއަދުގެ މެޗުން ސީދާ ތިން ސެޓުން މޮޅުވުމުން ރާއްޖެ އަށް ވަނީ ފަސް ޕޮއިންޓް ލިބިފަ އެވެ. މުބާރާތުގެ ފޯމެޓް ރޭވިފައި އޮތްގޮތުން ލީގު ބުރު ނިންމާލުމަށް ފަހު އެއް ވަނަ އާއި ދެ ވަނަ ކުޅޭނީ ފައިނަލެވެ. އަދި ބްރޯންޒް މެޑަލް މެޗުގައި ކުޅޭނީ ތިން ވަނަ އާއި ހަތަރު ވަނަ އެވެ.
ޑާކާގެ ޝަހީދު ސުރަވާރުދީ އިންޑޯ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި ރާއްޖޭން ސެޓުތައް ގެންދިޔައީ 25-16، 27-25 އަދި 25-22 އިންނެވެ.
އިއްޔެ ކިރްގިސްތާނާ ދެކޮޅަށް ކުޅުނު މެޗުގެ ކޮންފިޑެންސާ އެކު ރާއްޖޭން ފުރަތަމަ ސެޓުގައި ތަފާތު ދައްކައި ރަނގަޅު ލީޑެއް ނެގި އެވެ. ބަންގްލަދޭޝަށް އެއްވެސް ފުރުސަތެއް ނުދީ ރާއްޖޭން މޮޅު ކުޅުމެއް ދެއްކިއިރު، ރާއްޖޭގެ ހައްވާ ރާޝިދާ އާއި ޖޫޒާން ޒަރީރުގެ އިތުރުން އައިމިނަތު އަރީޝާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ރާއްޖޭން ފުރަތަމަ ސެޓު ގެންދިޔައީ 25-16 އިންނެވެ.
މެޗުގެ ތެރެއަށް ވަދެގެން ބަންގްލަދޭޝް އިން ދެ ވަނަ ސެޓު ފަށައިގެން ލީޑުގައި އޮތެވެ. އެކަމަކު އެ ޓީމަށް ލީޑު ދެމެހެއްޓުނީ ރާއްޖޭގެ ކުޅުންތެރިންނަށް ހެދުނު ގޯސްތަކެއްގެ ސަބަބުންނެވެ. މުޅި ސެޓަށް ބަލާއިރު ވެސް އެ ކަހަލަ ގޮތަކަށް ދިޔަ ނަމަވެސް ސެޓުގެ ފަހުކޮޅުގައި ރާއްޖޭން ނިންމުންތައް ރަނގަޅުކުރި އެވެ. ތަޖުރިބާކާރު ކުޅުންތެރިޔާ އައިޝަތު ޝައްފަގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނުނުއިރު، ރާއްޖޭން ސެޓު ގެންދިޔައީ ވާދަވެރިކޮށް ދިއުމަށް ފަހު 27-25 އިންނެވެ.
ގައުމީ އަންހެން ޓީމުގެ ކޯޗު ބޭބެ (ކ) އާއި އެސިސްޓަންޓް ކޯޗު ފައިސަލް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ފުރަތަމަ ދެ ސެޓު ލިބުމުން ރާއްޖޭން ތިން ވަނަ ސެޓަށް ނުކުތީ ވަރަށް ކޮންފިޑެންސާ އެކު އެވެ. އެ ހިތްވަރާ އެކު ނުކުމެ ރަނގަޅު ލީޑެއްގައި މުޅި ސެޓުގައި ވެސް ރާއްޖޭން އޮތެވެ. ޒުވާން ކުޅުންތެރިޔާ ޝަހާ ޝާމިން މި ސެޓުގައި ކުޅެން ނުކުތްއިރު، މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އަރީޝާ ވަނީ ތަފާތު ދައްކައިފަ އެވެ. ރާއްޖޭން މި ސެޓު 25-22 އިން ގެންގޮސް މެޗުން މޮޅުވި އެވެ.
ގައުމީ އަންހެން ވޮލީ ޓީމު ފަހަކަށް އައިސް ރަނގަޅު ކުރިއެރުންތަކެއް ހޯދަމުން އަންނައިރު، މި މުބާރާތަށް ޓީމު ތައްޔާރުވީ ކޯޗު އަހުމަދު އަދީލް (ބޭބެ) އިރުޝާދުގެ ދަށުންނެވެ. ގައުމީ ފިރިހެން ޓީމަށް ދާދި ފަހުން ހަމަޖެއްސި ދުނިޔޭގެ ފެންވަރުގެ ކޯޗު ސާބިއާގެ މިލޮރަޑް ކިޔަޗް ވެސް އަންހެން ޓީމަށް އެހީތެރިކަން ފޯރުކޮށްދިންއިރު، ރާއްޖޭގެ ޓީމަށް މުބާރާތުގައި ބެންޗުން އިރުޝާދުދެމުން އަންނަނީ އެސިސްޓަންޓް ކޯޗު މުޙައްމަދު ފައިސަލް އެވެ.
މުބާރާތުގައި ރާއްޖެ ކުޅޭ ތިން ވަނަ މެޗުގައި މާދަމާ ކުޅޭނީ އަފްގާނިސްތާނާ ދެކޮޅަށެވެ. އަދި ލީގު ބުރުގެ ފަހު މެޗުގައި ބުދަ ދުވަހު ބައްދަލުކުރާނީ ވަރުގަދަ ނޭޕާލާ ދެކޮޅަށެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ޕޮކަންޑިމޭން.
10 November 2019
ކޯޗު ބޭބެ؟؟ މީނަގެ ނަމެއްވެސް ނެތީތަ.