ސިޑިބަރިތައް ނުހުޅުވުނު، ވިއްކާނީ 3000 ޓިކެޓް!

ސަލާމަތީ ގޮތުން ރައްކާތެރި ނުވާތީ ބޭނުންކުރުން މަނާކޮށްފައިވާ، ގަލޮޅު ދަނޑުގެ ސަހާރާ ފަޅީގެ ސިޑިބަރި އަދި ބޮޑުގޭޓް ފަޅީގެ ސިޑިބަރި ބޭނުންކުރުމަށް ކުރި މަސައްކަތް ކާމިޔާބުނުވުމުން ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ ބުރާސްފަތި ދުވަހާއި އަންނަ ހަފްތާގައި ކުޅެން އޮތް މެޗުތަކަށް ސަޕޯޓަރުންނަށް ވިއްކާނީ 3000 ޓިކެޓް ކަމަށް އެފްއޭއެމުން ބުނެފި އެވެ.


ގައުމީ ޓީމު ކޮމިޓީގެ ޗެއާމަން އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު (ބަލަކް) ވަނީ އެ ދެ ސިޑިބަރި ހުޅުވަން ޕްލޭނިން މިނިސްޓްރީއާ އެކު މަޝްވަރާތަކެއްކޮށް ހައްލެއް ހޯދާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ބޭއްވުނު މަޝްވަރާތަކަށް ފަހު އެ ސިޑިބަރިތައް ހުޅުވުމުގެ ހުއްދައެއް ނުލިބުނު ކަމަށެވެ.

"މިހާރު މަސައްކަތް މިކުރަނީ އޮލިމްޕަސް ސަރަހައްދު ބަންދުކުރުމަށް ފަހު އެ ތަނުގައި ބޮޑު ސްކްރީނެއް ބަހައްޓައިގެން ދަނޑާ ވީހާ ވެސް ކައިރިން ސަޕޯޓަރުންނަށް މެޗު ބެލޭނެ ގޮތްތަކެއް ހަމަޖައްސައިދޭން،" ބައްސާމް ވިދާޅުވި އެވެ.

މިއަދު ހަވީރު އޮތް ރަސްމިއްޔާތުގައި އެފްއޭއެމްގެ ރައީސް ބައްސާމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކޮލިފައިންގައި މިދިޔަ ސެޕްޓެމްބަރު މަހު ޗައިނާއާ ދެކޮޅަށް ކުޅުނު މެޗަށް ޓިކެޓުގެ ޑިމާންޑް އޮތުމާއި ޗައިނާ ފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅޭއިރު ހޯމް އެޑްވާންޓޭޖް ނެގުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް ދަނޑުގެ އެ ސިޑިބަރިތައް ހުޅުވާލަން ބައެއް ފަރާތްތަކުން ގޮވާލި އެވެ. އެކަމަކު އޭރު އެކަން ކުރެވެން ނެތް ކަމަށް ސްޕޯޓްސް މިނިސްޓަރީން ވަނީ ބުނެފަ އެވެ. ހޯމް އެޑްވާންޓޭޖް ނަގަން ބަލާއިރު ބޮޑު ދެ ފަޅިއެއް ސަޕޯޓަރުން ނުވައްދައި ކުޅެން ޖެހުމަކީ ލިބޭނެ ގެއްލުމެކެވެ.

ކޮލިފައިންގައި ރާއްޖެ އަށް ކުރިއަށް އޮތީ މުހިއްމު ދެ މެޗެވެ. އެއީ ބުރާސްފަތި ދުވަހު ހަވީރު ގަލޮޅު ދަނޑުގައި ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗާއި އަންގާރަ ދުވަހު ހަވީރު ގުއާމާ ބައްދަލުކުރާ މެޗެވެ. ފިިލިޕީންސާ ދެކޮޅަށް ކުޅޭ މެޗުގެ ޓިކެޓްތައް މިއަދު ހަވީރު ޓާފް ދަނޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތަކާ އެކު ވަނީ ވިއްކަން ފަށައިފަ އެވެ. މި ރަސްމިއްޔާތުގައި ގައުމީ ޓީމަށް ހާއްސަ ލަވައެއްގެ އިތުރުން މެޗަށް ހާއްސަ ސަޕްލިމެންޓެއް ވެސް ނެރުނެވެ. މި ހަފްލާގައ ގައުމީ ޓީމުގެ ކޮމިޓީގެ މެމްބަރުންނާއި އެފްއޭއެމްގެ އިސް ފަރާތްތަކުން ބައިވެރިވި އެވެ.

ފިލިޕީންސް މެޗަށް ރާއްޖޭގެ ސަޕޯޓަރުންނަށް ވިއްކާނީ 2550 ޓިކެޓެވެ. ބާކީ ޓިކެޓް ވިއްކާނީ ފީފާ ގަވައިދުގައިވާ ގޮތަށް ފިިލިޕީންސް ސަޕޯޓަރުންނަށެވެ. ޓިކެޓް ވިއްކުން މާދަމާ ކުރިއަށްދާނީ 16:00 އިން 18:00 އާއި 20:00 އިން 20:00 ގަލޮޅު ދަނޑުގަ އެވެ. ޓިކެޓްގެ އަގުތައް އުޅެނީ ޗައިނާ މެޗެކޭ އެއް ގޮތަށް 100ރ އާއި 150ރ ގަ އެވެ.

ގައުމީ ޓީމު ކޮމިޓީން ނެރޭ ސަޕްލިމެންޓް ކޮމިޓީގެ ރައީސް އަލީ ވަހީދު ސަޕޯޓަރުންނަށް ދައްކާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގެ ތެރެއިން އޭޝިއަން ކަޕަށް ކޮލިފައިވުމުގެ އަމާޒުގައި ރާއްޖޭން މަސައްކަތްކުރާއިރު، ކުރިއަށް އޮތް ފިލިޕީންސް މެޗާއި ގުއާމް މެޗުން މޮޅުވުން ވަރަށް މުހިއްމެވެ. މި މެޗަށް ސަޕޯޓަރުންގެ ފޯރިގަދަ ކުރުމުގެ ގޮތުން އެފްއޭއެމުން ވަނީ "މަވެސް ދަން" ނަމުގައި ކެމްޕޭނެއް ފަށައިފަ އެވެ.

ގްރޫޕް އޭގެ އެއް ވަނައިގައި މި ވަގުތު ސީރިއާ އޮތީ ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޗައިނާ އަށް ތިން މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ތިން ވަނައިގައި ފިލިޕީންސް އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި އޮތް ރާއްޖެ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އޮތް ގުއާމަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ވަނީ ރަށުން ބޭރުގައި ގުއާމް އަތުން 1-0 އިން މޮޅުވެފަ އެވެ. އޭގެ ފަހުން މާލޭގައި ސެޕްޓެމްބަރު 10 ވަނަ ދުވަހު ޗައިނާ އަތުން 5-0 އިން ބަލިވިއިރު، މިދިޔަ މަހު ސީރިއާ އަތުން ވަނީ 2-1 އިން ބަލިވެފަ އެވެ.