ނޭޕާލުގެ ޕްރަތީބާ މިއަދުގެ މެޗުގެ ތެރެއިން އުފާފާޅުކުރަނީ.-- ފޮޓޯ: ހަމްރޯކެލްކުޑް.ކޮމް
ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ އޭވީސީ ސީނިއާ ވިމެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު މެޗުން ރާއްޖޭގެ ގައުމީ އަންހެން ޓީމުގެ މައްޗަށް ފަސޭހަކަމާ އެކު ސީދާ ތިން ސެޓުން ކުރި ހޯދައި ނޭޕާލުން ލީގު ބުރުގެ އެއް ވަނަ ހޯދައިފި އެވެ.
ހުރިހާ މެޗަކުން މޮޅުވެގެން މުބާރާތުގެ ފައިނަލުގެ ފުރުސަތު ހޯދި ނޭޕާލް މާދަމާގެ ފައިނަލުގައި ވެސް ނުކުންނާނީ ރާއްޖެއާ ދެކޮޅަށެވެ. ރާއްޖޭން ވަނީ ކުޅުނު ފުރަތަމަ ތިން މެޗުން މޮޅުވެ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. މިއީ މިހާތަނަށް ރާއްޖޭގެ އަންހެން ވޮލީ ޓީމަށް މުބާރާތެއްގައި ލިބުނު އެންމެ ރަނގަޅު ކާމިޔާބީ އެވެ. މާދަމާ ކުޅޭ ފައިނަލް ފަށާނީ ރާއްޖެ ގަޑިން މެންދުރު ދޭއް ޖަހާއިރު އެވެ.
ޑާކާގެ ޝަހީދު ސުރަވާރުދީ އިންޑޯ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް މާ ވަރުގަދަ ކުޅުމެއް ނުފެނެ އެވެ. އެއީ މާދަމާ ފައިނަލް މެޗު އޮތުމުން ކަމަށް ބެލެވެ އެެވެ. މެޗުގެ ސެޓުތައް ނޭޕާލުން ގެންދިޔައީ 25-14، 25-05 އަދި 25-13 އިންނެވެ. މި މެޗުގައި ނޭޕާލާއި ރާއްޖޭން ވެސް ބަދަލުތައް ގެނެސްގެން ކުޅުނުއިރު، ނޭޕާލުގެ އެޓޭކްތައް ފެނުނީ މާ ވަރުގަދަކޮށެވެ.
ރާއްޖޭގެ މައްޗަށް ނޭޕާލުން ކުރިހޯދުމުގައި މި މެޗުގައި ވެސް މޮޅު ކުޅުމެއް އެ ޓީމުގެ ތަރި ޕްރަތީބާ މާލީ އެވެ. ޕްރަތީބާގެ އިތުރުން ނޭޕާލުގެ ގިނަ ކުޅުންތެރިންނަކީ ރާއްޖޭގެ މުބާރާތްތަކުގައި ކުޅެން އަންނަ ކުޅުންތެރިންނެވެ. އެހެންކަމުން ރާއްޖޭގެ ކުޅުންތެރިން ކައިރީގައި ކުޅެން ޖެހޭ ގޮތް ވިސްނައިގެން ނޭޕާލުން ނަތީޖާ ނެރެ އެވެ.
މާދަމާގެ ފައިނަލަށް ނުކުންނައިރު މިއަދުގެ މެޗުން ލިބުނު ފިލާވަޅުތަކުގެ އަލީގައި ގައުމީ އަންހެން ޓީމު ރަނގަޅަށް ތައްޔާރުވާނެ އެވެ. އެ ޓީމުން މި ފަހަރުގެ މުބާރާތަށް އަމާޒުހިފީ މެޑަލަކަށް ޓާގެޓްކޮށްގެންނެވެ. މިހާރު ވެސް މަދުވެގެން ރިހި މެޑަލެއް ކަށަވަރުވެފައިވާއިރު، ޓީމުން ބޭނުންވަނީ ރަން މެޑަލެއް ހޯދުމަށެވެ. އެހެން ކަމުން މި މެޗަށް ވުރެ ރަނގަޅަށް މާދަމާގެ ފައިނަލަށް ތައްޔާރުވާނެ އެވެ.
ފަސް ޓީމު ވާދަކުރާ މި މުބާރާތުގެ ފުރަތަމަ މެޗުން ރާއްޖެ މޮޅުވީ ކިރްގިސްތާނާ ވާދަކޮށް ފޯރިގަދަ ކުޅުމަކަށް ފަހު 3-2 ސެޓުންނެވެ. އެ އަށް ފަހު މުބާރާތް ބާއްވާ ބަންގްލަދޭޝްގެ އިތުރުން އަފްގާނިސްތާންގެ މައްޗަށް ރާއްޖޭން ކުރިހޯދީ ސީދާ ތިން ސެޓުންނެވެ.
ގައުމީ ޓީމު މި މުބާރާތަށް ތައްޔާރުވީ ކޯޗު އަހުމަދު އަދީލް (ބޭބެ)ގެ އިރުޝާދުގެ ދަށުންނެވެ. އެކަމަކު މުބާރާތުގައި ޓީމަށް ބެންޗުގައި އިރުޝާދުދެނީ ބޭބެގެ އެހީތެރިކަމާ އެކު އެސިސްޓަންޓް ކޯޗު މުހައްމަދު ފައިސަލް އެވެ. ބޭބެ އަށް ބެންޗުގައި އިނދެ ޓީމަށް އިރުޝާދު ނުދެވެނީ މުބާރާތަށް ފޮނުވި ދެ ޓީމު ލިސްޓުގެ ތެރެއިން އޭވީސީން ބަލައިގަތް ޓީމު ލިސްޓުގައި ކޯޗެއްގެ ގޮތުގައި ބޭބެގެ ނަން ނެތުމުންނެވެ. އެހެން ނަމަވެސް ބޭބެ އަންނަނީ ބެންޗު ބޭރުގައި އިނދެ ވެސް ޓީމަށް އިރުޝާދުދިނުމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ާގައުމު
13 November 2019
ޓީމް ކުރަމުންދާ ހިއްވަރައް ހަމަސާބަސް???
ނުއްޕޫޕު
13 November 2019
ލަދުން ބޯހަލާކު! ތީ އަސްލު ފެންވަރަކީ. ދެން ކުޅުނު ޓީމު ތަކަކީ އަލަށް ވޮލީ ފަށައިގެން އުޅޭކުދިން. ލޮލް
ޖަޒީރާ އަހުލުވެރިއެއް
14 November 2019
ނޭޕާލް އަށް ބަދަލުވެލާ ..އޭރުން ނިމުނީ
ނެޑް
13 November 2019
ރާއްޖޭގެ ޓީމަށް ބަލައިލީމައި ހިޔެއް ނުވޭ މިއީ ގައުމީ ޓީމަކަށް ކުޅިވަރެއް ކުޅޭ ބަޔެއްހެނެއް.
ޢައްސި
13 November 2019
25-5 އިންވެސް ގޮސްފަދޯ އެހެރީ.
އަސްލު ހަގީގަތް
13 November 2019
ފެންވަރު ރަނގަޅު ބަޔަކާ ޖެހުނީމަ އަސްލު ޓީމުގެ ހާލަތު އިނގިގެން މިދަނީ. އޭރުވެސް އަހަރެން ބުނިން ނޭޕާލްއެއީ އެހެން ލެވަލެކޭ. އެކަމަކު ރިހި މެޑަލް ލިބުނަސް އެއީ ވަރަށް ބޮޑު ކާމިޔާބީއެއް.
ޝާޑު
13 November 2019
މަބުނާނެ އެއްޗެއް ނެތް.