ހިތްތިރި ކޯޗުގެ ތައުރީފާއި އިހުތިރާމް ރާއްޖެ އަށް

މި ފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ނެރެފައިވާ ނަތީޖާތަކާއި ދައްކާފައިވާ ކުޅުމަށް ބަލާއިރު ރާއްޖެ އަށް ވަރަށް ބޮޑަށް އިހުތިރާމް ކުރާ ކަމަށް، މާދަމާ ހަވީރު ރާއްޖެއާ ދެކޮޅަށް ނުކުންނަ ފިލިޕީންސް ޓީމުގެ ކޯޗު ސްކޮޓް ކޫޕާ ބުނެފި އެވެ.


ކޮލިފައިން ގްރޫޕް އޭ ގެ އެއް ވަނައިގައި ނުވަ ޕޮއިންޓާ އެކު ސީރިއާ އާއި ދެ ވަނައިގައި ހަތް ޕޮއިންޓާ އެކު އޮތް ޗައިނާ އިން އެއް ވަނަ އާއި ދެ ވަނަ މަގާމަށް ވާދަކުރާއިރު، ބެލެވޭ ގޮތުގައި ތިން ވަނަ އަށް ވާދަކުރާނީ ފިލިޕީންސް އާއި ރާއްޖެ އެވެ.

ފުރަތަމަ ތިން މެޗަށް ފަހު ހަތަރު ޕޮއިންޓާ އެކު ފިލިޕީންސް އޮތީ ތިން ވަނައިގަ އެވެ. ރާއްޖެ އޮތީ ތިން ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ގުއާމް އަތުން ރާއްޖެ 1-0 އިން މޮޅުވިއިރު ފިލިޕީންސް މޮޅުވީ 4-1 އިންނެވެ. ޗައިނާ އަތުން ރާއްޖެ 5-0 އިން ބަލިވިއިރު ފިލިޕީންސް އިން ޗައިނާއާ 0-0 އިން އެއްވަރުކުރި އެވެ. ސީރިއާ އަތުން 2-1 އިން ރާއްޖެ ބަލިވިއިރު ސީރިއާ އަތުން ފިލިޕީންސް ބަލިވީ 5-1 އިންނެވެ.

ކޫޕާ ބުނީ ގްރޫޕުގައި ދެ ޓީމުން ކުޅުނު މެޗުތަކަށް ބަލައިގެން ސްޓެޓިސްޓިކުން ފެންވަރު ވަޒަން ނުކުރެވޭނެ ކަމަށާއި ރާއްޖޭން މިދިޔަ އަހަރެއްހާ ދުވަހު ނެރުނު ނަތީޖާ އަށް ބަލާއިރު އޭނާ އަށް ފެންނަނީ ވަރަށް ވަރުގަދަ ޓީމެއް ކަމަށެވެ.

"ރާއްޖޭން އިންޑިއާ ބަލިކުރި (ސާފް ސުޒުކީ ކަޕުގައި). ގުއާމް އަތުން ރަށުން ބޭރުގައި މޮޅުވި ބައިކޮޅަށް ލަނޑެއް ވައްދާނުލާ އެހާމެ މޮޅަށް ކުޅެ. ޗައިނާ މެޗުގައި ރާއްޖޭގެ ނަސީބު ދެރަވީ. ރާއްޖޭން ފުރަތަމަ 30 މިނެޓު ޗައިނާއާ އެއްވަރުކުރި. އެ ވަގުތު ދިޔަ ދެ ތިން ހިނދުކޮޅެއް ރާއްޖޭން ލަނޑެއް ޖެހީހެންހީވި. ވަރަށް ހިތްގައިމު ހިލޭ ޖެހުމަކުން ނުރައްކާކުރި،" އިނގިރޭސި ކޯޗު ބުންޏެވެ.

"ސީރިއާ މެޗުގައި ވެސް އިހުތިރާމް ލިބޭ ފަދަ ނަތީޖާއެއް ނެރުނީ. އަހަރެމެންނަށް ވުރެ ރަނގަޅު ނަތީޖާއެއް ރާއްޖޭން ސީރިއާއާ ދެކޮޅަށް ނެރުނު. މެޗުގެ ފަހުކޮޅު ޕްރެޝަރުކޮށް އެއްވަރުކުރުމާ ގާތަށް ދިޔަ. އަހަރެމެން މި ނުކުންނަނީ ވަރަށް އޯގަނައިޒް ޓީމަކާ ދެކޮޅަށް އަދި އެހާމެ ރަނގަޅު ކޯޗެއް ހުރި ޓީމަކާ ދެކޮޅަށް."

ރާއްޖެ އާއި ފިލިޕީންސުން 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕުގެ ސެމީ ފައިނަލް މެޗުގައި މާލޭގައި ބައްދަލުކުރި އެވެ. ވަރަށް ވާދަވެރި ކުޅުމަކަށް ފަހު އެ މެޗުން 3-2 އިން މޮޅުވީ ފިލިޕީންސް އެވެ. އެ މެޗުގައި ކުޅުނު ދެ ތިން ކުޅުންތެރިން ފިލިޕީންސް ޓީމުގައި ހިމެނެ އެވެ. ކޫޕާ ބުނީ ފަސް އަހަރު ކުރީގެ މެޗެއްގެ އެއްވެސް ފައިދާއެއް ނުވަތަ ގެއްލުމެއް މި މެޗަށް ނުކުރާނެ ކަމަށެވެ.

"އެއް އަހަރަށް ވުރެ ދުރަކަށް ނުބެލޭނެ. އެވަރުން ވެސް އުނދަގޫވާނެ އަންދާޒާއެއްކޮށްލަން. އަހަރެމެންނަށް ވެސް އަދި ރާއްޖެ އަކަށް ވެސް ކުރީގެ މެޗުން ހާސިލްކުރެވޭނެ އެއްޗެއް މިހާރަކު ނޯންނާނެ. މިހާރުގެ ފޯމާއި މިހާރުގެ ކުޅުންތެރިން ތަފާތު ދައްކާނީ،" ކޫޕާ ބުންޏެވެ.

އެ ފަހަރު ޓީމުގައި ހިމެނުނު، މި ފަހަރުގެ ކެޕްޓަން ސްޓެފަން ޝްރޮކް ވެސް ބުނީ ފަސް އަހަރަކީ ދިގު މުއްދަތެއް ކަމަށާއި ކޯޗު ބުނިހެން ފޯކަސްކުރަން ޖެހޭނީ ދެ ޓީމުގެ މިހާރުގެ ހާލަތާއި މިހާރުގެ ކުޅުންތެރިންނަށް ކަމަށެވެ.

"ފަސް އަހަރު ކުރީގެ ނަތީޖާއެއް މާދަމާގެ މެޗަށް މުހިއްމު ނޫން،" ޖަރުމަނުގެ އެއިންޓްރެކްޓް ފްރެންކްފަޓަށް ކުޅެފައިވާ ޝްރޮކް ބުންޏެވެ.

ފިލިޕީންސް ކެޕްޓަން ޝްރޮކް: 2014 ވަނަ އަހަރު ރާއްޖެއާ ދެކޮޅަށް މާލޭގައި ކުޅުނު. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖެއާ ހިލާފަށް ފިލިޕީންސް ޓީމުގައި ގިނައީ ގައުމުން ބޭރުގައި ކުޅޭ ކުޅުންތެރިންނެވެ. މިދިޔަ އަހަރެއްހާ ދުވަހަށް ބަލާއިރު ޑެންމާކް، ޖަރުމަން، ސްވިޒަލެންޑް، އިޓަލީ، ސާބިއާ، އަޔަލެންޑް، އިޓަލީ އަދި އެމެރިކާގެ ދަށް ޑިވިޝަންތަކުގައި ކުޅޭ ކުޅުންތެރިން ގިނަ އަދަދަކަށް ހިމެނުނެވެ. މި ފަހަރުގެ ޓީމުގައި އިނގިރޭސި ދެ ވަނަ ޑިވިޝަނުގެ ކާޑިފް ސިޓީގެ ގޯލްކީޕަރު ނީލް އެތެރިޖާއި ޖަރުމަން ދެ ވަނަ ޑިވިޝަނުގައި ކުޅޭ މިޑްފީލްޑަރު ޖޯން-ޕެޓްރިކް ސްޓްރައުސް އާއި ނެދަލެންޑްސް ދެ ވަނަ ޑިވިޝަނުގައި ކުޅޭ ޑިފެންޑަރު ޖަސްޓިން ބާސް ހިމެނެ އެވެ. އެއީ އެޑްވާންޓޭޖެއްތޯ އެހުމުން ކޫޕާ ބުނީ ޓީމެއްގެ ގޮތުގައި ފިލިޕީންސަށް އެކަމުން ފައިދާއެއް ނެގިދާނެ ކަމަށް ގަބޫލުނުކުރާނެ ކަމަށެވެ.

"ވަކިވަކި ކުޅުންތެރިން ކުރިއެރުމުގައި ފައިދާކުރާނެ އޭގެ ސަބަބުން. އެކަމަކު ޖުމްލަކޮށް ޓީމެއްގެ ގޮތުގައި ވަކި ފައިދާއެއް ނުކުރާނެ،" ކޫޕާ ބުންޏެވެ. "ބައެއް ފަހަރު މީޑިއާ އިން ސުވާލުކުރާނެ ފިލިޕީންސް ރައްޔިތުކަން ހޯދާފައި ތިބީ ބޭރު ކުޅުންތެރިންނޭ ބުނެ. އެކަމަކު މި ކުޅުންތެރިންނަކީ ފިލިޕީންސަށް ނިސްބަތްވާ ކުޅުންތެރިން."

ގޯލްކީޕަރު އެތެރިޖަކީ އިންގްލެންޑަށް އުފަން ކުޅުންތެރިޔެކެވެ. އަދި ޝްރޮކަކީ ޖަރުމަނަށް އުފަންވި ކުޅުންތެރިޔެކެވެ. އެކަމަކު ދެ ކުޅުންތެރިންގެ މަންމަ ނިސްބަތްވަނީ ފިލިޕީންސް ދަރިކޮޅަށެވެ.

މާދަމާގެ މެޗު ކުޅެނީ މެންދުރުފަހު ހަތަރެއް ޖަހާއިރު ކަމަށް ވުމުން ހޫނުގެ އަސަރުގެ ސަބަބުން އުނދަގޫވާނެތޯ އެހުމުން ވެސް ކޫޕާ ދިނީ ހިތްތިރި ޖަވާބެކެވެ. އޭނާ ބުނީ ޓީމުގައި އޭޝިއާގައި ކުޅޭ ގިނަ ކުޅުންތެރިން ވެސް ތިބުމާ އެކު އެ ކުޅުންތެރިން ތިބޭނީ އެކަމަށް ހޭނިފައި ކަމަށެވެ. ފިލިޕީންސް ލީގާއި ތައިލެންޑް ލީގުގެ މެޗުތައް ވެސް ވަރަށް ގިނައިން މެންދުރުފަހު ކުޅެ އެވެ.

"ގަބޫލުކުރަން ޖެހޭ ބައެއް ފަހަރު ދޫކޮށްލަން ޖެހޭ އެޑްވާންޓޭޖްތަކެއް ހުންނާނެކަން. ސަޕޯޓަރުންނާއި ދަނޑުގެ ހާލަތާއި ދަނޑުގެ ސައިޒާ މޫސުމާއި މިފަދަ ކަންކަމުގެ ފައިދާ އޮންނާނީ ހޯމް ޓީމަށް. އެކަމަކު އެއްކަމެއް ޔަގީންކޮށްދެން. އެއީ އެފަދަ ކަމެއްގެ އުޒުރެއް އަހަރެމެން މެޗަށް ފަހު ނުދައްކާނެކަން،" ކޫޕާ ބުންޏެވެ.