ފިލިޕީންސް އަތުން ބަލިވެ ރާއްޖެ އަށް ހުރަސްތަކެއް

ގިނަ ވަގުތު މެޗު ކޮންޓްރޯލްކޮށްގެން ކުޅެ ރަނގަޅު ފުރުސަތުތަކެއް ހޯދި ނަމަވެސް ހަނި ގޮތަކަށް ފިލިޕީންސް އަތުން 2-1 އިން ބަލިވެ ވޯލްޑް ކަޕް/އޭޝިއަން ކަޕް ކޮލިފައިންގައި ކުރިއަށް ދިއުމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް އިތުރު ހުރަހަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.


މި މޮޅާ އެކު ފިލިޕީންސް ވަނީ ހަތް ޕޮއިންޓް ހަމަކޮށް ތިން ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ރާއްޖެ ހަތަރު ވަނައިގައި ތާށިވެފައި އޮތީ ތިން ޕޮއިންޓާ އެކު އެވެ. ގްރޫޕުގެ ދެ ވަނައިގައި އޮތް ޗައިނާ އަށް ވެސް ލިބިފައިވަނީ ފިލިޕީންސްއާ އެއްވަރަށް ހަތް ޕޮއިންޓެވެ. އެކަމަކު މިރޭ ސީރިއާ އަތުން މޮޅުވެގެން އެ ޓީމަށް އެއް ވަނަ އަށް އެރެން އޮންނާނެ އެވެ. މި ވަގުތު އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓާ އެކު ސީރިއާ އެވެ.

ރާއްޖޭން ދަށްވެގެން ގްރޫޕުގެ ތިން ވަނަ މަގާމަށް ޓާގެޓްކޮށްގެން ކުރަމުން އަންނަ މަސައްކަތުގައި މިއަދުގެ މެޗަކީ މޮޅުވުން ވަރަށް މުހިއްމު ވެފައި އޮތް މެޗެކެވެ. ބާކީ ދެން އޮތީ އަންގާރަ ދުވަހު މާލޭގައި ގުއާމާ ދެކޮޅަށް ކުޅޭ މެޗާއި އަންނަ އަހަރުގެ މާޗު މަހު ރަށުން ބޭރުގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި މާލޭގައި ސީރިއާއާ ދެކޮޅަށް ކުޅޭ މެޗު އަދި ޖޫން މަހު ރަށުން ބޭރުގައި ފިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗެވެ.

ފިލިޕީންސް ކުޅުންތެރިޔެއް ކައިރިން ރާއްޖޭގެ ސެންޓޭ ދެމި ގަންނަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މިއަދުގެ މެޗުގެ ފުރަތަމަ އެގާރައިގައި، މިވަގުތު ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) އާއި މި ވަގުތު އެންމެ ފޯމުގައި ހުރި އެއް ފޯވާޑް އަހުމަދު ރިޒްވާން (ރިޒޭ) އަދި ހުނަރުވެރި އެޓޭކަރު ނާއިޒް ހަސަން (ދާދު) ނުހިމަނަ އެވެ. ފޯވާޑް ލައިން ބެލެހެއްޓީ އަސަދުﷲ އަބްދުﷲ އާއި އަލީ ފާސިރު (ސެންޓޭ) އެވެ.

ރާއްޖޭން އައީ ފެށުނީއްސުރެ މެޗުގެ ކޮންޓްރޯލް ނަގައި މެދުތެރެއިން އުފެއްދުންތެރި ކުޅުމެއް ދައްކަމުންނެވެ. ރާއްޖޭގެ ފަރާތުން އެންމެ ފުރަތަމަ ފެނުނު ނުރައްކާތެރި ބޯޅަ ފޮނުވާލީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ޖައްސާލި ބޯޅަ އޭރިއާ ރޮނގު މަތިން ކަހަލަ ގޮތަކަށް ހަމްޕު ފޮނުވާލުމުން ފިލިޕީންސްގެ ގޯލްކީޕަރު ނީލް އެތެރިޖް ވަނީ ކޯނަރަކަށް ބޭރުކޮށްލާފަ އެވެ.

ރާއްޖޭގެ އަތުގައި ކޮންޓްރޯލް އޮތުމުން ފިލިޕީންސުން މަސައްކަތްކުރީ ކައުންޓާގައި އެޓޭކްކުރާށެވެ. އެގޮތުން ކުރިއަށް އެރި ދެ ބޯޅައެއްގައި އެ ޓީމުން ލަނޑު ނުޖެހީ ކިރިޔާ އެވެ. އަރިމަތިން ގޯލް ކުރިމައްޗަށް ހުރަސް ކުރި ބޯޅައެއް ހުހަށް ހުރި އިއައިން ރަމްސޭގެ ބޮލުގައި ލައްވާނުލާ ދިޔައިރު، އޭގެ އިރުކޮޅެއް ފަހުން ޖޯން-ޕެޓްރިކް ސްޓްރައުސް އޭރިއާ ތެރެއިން ގޯލަށް ފޮނުވާލި ބާރު ބޯޅަ ރާއްޖޭގެ ކެޕްޓަން އަކްރަމް އަބްދުލްގަނީ ވަނީ ބްލޮކްކޮށްލާފަ އެވެ.

ރާއްޖޭގެ ގޯލްކީޕަރު ފައިސަލް ޕެނަލްޓީ މަތަކުރުމުން އަކްރަމް (ކ) އާއި ކުރޯ (ވ) މަރުހަބާ ކިޔަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ފިލިޕީންސަށް ލީޑު ނަގަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އޭރިއާ ތެރެއިން ރާއްޖޭގެ އަހުމަދު ނޫމާން (ހެލްމެޓް) ގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީންނެވެ. އެކަމަކު ޕެޓްރިކް ރެއިޝެލްޓް ފޮނުވާލި ޕެނަލްޓީ ރާއްޖޭގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފުގެ ކުރީކޮޅު ރާއްޖެ އަށް ވަނީ މުޅި މެޗުގައި ވެސް ލިބުނު އެންމެ ހުސް ފުރުސަތު ލިބިފަ އެވެ. ކައުންޓާ އެޓޭކެއްގައި ފޭދޫ އިއްބެ އެކަނިމާއެކަނި އަރައި ފިލިޕީންސް ޑިފެންޑަރު ކައިރިން ވެސް ސަލާމަތްވެ ގޯލަށް ޖަހަޖަހާ އޮއްވާ ފިލިޕީންސްގެ ކީޕަރު އެތެރިޖް ވެއްޓިގެންފައި އަތުން ޖަހައި ބޯޅަ ދިފާއުކުރީ އެވެ.

ދެން ފެނިގެން ދިޔައީ ފިލިޕީންސް އިން ލީޑު ނެގި ތަނެވެ. މެދުތެރެއިން ހުސެއިން ނިހާން (ނިހާޓް) އަށް ސަލާމަތްނުކުރެވު ބޯޅައެއް ހޯދައި ފިލިޕީންސް ކުޅުންތެރިޔަކު ކުރިއަށް ފޯރުކޮށްދިން ބޯޅަ ހޯދައި ރަމްސޭ ވަނީ އޭރިއާ ތެރެއަށް ވަދެ ގޯލުގެ މަތީ ދާގަނޑުގައި ބޯޅަ ތަތްކޮށްލައިފަ އެވެ.

ފިލިޕީންސްގެ ޕެޓްރިކްގެ ޝޮޓެއް ރާއްކޭގެ އަކްރަމް ބްލޮކް ކުރަނީ --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެ ގޯލާ އެކު ރާއްޖޭގެ ކޯޗު ޕީޓާ ސެގާޓް ވަނީ ސެންޓޭ އާއި އަސަދުﷲގެ ބަދަލުގައި ދަގަނޑޭ އާއި ދާދު އަރުވައިފަ އެވެ. އެކަމަކު އިރުކޮޅެއް ތެރޭ ފިލިޕީންސްގެ ޖޯން ޕެޓްރިކް ސްޓްރައުސް ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާކުރި އެވެ. ރާއްޖޭގެ ޑިފެންސް ލައިނުން ނޫމާން އަތުން ގެއްލުނު ބޯޅަ ފުރަތަމަ ގޯލަށް ފޮނުވާލީ ފިލިޕީންސްގެ ލޫކް ވުޑްލެންޑެވެ. އެ ބޯޅަ ފައިސަލް އަތުގައި ޖެހިފައި ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް ނުކުތް ވަގުތު ރިޝެލްޓް އަލުން ފޮނުވާލި އެވެ. މި ފަހަރު ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ޖޯން ޕެޓްރިކް ސްޓްރައުސް ގޯލަށް ބޯޅަ ވައްދާލީ އެވެ. އެ ބޯޅަ ދެ ފަހަރު ކުޅުމުގެ ތެރެއަށް ނުކުތް ވަގުތު ވެސް އެ ބޯޅަ ސަލާމަތްކުރަން ރާއްޖޭގެ ޑިފެންސަށް މާބޮޑު ކަމެއް ނުކުރެވި ތިބީ ހުއްޓުން އަރައިފަ އެވެ.

އިތުބާރު ފޯވާޑް ރިޒޭ ކުޅެން އެރުވީ އޭގެ ފަހުންނެވެ. އޭނާ ވަނީ އެރިތާ މާގިނަ އިރުތަކެއް ނުވަނީސް ނުރައްކާތެރި ބޯޅައެއް ގޯލަށް އަމާޒުކޮށްލި އެވެ. ފޭދޫ އިއްބެ އަރިމަތިން އަރައި އޭރިއާ ތެރެއަށް ވަދެ ހުސްކޮށް ހުރި ރިޒޭ އަށް ޖައްސާލި ބޯޅަ އޭނާ ގޯލަށް އަމާޒުކޮށްލުމުން މަތަކުރީ، އިނގިރޭސި ދެ ވަނަ ޑިބިޝަނުގައި ކުޅޭ ފިލިޕީންސްގެ ކީޕަރު އެތެރިޖް އެވެ. އޭގެ ފަހުން ރާއްޖޭގެ ހުސެއިން ސިފާއު (ކުރޯ) އޭރިއާ ބޭރުން ފޮނުވާލި ބާރު ޝޮޓް ފިލިޕީންސްގެ ކުޅުންތެރިޔަކު ބްލޮކްކޮށް ފޮނުވާލުމުން ދަގަނޑޭ އަށް ލިބުނެވެ. އޭނާ ހަނި އޭންގަލުން އެ ބޯޅަ ޖެހުމުން ދިޔައީ ދަނޑި މަތިންނެވެ. ރާއްޖޭގެ ހަމައެކަނި ގޯލް މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖެހީ ދާދު އެވެ. ދަގަނޑޭ ފިލިޕީންސް ޑިފެންސް ލައިން މަތިން އޭރިއާ ތެރެއަށް އޮއްސާލި ބޯޅަ ފެނު ޖެހިފައި އެރި ވަގުތު ދާދު ވަނީ އެއް ފަހަރުން އެ ބޯޅަ ގޯލަށް ވައްދާލައިފަ އެވެ.

ރާއްޖޭގެ ސަޕޯޓަރަކު ދިދަ ވިހުރުވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އަމިއްލަ ދަނޑުގައި ކުޅުނު މެޗެއް ނަމަވެސް މިއަދުގެ މެޗުގައި ވެސް ރާއްޖެ އަށް ހޯމް އެޑްވާންޓޭޖް އެންމެ ބޭނުންވާ ގޮތަށް ނުނެގުނީ ދަނޑުގެ މައި ދެ ސިޑި ބަރިއެއް ސަލާމަތީ ގޮތުން ރައްކާތެރި ނޫން ކަމަށްވާތީ ބޭނުންނުކުރެވި ދަނޑު ފުރާނުލެވުމުންނެވެ. އެކަމަކު އަނެއް ދެ ސިޑިބަރިން އެފްއޭއެމުން ވިއްކަން ކަނޑައެޅި 3000 ޓިކެޓް ހުސްވި ކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ މަޖީދީ މަގު ފަޅި ސިޑިބަރިން ހުސް ޖާގަތައް ބައިވަރު އޮތުމުންނެވެ.

މިއަދުގެ މެޗު ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުންތަކެއް ދަނޑަށް ވަޑައިގަތެވެ. މީގެ ތެރެއިން މަޖިލިސް މެމްބަރުން ދަނޑަށް ވަޑައިގަތީ މަޖިލީހުގެ އިދާރާ އިން ފެށިގެން، ރައީސް ނަޝީދު އިސްކޮށް ހުންނަވައި ބެރު ޖަހައި ދުންމާރި ފުމެމުން ފައި މަގުގަ އެވެ.