ފިލިޕީންސަށް ލިބުނީ ނަސީބު މޮޅެއް: ސެގާޓް

ވޯލްޑް ކަޕް/އޭޝިއަން ކަޕް ކޮލިފައިންގައި މިއަދު ފިިލިޕީންސަށް ރާއްޖެ އަތުން 2-1 އިން ލިބުނީ ނަސީބު މޮޅެއް ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޕީޓަ ސެގާޓް ބުނެފި އެވެ.


ގައުމީ ފުޓްބޯޅަ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި ރާއްޖޭން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަަކެއް ތަނަވަސްކުރި އެވެ. އެކަމަކު ގޯލެއް ޖަހާނުލެވުމުގެ ފައިދާ ނަގައި ފިލިޕީންސުން ދެ ގޯލުގެ ލީޑެއް ނެގި އެވެ. ރާއްޖޭން މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތުގަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި މި ގޯލު ޖެހީ ނާއިޒު ހަސަން (ދާދު) އެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސެގާޓް ބުނީ ކުޅުންތެރިން ކުރި މަސައްކަތަށް ތައުރީފުކުރާ ކަމަށާއި މެޗުގެ ނަތީޖާ ދިޔައީ ބޭނުންވި ގޮތަށް ނޫން ކަމަށެވެ.

"އެންމެނަށް ވެސް ފެންނާނެ މެޗު ދިޔަ ގޮތް. އަހަރެންގެ ނަޒަރުގައި މިއީ ފިލިޕީންސަށް ލިބުނު ނަސީބު މޮޅެއް. އަހަރެމެންގެ ނަސީބު ދެރައީ. އަހަރެމެން މެޗު ކޮންޓްރޯލް ކޮށްގެން ކުޅެ ރަނގަޅު ވަގުތުގައި މެޗުގައި ކުރި ހޯދަން ފުރުސަތު ވެސް ތަނަވަސްކުރިން. އަހަރެމެންނަށް 100 ޕަސެންޓް ނިންމާލެވެން ޖެހޭނެ ފުރުސަތު ވެސް ލިބިފައި މި ހެން މިވީ،" ސެގާޓް ބުންޏެވެ.

ފުރަތަމަ ހާފުގައި ލީޑުނަގަަން ފިލިޕީންސްގެ ޕެޓްރިކް ރެއިޝެލްޓް ފޮނުވާލި ޕެނަލްޓީ ރާއްޖޭގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ. ސެގާޓް ބުނީ ފައިސަލްގެ ފަރާތުން ފެނުނު އެ ހިތްވަރާ އެކު ކުޅުންތެރިން އިތުރަށް މަސައްކަތްކުރި ކަމަށާއި އެކަމަކު ލަނޑު ޖެހުމުގައި ދައްކޮށް ދިޔައީ ކަމަށެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ފިލިޕީންސް އާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭން ވަނީ ދެ ވަނަ ހާފްގައި ދާދު އާއި އަލީ އަޝްފާގު (ދަގަނޑޭ) އަދި އަހުމަދު ރިޒުވާން (ރިޒޭ) ކުޅެން އަރުވައިފަ އެވެ. އެ ތިން ކުޅުންތެރިންނާ އެކު ރާއްޖޭން ކުރިއަށް ޖެހި ރަނގަޅު ފުރުސަތު ތަނަވަސްކުރި އެވެ. ސެގާޓް ބުނީ އެ ބަދަލުތައް އަވަސް ނުކުރެވުނީ ހާލަތު އޮތްގޮތުން ކަމަށެވެ.

"އަހަރެން ބޭނުންވީ 0-0 ގައި އޮއްވައި އެ ބަދަލުތައް ގެންނަން. އެކަމަކު ފުރަތަމަ ހާފުގައި އައިސަމް އާއި އަކޫ (އަކުރަމް އަބްދުލް ގަނީ) އަށް ރީނދޫ ކާޑު ދައްކާފައި އޮތީމަ މަޑުކޮށްލަން ޖެހުނީ. އެކަމަކު އެ މީހުން (ފިލިޕީންސް) ލަނޑެއް ޖެހީމަ ބަދަލުކޮށްގެން ރަނގަޅަށް ކުޅުނު. އިތުރު ވަގުތުގައި ބާކީ މިނިޓް އޮތް ނަމަ އަހަރެމެންނަށް އެއްވަރުވެސް ކުރެވޭނެ މެޗެއް މިއީ،" ސެގާޓް ބުންޏެވެ.

ސެގާޓް ވަނީ މެޗުގެ ރެފްރީ އިތުރު ވަގުތު ދިނީ އެކަށީގެންވާ މިންވަަރަށްތޯ ސުވާލު އުފައްދައިފަ އެވެ. ހަ ބަދަލެއް ދެ ޓީމުން ދެ ވަނަ ހާފުގައި ކުރިއިރު، ގިނަ ފައުލުތަކެއް ހިނގައިގެން ފިލިޕީންސް ކުޅުންތެރިންނަށް ދަނޑު މަތީގައި ފަރުވާ ދޭން ޖެހުނުއިރު، އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނިޓަށް ވުރެން ގިނަ ވަގުތު ލިބެންޖެހޭ ކަމަށް ސެގާޓް ބުންޏެވެ.

ސެގާޓް ވަނީ ސަޕޯޓަރުން ދިން ހިތްވަަރަށް ޝުކުރު އަދާކޮށްފަ އެވެ.

"ސަޕޯޓަރުން މި މެޗަށް އެ ގެނެސްދިން ފޯރި އަށް ޝުކުރު އަދާކުރަން. ކުޅުންތެރިން ވެސް ކުރެވޭނެ ހުރިހާ މަސައްކަތެއް ކުރި. އަހަރެން ސަޕޯޓަރުންގެ ކިބައިން މާފަށް އެދެން މޮޅުނުވެވުނީމަ. އަދި ފަހު ވަގުތު އެއްވަރު ނުކުރެވުނީމަ. ކުޅުންތެރިންގެ ހައްގުގައި އަހަރެން ހުންނާނަން އަބަދުވެސް،" ސެގާޓް ބުންޏެވެ.

ސެގާޓް ބުނީ މެޗުގައި ރާއްޖޭގެ ކުޅުންތެރިންނަށް ހެދުނު ގޯސްތަކާ ބެހޭގޮތުން އެއްޗެއް ބުނަަން އެނގޭނީ ޓީވީ އަކުން ކަންތައްތައް ދިޔަ ގޮތް ރަނގަޅަށް ބަލައިގެން ކަމަށެވެ.

ފުރަތަމަ ހާފު ގޯސް، ލިބުނީ ހައްގު މޮޅެއް: ފިލިޕީންސް

ފިލިޕީންސް ޓީމުގެ ކޯޗު ސްކޮޓް ކޫޕާ ބުނީ މެޗުގެ ފުރަތަމަ ހާފުގައި ހުރިހާ ކަމެއް ދިޔައީ އޭނާ ބޭނުންވި ގޮތާ އިދިކޮޅަށް ކަމަށާއި ރާއްޖެ ފެނުނީ ހުރިހާ ގޮތަކުން ވެސް ރަނގަޅަށް ކުޅެމުންދިޔަތަން ކަމަށެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފިލިޕީންސް ކޯޗު ކޫޕާ ވާހަކަ ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މެޗުގެ ކުރިން ވެސް އެކަން އެނގޭ. މޮޅު ކޯޗަކާއި ވަރަށް ރަނގަޅު ކުޅުންތެރިން ރާއްޖޭގައި ތިބުމުން މިއީ އުނދަގޫ މެޗަކަށް ވާނެކަން. ރާއްޖޭގެ ކުޅުންތެރިން އަހަރެމެންނަށް ވުރެ ބުރަކޮށް މަސައްކަތްކޮށް ވަރަށް ރަނގަޅު ރޫހެއްގައި ކުޅުނީ. ފުރަތަމަ ހާފުގައި އަހަރެމެންނަށް ޕެނަލްޓީއެއް ލިބުނު ކަމުގައި ވިޔަސް ހަގީގަތަކީ ކުޅުނީ ރާއްޖޭންކަން،" ކޫޕާ ބުންޏެވެ.

ކޫޕާ ވަނީ ފިލިޕީންސުން ޕެނަލްޓީ ފޮނުވާލި ޕެޓްރިކް އެ ޖަހަން ނިންމި ނިންމުމާ މެދު ހިތްހަަމަނުޖެހުން ފާޅުކޮށްފަ އެވެ. އަދި ޕެނަލްޓީ ހޯދާ ކުޅުންތެރިއަކީ އެ ޕެނަލްޓީ ފޮނުވާލަން ޖެހޭ ކުޅުންތެރިއާ ކަމަށްވާން ނުޖެހޭ ކަމަށާއި އަސްލު ޕިލިޕީންސުން ޕެނަލްޓީ ޖަހާ ޓީމުގެ ކެޕްޓަން ސްޓެފަން ޝްރޮކް ޖެހި ނަމަ އެ ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

"ޖަޒުބާތީ ނިންމުމެއްގައި ޖެހިގެން އަހަރެމެން އެ ކަހަލަ ކަންތައް ކޮށްގެނެއް ނުވާނެ. އެއީ އިދިކޮޅަށް އޮތީ ރާއްޖެ ކަހަލަ ވަރުގަދަ ޓީމެއް. ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފާނެ ޓީމެއް،" ކޫޕާ ބުންޏެވެ.

އޭނާ ބުނީ ޕްލޭނާ އެއްގޮތަށް ކަންތައްތައް ދާން ފެށީ ފުރަތަމަ ހާފުގެ ފަހު ކޮޅުން ފެށިގެން ކަމަށެވެ.

"ފުރަތަމަ ހާފުގެ ފަހު 10 މިނިޓް ތެރޭ އަހަރެމެންނަށް އަސްލު ކުޅުން ދެއްކެން ފެށި. އެ ހިސާބުން މެޗުގެ ރޭވުމުގެ އަސަރު ކުރަން ފެށީ. ދެ ވަނަ ހާފް ދިޔައި ބޭނުންވި ގޮތަށް. އަހަރެމެން އައީ ތިން ޕޮއިންޓް ހޯދަން އެކަން ހާސިލްކުރެވިއްޖެ،" ކޫޕާ ބުންޏެވެ.

މި މޮޅާ އެކު ފިލިޕީންސް ވަނީ ހަތް ޕޮއިންޓް ހަމަކޮށް ތިން ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ރާއްޖެ ހަތަރު ވަނައިގައި ތާށިވެފައި އޮތީ ތިން ޕޮއިންޓާ އެކު އެވެ. ގްރޫޕުގެ ދެ ވަނައިގައި އޮތް ޗައިނާ އަށް ވެސް ލިބިފައިވަނީ ފިލިޕީންސްއާ އެއްވަރަށް ހަތް ޕޮއިންޓެވެ. އެކަމަކު މިރޭ ސީރިއާ އަތުން މޮޅުވެގެން އެ ޓީމަށް އެއް ވަނަ އަށް އެރެން އޮންނާނެ އެވެ. މި ވަގުތު އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓާ އެކު ސީރިއާ އެވެ.