ސީރިއާ އަތުން ބަލިވުމުން ލިއްޕީ ޗައިނާ ކޯޗުކަން ދޫކޮށްލައިފި

ވޯލްޑް ކަޕް/ އޭޝިއަން ކަޕް ކޮލިފައިންގައި މިރޭ ރާއްޖެ ގްރޫޕުގައި ސީރިއާ އަތުން 2-1 އިން ޗައިނާ ބަލިވުމުން އެ ޓީމުގެ ކޯޗު އިޓަލީގެ މާސެލޯ ލިއްޕީ އިސްތިއުފާ ދީފި އެވެ.


މިއީ 10 މަސް ދުވަހުގެ ތެރޭގައި ލިއްޕީ އިސްތިއުފާދޭ ދެ ވަނަ ފަހަރެވެ. ޗައިނާގެ ކޯޗުކަމާ އެންމެ ފުރަތަމަ 2016 ވަނަ އަހަރު ހަވާލުވުމަށް ފަހު ލިއްޕީ ވަނީ މި އަހަރު ޖެނުއަރީ މަސް ތެރޭގައި ވެސް އެ ޓީމުން އިސްތިއުފާ ދީފަ އެވެ. އެ ފަހަރު އިސްތިއުފާ ދިނީ އޭޝިއަން ކަޕްގެ ކުއާޓާ ފައިނަލުގައި އީރާން އަތުން ބަލިވި މެޗަށް ފަހު އެވެ. އަލުން ހަވާލުވީ މިދިޔަ މެއި މަހުގަ އެވެ.

ޗައިނާ ކޯޗުކަން ދެ ވަނަ ފަހަރަށް ދޫކޮށްލަން މިރޭ ލިއްޕީ ނިންމާފައިވަނީ ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާ އަށް އެކަށީގެންވާވަރުގެ ކުޅުމެއް ނުދެއްކޭކަމަށް ބުނެ އެ ގައުމުގެ ފުޓްބޯޅައިގެ އެކި ފަރާތްތަކުން ލިއްޕީ އަށް ފާޑުކިޔަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

ދުބާއީގައި މިރޭ ކުޅުނު ސީރިއާގެ ހޯމް މެޗުން ޗައިނާ ބަލިވިއިރު، މީގެ މަހެއްހާ ދުވަސް ކުރިން ޗައިނާ ކުޅުނު މެޗުން ވަނީ ލަނޑެއް ނުޖެހި ފިލިޕީންސާ އެއްވަރުވެފަ އެވެ. މިރޭ ސީރިއާ އިން އޮސާމާގެ ގޯލުން ލީޑުނަގާފައިވަނިކޮށް ޗައިނާ އަށް އެއްވަރުކޮށްދިނީ ވޫ ލޭއި އެވެ. ޗައިނާ ބަލިވީ ދެ ވަނަ ހާފުގައި އެ ޓީމުގެ ޒޭން ލިންޕެން އަތުން ބައިކޮޅަށް ވަން ގޯލުގެ ސަބަބުންނެވެ.

ސީރިއާ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމަށް އައިއިރު ވެސް ރުޅިގަދަވެފައި ހުރި ލިއްޕީ ބުނީ މި މެޗާ ބެހޭގޮތުން މާ ގިނަ ވާހަކަތަކެއް ދައްކަން އޭނާ ބޭނުންނުވާ ކަމަށާއި ބަލިވުމުގެ ފުރިހަމަ ޒިންމާ ނަގާ ކަމަށެވެ.

"އަހަރެން ދައްކާނެ މާ ގިނަ ވާހަކަތަކެއް ނެތް. ޗައިނާ ކޯޗުކަމުން އަހަރެން އިސްތިއުފާދޭން ނިންމައިފިން،" ލިއްޕީ ބުންޏެވެ.

ލިއްޕީ ބުނީ ބޮޑު މުސާރައެއް ނަގައިގެން އޭނާ ހުންނައިރު ޓީމުގެ ކުޅުން މިހާ ދަށްކޮށްދާނަމަ އޭގެ މާނަ އަކީ އޭނާ އަށް ރަނގަޅަށް ވަޒީފާ އަދާނުކުރެވެނީ ކަމަށާއި އެހެންވުމުން އެ ފަަދަ ހާލަތެއްގައި މަގާމުގައި ދެމިހުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

ޗައިނާ އިން އުމުރުން 71 އަހަރުގެ ލިއްޕީ އަލުން ގެނައީ 2022 ވަނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އަޒުމުގަ އެވެ. ކޮލިފައިންގެ ދެ ވަނަ ބުުރުގައި ކޮންމެ ގްރޫޕަކުން ވެސް އެއް ވަނަ އާއި ހުރިހާ ގްރޫޕެއްގެ ރަނަރަޕްގެ ތެރެއިން ރަނގަޅު ނަތީޖާ ނެރޭ ޓީމުތަކުގެ ތެރޭގައި ހިމެނިގެން ތިން ވަނަ ބުރަށް ހޮވުމުގެ ފުރުސަތު އޮވެ އެވެ. މިރޭގެ މެޗުން ބަލިވުމުން ޗައިނާ އޮތީ ސީރިއާ އަށް ވުރެން ފަސް ޕޮއިންޓް ފަހަތުގަ އެވެ.

ގްރޫޕް އޭގެ އެއް ވަނައިގައި ސީރިއާ އޮތީ ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޗައިނާ އިން ވަނީ ހަތަރު މެޗުން ހަތް ޕޮއިންޓް ހޯދައިފަ އެވެ. ރާއްޖެ އަތުން މިއަދު މާލޭގައި 2-1 އިން މޮޅުވި ފިލިޕީންސް ވެސް ވަނީ ހަތަރު މެޗުން ހަތް ޕޮއިންޓް ހަމަކޮށްފަ އެވެ. ފިލިޕީންސް އޮތީ ތިން ވަނައިގަ އެވެ. ހަތަރު ވަނައިގައި އޮތް ރާއްޖެ އަށް ހަތަރު މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ގުއާމަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ލިއްޕީގެ އެދުމުގެ މަތިން މި ފަހަރުގެ ވޯލްޑް ކަޕް ކޮލިފައިން ފަށައިގެން ޗައިނާ އިން ވަނީ އެހެން ގައުމުތަކަށް އުފަން ކުޅުންތެރިންނަށް ވެސް ފުރަތަމަ ފަހަރަށް ޗައިނާ ޓީމުން ފުރުސަތު ދީފަ އެވެ. ލިއްޕީ އިސްތިއުފާދޭން ނިންމިއިރު، އަދި ޗައިނާގެ ފުޓްބޯޅަ ފެޑެރޭޝަނުން އެކަމާ ބެހޭގޮތުން ވަކި އެއްޗެއް ނުބުނެ އެވެ.

ކޮލިފައިންގައި ޗައިނާ މޮޅުވެފައިވަނީ މާލޭގައި 5-0 ގެ އިތުރުން އަމިއްލަ ގައުމުގައި ގުއާމް އަތުން 7-0 އިންނެވެ. ފިލިޕީންސާ ލަނޑެއް ނުޖެހި އެއްވަރުވިއިރު، މިއަދު މި ވަނީ ސީރިއާ އަތުން ބަލިވެފަ އެވެ.