ގޯސްތައް ރަނގަޅުކުރަން ރާއްޖެ ބަލިކުރަންޖެހޭ: ގުއާމް ކޯޗު

ވޯލްޑް ކަޕް/ އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާ ހަވީރު މާލޭގައި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަކީ ކުރިން ކުޅުނު މެޗުތަކުގައި ހެދުނު ގޯސްތައް ރަނގަޅުކުރަން ލިބޭ ފުރުސަތެއް ކަމަށާއި ރާއްޖެ ބަލިކުރެވޭނެ ކަމަށް ގުއާމްގެ ކޯޗު އޮސްޓްރޭލިއާގެ ކާލް ޑޮޑް ބުނެފި އެވެ.


ކޮލިފައިންގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އަދި ޕޮއިންޓެއް ވެސް ނުލިބި އޮތް ގުއާމް ގްރޫޕް އޭގައި ކުޅުނު ފުރަތަމަ މެޗުން ވަނީ އަމިއްލަ ދަނޑުގައި ރާއްޖެ އަތުން 1-0 އިން ބަލިވެފަ އެވެ.

ގްރޫޕް އޭގެ އެއް ވަނައިގައި ސީރިއާ އޮތީ ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޗައިނާ އިން ވަނީ ހަތަރު މެޗުން ހަތް ޕޮއިންޓް ހޯދައިފަ އެވެ. ރާއްޖެ އަތުން މިއަދު މާލޭގައި 2-1 އިން މޮޅުވި ފިލިޕީންސް ވެސް ވަނީ ހަތަރު މެޗުން ހަތް ޕޮއިންޓް ހަމަކޮށްފަ އެވެ. ފިލިޕީންސް އޮތީ ތިން ވަނައިގަ އެވެ. ހަތަރު ވަނައިގައި އޮތް ރާއްޖެ އަށް ހަތަރު މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ގުއާމަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޑޮޑް ބުނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ރާއްޖޭން މޮޅުވީ މެޗުގައި ގުއާމަށް ހެދުނު އެންމެ ގޯހެއްގެ ފައިދާ ނަގައިގެން ކަމަށާއި އެ މެޗުގެ ދެ ވަނަ ހާފަށް ބަލާނަމަ ގުއާމް ވެސް ރަނގަޅަށް ކުޅުނު ކަމަށެވެ.

"ރާއްޖޭން ދައްކައިދީފި އެ މީހުންނަށް ވެސް ރަށުން ބޭރުގައި މޮޅުވެވޭނެކަން. އުއްމީދަކީ އަހަރެމެން ވެސް މި މެޗުގައި މޮޅުވެ ރަށުން ބޭރުގައި މޮޅުވެ މި ކޮލިފައިންގެ ފުރަތަމަ ތިން ޕޮއިންޓް ހޯދުން. މިއީ އަހަރެމެން އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ގޯސްކޮށްދިޔަ ކަންތައްތައް ރަނގަޅުކޮށް ނަތީޖާ ނެރެން ޖެހޭ މެޗެއް،" އޮސްޓްރޭލިއާގެ ކުރީގެ ޑިފެންޑަރު ޑޮޑް ބުންޏެވެ. "ރާއްޖެ އަށް އޮތް ފުރުސަތެއް އަހަރެމެންނަށް ވެސް އެބައޮތް."

ރާއްޖެ އަތުން ބަލިވި މެޗަށް ފަހު ގުއާމް ދެން ކުޅުނު މެޗުތަކަށް ބަލާއިރު ފިލިޕީންސް އަތުން ބަލިވީ 4-1 އިންނެވެ. ޗައިނާ ދަނޑުގައި 7-0 އިން ބަލިވިއިރު، ސީރިއާ އަތުން ބަލިވީ 4-0 އިންނެވެ. ޑޮޑް ބުނީ މި މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ގޯސްކޮށް ކަންތައްތައް ދިޔަ ނަމަވެސް އޭނާގެ ނަޒަރުގައި ކުޅުމަށް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

"އެހެން ބައެއް ގައުމުތަކާ އަޅާކިޔާއިރު އަހަރެމެންގެ ނަތީޖާތަށް އެހާ ގޯހެއް ވެސް ނޫން. ބައެއް ޓީމުތައް އެބަހުރި 14-0 ނޫނީ 10-0 އިން ވެސް ބަލިވެފައި. އަހަރެމެން މި އޮތީ ދުނިޔޭގެ 195 ވަނައިގައި. ޔަގީނުން ވެސް ސީރިއާ އާއި ޗައިނާ ކައިރީގައި މާ ބޮޑު ކަމެއް ނެތް ކުރެވޭނެ. އެކަމަކު ރާއްޖެ ކަހަލަ ޓީމުތަކާ ދެކޮޅަށް ކުޅެވޭނެ،" ޑޮޑް ބުންޏެވެ.

ކޮލިފައިންގެ ފުރަތަމަ މެޗަށް ފަހު ރާއްޖޭން ވެސް ޓީމަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ޑޮޑް ބުނީ ރާއްޖޭގެ މެޗުތަކުގެ ވީޑިއޯތައް ބަލާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ކަންތައްތަކާ މެދު މާ ބޮޑަށް ނުވިސްނާނެ ކަމަށް ބުންޏެވެ.

"އަހަންނަށް މުހިއްމީ އަހަރެންގެ ޓީމުގެ ކުޅުން. އަހަރެންގެ ކޮންޓްރޯލްގައި އޮތީ އެކަންތައް. ކުޅެވޭނެ ރަނގަޅު ރޭވުމެއް ވެސް އެބައޮތް،" ޑޮޑް ބުންޏެވެ.

ގުއާމްގެ ކެޕްޓަން ޖޭސަން ކަންލިފް ބުނީ ރާއްޖޭގެ ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތްކުރާ ކަމަށާއި މާދަމާގެ މެޗުން މޮޅުވެވޭނީ 90 މިނިޓް އެއްކޮށް ރަނގަޅު ވިސްނުމެއްގައި ކުޅެގެން ކަމަށެވެ. އަދި މިއީ ސަޕޯޓަރުންނަށް ވެސް ވަރަށް ރަނގަޅުވާނެ މެޗެއް ކަމަށާއި ރަނގަޅު ކުޅުމެއް ފެންނާނެ ކަމަށް އުއްމީދުކުރާ ކަމަށް ބުންޏެވެ.

ގުއާމާއި ރާއްޖެ ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު 4 ޖަހާއިރު އެވެ.